ރިޕޯޓްއޭޝިއާދުނިޔެޔޫރަޕު

އާޔާ ޞޫފިޔާ މިސްކިތުގެ ތާރީޚު؛ 86 އަހަރަށްފަހު ކުރެވުނު ހުކުރު ނަމާދު ޚާއްޞަވީ ކީއްވެ؟

Aya Sophia Miskithuge Thaareekh; 86 Aharah Fahu Kurevunu Namadhu Khaassavy Kyhve?

ދާރުލް އާޘާރެއްގެ ގޮތުގައި 86 އަހަރު އޮތުމަށްފަހު، ފާއިތުވި ޖުލައި މަހުގެ 24 ވަނަ ދުވަހު ތުރުކީގެ އާޔާ ޞޫފިޔާ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުުރު ނަމާދު މުޅި ދުނިޔެވެސް ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. މުޅި އިސްލާމީ އުއްމަތް، މުސްލިމުންނަށް ކުރެވިފައިވާ ވަޤުފެއް އަނބުރާ އިޢާދަވުމުގެ އުފާ ފާޅު ކުރަމުން ދިޔައިރު، ނަޞާރާއިންގެ ވެރިން ދިޔައީ މިކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ތުރުކީގެ މިސްކިތް އެއްމެ ފުރަތަމަ ފަހަރަށް އަޅުކަމަށް ހުޅުވުމާއި އެކު އެމިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައިވަނީ އެޤައުމުގެ ރިލިޖަސް އެފެއާޒް ޑިރެކްޓޮރެޓު (ދީނާއި ގުޅޭ ކަންކަމުގެ އިސް ފަރާތް) އަދި ތުރުކީގެ ދީނީ ޢިލްމުވެރިޔާ ޑރ ޢަލީ ޢިރުބާސް އެވެ. އޭނާ ޚުޠުބާ ކިޔުއްވަން މިންބަރަށް އަރައިވަޑައިގަތީ މުޙައްމަދުލް ފާތިޙް އިސްތަންބޫލު (ޤިސްޠަންޠީނިއްޔާ) ފަތަޙަ ކުރެއްވި ކަނޑިކޮޅު ހިއްޕަވައިގެންނެވެ. އޭނާ ވިދާޅުވާ ގޮތުގައި މިފަދައިން ކަނޑި ހިފައިގެން ޚުޠުބާ ދެއްވުމަކީ އާޔާ ޞޫފިޔާ އަނބުރާ މިސްކިތެއް ބަދަލު ކުރެވުމާއި މެދު، އަދި ހަމަ އެއާއިއެކު މުސްލިމުންގެ ފަތަޙަތަކާއި މެދު ދެއްވި ރަމްޒީ މެސެޖެކެވެ. އަދި ހަމަ އެފަދައިން، ތަނެއް ފަތަޙަ ކުރުމަށްފަހު ކަނޑިއަކާއި އެކު ޚުޠުބާ ދިނުމަކީ ތުރުކީގެ އިސްލާމީ ޘަޤާފަތާއި ގުޅިފައިވާ ކަމެއްކަމަށާއި، އިސްތަންބޫލުގެ (ޤިސްޠާންޠީނިއްޔާގެ) ފަތަޙައާއި އެކު، އާޔާ ޞޫފިޔާގައި ދެވުނު ފުރަތަމަ ޚުޠުބާވެސް ދެވިފައިވަނީ ކަނޑިއާއި އެކުއެވެ.

"އާޔާ ޞޫފިޔާ؛ ފަތަޙައިގެ ރަމްޒު" މިނަމުގައި ދެއްވި ޚުޠުބާގައި ޑރ ޢަލީ ޢަރުބާސް ވިދާޅުވެފައިވެއެވެ. "އަހަރެމެންގެ ހިތްތަކުގައި (މިމިސްކިތަށް) އެދިއެދިވާ ޙާލު ތަޙައްމަލު ކުރަމުން ދިޔަ ވޭން ނިމުމަކަށް އައިސްފިއެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށެވެ. އެކަލޭގެފާނު މި (އެބަހީ ޤިސްޠަންޠީނިއްޔާގެ) ފަތަޙައިގެ ހެޔޮ ޚަބަރު ދެއްވާ ޙަދީޘު ކުރެއްވިއެވެ. (ހަމަކަށަވަރުން ތިޔަބައިމީހުން ޤިސްޠަންޠީނިއްޔާ ފަތަޙަ ކުރައްވާނެއެވެ. އެބައިމީހުންގެ އަމީރުގެ ހެޔޮކަމާއެވެ. އަދި އެބައިމީހުންގެ ލަޝްކަރުގެ ހެޔޮކަމާއެވެ.)

ބީޒަންޠީނީ ވެރިކަމުގެ ދަށުން، ނަޞާރާއިންގެ ފައްޅިއެއްގެ ގޮތުގައި އާޔާ ޞޫފިޔާ 916 އަހަރު ވަންދެން ދެމިއޮތެވެ. މިގޮތުން އެއްމެ ފުރަތަމަ މިފައްޅި ބިނާ ކުރެވުނީ މީލާދީ ސަނަތުން 360 ވަނަ އަހަރެވެ. އެހެނަސް އޭގެ 44 އަހަރު ފަހުން ހިނގި ހަމަ ނުޖެހުމެއްގައި ފައްޅި ހަލާކު ކުރެވުނެވެ. މީގެ ފަހުން ބިނާ ކުރެވި، ހަލާކު ކުރެވި، އަނެއްކާވެސް ބިނާ ކުރެވި މިފަދަ ޙާލެއްގައި މިފައްޅި ދެމިއޮތެވެ. ފައްޅިއެއްގެ ގޮތުގައި އެއްމެ ފަހުން އާޔާ ޞޫފިޔާ ބިނާކުރެވުނީ 532 ވަނަ އަހަރެވެ. މީގެ ފަހުން 1204 ވަނަ އަހަރު އެފައްޅިއަކީ ކެތޮލިކުންގެ ޗާރޗާއި ގުޅިފައިވި ބިނާއެއްކަމަށް ވެގެންދިޔައެވެ. މާނައަކީ މިބިނާއަކީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ވުޖޫދުގައި ހުރި ބިނާއެކެވެ.

މީގެ ފަހުން 1453 ވަނަ އަހަރު މުސްލިމުންގެ ޤާއިދު މުޙައްމަދުލް ފާތިޙް ޤިސްޠަންޠީނިއްޔާ (އިސްތަންބޫލް) ފަތަޙަ ކުރެއްވި ހިނދު މިމިސްކިތް މުސްލިމުންނަށް ލިބިގެންދިޔައެވެ. އަދި އެހެނިހެން ފައްޅިތައް އެބައިމީހުންނަށް އަޅުކަންކުރުމަށް ދޫކޮށްލެއްވިއެވެ. މިޒަމާނުގެ ބޮޑު ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚު މުޙައްމަދު ހަސަން އައްދަދުވު ވިދާޅުވާ ގޮތުގައި މުޙައްމަދުލް ފާތިޙް ޤިސްޠަންޠީނިއްޔާ ފަތަޙަ ކުރެއްވި އިރު އެތަން ހުރީ ދީނީ ފައްޅިއެއްގެ ގޮތުގައެއްނޫނެވެ. އެހެނަސް ކަނީސާއަށް ތަބާވާ ބިނާއެއްގެ ގޮތުގައެވެ. އެތަނަކީ ވެރީންގެ ތާޖު ރައްކާކުރެވޭ ތަނެވެ. ވެރިންނަށް ރަސްކަން އެރުވޭ ތަނެވެ. އަދި ސިޔާސީ ޤަރާރުތައް ނެގޭ ތަނެވެ. އެހެނީ އެއީ އެބައިމީހުންގެ ގާތުގައި މުޤައްދަސު ތަނެކެވެ. މުޙައްމަދުލް ފާތިޙް އާޔާ ޞޫފިޔާ މުސްލިމުންނަށް އަޅުކަންކުރުމަށް ޚާއްޞަ ކުރައްވާ، އެތަނުގެ ބިނާ ވަރުގަދަ ކުރެއްވިއެވެ. އިސްލާމީ ވެރިކަމުގައި މިބިނާއަށް މިޙްރާބާއި، މިންބަރާއި، ވަޢުޡު ބުނުމަށް އިށީންނަ ގޮނޑިފަދަ ތަކެތި އިތުރުކުރެވުނެވެ. އަދި ތަޢުލީމު އުނގަންނައިދޭ މަދަރުސާއަކާއި، ލައިބްރެރީއެއް އުފެއްދެވިއެވެ.

އެއަށްފަހު އައީ ތުރުކީ ސެކިއުލާ ކުރި މުޞްޠަފާ ކަމާލު "އަތާތުރުކު"ގެ ޒަމާނެވެ. ތުރުކީ ގަދަކަމުން ސެކިއުލަރ ކުރުމުގެ ތެރޭގައި އާޔާ ޞޫފިޔާ މިސްކިތް ދާރުލް އާޘާރަކަށް ބަދަލު ކުރިއެވެ. ނަމާދު ކާޕެޓު ވީދާ ކުދިކޮށްލެވުނު ކަމަށް ބުނެވެއެވެ. މިސްކިތާއި ގުޅިފައިވާ މަދަރުސާ (ޢުޘުމާނީ ޚިލާފަތުގެ ފުރަތަމަ ޖާމިޢާ) ބިމާހަމަ ކުރެވުނެވެ. ނަމާދު ހޯލުތައް އަލިކޮށްދޭ އުއްބައްތިތައް ބުރިކޮށްލާ، ވިރުވާލެވުނެވެ. މިސްކިތުގެ ބާޔަޒީދު މުންނާރު ނެތިކޮށްލެވުނެވެ. އެހެނިހެން މުންނާރުތައް ހަލާކުކޮށްލުމަށް ޕްލޭނުތައް ކުރެވުނެވެ. އެހެނަސް ޤުއްބުތައް ކޮޅަށް ހުންނަ އެއްސަބަބަކީ މުންނާރުތައް ކަމަށްވެފައި، އެބިނާތައް ހަލާކުކޮށްލުމާއި އެކު މުޅި އާޔާ ޞޫފިޔާ ވެއްޓިދާނެކަމުގެ ބިރު އުފެދުމުން އެމުންނާރުތައް ބެހެއްޓުނެވެ. މިކަންކަން ހިނގައިދިޔައީ 1934 ވަނަ އަހަރު ތުރުކީގެ ޤައުމީ ވަޒީރުންގެ ކެބިނެޓުން، މިސްކިތް ދާރުލް އާޘާރަކަށް ހެދުމަށް ނިންމާ ނެރުނު ޤަރާރަކާއި ވިދިގެންނެވެ.

އަތާތުރުކުގެ ވެރިކަމުގައި ޢުޘްމާނީންގެ ޢަރަބި އަކުރު، ލެޓިން އަކުރަށް ބަދަލު ކުރިއެވެ. މުސްލިމު އަންހެނުންގެ ޝަރުޢީ ފޭރާން މަނާކުރިއެވެ. އެތައް މިސްކިތްތަކަކާއި، މަދަރުސާތަކާއި، އިސްލާމީ ވަޤުފުތައް ހުއްޓުވިއެވެ.

އެހެނަސް 86 އަހަރުގެ އިންތިޡާރަކަށްފަހު، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ތުރުކީގެ ހައިކޯޓުން ވަނީ، އަތާތުރުކު، އާޔާ ޞޫފިޔާ ދާރުލް އާޘާރަކަށް ހެދި ހެދުމަކީ ޤާނޫނާއި ޚިލާފަށް ކުރެވުނު ކަމެއް ކަމަށް ނިންމާފައެވެ. މިނިންމުން ނިންމާފައިވަނީ، ތުރުކީގެ އެސޯސިއެޝަނަކުން، އާޔާ ޞޫފިޔާ ދާރުލްއާޘާރަކަށް ހެދުމަކީ ޤާނޫނާއި ޚިލާފުކަމެއްކަމަށާއި، މުޙައްމަދުލް ފާތިޙް، އެމިސްކިތް މުސްލިމުންނަށް ވަޤުފު ކުރެއްވާފައިވާއިރު، އެބިނާ ބޭނުންކުރެވެން ޖެހޭނީ މިސްކިތެއްގެ ގޮތުގައި ކަމަށް ތުރުކީގެ ސަރުކާރާއި އިދިކޮޅަށް ކުރި ދަޢުވާ އަކާއި ވިދިގެންނެވެ. މުޙައްމަދުލް ފާތިޙު މިގޮތަށް ނިންމަވާ ލިޔުއްވި ފަތްފުށްތައް އަދާ ޖެހެންދެންވެސް ތުރުކީގައި ފެންނަން އެބަހުއްޓެވެ.

 

ޚަބަރު ދިރާސާ ކުރައްވާ ބޭފުޅުން ލިޔުއްވާ ގޮތުގައި އާޔާ ޞޫފިޔާ އަނބުރާ މިސްކިތަކަށް ހެދުމަށް ނިންމުނު ނިންމުމަކީ މުސްލިމުންނާއި ނަޞާރާއިންނާއި ދެމެދުގައި އޮތް ވާދަވެރިކަމުގެ ނަތީޖާއެއް ނޫނެވެ. އެހެނަސް އެއީ ތުރުކީގައި 80 ގެ އަހަރުތަކާއި އެކު އިޢާދަ ވަމުން އަންނަ އިސްލާމީ ފިކުރުގެ ރަމްޒެކެވެ. މިދިޔަ 40 އަކަށް އަހަރުގެ ތެރޭގައި ތުރުކީގެ ރައްޔިތުންގެ ބަޔަކު ދަނީ މިލިޓަރީ ސެކިއުލަރިޒަމާއި (ޢަސްކަރީ ޢަލްމާނިއްޔަތާއި) އިދިކޮޅު ހަދަމުންނެވެ. އާޔާ ޞޫފިޔާ ދާރުލް އާޘާރަކަށް ބަދަލު ކުރުމަކީ ހުޅަނގުގެ ސެކިއުލަރިޒަމް ކުރިއަރަމުން އައި ގޮތުގެ ރަމްޒަކަށްވާ ފަދައިން، އެބިނާ އަލުން މިސްކިތަކަށް އިޢާދަ ވުމަކީ ތުރުކީން، އެބައިމީހުންގެ ކާބަފައިންގެ (އިސްލާމީ) ޘަޤާފަތަށް އެނބުރި ދިޔަ ދިޔުމެއްގެ ގޮތުގައި އުރްދުޣާނު ވަނީ ޞިފަ ކުރައްވާފައެވެ. އުރްދުޣާނު އިސްތަންބޫލުގެ މޭޔަރަކަށް ހުންނެވި އިރުގެ ސްޕީޗުތައް އަޑުއަހާލި ކަމުގައިވިޔަސް، ތަކުރާރުކޮށް އާޔާ ޞުފިޔާގެ ވާހަކަ ދައްކަވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު އާޔާ ޞޫފިޔާ އަލުން މިސްކިތަކަށް އިޢާދަ ކުރުމަށް ތުރުކީގެ ހައި ކޯޓުން ނެރުނު ނެރުމަކީ އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ލިބިގެންދިޔަ ނަޞްރެކެވެ. އެއީ ތުރުކީގެ އެތައް އިސްލާމީ ޢިލްމުވެރިންނާއި، ލީޑަރުންނާއި އަދި ރައްޔިތުން ކުރައްވާފައިވާ މިންނެތް މަސައްކަތުގެ ނަތީޖާއެވެ. އެއީ މުޙައްމަދުލް ފާތިޙް އެންމެހާ މުސްލިމުންނަށް ވަޤުފު ކުރައްވާފައިވާ މުސްލިމުންގެ ބިން، އަނބުރާ އޭގެ ހައްޤުވެރިންނަށް ލިބުނު ދުވަހެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް