ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (16 ވަނަ ބައި)

މާތް اللَّه ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ސާޅީސް ދުވަސްވަންދެން ވިއްސާރައިގެ ޠޫފާން ފޮނުއްވިއެވެ. ޤައުމުގެ މީހުންގެ ތެރެއިން ސަލާމަތްވީ މީހުން ނޫޙުގެފާނާއެކު ނާކޮޅަށް އެރި ރަޖަބު މަހުގެ 10 ވަނަ ދުވަހުއެވެ. އެމީހުން ނާކޮޅުން ފޭބީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ނުވަތަ ޢާޝޫރާ ދުވަހުއެވެ.

ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ވިއްސާރައިގެ ޠޫފާން އައީ ދެގޮތަކަށެވެ. އެއީ އުޑުން ފެންވެއްސެވުމާއި، ބިމުން ފެން ފައްވާރާއަކުން ފެންއަރައިގެދާ ފަދައިން އެރުމެވެ. ފެނުގަނޑު ބޮޑުވެ ފަރުބަދަ ތަކުގެ އެންމެ މައްޗާ ހަމަޔަށް އުފުލިފައިވެއެވެ. ނަތީޖާއަކަށްވެގެން ދިޔައީ ބިންމަތީގައި މާތް اللَّه އަށް އުރެދިފައިވާ ހުރިހާ އެންމެން ނެތިގެން ދިޔުމެވެ. މާތް اللَّه އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރައްވައި اللَّه ގެ آية ތައް ދޮގުކުރި މީހުން ޣަރަޤު ކުރެއްވުމެވެ."

ބިމަށް ފައިބާވަޑައިގަތުމަށް އަމުރު ކުރެއްވުން:

ބިމުގައިވާ ފެންގަނޑުހިކި ހިނގާބިނގާ އުޅެވޭވަރުވެ، ބިމުގައި ދިރިއުޅެވޭވަރުވުމުން، ޖޫދިއްޔު ފަރުބަދައިގެ މަތީގައި ހަރުލާފައިވާ ނާކޮޅުން ބިމަށް ފައިބާވަޑައިގަތުމަށް އެންގެވިއެވެ. މަޝްހޫރު ރިވާޔަތަކީ އެފަރުބަދައަކީ ޖަޒީރާގައިވާ ފަރުބަދައެއްކަމުގައި ބުނެވޭބުނުމެވެ. އެންގެވިއެވެ. ތިމަންރަސްކަލާނގެ حضرة ން أمان ކަމަކާއެކު، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ أمّة ތަކަށް بركات އާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި أمّة ތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ أمّة ތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. މާތް اللَّه ނޫޙުގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން ނަސްލު ދެމިގެންދާގޮތް މެދުވެރިކުރައްވައިފައިވަނީ ހަމައެކަނި ނޫޙުގެފާނުގެ ފަރާތްޕުޅުންނެވެ. ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ﴾ އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ." މި ބިމުގައި މިއަދު ދިރިއުޅެމުންދާ ހުރިހާ އާދަމުގެ ދަރިން ނިސްބަތްވަނީ ނޫޙުގެފާނަށެވެ. އެކަލޭގެފާނުގެ ތިން ބޭފުޅުންނަށެވެ. އެއީ ސާމު، ޙާމު، ޔާފިޘު އަށެވެ." އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. ކީރިތިރަސޫލާ ޙަދީޘް ކުރެއްވިއެވެ." ޢަރަބިންގެ ބައްޕައަކީ ސާމު އެވެ. ޙަބަޝާއިންގެ ބައްޕައަކީ ޙާމުއެވެ. ރޫމީންގެ ބައްޕައަކީ ޔާފިޘް އެވެ."

ނަވުގައި ހޭދަކުރެއްވި މުއްދަތު:

ޤަތާދާ އާއި އެނޫންވެސް ބޭކަލުން ވިދާޅުވެފައިވެއެވެ. ނޫޙުގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ނާކޮޅަށް އެރޭ ރަޖަބު މަހެއްގެ 10 ވަނަ ދުވަހުއެވެ. ނާކޮޅުގައި ނޫޙުގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ސަތޭކަ ފަންސާސް ދުވަސް ހޭދަކުރިއެވެ. އެއަށް މަސްދުވަސްވަންދެން ޖޫދިއްޔަ ފަރުބަދަމަތީ ނާކޮޅު ހަރުލާ ހުއްޓެވެ. ނާކޮޅުން ފައިބާވަޑައިގަތީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ނުވަތަ ޢާޝޫރާ ދުވަހުއެވެ. އެއަށްފަހު އެމީހުން އެދުވަހު ރޯދަ ހިފަން ފެށިއެވެ. އަލްއިމާމު އަޙްމަދު އަބޫހުރައިރާގެ އަރިހުން ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. ކީރިތިރަސޫލާ ޔަހޫދީންގެ ބައެއްގެ ގާތުން ވަޑައިގަތެވެ. އެމީހުން ތިބީ ޢާޝޫރަ ދުވަހު ރޯދަ ހިފައިގެންނެވެ. ކީރިތި ރަސޫލާ އެމީހުންނާ ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުން އާޝޫރާ ދުވަހު ރޯދަ ހިފަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. މިއަދަކީ މޫސާގެފާނާއި ބަނީ އިސްރާއީލުން ޣަރަޤުވުމުން ސަލާމަތް ކުރެއްވި ދުވަހެވެ. އަދި ފިރުޢައުނު ޣަރަޤު ކުރެއްވި ދުވަހެވެ. އަދި ޖޫދިއްޔަ ފަރުބަދަ މަތީ ނޫޙުގެފާނުގެ ނާކޮޅު ހަރުލައި ހުރި ދުވަހެވެ. އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ނޫޙުގެފާނާއި މޫސާގެފާނު ރޯދަހިއްޕވިއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "މޫސާގެފާނަށް އިޙްތިރާމް ކުރުން އެންމެ ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. އަދި އެންމެ ރޯދަހިފުން ޙައްޤުކަން ބޮޑީވެސް ތިމަންކަލޭގެފާނެވެ." އަދި އެކަލޭގެފާނުގެ ޞަޙާބީންނަށް ވެސް ރޯދަހިއްޕެވުމަށް އަމުރު ކުރެއްވިއެވެ. އަދި އަޞްޙާބުންނަށް ޙަދީޘް ކުރެއްވިއެވެ. މިއަދު ރޯދައަށް ހުރުމަށް ނިޔަތްގަނެގެން ހުރިމީހާ، އޭނާގެ ރޯދަ ފުރިހަމަ ކުރާށެވެ."

علباء بن أحمر،عكرمة އާއި ابن عباس ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ."ނޫޙުގެފާނުގެ އަރިހުގައި އަށްޑިހަ މީހުންނާއި އެމީހުންގެ އަހުލުވެރިން ތިއްބެވެ. އެމީހުން ނާކޮޅުގައި ސަތޭކަ ފަންސާސް ދުވަސް ހޭދަކުރިއެވެ. އެއަށް ފަހު މާތް الله ގެ ކުޅަދުންވަންތަކަމުން އެނާކޮޅު މައްކާއާއި ދިމާޔަށް އަނބުރާލެއްވިއެވެ. އަދި ސާޅީސް ދުވަސްވަންދެން ކަޢުބާގެ ވަށައިގެން އެނާކޮޅު ދަތުރު ކުރިއެވެ. އެއަށްފަހު ނާކޮޅު ދަތުރުކޮށްފައި ގޮސް ޖޫދިއްޔަ ފަރުބަދަ މަތީ ގައި ހަމަޖެހުނެވެ. އެ ފަރުބަދަ މަތީ ނާކޮޅު ހަމަޖެހުމުން ނޫޙުގެފާނު ބިމުގެ ޚަބަރު ބެއްލެވުމަށް ކާޅެއް ފޮނުއްވިއެވެ. އެ ޚަބަރުބަލަން ގޮސް ބިންމަތީގައި މުޅަވެފައިވާ މަސްގަނޑެއް ފެނުމުން އެކެއުމާއިގެން މަޝްޣޫލުވިއެވެ. އެއަށްފަހު ނޫޙުގެފާނު ބިމުގެ ޚަބަރު ބެއްލެވުމަށް ކޮތަރެއް ފޮނުއްވިއެވެ. އެ ކޮތަރު އައިއިރު އެ ސޮރު އައީ ޒައިތޫނި ފަތްކޯޅިއެއް ތުނބުލައިގެންނެވެ. އަދި އެ ސޮރުގެ ދެފައިގައި ކިސަޑު އުނގުޅިފައި ހުއްޓެވެ. މިމަންޒަރު ފެނިވަޑައިގަތުމުން ބިމުން ފެންހިގެން ދިޔަކަން ނޫޙުގެފާނަށް އެނގިވަޑައިގަތެވެ. އެއަށްފަހު ނޫޙުގެފާނު ޖޫދިއްޔަ ފަރުބަދައިގެ ތިރިއަށް ފައިބާވަޑައިގަތެވެ. އަދި އެތަނުގައި ރަށެއް ބީނާ ކުރައްވައި އެރަށުގެ ނަމެއްކަމައި ثَمَانِيْن ކަނޑައެޅުއްވިއެވެ. އެދުވަހުން ފެށިގެން އެމީހުން އަށްޑިހަބަހުން ވާހަކަ ދައްކަން ފެށިއެވެ. އަދި އެމީހުންގެ ތެރޭގައި އެއްބަޔަކު ދައްކާވާހަކަ އަނެއްބަޔަކަށް ނޭނގޭ މީހުންވެސް ތިއްބެވެ. ނޫޙުގެފާނު އެމީހުންނަށް ތަޢްބީރުކޮށްދެއްވައެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *