ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުން ޣައްޒާ ޙިޞާރު ކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާ މޫވްމެންޓާ ދެކޮޅަށް އަނިޔާވެރި އެއްވެސް ޢަމަލެއް ނުހިންގުމަށް ދިވެހިރާއްޖެ ހިމެނޭހެން 16 ޤައުމަކުން ގޮވާލައިފިއެވެ.
މި 16 ޤައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ އެހީގެ ޤާނޫނަށް އިޙްތިރާމް ކުރުމުގެ ގޮތުން، ފްލޮޓީލާ މޫވްމެންޓާ ދެކޮޅަށް، ޤާނޫނާ ޚިލާފު ނުވަތަ އަނިޔާވެރި ޢަމަލެއް ނުހިންގުމަށް ގޮވާލާފައިވެއެވެ. އަދި ފްލޮޓިލާގެ ބައިވެރިންނާމެދު ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ޚިލާފު އެއްވެސް ޢަމަލެއް ހިންގައިފިނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައި ސޮއިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، ބަނގުލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އަޔަލޭންޑު، ލީބްޔާ، މެލޭޝިއާ، މެކްސިކޯ، ޕާކިސްތާން، ޤަތަރު، އޮމާން، ސްލޮވީނިއާ، ސައުތު އެފްރިކާ، ސްޕެއިން އަދި ތުރުކީ ހިމެނެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާގައި ފާހަގަކޮށްލެވޭ އެތައް ބައެއް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ގްރެޓާ ތުންބަރގް، އައިރިޝް އެކްޓަރ ލިއަމް ކަނިންގްހަމް، އަދި ބާސެލޯނާގެ ކުރީގެ މޭޔަރ އަދާ ކޮލައު ހިމެނެއެވެ. މީގެ އިތުރުން އިޓަލީގެ ހަތަރު ޕާލިމެންޓް މެންބަރުންނާއި އިންތިޚާބު ވެފައިވާ އެހެން އޮފިޝަލުންނާއި އެކްޓިވިސްޓުން ވެސް ހިމެނެއެވެ.
"ކެތްތެރިކަން" މާނަކުރެވޭ "ސުމޫދު" ގެ ނަމުން ނަންދެވިފައިވާ މި ފްލޮޓިލާއަކީ، ޣައްޒާގެ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުން ކޮށްފައިވާ ޙިޞާރު ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އދ. އިން އިންޒާރު ދެމުންދާ ފަދައިން، މިވަގުތު އެއް މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާއިރު، މި މަސައްކަތަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި އޯގަނައިޒަރުން ފާހަގަކުރެއެވެ.

















advertisment
ޚިޔާލު