ކާކުކަން ނޭނގޭ ދެމީހަކު ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ސައިންސްވެރިއަކު މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ޝަހީދު ކޮށްލައިފިއެވެ.
މެލޭޝިޔާގެ ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި 35 އަަހަރުގެ ފަދީ އަލްބަތްސް ގެ ބޮލަށް ބަޑިޖަހާފައިވަނީ މިއަދުގެ ފަތިސް ނަމާދަށް މިސްކިތަށް ދަނިކޮންނެވެ.
ހަމާސް ޖަމާއަތުގެވެސް މެމްބަރެއް ކަމުގައިވާ އަލްބަތްސްއަށް ބަޑިން ހަމަލާދިން ދެމީހުން މިސްކިތްކައިރި ނަމާދަށް އަންނަ މީހުންނަށް ފާރަލާން ތިބިމަކަށާއި އެދެމީހުންނަކީ ހަމުގެކުލަ ދޮން ބޮލުގެ އިސްތަށިގަނޑު ރަންކުލައިގައި ހުރި ދެމީހުންކަމަށް މައުލޫމާތު ދީފައިވެއެވެ.
މިހަލާއާއި ގުޅިގެން އަލްބަތްސްގެ ބައްޕަ އަލްޖަޒީރާއަށްދިން ބަސްދީގަތުމެއްގައި ތުހުމަތު ކޮށްފައިވާ ގޮތުގައި މިހަލާއަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ހަމަލާއެއް ކަމަށާއި އެނާގެ ދަރިފުޅަށްދިން ހަމަލާ ތަހުގީގުކުރުމަށް މެލޭޝިޔާގެ ކަމާއިބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.
މިހަލާއާއި ގުޅިގެން މެލޭޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަހުމަދު ޒާހިދު ހަމީދީ ވިދާޅުވެފައިވަނީ މިހަލާދިން ކަމަށް ޝައްކުކުރެވެނީ ބޭރުގެ ޖާސޫސީ އިދާރާއަކާއި ގުޅުން އޮންނަ ޔޫރަޕަށް ނިސްބަތްވާ ބައެއް ކަމަށެވެ.
ފަލަސްތީނުގެ ޣާޒާގެ ގެ އުތުރު ޖަބިލިޔާއަށް އުފަން އަލްބަތްސް ޕީއެޗްޑީ ހާސިލްކޮށްފައިވަނީ އިލެކްޓްރޯނިކް އިންޖިނިއަރިންގ ގެ ދާއިރާއިންނެވެ. މެލޭޝިޔާގެ ކަރަންޓް ވިއުގަ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަލްބަތްސްއަކީ ޔުނިވަރސިޓީގެ ލެކްޗަރަރ އެއްގެ އިތުރުން މިސްކިތުގެ އިމާމެއްވެސް މެއެވެ.
އަލްބަތްސްއާއި ގުޅޭގޮތުން އިޒްރާއީލްގެ ޑިފެންސް މިނިސްޓަރުވަނީ ހަމާސްއަށް ޑްރޯން އުފައްދައިދިން ކަމުގެ ތުހުމަތު ކޮށްފައެވެ.

















ޚިޔާލު