އަންނަ އަހަރުން ފެށިގެން ޙައްޖު މޫސުމުގައި އެންމެހައި ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި، އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އެ ޤައުމުގެ ސަރުކާރުން ނިންމަވައިފިއެވެ.
މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ޙައްޖުގެ އަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރުކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތަކަށް ޖާގަ ނުދިނުން ކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމަށް ފައިސާ ދައްކަން ޖެހޭނީ ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ޙައްޖު މިޝަން މެދުވެރިކޮށް ސީދާ ޙައްޖު މިނިސްޓްރީއަށެވެ. ކުރިން މިކަން ކުރަމުން ދިޔައީ ޙައްޖު ޖަމާޢަތްތަކުން ސަޢުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލާއެކު، ސީދާ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި، ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުން އެކަން ކުރިއަށް ގެންދާނެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކަތިލުމަށްފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދާނީ މި ޚާއްޞަ ކޮމިޝަނުން ކަމަށެވެ. އަދި އެ ޤައުމެއްގެ ޙައްޖުވެރިންގެ ހަދްޔާއި، އުޟްޙިޔާ ކަތިލުމުގެ ވީޑިއޯވެސް މިޝަނުން ބޭނުންނަމަ ޙިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، ޙައްޖު މިޝަނުން ބޭނުންނަމަ ޙައްޖުވެރިން ކާން ބޭނުން ކުރުމަށް މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ.
ޙައްޖު މިނިސްޓްރީން އިއްޔެ ވަނީ، މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޤައުމުތަކުގެ ޙައްޖު މިޝަންތަކުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަނުން ބައިވެރިވިއެވެ. ރާއްޖޭގެ ޙައްޖު މިޝަނުންވަނީ، މި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ހާމަކޮށް، މިކަމަށް މަރުޙަބާ ކިޔާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

















advertisment
ޚިޔާލު