ކޮވިޑް-19އިގެ ކަންކަން ހަމައަކަށް އެޅެންދެން ޙައްޖުގެ އަޅުކަމުގެ ކަންކަން މަޑުޖައްސާލުމަށް ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ސަޢުދީޢަރަބިއްޔާގެ ސަރުކާރުން އިލްތިމާސް ކުރަށްވައިފިއެވެ.
މިގޮތަށް ސަޢުދީ ސަރުކާރުން އިލްތިމާސް ކުރަށްވާފައި މިވަނީ އެޤައުމުން ކޮވިޑް-19 ފެނިފައިވުމުންނެވެ. އަދި އެޤައުމުގެ ސަރުކާރުންވަނީ މިވަގުތަށް ޢުމްރާގެ އަޅުކަން ކުރުންވެސް މަޑުޖައްސާލައިފައެވެ. އަދި އެޤައުމަށް އެހެން ޤައުމު ތަކުގެ ފްލައިޓްތަށް ދިއުންވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި ވަކި ވަގުތުތަކެއް ކަނޑައަޅައި އެވަގުތުތަކުގައި ވަނީ ކަރފިއު އިޢްލާން ކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ މިނިސްޓަރ ޑރ މުޙައްމަދު ޞާލިޙް ބެންތެން އެޤައުމުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޙައްޖާޖީންނަށް ޙިދްމަތް ދިނުމަށް މިހާރުވެސް އެޤައުމުން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މިވަގުތު އެޤައުމުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ އެޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި ދުނިޔޭގެ އެންމެހާ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
އެހެންކަމުން މިބަލިމަޑުކަން ފެތުރެމުން މިދާ ދަނޑުވަޅުގައި ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންދާ ފަރާތްތަކުގެ ތައްޔާރީތަށް މަޑު ޖައްސާލުމަށް މިނިސްޓަރ ޑރ މުޙައްމަދު ޞާލިހް އެދިވަޑައިގަތެވެ.
ސަޢުދީޢަރަބިއްޔާގައި މިހާތަނަށް ކޮވިޑް-19 އަށް 1،563މީހުން ޕޮޒިޓިވް ވެފައި ވާއިރު މިބަލީގައި އެޤައުމުން 2މީހަކު ވަނީ މަރުވެސްވެފައެވެ.
ޚިޔާލު