ދީނީ ލިޔުންދީން

އަވަސްކަޅިއަކުން ‘ވެލަންޓައިންސް ޑޭ’

ލިޔުއްވީ: އަބްދުﷲ ފާރޫޤް ހަސަން

ފަސްމަންޒަރު

މީލާދީން ދެވަނަ ސައްތައިގައި ރޯމްގައި އޮތީ ކްލައުޑިއުސް ދޭއް (Claudius II) ގެ ވެރިކަމެވެ. އެރަސްގެފާނަކީ ހަނގުރާމަކުރައްވާން ވަރަށް ވަރުހުންނަ ރަސްކަލެކެވެ. ކަލައުޑިއުސް ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައި އަވަށްޓެރި ޤައުމުތަކަށް ހަމަލަ ދެއްވާންފެއްޓެވިއެވެ. ހަނގުރާމަތައް ހައްތާދިޔައީ ދިގުލަމުންނެވެ. ސިފައިންތައް މަރުވަމުންދާ ވަރަކަށް އަލަށް ސިފައިންގެތެރެއަށް މީހުންވައްދާން ބޭނުންވެއެވެ.

އެދުވަސްވަރު ރޯމުގެ ޒުވާނުންގެ މެދުގައި ކުޅިވަރާއި މަޖަލުގެ ފޯރި ގަދަވިއެވެ. ޢައްޔާޝީކަމުގެ ރޯގާ ފެތުރުނެވެ. އެހެންކަމުން ޒުވާނުން ސިފައިންގެ ތެރެއަށް ވަންނާން ފަސްޖެހެން ފެށިއެވެ. ޚާއްޞަކޮށް ހަނގުރާމައަށް ފިލަން ފެށިއެވެ. ޒުވާނުން ސިފައިންގެ ތެރެއަށް ވެއްދެވުމަށްޓަކައި ކްލައުޑިއުސް ވަރަށް އާދަޔާޚިލާފު ތަދުބީރެއް ކުރެއްވިއެވެ. އޭނާ ހުއްސަރިބައި ފިރިހެނުން ކާވެނި ކުރުން މަނާ ކުރެއްވިއެވެ. ރަސްގެފާނު ވިދާޅުވި ގޮތުގައި މީހުނާ ނީނދެތިބޭ ފިރިހެނުން މާ ސާބިތުކަމާއެކު ހަނގުރާމައިގައި ހިތްވަރުކުރެއެވެ. އޭނާ ހަމަޖެއްސެވީ ސިފައިންގެތެރެއަށް ވަދެ ހަނގުރާމައިގައި ބައިވެރވުމަށްފަހު އެނބުރިއަންނަ މީހުންނަށް މެނުވީ ކާވެނިކުރުމުގެ ހުއްދަ ނުދެއްވުމަށެވެ. ޝައްކެއްނެތްގޮތުގައި މިއީ ވަރަށް އަނިޔާވެރި ގަވާއިދެކެވެ.

އެދުވަސްވަރު ރޯމުގެ ކެތަލިކް ޗާޗުގައި ވެލަންޓައިންސް (Valentines) ނަމަކަށް ކިޔުނު ފާދިރީއެއް އުޅުނެވެ. އޭނާ ރަސްގެފާނުގެ މިނިންމެވުމާ ދެކޮޅަށް ބަޣާވަތުގެ ދިދަ އުފުލަން ޤަޞްދުކުރިއެވެ. އޭނާ ރޭގަނޑު ސިއްރު ސިއްރުން ރޯމުގެ ޒުވާނުން އެއްކޮށް އެބައިމީހުނަށް ކާވެނިކޮށްދޭން ފެށިއެވެ. ކްލައުޑިއުސްގެ ސިއްރު ފުލުހުން ސެންޓް ވެލަންޓައިންސްގެ ޙަރަކާތުގެ ޚަބަރު ރަސްގެފާނަށް ދެންނެވިއެވެ.

ރަސްގެފާނު ފުލުހުންނަށް އަމުރުކުރައްވައިގެން ވެލަންޓައިންސް އޭނާގެ ގަވާއިދާ ޚިލާފު މަސައްކަތް ހިންގަމުން ގެންދަނިކޮށް ވަގުތުން ހައްޔަރުކުރިއެވެ. އޭނާ ޖަލުގައި ބަންދުކުރެވުނެވެ.

ސެންޓް ވެލަންޓައިންސް ކޮންމެ އާދިއްތަ ދުވަހަކު ޖަލުމީހުންނަށާއި، ޖަލުގެ މުވައްޒަފުންނަށް އަޅުކަންކޮށްދެއެވެ. މިދެންނެވި އަޅުކަމުގެ ތެރޭގައި ވެލަންޓައިންސަށް ޖޭލަރެއްގެ ލޯފަން އަންހެން ކުއްޖަކު ފެނުނެވެ. ވެލަންޓައިންސް އެކުއްޖާއާ ހިތާވިއެވެ. ވެލަންޓައިންސް އެކުއްޖާއަށް ލޯބީގެ ސިޓީ ލިޔާންފެށިއެވެ. އެކުއްޖާއަށް އެސިޓީތައް ކިޔައިދެނީ އެނާގެ ރަށްޓެހި އަންހެންކުއްޖެކެވެ.

މިމައްސަލަ ފަޅައި އަރައި ވެލަންޓައިންސްގެ މައްޗަށް އެކަމުގެ ސަރިޔަތް ހިންގިއެވެ. ވެލަންޓައިންސް އޭނާގެ ކުށަށް އިޢުތިރާފުވިއެވެ. ފަނޑިޔާރު ނިޔާކަނޑައެޅީ ވެލަންޓައިންސަށް މަރުގެ އަދަބު ދިނުމަށެވެ. ވެލަންޓައިންސް މަރުވުމުގެ ކުރިން ޖަލުގައި ދުނިޔޭގެ އެންމެ ފުރަތަމަ “ވެލަންޓައިންސް ދުވަސް” ފާހަގަކުރިއެވެ. އޭނާ ކަރުދާސް ކޮޅެއްގައި “ފުރޮމް ޔޯރ ވެލަންޓައިންސް” މިހެން ލިޔެފައި އޭނާގެ ލޯބިވެރިޔާއަށް ފޮނުވިއެވެ. އެއީ ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގެ އެންމެފަހު ދުވަހެވެ. އެރޭ ވެލަންޓައިންސަށް މަރުގެ އަދަބު ދީފިއެވެ. އެދުވަހަކީ 15 ފެބްރުއަރީ 207 އެވެ. ވިދިގެން އައި އަހަރު ރޯމުގެ ޒުވާނުން ވެލަންޓައިންސްގެ އަހަރުމަތި ދުވަހު “ވެލަންޓައިންސް ދުވަސް” ފާހަގަކުރިއެވެ.

ފެބްރުއަރީމަހުގެ ފަނަރަވަނަ ދުވަހު ވެލަންޓައިންސް ދުވަސް ފާހަގަކުރަނީ ކީއްވެތޯ މިސުވާލަށް މުއައްރިޚުން ވަނީ ޖަވާބު ދެއްވައިފައެވެ. މުއައްރިޚުން އެކަމުގެ ދެސަބަބެއް ފާހަގަކުރައްވައެވެ. ރޯމުގެ އަހްލުވެރީން އިހުއްސުރެ ފާހަގަކުރާ ގޮތުގައި ފެބްރުއަރީ މަހުގެ މެދުތެރެއަކީ ބަރަކާތްތެރި ދުވަސްވަރެކެވެ. ރޯމުގައި ފެބްރުއަރީ މަހުގެ ފަނަރަވަނަ ދުވަހާމެދު ބަލަނީ ފިނިމޫސުމާއި ހޫނު މޫސުމާ ދޭތެރޭގެ މެދުކަމުގައެވެ. އެމީހުން ބުނާ ގޮތުގައި އެދުވަހަކީ ދެމޫސުން ބައްދަލުވާ ދުވަހެވެ. ރޯމުގެ މީހުން ޚާއްޞަ ގޮތެއްގައި އެދުވަހު ގޭތެރެ ސާފުކުރެއެވެ. ލޮނާއި ގޮދަނުގެ ޚާއްޞަ ބާވަތެއް ކަމުގައިވާ “ސްޕްލިޓް” ގޭތެރެއަށް ބުރުއްސައެވެ. މީރުވަސް ދުވާ ބައްތިތައް ދިއްލައެވެ.

ރޯމަނުން ބުނާގޮތުގައި ފަނަރަ ފެބްރުއަރީއަކީ ދަނޑުވެރިކަމުގެ ކަލާނގެ “FAUNUS” ގެދުވަހެވެ. އެދުވަހު “FAUNUS” ގެ “މުޤައްދަސް” ހޮހަޅައިގެ ކައިރިޔަށް އެއްވެއެވެ. ފާދިރީން “ބަރަކާތްތެރި” ދުޢާތައް ކިޔައިދެއެވެ. އެއަށްފަހު ބަކަރިޔަކާއި ކުއްތާއެއް ޤުރުބާންކުރެއެވެ. ބަކަރި ޤުރުބާން ކުރަނީ މޫސުމުގެ ގޮވާން ރަނގަޅަށް ހެދި ގޮވާން ލިބުން އެދިއެވެ. ކުއްތާ ޤުރުބާންކުރަނީ ރޫޙާނީގޮތުން ތިމާމެންގެ މަޤާމު މަތިވެރިވުން އެދިއެވެ.

މިދެންނެވި ޤުރުބާންކޮށް ނިމުމުން ޒުވާން ފިރިހެންކުއްޖެއް ބަކަރީގެ ބޮލާއި ކުއްތާގެބޯ ތުނިތުނިކޮށް ފޮތިފޮތި ކުރެއެވެ. އެފޮތިތައް ފައްޗަކަށް އަމުނައި އެއެއްޗެހި އަނެއްކާވެސް ބަކަރީގެ ލެޔާއި ކުއްތާގެ ލޭގެތެރެއަށް ގަންބައެވެ. އެލެޔަށް ކިޔައިއުޅެނީ މުޤައްދަސް ލެއެވެ. ދެން އެފަތިތައް ހިފައިގެން ރަށުތެރެއާއި ދަނޑުތަކުގެ ތެރޭގައި ހިނގައެވެ. ރޯމުގެ އަންހެންވެރީން އެފަތިތައް އެބައިމީހުންގެ ގައިގައި ހާކައެވެ. ރޯމުގެ އަހްލުވެރީން ހީކުރާގޮތުގައި އެއްޗެހި ހިފައިގެން ރަށުތެރޭގައި ހިނގުމުން ރަށް ތިޔާގިވެއެވެ. ދަނޑުތަކުގައި ހިނގުމުން ދަނޑުތައް ރަނގަޅަށް ހެދި ގިނައިން ގޮވާން ލިބެއެވެ. އަންހެންވެރީންގެ ގައިގައި އެއްޗެހި ހޭކުމުން އެބައިމީހުންނަށް ޞިއްޙަތު ރަނގަޅު ހެޔޮލަފާ ދަރީން ލިބެއެވެ. އާދެ، މިއީ ރޫމީންގެ ޤަދީމީ ޢީދެކެވެ.

މުއައްރިޚުން ވިދާޅުވާގޮތުގައި ޒަމާނާއެކު މިއީދު ފާހަގަކުރުމަށް ބަދަލުތައް އަންނަމުން ދިޔައެވެ. ވެލަންޓައިންސްގެ ޙާދިޘާ މެދުވެރި ވަންދެން މިކަން މިގޮތަށް ބަދަލުވަމުން ހިނގަމުން އައެވެ. ވެލަންޓައިންސްގެ ޙާދިޘާއާ ހަމައިން މި ޢީދު ބަދަލުވެގެން ދިޔައީ “ވެލަންޓައިންސް ދުވަސް” ފާހަގަކުރުމަށެވެ.

ވެލަންޓައިންސްޑޭއާ ގުޅޭގޮތުން ވަރަށް މަޖާ އެހެން ކަމެއްގެ ވާހަކަވެސް ދެކެވެމުން އާދެއެވެ. އެވާހަކައިގައިވާ ގޮތުން ފެބްރުއަރީ މަހުގެ ފަނަވަރަ ދުވަހަކީ ހުރިހާ ދޫނިސޫފާސޫފީގެ ޖިންސީގުޅުމުގެ މޫސުން ފެށޭދުވަހެވެ. އެއީ އަންހެންދޫންޏާއި ފިރިހެންދޫނި “ބައްދަލުކުރާ” ދުވަހެވެ. ދޫނިތައް ބިސްއަޅާ ދުވަހެވެ. ބިސް އެޅުމަށްފަހު އަންހެންދޫނި ބިސްހާލިމަތީގައި ބިސްފީކުރަން އޮވެއެވެ. އެދުވަސްވަރަށް އިނގިރޭސިބަހުން ނަންދީފައިވަނީ “މީޓިންގ ސީޒަން” ގެނަމުންނެވެ. ސީދާ މިދުވަސްވަރާ ދިމާކޮށް ވެލަންޓައިންސް ދުވަސް ފާހަގަކުރާ އެއްސަބަބަކީ މިއީއެވެ. މުއައްރިޚުން ލިޔުއްވައިފައިވެއެވެ. “ވެލަންޓައިންސް ބުނެފައިވެއެވެ. ދޫނިސޫފާސޫފި އެކަތި އަނެކައްޗާ ބައްދަލުކުރާ މޫސުމުގައި އިންސާނުން އެކަކު އަނެކަކާ ދުރުގައި ތިބޭންވީ ކީއްކުރާން ހެއްޔެވެ؟” ވެލަންޓައިންސް ރޯމުގެ ޒުވާނުންނަށް އެދުވަސްވަރު ކާވެނިކޮށްދޭންފެށީ އެހެންވެގެންނެވެ.

ވެލަންޓައިންސްޑޭ ފާހަގަކުރާން ފެށުން

ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން އެންމެ ފުރަތަމަ ވެލަންޓައިންސް ދުވަސް ފާހަގަކުރެވިފައިވަނީ މީލާދީން 207 ވަނަ އަހަރުއެވެ. ނަމަވެސް އެކަން މާބޮޑަކަށް އާލާވާގޮތެއް ނުވެއެވެ. މީލާދީން 1414 ގައި “އެންގްކޯޓް” ގައި ހިނގި ހަނގުރާމައިގައި ޑިޔުކް އޮފް އާނީޒްގެ އަނބިކަނބަލުން ހައްޔަރުވެ ވަޑައިގެންނެވިއެވެ. އެކަމަނާ ބަންދުކުރެވުނީ ޓަވަރ އޮފް ލަންޑަންގައެވެ. 1415 ވަނަ އަހަރުގެ ފެބްރުއަރީގައި ވެލަންޓައިންސް ދުވަހާ ގުޅުއްވައިގެން ޑިޔުކް އޭނާގެ އަނބިކަނބަލުންނަށް ޅެމެއް ހެއްދެވިއެވެ. އެޅެން ކާޑެއްގައި ލިޔުއްވައިފައި ޓަވަރ އޮފް ލަންޑަނަށް ފޮނުއްވިއެވެ. މިއީ ވެލަންޓައިންސްޑޭގެ މުނާސަބާގައި ދުނިޔޭގައި އެންމެ ފުރަތަމަ ފޮނުވުނު ކާޑެވެ.

އެޙާދިޘާއަށްފަހު އިނގިރޭސިވިލާތުގެ ރަސްގެފާނު އެޑްވަޑު ހައެއް އިސްވެދެންނެވި ޅެމަށް މިއުޒިކު ތައްޔާރުކުރުއްވިއެވެ. ރަސްގެފާނުގެ އަމުރުފުޅަށް އެލަވަޔަށް މިޔުޒިކު ތައްޔާރުކުރީ އިނގިރޭސިވިލާތުގެ މިޔުޒީޝަނެއް ކަމުގައިވާ ޖޯން ލެޑްގޭޓެވެ. އާދެ، އެއީ ވެލަންޓައިންސްޑޭގެ ލަވައެވެ.

ވެލަންޓައިންސްޑޭގެ މުނާސަބާގައި ކާޑު ބައްސަވާން ފެއްޓެވީ އިނގިރޭސި ރާނީ ވިކްޓޯރިޔާއެވެ. އެކަމަނާ ވެލަންޓައިންސްޑޭގެ މުނާސަބާގައި ވަރަށް އަގުބޮޑު ސަތޭކަ ކާޑު ތައްޔާރުކުރައްވައެވެ. ކާޑުތަކުގައި ހުވަނދުލައްވައެވެ. ކޮންމެ ފެބްރުއަރީ މަހެއްގެ ދެވަނަ ހަފުތާގެ އެންމެފަހު ދުވަހު އެކަމަނާގެ ގާތްތިމާގެފުޅު ބޭފުޅުންނަށާއި، ޚާއްޞަ ރަހްމަތްތެރީންނަށް އެކާޑުތައް ބައްސަވައެވެ. ރާނީއަށް ތަބާވެވަޑައިގަތުމުގެ ގޮތުން ސަރުކާރުގެ އެހެނިހެން ދަރަޖަވެރީންވެސް ކާޑު ހައްދަވައި ކާޑު ފޮނުއްވާން ފެއްޓެވިއެވެ. ވެލަންޓައިންސް ދުވަހުގެ ކާޑު ފޮނުވުމުގެ ފަސްމަންޒަކީ މިއީއެވެ.

ރަތްފިނިފެންމާ ބޭނުންކުރުން

ޔޫރަޕްގައި ރަތްފިނިފެންމަލާމެދު ދެކެނީ ލޯބީގެ ނިޝާނެއް ކަމުގައެވެ. ޔޫރަޕްގައި ޒުވާން ފިރިހެންކުއްޖަކު ޒުވާން އަންހެންކުއްޖަކަށް ލޯބި ހުށަހަޅާން ބޭނުންވެއްޖެނަމަ އެކުއްޖަކަށް ރަތްފިނިފެންމަލެއް ހަދިޔާކުރެއެވެ. އަންހެންކުއްޖާ އެމާ ޤަބޫލުކޮށްފިނަމަ އެދެކުދީންގެ މެދުގައި ލޯބީގެ ގުޅުން އުފެދެއެވެ. އެހެންކަމުން ޔޫރަޕްގައި މަލުގެވިޔަފާރި އާއްމުވިއެވެ. މަލަކީ ޔޫރަޕްގައި ވަރަށް ހިނގާ ވިޔަފާރިއެކެވެ. ހަމައެކަނި އިނގިރޭސިވިލާތުގައި މާވިއްކާ އެކެއްޕޮއިންޓްދޭއް މިލިޔަން ފިހާރަ ހުންނަކަމަށްވެއެވެ. އެފިހާރަތަކަށް ބޭނުންވާ މާއެތެރެކުރާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ކެންޔާއާއި، ހޮލެންޑާއި އިސްރާއީލެވެ. އެންމެ ގިނަމާ އެތެރެކުރަނީ ހޮލެންޑުންނެވެ. ދެވަނައަށް އަންނަނީ އިސްރާއީލެވެ. އިސްރާއީލުގައި ފިނިފެންމާ ހައްދަނީ ފަލަސްޠީނުގެ މުސްލިމުންގެ މަހާނަތަކުގެ މަތީގައި މުސްލިމުންގެ ލެއިން ފެންދީގެންނޭ ދެންނެވުމަކީ ޙަޤީޤަތާ މާބޮޑަށް ދުރަށްދިއުމެއް ނޫނެވެ. މަލުގެ ވިޔަފާރީގައި ތިންވަނައިގައި އުޅެނީ ކެންޔާއެވެ. ކޮންމެ އަހަރަކު ހޮލެންޑުން ބާރަބިލިޔަން ޑޮލަރުގެމާ އިސްރާއީލުން ނުވަބިލިޔަން ޑޮލަރުގެމާ ކެންޔާއިން ހަބިލިޔަން ޑޮލަރުގެމާ އެތެރެކުރެއެވެ.

މާމެލާމެލި ވިޔަފާރި މުދަލަކަށް ވުމާއެކު ބޮޑެތި ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތައް އެވިޔަފާރީގެ ތެރެއަށް ވަދެއްޖެއެވެ. ވިހިވަނަ ސައްތައަށް ފެށުމާއެކު އެކުންފުނިތަކުން މަލުގެ ވިޔަފާރި އިޝްތިހާރުކުރާން ފަށައިފިއެވެ. ޔޫރަޕްގެ ނޫސްތަކާއި، ރޭޑިޔޯއާއި ޓެލެވިޜަނާއި، ސައިންބޯޑުތަކާއި، ޕޯސްޓަރުތަކުން މާމެލާމެއްޔަށް ޘަޤާފަތެއްގެ މަޤާމު ހޯދައިދިނެވެ. ވެލަންޓައިންސް ދުވަހަކީ މަލުގެ ވިޔަފާރިއަށް ވަރަށް ކަމުދާކަހަލަ ދުވަހަކަށް ވިއެވެ. ރަނުގެ ފުރުސަތަކަށް ވިއެވެ. އެހެންކަމުން ޔޫރަޕްގައި ރަތްފިނިފެންމަލާއި، ކާޑާއި ވެލަންޓައިންސް ދުވަސް އީދެއްގެ މަގާމު ހޯދިއެވެ. ކޮންމެ ވެލަންޓައިންސް ދުވަހެއްގައި ޔޫރަޕްގައި އެތަކެއް މިލިޔަން ޑޮލަރުގެ ރަތްފިނިފެންމަލާއި، އެތަކެއް މިލިޔަންޑޮލަރެއްގެ ކާޑު ވިކެއެވެ. އާދެ، މިއީ ވަރަށް މަންފާހުރި ވިޔަފާރިއެކެވެ.

އިސްލާމީ މުޖްތަމަޢާ ދެކޮޅަށްރޭވޭ ރޭވުމެއް

ކްރިސްމަސް ފާހަގަކުރުމާއި، ނިއުއިޔަރ ފާހަގަކުރުމާއި، ވެލަންޓައިންސްޑޭ ފާހަގަކުރުމަކީ އިސްލާމީ މުޖްތަމައުތައް ވެސްޓަނައިޒް ކުރުމަށްޓަކައި އެމުޖްތަމައުތަކަށް ތަޢާރުފުކޮށްދެވެމުންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިކަންކަމަކީ އަޅުގަނޑުމެންނަށް ނޭނގިތިބެ ޔޫރަޕްވެވުމުގެ ވަސީލަތްތަކަކަށް ވުމާއެކު އަޅުގަނޑުމެންނަކަށް މިކަންކަމުގެ އަޑިޔާ ހަމަޔަކަށް ވިސްނުމެއް ނުފޯރުވެވެއެވެ.

އަޅުގަނޑުމެންގެ ތެރެއިން މިބާވަތުގެ ވެސްޓަނައިޒް ކުރުމުގެ ހަރަކާތްތައް ކޮޕީކުރާ މީހުން ވިސްނައިލުން ރަނގަޅު އިރުޝާދެއް އޮވެއެވެ. ޤައުމެއްގެ މީހުން ކޮޕީކޮށް އެބައިމީހުން ކުރާ ކަންތައްތައް ކޮށް، އެބައިމީހުން އުޅޭގޮތަށް އުޅެ، އެބައިމީހުންނާ އެއްސިފަވެގެންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. މިއީ މުސްލިމުންނަށް ދުރާލައި ހަނދާންކޮށްދެވިފައިވާ ގޮތެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ހެޔޮ ވިސްނިވަޑައިގަންނަވާ ބައެއް ފަރާތްތަކުން ވެސް މިބާވަތުގެ ކަންކަމާމެދު ދެކެވަޑައިގަންނަވަނީ ވަރަށް ލުއިލުއި ގޮތަކަށެވެ. ނިއުއިޔަރ ފާހަގަކުރުމާ ބެހޭގޮތުން އަޅުގަނޑު ލިޔުނު ލިޔުމަކާ ބެހޭގޮތުން އަޅުގަނޑުގެ ވަރަށް ގާތްމީހަކު ބުނެލިއެވެ. އެއީ އެހާވަރުގެ ކަމެއްހެއްޔެވެ؟ އެއީ “ގެޓް ޓުގެދަރ” އެއް ނޫން ހެއްޔެވެ؟ ގާތްމީހުން އެކުވެރިކަމާއެކު ބައްދަލުކޮށްލުމެއް ނޫންހެއްޔެވެ؟

އަޅުގަނޑުގެ ހިތަށް އެރިއެވެ. އަޅުގަނޑުމެން މުސްލިމުންނަށް އަޅުގަނޑުމެންގެ ދީނުގެ ދާއިރާއިން ވެސްވަނީ ގާތްމީހުނާ ބައްދަލުވުމާއި، އެކަކު އަނެކެއްގެ ހާލު އެނގުމާއި، ޤައުމާއި ދީނުގެ ކަންކަމުގައި މަޝްވަރާކުރުމުގެ ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެފައެވެ. މުސްލިމުންނަކީ މެހްމާނުންނަށް ކަމޭހިތާ ބައެކެވެ. މެހްމާންދާރީ އަދާކުރާ ބައެކެވެ. އިސްލާމްދީނަކީ އެކަމަށް ގޮވާލާ ދީނެކެވެ. އެހެންކަމުން އެގޮތުގެ މަތީން ބައްދަލުވެ އެކުވެރިކަން ބަދަހިކުރެވިދާނެއެވެ. ގާތްތިމާގެ މީހުންނަށާއި، ރަހްމަތްތެރީންނަށް ދޭތެރެދޭތެރެއިން ގޮވައިލުންތައް ބޭއްވިދާނެއެވެ. ޒިޔާރަތް ކުރެވިދާނެއެވެ.

އެއްހިސާބު ގަނޑެއްގައި އުޅޭ އަވަށްޓެރީންނަށް ފަސްވަގުތު މިސްކިތުން ބައްދަލުވެވިދާނެއެވެ. އެއަށްވުރެ ފުޅާދާއިރާއެއްގައި އަވަށު ފެންވަރުގައްޔާއި ރަށުފެންވަރުގައި ހުކުރުނަމާދާއި، ޢީދުނަމާދުގެ އެއްވުމުގެ ތެރެއިން ބައްދަލުކޮށް ހާލު އަހްވާލު އޮޅުން ފިލުވައި ހެދިދާނެއެވެ. ހައްޖުގެ ބައިނަލްއަޤްވާމީ މުޢުތަމަރުގެ ތެރެއިން މުޅި އުންމަތުގެ ޚަބަރުދަބަރު ބަލައި މަޝްވަރާކޮށް ދުރުމުސްތަޤްބަލަށް ކަންކަން ރޭވިދާނެއެވެ. އެހެންވީއިރު އަޅުގަނޑުމެން ކްރިސްމަހަށާއި، ނިއުއިޔަރއަށް އިންތިޒާރުކުރާންވީ ކީއްވެގެންހެއްޔެވެ؟

އެހެންނަކުން ނޫނެވެ. ވަރަށްބޮޑު ޙަޤީޤަތެކެވެ. ޝައިޠާނާވަނީ އިސްމާލީކަރަކަރައާއި، މުސްލިމް ރާއްޖެ ތަކުގައި އޭނާއަށް ފާޅުގައި އަޅުކަންވެވުމާމެދު އުންމީދު ކަނޑައިލައިފައެވެ. އޭނާގެ އުންމީދުތައް ގުޅިފައިވަނީ އަޅުގަނޑުމެން މާބޮޑެތި ކަންތައްތަކެއް ކަމުގައި ނުދެކޭ ކަންތައްތަކުގެ ތެރެއިން އޭނާއަށް ތަބާވަމުން ގޮސް މަގުފުރެދިގެން ދިޔުމަށެވެ.

ތަންކޮޅެއްކުރިއްސުރެ އަޅުގަނޑުމެންގެ ތެރޭގައި މަދުމަދުން ނިއުއިޔަރ ފާހަގަކުރެވެމުން އައިކަމުގައި ވިޔަސް ވެލަންޓައިންސްޑޭ ފާހަގަކުރަން ފެށިގެން މިއުޅެނީ މީލާދީން ދެހާސްވަނަ އަހަރުގެ ފަހަށެވެ. މިލާދީން 2003 ގެކުރިން ވެލަންޓައިންސް ދުވަހުގެ ކާޑު ހޯދާން އުޅުނު މީހަކު މިރާއްޖެއިން ދުށް ހަނދާނެއް ނުވެއެވެ. އާދެ މިކަންތަކުގެ ފޯރިހިފީ ސޮވިއެޓް ޔުނިއަން ރޫޅި ސަގާފަތުގެ އަރައިރުމުގެ ނަމުގައި ހުޅަނގުން އިސްލާމީ ދުނިޔެއާ ދިމާކުރާންފެށި ފަހުންނެވެ. މިކަންކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ފަސްއެނބުރި ބަލައިލަންޖެހެނީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކަށެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދުނިޔޭގައިވަނީ ވަރަށް ބޮޑު ތިން ޙާދިޘާއެއް ހިނގައިފައެވެ. އެންމެ ފުރަތަމަކަމަކީ ސޮވިއެޓް ޔުނިއަން ރޫޅުމެވެ. އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ ނިމިގެން ދިޔުމެވެ. އެމެރިކާގެ ސްޓޭޓްތަކުގެ އިއްތިހާދު ދެމެހެއްޓުމަށްޓަކައި އެމެރިކާއަށް އަބަދުވެސް އެތާނގެ އާއްމުން ބިރުގަންނަވާން ދުޝްމިނަކު ދައްކައިފައި ބަހައްޓާން ޖެހެއެވެ. އެމެރިކާގެ ހަތިޔާރަށް ބާޒާރު ހޯދަން ބޭނުންވެއެވެ. ސޮވިއެޓް ޔުނިއަނަށްފަހު އެވަރުގެ ހަކަތައަކާއި ބުންވަރެއް ހުރި ކަމުގައި އެމެރިކާއަށް ފެނުނީ އިސްލާމީ އުންމަތުގައެވެ.

ދެވަނަކަމަކީ އެމެރިކާއިން ފެށި ގަލްފު ހަނގުރާމައެވެ. އެހަނގުރާމައިގައި އިސްލާމީ ޤައުމުތަކުގެ ވެރީން އެމެރިކާއާ އެއްކޮޅަށް ތިއްބެވި ކަމުގައި ވިޔަސް ހުރިހާ އިސްލާމީ ޤައުމުތަކެއްގެ ޢާއްމުރައްޔިތުން ތިބީ އެމެރިކާއާ ދެކޮޅަށެވެ. އިސްލާމީ ޤައުމުތަކުގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާތައް ހިނގަމުންދިޔައެވެ.

އަނެއް ޙާދިޘާއަކީ އަފްޣާނިސްތާނުގައި ޠާލިބާނުން އުފެއްދި ވެރިކަމެވެ. ޠާލިބާނުންވަނީ ހުޅަނގުގެ އެހީއަކާނުލައި ސަރުކާރެއް ހިންގައި އެމެރިކާއަކީ ކަލާނގެއެއްނޫންކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ. މިހުރިހާ ކަމަކާ ވިދިގެން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކަނޑައެޅީ އިސްލާމްދީނަށް ލޯބިކުރާ އެންމެންނަކީ އެބައިމީހުންގެ ދުޝްމިނުންކަމުގައެވެ. ހަމައެއާއެކު އެމެރިކާއަށާއި އެމެރިކާގެ ބައިވެރީންނަށް ޔަޤީންވީ އެބައިމީހުންނަށް އިސްލާމީ ޤައުމުތަކުގެ ބައެއްފާޑުގެ ލީޑަރުން ކޮންޓްރޯލް ކުރެވުނު ކަމުގައިވިޔަސް އިސްލާމީ ޤައުމުތަކުގެ އާއްމުންނެއް ނުއޮބެހެއްޓޭނެކަމެވެ. އެހެންކަމުން އެމެރިކާގެ ބައިވެރީން ރޭވީ އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ ތެރޭގައި ވެސްޓަނައިޒް ސިކުނޑިތަކެއްގެ ބަޔަކު އުފެއްދުމަށެވެ. އެފަދަބަޔަކު އުފައްދައިގެން އެދާއިރާ މަޑުމަޑުން ފުޅާކުރަމުންގޮސް އިސްލާމީ ގައުމުތަކުގެ އާބާދީގެ ނުވަދިހަ އިންސައްތަ ހުޅަނގުގެ ޘަޤާފީ އިސްތިޢުމާރުގައި ހައްޔަރު ކުރުމަށެވެ.

މިދެންނެވި މަޤްޞަދުގައި އެމެރިކާއިން ޚާއްޞަ ގޮތެއްގައި ތިން މަޝްރޫއެއް ރޭވިއެވެ. އޭގެތެރެއިން އެއްކަމަކީ ހުޅަނގުގެ ބާރުގަދަ މީޑިޔާގެ އެހީގައި މުސްލިމުން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކުރުމެވެ. ދެވަނަ ކަމަކީ ޠާލިބާނުންގެ ސަރުކާރު ވައްޓައިލުމެވެ. ތިންވަނަ ކަމަކީ އިސްލާމީ މުޖްތަމައުތަކުގައި ވެލަންޓައިންސްޑޭ ފާހަގަކުރުންފަދަ ޚުރާފާތުތައް ފަތުރައި ހުޅަނގުގެ ކުލައިން މުސްލިމުންގެ ގައިގައި ކުލަޖެއްސުމެވެ. ކޭބަލް ޓީވީއާއި ޕޮޕްމިޔުޒިކާއި، އޮރިޔާންކަމާއި، މަސްތުވާއެއްޗެއްސާއި، މިބާވަތުގެ އިސްލާމީ ޘަޤާފަތާ ނުގުޅޭ ކަންތައްތައް އިސްލާމީ ޤައުމުތަކުގެ ޒުވާނުންނަށް ތަޢާރުފް ކޮށްދީގެންނެވެ. ގްލޯބަލައިޒް ނުވަތަ ބަވަނަކުރުމުގެ ނަމުގައި އިސްލާމީ ޤައުމުތަކުގެ ޘަޤާފަތަށާއި، އިސްލާމީ އާދަކާދަތަކަށާއި، އިސްލާމީ އީދުތަކުގެ ތެރެއަށް ޒަހަރުލައިގެންނެވެ. މިކަންތައްގަނޑު ފެށިގެން ދުވަހެއް ދުވަހަކަށް ދުވެލިބާރުވަމުން މިދަނީ މިހިނގާ ދިހަވަރަކަށް ބާރަވަރަކަށް އަހަރުގެ ތެރޭގައެވެ. މުސްލިމް ޒުވާނުންގެ އަޚްލާޤިއްޔާތު މިހާރު މިދަނީ އުށްވިރޭ ފަދައިން ވިރެމުންނެވެ. އެމެރިކާއާއި އެބައިމީހުންގެ ބައިވެރީންނަށް ކަނޑިބަޑީން ނުކުރެވުނު ކަންތައް މިހާރު އެގެންދަނީ ކާޑާއި ރަތްފިނިފެންމަލުގެ ޒަރީޢާއިން ކުރަމުންނެވެ.

ވިސްނާވަޑައިގެން ބައްލަވާށެވެ. ގައުމުގެ އަޣުލަބިއްޔަތު ދުޝްމިނުންގެ ހެދުން އަޅައިގެން، ދުޝްމިނުންގެ ލަވަތަކަށް ފައިހަމަކުރަމުން، ދުޝްމިނުންގެ އީދުތަކާއި ރަސްމިއްޔާތުތައް ފާހަގަކުރަމުން، ދުޝްމިނުން ކައިއުޅޭ މަސްކަމުން، އެބައިމީހުން ބޮއިއުޅޭ ފުޅިބޮމުން، އެބައިމީހުން ކުރާގޮތަށް ކަކުލުހުޅުން ނުލަނބައި ޤަޟާޙާޖަތްކުރަމުން، އެބައިމީހުން ތާހިރުވާގޮތަށް ފެނާ ނުލައި ތާހިރުވަމުން ގެންދާނަމަ އެޤައުމެއް އެވަނީ ހަނގުރާމަ ފެށުމުގެކުރިން ބަލިޤަބޫލުކޮށްފައެވެ. މިއީ ދުނިޔެ ތަޖްރިބާ ކޮށްފައިވާ ޙަޤީޤަތެކެވެ.

ކަންމިހެންހުރިއިރު އަޅުގަނޑުމެން ވިސްނާލަންވީ އަޅުގަނޑުމެން ހުޅަނގުގެ ބޭކާރު ރަސްމުތަކާއި، ހިޔަނިތަކަށް މުޑިނަގާނީތޯ ނުވަތަ އެކަންކަމާ ދުރުހެލިވެ އިސްލާމީ ސާފުސާދާ ޘަޤާފަތުގައި ދެމިތިބެ ދީނަށް ފުރިހަމަޔަށް އަމަލުކުރާނީތޯ މިދެގޮތުންކުރެ ޚިޔާރުކުރާންވީ ގޮތަކާމެދުގައެވެ. ޝައްކެތްނެތެވެ. މުސްލިމުން ރުހުނަސް ނުރުހުނަސް މުސްލިމުންނަށްވަނީ ފިކުރީ، ޘަޤާފީ ހަނގުރާމައެއްގައި ހުޅަނގާ ކުރިމަތިލާންޖެހިފައެވެ. އެހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބީ ހޯދޭނީ ބޭރުން ގެނެވޭ ބޭރު ގޮތްތަކަށް ރޭރުނުވެ މުސްލިމުންގެ އަމިއްލަވަންތަކަންމަތީ ސާބިތުވެތިބެގެންނެވެ.

އަރަހުށި މާތްﷲ މުސްލިމުންނަށް ހެޔޮ ވިސްނުމާއި ހެޔޮ ތައުފީޤު ދެއްވާށިއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. got a lot of infors

Your email address will not be published. Required fields are marked *