ކޮލަމިސްޓް

ލޯބި

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

އެއްވެސް ޝައްކެއްނެތް ގޮތުގައި ދުނިޔެ ދުށް އެންމެ ރިވެތި، އެންމެ މާތް، އެންމެ އިޚްލާސްތެރި ލޯބީގެ ޙާދިސާއަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި އުއްމުލް މުއުމިނީން ޚަދީޖާތުގެފާނުގެ ވާހަކައެވެ. އާއެކެވެ. ލައިލާއާއި މަޖްނޫނުގެ ވާހަކައެއްނޫނެވެ. ޝީރީނާއި ފަރުހާދުގެ ވާހަކައަށްވުރެ ޢިބްރަތްތެރި އަދި އަސަރުން ފުރިގެންވާ މަތިވެރި ގުޅުމެކެވެ.

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް މީސްތަކުންނަށް ދީނަށް ގޮވާލެއްވުމުގެ ބުރަ މަސްޢޫލިއްޔަތު ހަވާލު ކުރެވުނު ވަގުތުގައި ޚަދީޖަތުގެފާނު ދެއްވި ހިތްވަރާއި ޤުރުބާނީއަކީ ރަސޫލާއަށް އެވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ. އެކަލޭގެފާނުގެ ދައުވަތަށް ފުރަތަމަ އީމާންވީވެސް ހުދު ޚަދީޖަތުގެފާނެވެ. އެދަނޑިވަޅުގައި އެކަމަނާގެ ފަރާތުން ލިބުނު އަގު ނުކުރެވޭހާ ލޯބީގެ ނަތީޖާއަކަށް ވެގެންދިޔައީ އެކަލޭގެފާނުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ލިބުނު ހިތްވަރަކަށެވެ.

އާދެ، ލޯތްބަށް ބޭނުންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢަލާ އިންސާނާގެ ފިތުރަތުގައި ލައްވާފައިވާ ވަރަށްވެސް ތަފާތު އިހްސާސެކެވެ. އަޅުގަނޑުމެން އެންމެންވެސް ލޯބި ބޭނުންވެއެވެ. ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކުގައި އަޅުގަނޑުމެންނާއި ބައިވެރިވާނޭ އިޚްލާސްތެރި ބައިވެރިއަކު ބޭނުންވެއެވެ. ހާއްސަ ގޮތެއްގައި ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި އެފަދަ ބައިވެރިއަކަށް ނުހަނު ބޭނުންޖެހެވެ. މިސާލަކަށް އަޅުގަނޑުމެން ކުރިމަތިލާ ކަންކަމުން ނާކާމިޔާބުވުމުން ހިތްވަރު ބޭނުންވެއެވެ. ކާމިޔާބުގެ އައްސޭރިއަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތް ކޮށްދޭނެ އިޚްލާސްތެރިއެއް ބޭނުންވެއެވެ.

މުޞީބާތުގެ ވަގުތުޖެހި، ދިރިއުޅުން އެފުއްމިފުށަށް ޖެހޭ އިރު އެފަދަ ލޯބިވެރިއަކު ނުހުރުމަކީ އެކަށީގެންވާ ކަމެވެ. ހިތުގެ އުދާސްތައް އަޑުއަހާނޭ ބައިވެރިއަކު ނުހުރެދާނެއެވެ. ބޯއަޅާލައިގެން ރޯލާނެ ކޮނޑެއް ނުލިބިދާނެއެވެ. ލޯބިން ކަރުނަ ފޮހެލަދޭނެ އަތެއްވެސް ނުލިބިދާނެއެވެ.

ލޯބިވާ އަޚާއެވެ. ލޯބިވާ އުޚްތާއެވެ. ހިތާމަ ނުކުރާށެވެ. އެފަދަ ލޯބިވެރިއަކު ނުލިބުމުން ހަތަރު އުދަރެސް ފެނުޖެހުނީ ކަމަށް ނުދެކޭށެވެ. އެފަދަ ބައިވެރިއަކު ހުރިނަމަވެސް، މާދަމާ އެބައިވެރިޔާ މަރުވެދާނެއެވެ. އަނެއްކާވެސް އެކަނިވެރިވީ ތޯއެވެ!

ނޫނެކެވެ. އަޅުގަނޑުމެނާއި އެކު ﷲ ސުބުޙާނަހޫ ވަތަޢަލާ އަބަދުވެސް ވޮޑިގެންވެއެވެ. އަޅުގަނޑުމެންގެ ޙާލަތު އެންމެ ރަނގަޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. މުޙައްމަދު صلى الله عليه وسلم އަށް ބޭނުންވި ލޯބި ޚަދީޖަތުގެފާނު މެދުވެރި ކުރައްވައި، އެކަލޭގެފާނަށް ދެއްވީ ﷲ ސުބުޙާނަހޫ ވަތަޢަލާއެވެ. ޚަދީޖަތުގެފާނު އަވަހާރަވިއެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢަލާއީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.

އިންސާނާ އޭނާގެ ވެރިއިލާހަށް ވަކީލުކުރުން ޙައްޤުވެގެންވާ ގޮތަށް ވަކީލުކުރުމުން، އޭނާ ހީވެސްނުކުރާހާ ގޮތްގޮތަށް އެކަލާނގެ ރިޒުޤު ތަނަވަސްކޮށްދެއްވައެވެ. ޝިރުކާއި ދުނިޔަވީ ހުރިހާ ޒީނަތެއް ދޫކުރައްވައި މުޙައްމަދު صلى الله عليه وسلم އިޚްތިޔާރު ކުރެއްވީ ތައުޙީދުގެ މަގެވެ. އެކަލޭގެފާނު ހުންނެވީ ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައެވެ. އެންމެ ރިވެތި އަޚްލާޤުގެ މަތީގައި ދެމިހުންނެވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވި ދަނޑިވަޅުގައި ﷲ ސުބުޙާނަހޫ ވަތަޢަލާ އެކަންތައް ފަހިކޮށްދެއްވިއެވެ. އެހެންކަމުން އަޅުގަނޑުމެން މުޙައްމަދު صلى الله عليه وسلم ގެ ސުންނަތަށް ތަބައުވެއްޖެނަމަ، މާތް ﷲ އަޅުގަނޑުމެންގެ އެންމެހާއި ކަންތައްތައް ފުރިހަމަ ކޮށްދެއްވާނެކަމީ ޝައްކެތްވެސް ނެތްކަމެކެވެ. އަދި އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި ރަނގަޅުގޮތް ދެނެވޮޑިގެންވާ ހަމައެކެނި ފަރާތަކީ އެކަލާނގެއެވެ. ޤާފު ސޫރަތުގެ 16 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ."

އަދިވެސް، ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

"ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ..."

އެހެންކަމުން، އަޅުގަނޑުމެންގެ ވެރި އިލާހަކީ ކޮން ފަރާތެއްކަން ދެނެގަންނަން ޖެހެއެވެ. އެކަލާނގެއަށް ނިސްބަތްވާ އެންމެހައި ސިފަފުޅުތައް ދިރާސާކުރުން ހުއްޓެވެ. ތިބާއާއި އެކަލާނގެއާއި ދެމެދު ވަރުގަދަ ގުޅުމެއް ބޭއްވުމަށް އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރަންވާނެއެވެ. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނޭ ފަދައިން ދުނިޔޭގެ އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ބަރޯސާއެއް ނުވެވޭނެއެވެ. އެހުރިހާ އެއްޗިއްސަކީ މިފަނާވަނިވި ދުނިޔޭގައިވާ ވަގުތީ އެއްޗިއްސެވެ.

ﷲ ސުބުޙާނަހޫ ވަތަޢަލާ ތިބާދެކެ ނުހަނު ލޯބިވެވޮޑިގެންވެއެވެ. އެކަލާނގެ އިމްތިޙާން ޖައްސަވަނީ އެކަލާނގެ ލޯބިވާ އަޅުތަކުންނަށެވެ. އިންސާނާ ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ފެށުމުން، ކަލަކު ވާކަން ހަނދާންނެތި ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިގެންދަނީ މަދު ފަހަރަކުނޫނެވެ. ނަމަވެސް އިމްތިޙާންތައް ޖެއްސެވުމުން އިންސާނާގެ ހަޤީޤީ ފެންވަރު އިޙްސާސްކުރެވި މާތް ﷲ ޙަޟްރަތަށް އަވަސްގަންނަން ފުރުޞަތު ލިބެއެވެ.

އަޚާއެވެ. ހިނިތުންވެލާށެވެ. އަންނަނިވި އާޔަތް ނުފުދޭތޯއެވެ.

"ކެތްތެރިވެ، ޞާލިޙް ޢަމަލުތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުއްޓެވެ." (11:11)
ދުނިޔެއަކީ އިމްތިޙާނު ހޯލެއްކަމުން، ދަތި އުނދަގޫ ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. އެފަދަ ދަނޑިވަޅުތަކުގައި ކެތްތެރިވެ ދީނުގައި ސާބިތުވުމަށް ނަސޭޙަތްތެރިވަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢަލާ ތިބާދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް ފަރާތަކަށް ލޯތްބެއް ނުވެވޭނެއެވެ. އެހެންކަމުން އެއްވެސް މީހަކުދެކެ ލޯބިނުވާ ވަރަށް އެކަލާނގެ ދެކެ ލޯބިވާންޖެހެއެވެ. ހަމަ އެގޮތަށް އިތުބާރުވެސް ކުރަންވާނެއެވެ.

އިންސާނުންގެ މެދުގައި އިޚްލާސްތެރި ލޯތްބެއް އުފެދިދާނެކަން ދަންނަންވާނެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި އުއްމުލް މުއުމިނީން ޚަދީޖާތުގެފާނު އުޅުނުފަދަ ލޯބީގެ ޙަޔާތެއް ލިބިދާނެއެވެ. އެ ލޯބި ވާންޖެހޭނީ ހަމައެކެނި މާތް ﷲ އަށްޓަކައި ވެވޭ ލޯތްބަކަށެވެ. އެހެނީ އަޅުގަނޑުމެން ލޯބިވާން ޖެހޭނީ އަދި ނަފްރަތުވެސް ކުރަން ޖެހޭނީ ހަމައެކަނި އެކަލާނގެ އަށްޓަކައެވެ.
މީސްތަކުންގެ ލޯބި ހޯދުމަށް ﷲ ސުބުޙާނަހޫ ވަތަޢަލާ ނުރުއްސަވާ ކަމެއް ނުކުރާށެވެ. އަދި މީސްތަކުން ކިތަންމެ ނުރުހުނަސް ﷲ ސުބުޙާނަހޫ ވަތަޢަލާ ލޯބިވެވޮޑިގެންވާކަންތައްތައް ކުރުމުގަ ދެމިހުންނާށެވެ. އެހެނީ އެކަލާނގެ ރުއްސެވުން ލިބިއްޖެ މީހަކަށް ހިތާމައެއް އަދި ހިތްދަތިކަމެއްނެތެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *