ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 8 ( ފިރިހެނުންނަށް ޚާއްޞަ )

63. ތިބާގެ ދިރިއުޅުން ވީވަރަކުން އުފާވެރި، ހަމަޖެހޭ ދިރިއުޅުމަކަށް ހަދާށެވެ. ތިބާގެ އަމިއްލަ ދިރިއުޅުން އުފާވެރި ނޫން ނަމަ ތިބާ މަސައްކަތުން އެނބުރެ ގެއަށް އަންނަ ހިނދު ލިބޭހިތްހަމަޖެހުމާ އަރާމު އެތައްތަނެއް މަދުވެގެންދިއުމުގެ އިތުރުން ޖެހިގެން އަންނަދުވަހު މަސައްކަތަށް ނިކުތުމަށް ޝައުޤުވެރި ކަމެއްވެސް ނުހުންނާނެއެވެ. އަދި ދިރިއުޅުން މިހެންގޮސް އެމީހަކު ފުނޑުފުޑުވެގެންދާނެއެވެ.

64. ތިބާގެ އަނބިމީހާގެ އިހުސާސްތަކަށާއި އެދޭ އެދުންތަކަށް އިޙުތިރާމް ކުރާށެވެ. ކައިވެނީގެ ފުރަތަމަ ރޭ އަނބިމީހާއަށް ސަމާލުކަންދީ ލޯބިވީ ވަރަށް އަބަދުވެސް ލޯބިވާށެވެ. ލޯބި ދިނުމުގައި އޭނަ ހިތްއެދޭ ގޮތްމަތީ ދެމިހުންނާށެވެ. ލޯބިދިނުމުގައި އެކަނބުލޭގެ އެންމެ ހިތްއެދެނީ ކޮންގޮތެއް ކަމާއި އަބަދު މިލޯބި ދެމިހުންނާނީ ކޮންގޮތަކަށް ޢަމަލު ކޮށްގެންކަން އަހާ އެގޮތުގައި ދެމިހުންނާށެވެ.

65. އަނބިމީހާ ދެކެ ލޯބިވާކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އެވާހަކަ ބުނާށެވެ. އެކަމުން ދެމީހުންގެ ލޯބި ގަދަވެގެން ދިއުމުގެ އިތުރުން ލޯބިވާ ކަމަށް ބުނާ ޖުމްލައިގެ ސަބަބުން ގޭތެރޭގެ މާޙައުލަށް އުފާވެރިކަން ގެނެސްދޭނެއެވެ.

66. ބައިވެރިޔާގެ އުނިކަންތައްތަކާއި، ކުށްތަކާއި، ނެދެވޭސިފަތަކާއި، ސިއްރުތައް، ދެބަސްވާހިނދު ބަދަލު ހިމެއްގެގޮތަށް ބޭނުން ނުކުރާށެވެ. ހަމަނުޖެހުމާއި ދެބަސްވުން ތަކުގައި އެފަދަ ކަންކަމާމެދު ވާހަކަ ނުދައްކާށެވެ. އެއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. ހަޔާތުގެ ބައިވެރިޔާގެ ހުރި މިފަދަ ޢަަމަލު ތަކާމެދު ނުރަނގަޅު މަޤުޞަދެއްގައި މައިންބަފައިން ނުވަތަ ރަޙުމަތްތެރިން ގާތުވެސް ވާހަކަ ނުދައްކާށެވެ.

67. ދެމީހުންގެ ދިރުއުޅުމުގައި އެންމެ މުހިންމު ފަސްކަމެއް ދެމީހުންވެސް ނޯޓުކުރާށެވެ. މިސާލަކަށް އަޚުލާޤު ރަނގަޅުކަން، ގާތްކަން، ދެމަފިރިކަމުގެ ގުޅުން، ލޯބިވުމާއި، ހިތްވަރުދިނުމާއި، ތަޢުރީފު ކުރުން ހިމެނެއެވެ. އެއަށްފަހު އެކަންކަމުގެ ތެރެއިން އިސްކަން ދެވޭ ތަރުތީބަކުން ނަމްބަރު ޖެހުމަށްފަހު ބައިވެރިޔާއަށް ދޭށެވެ. މިހެން ހަދަނީ ތިބާގެ އަނބިމީހާ އެކަންކަމާމެދު ވިސްނާ އޭގައިވާފަދައިން ޢަމަލުކުރުމަށެވެ.

68. ތިބާއަށް އުނދަގޫފަދަކަމެއް އަނބިމީހާގެ ފަރާތުން ފާހަގަވެއްޖެނަމަ އެކަމަށް ސަމާލުކަންނުދީ ދޫކޮށްލުމުގެ ބަދަލުގައި ވަގުތުން، އޯގާތެރިކަމާއެކު، މުހިންމު ކަމަކާއި ވާހަކަދައްކަން ބޭނުންވާ ވާހަކަ ބުނާށެވެ. އަދި އެކަމާ މެދު ވާހަކަ ދައްކަން ބޭނުންވާ ވާހަކަވެސް ބުނުމާއެކު މީއެކަމަށް ރަނގަޅު ގަޑިއެއްތޯ ސުވާލުކޮށް އެކަމަށް އާނބަސް ލިބުމުން އިލްޒާމު އެޅުވުމަކާ ނުލައި ވާހަކަ ދައްކަން ފަށާށެވެ.

69. އަނބިމީހާ ދައްކާ ވާހަކައިގެ ނުބައި މާނަ އެއްގޮތަކަށްވެސް ނުނަގާށެވެ. އަނބިމީހާ ދެއްކިވާކަތަކުން މިވެނި އެވެނި ވާހަކައިގެ މަޤުޞަދަކީ ކޮބައިތޯ އަހާށެވެ. އެކަމުގެ ޙަޤީގަތް އެނގުމުން ތިބާއަށް ހަމަޖެހުން ލިބޭނެއެވެ.

70. ތިބާއަށް ހުސްވަގުތު ލިބޭނަމަ ގޭތެރޭގެ މަސައްކަތުގައި، ޚާއްޞަކޮށް އަނބިމީހާ ވަރުބަލިވެފައިވާ ނަމަ އެކަނބުލޭގެއަށް އެހީތެރިވެދޭށެވެ. އޭނަ ވަޒީފާއެއްގައި އުޅޭނަމަ ތިބާވެސް އެކަނބުލޭގެއަށް ގޭތެރޭގެ މަސައްކަތުވެސް އެހީތެރިވާންވާނެއެވެ. ތިބާފަދައިން އޭނަވެސް ވަރުބަލިވާނެއެވެ. ތިބާގެ އެހީތެރިކަން ލިބުމުން އެކަނބުލޭގެ ވަރަށް އުފާވާނެއެވެ. އަދި ތިބާއަށް އިންތިހާއަށް ޤަދަރުކުރާނެއެވެ.

71. ފިރިހެނުން ބޭނުންވާހާ ގޮތެއް ހިންގުމަށް އަނބިމީހާގެ މައްޗަށް އަމުރުވެރި ނުވާށެވެ. ޚާއްޞަކޮށް ގޭތެރޭގެ މުޢާމަލާތް ތަކުގައި އަނބިމީހާގެ ޚިޔާލަށް އިޙުތިރާމް ކުރާށެވެ. އަނބިން ދައްކާ ވާހަކަތައް އަޑުއެހުމުގެ ކުޅަދާނަކަން، ފިރިހެނުން ލިބިގަތުމީ ކޮންމެހެން މުހިންމު ކަމެކެވެ. މިކަމަށް އާދަވެއްޖެނަމަ ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް ރަނގަޅު ބަދަލުތަކެއް އަންނަތަން ފެނިގެންދާނެއެވެ. އަނބިމީހާގެ ވާހަކަތައް އަޑުއަހާ މީހަކަށް ތިބާވެއްޖެނަމަ އަނބިމީހާގެ ނަޒަރުގައި ތިބާއީ ވަރަށް ލޯބިވާ މީހަކަށް ވެގެންދާނެއެވެ. އަދި އަނބިމީހާގެ ވާހަކަތަކަށް ސަމާލުކަން ދިންވަރަކަށް އޭނަގެ ހަޔާތުގައި ތިބާއަށްދޭ އަހައްމިއްޔަތުކަން ބޮޑުވެގެން ދާނެއެވެ.

( ނުނިމޭ )

ނޯޓް: މިލިޔުންތަކުގައިވާ ފަރިތަކުރުންތަކަކީ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ނަފުސާނީގޮތުން އެހީތެރިވެދޭނެ ކަންތައްތަކެވެ. އެފަރިތަކުރުންތައް ފުރިހަމަކޮށްލުމުން އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މިމުޅި އާޓިކަލް ބިނާވެފައިމިވަނީ ދެމަރިންގެ ދެމެދުގައި އޮންނަގޮޅުން ފުރިހަމަގޮތުގައި ދެމެހެއްޓުމަށްޓައި ނަފުސާނީގޮތުން އެހީތެރިވެދޭނެ ރަނގަޅު ކަންތައްތަކެއްގެ މައްޗަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *