ދުނިޔެ

މަސްޖިދުއް ނަބަވީގެ ކުރީގެ މުއައްޒިން ޝައިޚް ފައިސަލް ނައުމާން އަވަހާރަވެއްޖެ

މަސްޖިދުއް ނަބަވީގެ އިސް މުއައްޒިނެއްގެ ގޮތުގައި ހުންނެވި، އިސްލާމީ ދުނިޔޭގައި މަޝްހޫރު ދީނީ ޝަޚްސިއްޔަތެއް ކަމަށްވާ ޝައިޚް ފައިސަލް ނައުމާން، މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު ހާމަކުރައްވާފައިވަނީ ދެހަރަމްގެ ކަންކަން ބަލަހައްޓާ އިދާރާއިން ނެރުނު ބަޔާނެއްގައެވެ.

ދެހަރަމްގެ ކަންކަން ބަލަހައްޓާ ޢާންމު ރިޔާސަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ޝައިޚް ފައިސަލް ނައުމާން އަވަހާރަވިކަން ކަށަވަރުކޮށްދީފައިވާއިރު، އެމަނިކުފާނުގެ ކަށުނަމާދު އޮތީ އަންގާރަ ދުވަހުގެ ފަތިސް ނަމާދަށްފަހު މަސްޖިދުއް ނަބަވީގައެވެ. ކަށުނަމާދަށްފަހު އެމަނިކުފާނު ފަސްދާނުލާފައިވަނީ މަދީނާގެ ތާރީޚީ ގަބުރުސްތާނެއް ކަމަށްވާ ޖަންނަތުލް ބަޤީގައެވެ.

މިކަމާ ގުޅިގެން ދެހަރަމްގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ޝައިޚް ފައިސަލް ނައުމާން އެމަނިކުފާނުގެ މުޅި އުމުރުފުޅު ހޭދަކުރައްވާފައިވަނީ ރަސޫލާގެ މިސްކިތަށް ޚިދުމަތް ކުރެއްވުމުގައެވެ. އަދި އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ހިތްގައިމުކަމާއެކު ދެއްވާ ބަންގީގެ އަޑު އަބަދުވެސް ހަނދާނުގައި ހުންނާނެ" ކަމަށެވެ. މި ޚަބަރާއެކު މުޅި އިސްލާމީ އުންމަތަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

ޝައިޚް ފައިސަލް މަސްޖިދުއް ނަބަވީގެ މުއައްޒިނެއްގެ މަޤާމަށް އައްޔަން ކުރެވިފައިވަނީ 2001 ވަނަ އަހަރުގައެވެ. އެމަނިކުފާނު ވަނީ ގާތްގަނޑަކަށް 25 އަހަރު ވަންދެން އެ މާތް ބިމުގައި ބަންގި ގޮވުމުގެ މަތިވެރި ޚިދުމަތުގައި ދެމިހުންނަވާފައެވެ. މިސްކިތުގެ އިދާރާއިން ފާހަގަކުރި ގޮތުގައި ބަންގި ދިނުމަކީ އެމަނިކުފާނުގެ އާއިލީ ތަރިކައެކެވެ.

އެމަނިކުފާނުގެ ބައްޕާފުޅާއި ކާބަފައިންނަކީވެސް މަސްޖިދުއް ނަބަވީގެ މުއައްޒިނުންނެވެ. ޝައިޚް ފައިސަލްގެ ބައްޕާފުޅު އުމުރުން އެންމެ 14 އަހަރުގައި މުއައްޒިނެއްގެ ގޮތުގައި ޚިދުމަތް ފެއްޓެވިއިރު، އުމުރުން 90 އަހަރުގައި އަވަހާރަވަންދެން އެ މަސައްކަތުގައި ދެމިހުންނެވިއެވެ. ބައްޕާފުޅު އަވަހާރަވުމުން އެ ޒިންމާއާ ހަވާލުވެވަޑައިގަތީ ޝައިޚް ފައިސަލްއެވެ.

ދެހަރަމްގެ ޚަބަރުތައް ހިއްސާކުރާ 'އިންސައިޑް ދަ ހަރަމައިން' އިން ވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ޝައިޚް ފައިސަލް ދެއްވި އެންމެ ފަހުގެ ބަންގީގެ ވީޑިއޯއެއް އާއްމުކޮށްފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ދައުރުވަމުންދާއިރު، މިއީ އެމަނިކުފާނުގެ މުޅި ހަޔާތް ޚިދުމަތުގައި ހޭދަކުރެއްވި ކަމުގެ އަލިގަދަ ހެއްކެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ