ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (15 ވަނަ ބައި)

ފެންގަނޑު ހިނދިގެން ދިޔުން:

މާތް الله ބިމަށް ވަޙީ ކުރައްވައިފައިވަނީ ﴿ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ﴾ އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ."

މާތް الله ފިޔަވައި އެހެންފަރާތްތަކަށް އަޅުކަން ކުރާ މީހުންގެ ކިބައިން ބިން ހުސްވެގެން ދިޔައެވެ. އެކަލާނގެ ފެންގަނޑު ހިނދިގެން ދިޔުމަށް އަމުރު ކުރެއްވިއެވެ. އަދި އުޑުން ވާރޭ ވެހުން ހުއްޓިގެން ދިޔުމަށް ވެސް އެންގެވިއެވެ. ﴿وَغِيضَ الْمَاءُ﴾ ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! ﴿ وَقُضِيَ الْأَمْرُ﴾ "ކަންތައްވެ ނިމިއްޖެއެވެ." އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. ކުޅަދުންވަންތަ ރަސްކަލާނގެ އަމުރުފުޅެވެ. އެބައިމީހުންވަނީ އެކަލާނގެ ރަޙުމަތާއި މަޣްފިރަތާ ދުރުގައެވެ. އެއީ އަންނަނިވި އާޔަތުގައި ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿فَكَذَّبُوهُ فَأَنجَيْنَاهُ وَالَّذِينَ مَعَهُ فِي الْفُلْكِ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا إِنَّهُمْ كَانُوا قَوْمًا عَمِينَ﴾ ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްްކަލާނގެ آية ތައް ދޮގުކުރި މީހުން غرق ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حق ގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ."

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ.

﴿فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ ﴾ ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"

އަދިވެސް ވަޙީ ކުރައްވައި ފައިވެއެވެ. ﴿وَنَصَرْنَاهُ مِنَ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا إِنَّهُمْ كَانُوا قَوْمَ سَوْءٍ فَأَغْرَقْنَاهُمْ أَجْمَعِينَ ﴾ އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތްކުރައްވައި) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ނުބައިކަމުގެ أهل ވެރި ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ﴾ ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. ﴿ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ﴾ ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرق ކުރެއްވީމެވެ. ﴿إِنَّ فِي ذَٰلِكَ لَآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾ ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެއެވެ. ﴿وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ ﴾ އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ ﴾ ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި (އެކަލޭގެފާނުގެ) ނާކޮޅުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އަދި އެއީ عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿ثُمَّ أَغْرَقْنَا الْآخَرِينَ﴾ ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ﴾ އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ ﴿فَكَيْفَ كَانَ عَذَابِي وَنُذُرِ﴾ ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ.؟ ﴿وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟"

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿مِّمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّـهِ أَنصَارًا﴾ އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرق ކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّه ފިޔަވައި نصر ދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ. ﴿وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا﴾ އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ! ﴿إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا﴾ ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ."

މިއަށްފަހު މާތް اللَّه ބަޔާން ކުރައްވައިފައިވަނީ ނޫޙުގެފާނުގެ އެދިވަޑައިގަތުމުގެ ވާހަކައެވެ. އެކަލޭގެފާނުގެ ދަރިކަލުންނާއި ބެހޭގޮތުން ދެންނެވި ދެންނެވުމެވެ. ކަންތައް އޮޅުން ފިލުއްވުވުމުގެ ގޮތުން ނޫޙުގެފާނުގެ ކުރައްވައިފައިވާ ސުވާލެވެ. އެސުވާލުގައި ބަޔާން ކުރައްވައިފައިވަނީ، އިބަރަސްކަލާނގެ ވަޢްދުވެވޮޑިގެންފައިވަނީ، ތިމަންކަލޭގެފާނާއި އެކުގައިވާ ތިމަންކަލޭގެފާނުގެ އަހުލުވެރިން ސަލާމަތް ކުރައްވާނެކަމުގެ ވާހަކައެވެ. ޖަވާބުގައި އިބަރަސްކަލާނގެ ވަޙީކުރެއްވީ އެދަރިކަލުންނަކީ ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިންވާ މީހެއް ނޫންކަމުގައެވެ.

ޖަވާބުގައި މާތް اللَّه އަންގަވައިފައި ވަނީ އެމީހެއްގެ މައްޗަށް ކުރިން ވެސް ޢަޒާބު ޙައްޤުވެފައިވަ މީހުން ސަލާމަތް ނުވާނެކަމުގައެވެ. އަދި ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އަންގަވައިފައިވަނީ ﴿وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ﴾ އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައިއެވެ." ޝައިޠާނާއާއި އޭނާގެ ޕާޓީއަށް ތަބަޢަވީ އެންމެން ޣަރަޤުވެގެން ދިޔައިއެވެ. އެއަށް ފަހުގައި ނޫޙުގެފާނާއި މުޚާޠަބު ކުރައްވައި އަންގަވައިފައިވަނީ މިފަދައިންނެވެ. ﴿قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِّنَّا وَبَرَكَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ﴾ އެންގެވިއެވެ. އޭ نوح ގެފާނެވެ! ތިމަންރަސްކަލާނގެ حضرة ން أمان ކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ أمّة ތަކަށް بركات އާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި أمّة ތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ أمّة ތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ވޭންދެނިވި عذاب އެއް އައިސްޖެހޭނެތެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *