އަޅުގަނޑުގެ 5އަހަރުގެ ދަރިފުޅު އަޅުގަނޑާއި ތާއަބަދު ކުރާ ސުވާލެކެވެ. މަންމާއެވެ. މަންމަ އެންމެ ލޯބިވަނީ ކޮން ކުއްޖެއް ދެކެހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ މިމަންމަގެ ތިންކުދިން އެބަތިއްބެވެ. ދަރިފުޅުގެ ސުވާލުގެ ޖަވާބަކަށް މަންމަ އެންމެ ލޯބިވަނީ ދަރިފުޅުދެކެއޭ ބުނެފިނަމަ އެކުރެވެނީ ދަރިފުޅުގެ ބޭބެއަށާއި ކޮއްކޮއަށް ބުނެވޭ ދެރަބަހަކަށް ވެދާނެ ނޫންހެއްޔެވެ؟
ދަރިފުޅާއެވެ. ދަރިފުޅުގެ އެކުޑަ ކުޑަ ސުވާލުގެ ޖަވާބު ވަރަށް ބޮޑެވެ. ވަރަށް ދިގެވެ. އަޑުއަހާށެވެ. ދަރިފުޅާއެވެ. މަންމަ އެންމެ ލޯބިވަނީ ދަރިފުޅުމެންގެ ތެރެއިން ކުއްޖަކު ބަލިވެއްޖެނަމަ އެކުއްޖަކު ބަލިން ރަނގަޅުވެ ޝިފާ ލިބިންދެން އެކުއްޖެއްދެކެއެވެ. ދަރިފުޅުމެންގެ ތެރެއިން ކުއްޖަކަށް ދެރަވެ ރޮވޭނަމަ އެކުއްޖަކު މަސަލަސްވަންދެން އެކުއްޖެއް ދެކެއެވެ. ކަމަކާއި ހިތްހަމަ ނުޖެހި ހުރި ނަމަ އެކުއްޖެއްގެ ހިތް ހަމަ ޖެހެންދެން އެކުއްޖެއް ދެކެއެވެ.
ދަރިފުޅުމެންގެ ތެރެއިން ކުއްޖަކު މަންމައާއި ދުރުގައި ވާނަމަ އެނބުރި މަންމަ ކައިރިއަށް އަންނަންދެން އެކުއްޖެއްދެކެއެވެ. ދަރިފުޅާއެވެ. މިއީ މަންމައެވެ. މަންމަގެ ހިތުގައި ތިޔަ ތިންކުދިންނަށްވެސް ހަމަހަމަ ކަމާއި އެކުލޯބިވެއެވެ. މަންމަ މަންމައަށް ވަނީ އެހެންވެއެވެ.
ﷲތަޢާލާ މައިން ދަރިނަށްޓަކައި ޙާއްސަކުރަށްވައިފައިވަނީ އެހެންވެއެވެ. މަންމަގެ ހަށިގަނޑުގެ ތެރޭގައި ދަރިފުޅު ލައްވައި، ހެދިބޮޑުވުމުގެ އެއްމަރުޙަލާއިން އަނެއް މަރުޙަލާއިން ދަރިފުޅު ފުރިހަމަ އިންސާނަކަށް ހެއްދެވި އިލާހަށް ދަރިފުޅުގެ މަންމަގެ ހިތުގައި ދަރިފުޅުމެން ތިން ކުދިންނަށްޓަކައި ހަމަހަމަކަމާއި އެކު ލޯތްބާއި ހަނާނަތު ލައްވަން ކުޅަދުން ވަންތަ ނުވާނެހެއްޔެވެ؟
ދަރިފުޅާއެވެ. މަންމަގެ ހުރިހާ ކުދިންދެކެވެސް މަންމަ ވަރަށްލޯބިވެއެވެ. މަންމަ އެންމެ ލޯބިވަނީ ދަރިފުޅު ދެކެއެވެ. މަންމަ އެންމެ ލޯބިވަނީ ދަރިފުޅުގެ ބޭބެދެކެއެވެ. ދަރިފުޅާއެވެ. މަންމަ އެންމެ ލޯބިވަނީ ދަރިފުޅުގެ ކޮއްކޮދެކެއެވެ. އެހެންވަނީ މިއީ މަންމަވީތީއެވެ.
ދަރިފުޅާއެވެ. މަންމަ ލޯބިވާ މިންވަރާއި މެދު ސުވާލު އުފައްދާ ފަދައިން ދަރިފުޅު ހެއްދެވި ފަރާތުގެ ލޯތްބާއި މެދުވެސް އުފައްދާށެވެ. އެއިލާހު އެންމެ ލޯބިވެވޮޑިގަންނަވާނެ އަޅުންގެ ތެރޭގައި ވުމަށް މަސައްކަތް ކުރާށެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރާށެވެ. ހެޔޮޢަމަލުތަށް ގިނަ ކުރާށެވެ. ހެޔޮލަފާ މީހުންނާއި އެކު އުޅުމަށް ލޯބިކުރާށެވެ. މަންމަގެ ލޯތްބާއި ހެއްދެވި ފަރާތުގެ ލޯބި ޔަޤީން ކަމާއި އެކު ދަރިފުޅަށް ލިބޭނެއެވެ.
















ޚިޔާލު