الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
އަޅުގަނޑުމެންގެ މުޖުތަމަޢުވަނީ ފިތުނަ ފަސާދައިގެ ހާއްޔަކަށްވެފައެވެ. އެތަކެއް ފިތުނަތަކެއްގެ ތެރޭގައި އުޅެން މަޖުބޫރުވެފައެވެ. މިއީ އަޅުގަނޑުމެން އަމިއްލަ އަތްތަކުން ކޮށްފައިވާ ކަންތައްތަކުގެ ހިތި ނަތީޖާއެވެ. މިއަނދަވަޅުން އަރައިގަނެވޭނީ ހުދު އަޅުގަނޑުމެން
އިސްލާޙަށް މަސައްކަތް ކޮށްގެންނެވެ. އަމިއްލަ ނަފްސު އިސްލާޙު ކޮށްގެންނެވެ. ﷲ ސުބުޙާނަހޫވަތަޢާލާ މުޞީބާތް ޖައްސަވަނީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އިމްތިޙާނުގެ ވަގުތުތަކުގައި މީސްތަކުންގެ ތެރެއިން އެއްބަޔަކު މާތް ﷲ ގެ ޙަޟްތަރުގައި ކުރިއަރައިގެންދެއެވެ. އަނެއްބަޔަކު މަގުފުރެދިގެންދެއެވެ.
އާދެ، ޢިއްޒަތްތެރިކަމަކީ ތިބާ ނަމުގެ ކުރިއަށް އިތުރުކުރާ ލަފްޒަކުން ލިބޭ ކަމެއްނޫނެވެ. އަދި ކިއެއް، އެއީ ވަޒީފާއާއި މަގާމުން އަދި ފައިސާއިން ލިބިގަނެވޭނޭ އެއްޗެއްނޫނެވެ. އިއްޒަތްވަނީ ހަމައެކެނި ﷲ ސުބުޙާނަހޫވަތަޢާލާ ޙަޟްތަރުގައެވެ. އިސްލާމީ ތަރަހައިގެ ތެރެއިން ބޭރުވެއްޖެ މީހަކަށް މިމަތިވެރި ސިފައިން ސިފަ ލިބިގަނެވޭނެ އެއްވެސް ގޮތެއްނެތެވެ. އެގޮތުން "ޢިއްޒަތްތެރި މެމްބަރުން"ނަށް އިތުބާރު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ ސުވާލު އުފެދެއެވެ. އެ"ޢިއްޒަތްތެރި މަޖްލީހު"ގައި އިޚްލާސްތެރި ބޭފުޅުންނެތެކޭ އަޅުގަނޑު ނުދަންނަވަމެވެ.
ގައުމުގައި ފިތުނަ ފަސާދަ އުފައްދާ މީހުންނަކީ ކޮބައިތޯއެވެ. ދީނީ ޢިލްމުވެރިންތޯއެވެ. ނުވަތަ އިސްލާމްދީނުގައި މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް ބިރެއްނެތި އަރައިގަންނަމުންދާ "ބޭފުޅުން" ތޯއެވެ. މިއީ މިފަހަކަށް އައިސް އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތަކީ އެބޭފުޅުންނަށް ލިބިފައިވާ ޢިލްމުގެ އަލީގައި، މީސްތަކުންނަށް ޙައްޤުބަސް ބަޔާންކޮށްދިނުމެވެ. ނަސޭޙަތް ބަލައިގަތުމާއި ނުގަތުން އޮންނާނީ އެމީހެއްގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ. މުޖުތަމަޢުގައި ހިނގާ ނޭދެވޭކަމެއްގެ ވާހަކަ ޢިލްމުވެރިއަކު ދެއްކުމުން، އެކަންތައް ވަކި ބަޔަކަށް ނިސްބަތްވުމަކީ އެ ޢިލްމުވެރިޔާގެ މައްސަލައެއް ނޫނެވެ.
މިއަދު އަޅުގަނޑުމެންގެ އުސޫލަކީ 'އަޑުގަދަ މީހާގެ ރުއްގިނަވާ' އުސޫލެވެ. އަމިއްލަ މީހާއަށް ކުރެވިފައިވާ ޚިޔާނަތްތައް ހަނދުމަނެތިކޮށް، އެހެން މީހުންގެ އަބުރަށް އަރައިގަންނާކަށް ޖެހެލުމެއްނުވެއެވެ. ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމުކީ މިބައިމީހުންގެ ސުންނަތެކެވެ. ޢިލްމުވެރިއަކު، މިބައިމީހުންގެ ނުބައި ރޭވުންތަކުގެ ވާހަކަ ދައްކައި މީސްތަކުން ހޭލުންތެރި ކުރުވުމުން، އެ ޢިލްމުވެރިޔާއާއި ޒާތީގޮތުން ޖައްސާލައި، ފާޑުފާޑުގެ ކޮމެޓީތަކަށް ހާޒިރުކުރުވައެވެ. އުޒުރުކަށް އޮންނަނީ ޢިލްމުވެރިޔާ ދެއްކެވި ވާހަކަފުޅުގެ ސަބަބުން ގައުމުގެ މަސްލަޙަތަށް ނުރައްކާވަނީޔޯލައެވެ. މަގުތަކަށް ނިކުމެ، ގައުމުގެ ވެރިމީހާއާއި ދިމާލަށް ބާޢީއޭ ގޮވައި، ދަންޖައްސައި މަރަންވީއޭ ގޮވުމަކީ ގައުމުގެ މަސްލަޙަތާއި ގުޅުންހުރި ކަމަކަށް ނުވެއެވެ. މިބައިމީހުންނަކީ ފިތުނަ ފަސާދަ އުފައްދާ ބަޔަކަށް ނުވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
އަޅުގަނޑުމެން ރައްޔިތުން ހޭއަރައި ވިސްނަން އަދިވެސް ނުވޭތޯއެވެ. ފިތުނަ ފަސާދައިން ސަލާމަތް ވެވެނީ އެކަމުގެ ޢިލްމު ލިބިގެންނެވެ. އިމްތިޙާންތަކުން ނަޖާވެވޭނީ، ތިބާއަށް ކުރިމަތިލާން ޖެހިފައިވަނީ އިމްތިޙާނެއްކަން ދެނެގަނެވިގެންނެވެ. އަޅުގަނޑުމެން ދުނިޔެއަށް ފޮނުވުނު މަޤްޞަދު އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިއަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކުރަމެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ (الأنعام 162)
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.
ޚިޔާލު