ކޮލަމިސްޓްދީނީ ލިޔުން

ފޮތް ތަޢާރަފު: "ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވި ގޮތް"

ފޮތުގެ ތަޢާރަފު:

މިއީ ރަސޫލާ صلى الله عليه وسلم ނަމާދުކުރެއްވި ގޮތް ބަޔާންކުރައްވާ އިމާމް އަލްބާނީ ލިޔުއްވެވި ވަރަށް ބޭނުންތެރި ފޮތެކެވެ. މިފޮތުގެ އަޞްލަކީ އިމާމް އަލްބާނީ ލިޔުއްވައިވާ 3 މުޖައްލަދުގެ ފޮތް "صفة صلاة النبي– صلى الله عليه وسلم- " އެވެ. ކިޔުންތެރިންނަށް މިގެނެސްދެނީ އެފޮތް ކުރުކުރައްވާ ހަމަ އެޢިލްމުވެރިޔާ ލިޔުއްވި ފޮތެކެވެ. ނަމަކީ "صفة صلاة النبي – صلى الله عليه وسلم- من التكبير إلى التسليم كأنك تراه" އެވެ.

މިފޮތުގައި ރަސޫލާ صلى الله عليه وسلم ނަމާދުކުރެއްވިގޮތް ޙަދީޘް ބަސްފުޅުތަކުން ބަޔާންކޮށްފައިވެއެވެ. އަދި މިފޮތް ލިޔެވުނު ސަބަބު ބަޔާންކުރައްވަމުން އިމާމް އަލްބާނީ ލިޔުއްވާފައިވަނީ މިފޮތުގައި ބަޔާންކުރެވިފައިވާ ޙަދީޘްތަކަކީ ތަފާތު ޙަދީޘްފޮތްތަކުން ޖަމާކުރެވިފައިވާ ޙަދީޘްތަކެކެވެ. އަދި މިފޮތުގައި ސަނަދު ޞައްޙަ ނޫން އެއްވެސް ޙަދީޘެއް ނުހިމެނުމަށް ފޮތުގެ މުޞައްނިފު އަމިއްލަ ނަފްސައް ޝަރުތުކޮށްފައިވެއެވެ. ޙަދީޘް ލިޔުމުގައި ޙަދީޘްފޮތްތަކުގައިވާ ނައްޞައް ބަދަލެއް ނުގެނެސް ބަޔާންކޮށްފައިވެއެވެ.

ފޮތުގައި ބަޔާންކުރާ ޙަދީޘުގެ އެހެން ލަފްޡެއްވާނަމަ އެކަން ޛިކުރު ކުރައްވާފައިވެއެވެ. ފޮތުގެ ބޭނުމަކީ ރަސޫލާ صلى الله عليه وسلم ނަމާދު ކުރެއްވިގޮތް ބަޔާންކުރުންކަމަށްވާތީ ފޮތުގެ މުޞައްނިފު ވަކި މަޛުހަބަކަށް ބުރަވެވަޑައެއް ނުގަންނަވައެވެ. ބަޔާންކުރައްވާފައިވަނީ ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ޘާބިތުވި ޙަދީޘްތަކެވެ.

މިފޮތުގައި ބަޔާންކުރައްވާ ހުރިހާ ޙަދީޘްތަކަކީވެސް އިމާމް އަލްބާނީގެ އަރިހުގައި ޞައްޙަ ޙަދީޘްތަކެއް ކަމުގައިވިޔަސް ބައެއް ޢިލްމުވެރިންގެ އަރިހުގައި އެޙަދީޘުގެ ޙުކުމް ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ. މިފޮތުގައިވާ ޙަދީޘްތަކަކީ އިމާމް އަލްބާނީ އިޖުތިހާދު ކުރައްވައިގެން ޞައްޙަކަމަށް ޙުކުމްކުރައްވާ ޖަމަޢުކޮށްފައިވާ ޙަދީޘްތަކެކެވެ. އަދި ފޮތުގެ މުޤައްދިމާގައި ތަބަޢު ވާންޖެހޭނީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅަށްކަމާއި އެއާއި ޚިލާފަށް މަޛުހަބުތަކުގެ އިމާމުންގެ ބަހަށް ތަބަޢުން ނުވާކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި މިއަށް ބާރުދިނުމުގެ ގޮތުން ހަތަރު މަޛުހަބުގެ އިމާމުންގެ ބަސްކޮޅުތަކުންވެސް އެބޭކަލުންގެ ބަސްފުޅުތަކާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކާއި ޚިލާފުވެއްޖެނަމަ ހިފަންވީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުގައިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފޮތުގެ މުޤައްދިމާގައި ބައެއް މީހުން އުފައްދާ ޝުބުތައް ޖަވާބާއި އެކު ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ހަތަރު ޝުބުހައެއް ބަޔާންކުރައްވާ ވަރަށް ތަފްޞީލުކޮށް ރައްދު ދެއްވާފައިވެއެވެ. އެއައްފަހު ކޮންމެ ސުރުޚީއަކަށްފަހު އެއާއި ގުޅޭ ޙަދީޘްތައް ބަޔާންކުރައްވަމުން ފޮތް ފައްޓަވާފައިވެއެވެ.

ފޮތުގެ މުޞައްނިފު:

އަދި އަލްބާނީއަކީ މުޞްޠަލަޙުލް ޙަދީޘުގައި ޙުއްޖަތެކެވެ. އެކަލޭގެފާނު އަމިއްލަފުޅަށް ޙަދީޘްތަކުގެ ޞައްޙަ ނުޞައްޙަ ބައްލަވާ ޙުކުމްކުރައްވައެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 1333 ވަނަ އަހަރު (މީލާދީން 1914 ވަނަ އަހަރު) އަލްބާނިއާގެ ވެރިރަށްކަމަށްވާ އަޝްޤޫދުރާ ގައެވެ. އަދި ބައްޕާފުޅާއި އެކު ސޫރިޔާގެ ދިމިޝްޤައް ހިޖުރަކުރެއްވިއެވެ. އަދި އެތަނުގައި އިބްތިދާއީ ތަޢުލީމު ޙާޞީލްކުރެއްވިއެވެ. އަދި އިބަތިދާއީ ތަޢުލީމު ނިމުމުން ނިޒާމީ ތަޢުލީމު މެދުކަނޑާލުމަށްފަހު ދީނީ ޢިލްމު ޙާޞިލްކުރުމަށް މިސްރާބު ޖެހިއެވެ. އަދި ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުން ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި ޝައިޚް ސަޢީދުލް ބުރުހާނީގެ އަރިއަހުން ޙަނަފީ މަޛުހަބުގެ ފިޤުހާއި ޢަރަބި ބަހުގެ ފޮތްތަށް ކިޔަވާ ވިދާޅުވިއެވެ. އަދި އޭރު ޢިލްމުވެރިންގެ މަޖިލިސްތަކަށް ޙާޟިރުވެ ހެއްދެވިއެވެ. އަދި އުމުރު ފުޅުން 20 އަހަރުގައި ޙަދީޘް ޢިލްމު އުނގެނެން ފެއްޓެވިއެވެ. އަދި ''އަލްމުޣްނީ އަން ޙަމްލިލް އަސްފާރި ފީ ތަޚްރީޖި މާ ފިލް އިޙްޔާއި މިން އަލްއަޚްބާރި'' ކިޔުނު ފޮތުގައި ހުރި ޙަދީޘްތައް ތަޚްރީޖު ކުރައްވާ ތަޢުލީޤު ލިޔުއްވިއެވެ. އަދި ސޫރިޔާގެ ދިމިޝްޤުގައި އަލްބާނީ އެނގިދަންނަ މީހަކަށްވިއެވެ. އެއަށްފަހު ދީނީ ފޮތްތައް ލިޔުމުމާއި މީސްތަކުންނަށް ޢިލްމު އުނގަންނަވައި ދެއްވުމުގައި އުޅުއްވިއެވެ. އިމާމް އަލްބާނީއާއި ބެހޭގޮތުން އިބްނުބާޒް ވިދާޅުވާގޮތުގައި މިޒަމާނުގައި ޙަދީޘް ޢިލްމަށް العلامة محمد ناصر الدين الألباني ފަދަ ޢިލްމުވެރިން މިއުޑުދަށުން އަހުރެން ނުދެކެމެވެ. އަދި އަލްބާނީއަކީ މިޒަމާނުގެ މުޖައްދިޖުކަމަށް ވިދާޅުވެފައިވެއެވެ.

ފޮތުގައި ހިމެނޭ ބައިތައް:

މުޞައްނިފު ފޮތް ފައްޓަވާފައިވަނީ ވަރައް މުހިއްމު މުޤައްދިމާއަކުންނެވެ.

މި މުޤައްދިމަގައި ރަސޫލާ صلى الله عليه وسلم ގެ ސުންނަތައް ތަބާވުމުގެ މުހިންމުކަން ބަޔާންކުރައްވާފައިވެއެވެ. އަދި މަޛުހަބުތަކުގެ އިމާމުންގެ ބަސްފުޅުތަކާއި ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުގައި ހިފުމުގެ މުހިންމުކަން ބަޔާންކޮށްފައިވެއެވެ. އެއައްފަހު ކަޢުބާއަށް ކުރިމަތިލުމުގެ ސުރުޚީގެ ދަށުން ޙަދީޘްތައް ޛިކުރުކުރައްވަމުން ގެންދަވާފައިވެއެވެ.

އިމާމް އަލްބާނީ ލިޔުއްވާފައިވަނީ މިފޮތުގައި ބަޔާންކުރެވިފައިވާ ޙަދީޘްތަކަކީ ތަފާތު ޙަދީޘްފޮތްތަކުން ޖަމާކުރެވިފައިވާ ޙަދީޘްތަކެކެވެ. އަދި މިފޮތުގައި ސަނަދު ޞައްޙަ ނޫން އެއްވެސް ޙަދީޘެއް ނުހިމެނުމަށް ފޮތުގެ މުޞައްނިފު އަމިއްލަ ނަފްސައް ޝަރުތުކޮށްފައިވެއެވެ.

ފޮތުގެ ނަމުގައި ތަކުބީރުންފެށިގެން ސަލާމް ދިނުމާއި ހަމައަށް އޮތްކަމުގައިވިޔަސް ތަކުބީރުގެ ކުރިން މިފޮތުގައި ކަޢުބާ އަށް ކުރިމަތިލުމާއި، ޤިޔާމުގެ ވާހަކައާއި، ބަލިމީހާ އިށީންދެ ހުރެ ނަމާދުކުރުމުގެ ވާހަކައާއި، ކަނޑުބޯޓު ފަހަރުގައި ނަމާދު ކުރުމާއި، ދަމުނަމާދުގައި ކޮޅަށްހުރުމާއި އިށީންނުމާއި، ފައިވާނަށް އަރާހުރެ ނަމަދު ކުރުމާއި، މިންބަރުމަތީ ހުރެ ނަމާދު ކުރުމާއި، ސުތުރާ ނެގުމާއި، ނަމާދު މެދުކަނޑައިލުމާއި، ޤަބުރާއި ދިމާލަށް ނަމާދު ކުރުމުގެ މައްސަލައާއި އަދި ނިޔަތްގަތުމުގެ މައްސަލަ ގެނެސްފައިވެއެވެ. އެއަށްފަހު ތަކުބީރުން ފެށިގެން ސަލާމް ދިނުމާއި ހަމައަށް ވަކިވަކި ސުރުޚީތަކުގެ ދަށުން ޙަދީޘްތައް ބަޔާންކޮށްފައިވެއެވެ.

މިފޮތަކީ ޢިލްމުވެރިންނާއި ކިޔަވާ ކުދިންގެ މެދުގައި މަޝްހޫރު، އަދި ޢިލްމުވެރިންގެ މަޖިލިސްތަކުގައި މިހާރުވެސް ކިޔަވާދެމުންދާ އަގުހުރި ފޮތެކެވެ. މިފޮތް ލިޔެފައިވަނީ ޢަރަބި ބަހުން ކަމުގައިވިޔަސް އައްޝައިޚް އިލްޔާސް ޖަމާލް ވަނީ މިފޮތް ދިވެހި ބަހަށް ތަރުޖަމާކުރައްވާފައެވެ. އެހެންކަމުން ރަސޫލާ صلى الله عليه وسلم ނަމާދު ކުރެއްވިގޮތް އުނގެނުމަށްޓަކައި މިފޮތް ކިޔާލުމަކީ ވަރަށް ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ.

މިފޮތް މެސެޖްއޮފް އިސްލާމް ބުކްޝޮޕްއިން ލިބެން ހުންނާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *