ދުނިޔެ

ޔަހޫދީންގެ ޙަމަލާއެއްގައި ޔަމަނުގެ ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުވެއްޖެ

ޔަމަނުގެ ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު އަލް-ރަހަވީއާއި އިތުރު ވަޒީރުންތަކެއް އޮގަސްޓު 28 ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި ޝަހީދުވެއްޖެއެވެ. މި ޙަމަލާ ދީފައިވަނީ ވެރިރަށް ޞަންޢާގައި ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ތިއްބަވަނިކޮށެވެ.

އަލް-ރަހަވީ ބޮޑުވަޒީރުގެ މަޤާމަށް އިސްކުރެއްވީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ޙޫޘީންގެ ބާރު ހިނގާ ސަރަޙައްދުތަކުގެ ސަރުކާރުގެ އިސް ވަޒީރުންނަށް އަމާޒުކޮށް ދިން މި ޙަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޙޫޘީން ވަނީ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. މިގޮތުން ރަތު ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރަށް ޙަމަލާދީ، މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ.

ޙޫޘީ ސަރުކާރުގެ ސިޔާސީ ގޮފިން ބުނެފައިވަނީ ބޮޑުވަޒީރާއި އެހެން ވަޒީރުން ޝަހީދުވި ނަމަވެސް، ސަރުކާރުގެ ޒިންމާތައް އަދާކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި މި ޝަހާދަތަކީ ޙޫޘީން ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޔަމަނުގެ ރައީސް މަހްދީ އަލް-މަޝާޠު ވަނީ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު އަޙްމަދު އަޙްމަދު މުފްތާހަށް ބޮޑުވަޒީރުގެ ޒިންމާތައް ވަގުތީގޮތުން ޙަވާލުކުރުމަށް އަންގަވާފައެވެ. ސަރުކާރުން އިތުރަށް ބުނެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރުމުގެ މަތީގައި ދެމިތިބޭނެ ކަމަށާއި، ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ