ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (10 ވަނަ ބައި)

ޢަޛާބު ދެއްވުމުގެ ކެރިކުޅަދާނަކަން ލިބިވޮޑިގެންވަނީ މާތް الله އަށެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެ ވޮޑިއެއް ނުގަންވައެވެ.

އެކަލާނގެ ކަމަށް ހަމައެކަނި އަންގަވަނީ ވަށެވެ. އޭރުން އެކަންވެދެތެވެ. ﴿وَلَا يَنفَعُكُمْ نُصْحِي إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ اللَّـهُ يُرِيدُ أَن يُغْوِيَكُمْ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ."

މާތް الله އެމީހަކު ފިތުނަވެރި ކުރައްވައިފި މީހަކަށް ތެދުމަގު ދައްކާނޭ ހަމައެކަކު ވެސް ނުވެއެވެ. މާތް الله އެކަލާނގެ އިރާދަ ކުރައްވާ މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ މީހަކު މަގުފުރައްދަވައެވެ. އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަންތައް މެދުވެރި ކުރައްވައެވެ. އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ. ހިދާޔަތު ދެއްކެވުމުން ޙައްޤުވެގެންވަނީ ކާކަށްކަން ދެނެވޮޑިގެންވެއެވެ. އަދި މަގުފުރައްދަވަންވީ ކާކުކަން ދެނެވޮޑިގެންވެއެވެ.

މާތް الله ނޫޙުގެފާނަށް އެންގެވިއެވެ.

﴿وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ ﴾ نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެންތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ." އެމީހުން އެތިބި ޙާލާމެދު ނޫޙުގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ގެނެސްދެއްވުމަށްޓަކައި އަންގަވަނީ ﴿فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ﴾ ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!"

މިއީ ނޫޙުގެފާނަށް ޤައުމުގެ މީހުންނާ މެދު ލިބިވަޑައިގަތް ހިތްވަރެކެވެ. އެއީ ޤައުމުގެ މީހުންގެ ތެރެއިން މިހާރު އީމާންވެގެން ތިބި މީހުންގެ އިތުރަށް އެއްވެސް މީހަކު އީމާން ނުވާނެކަމެވެ. އެކަމުގެ ސަބަބުން އިތުރަށް ހިތާމަ ނުކުރެއްވުމަށެވެ. ކާމިޔާބާއި ނަޞުރު އޮތީ ވަރަށް ގާތުގައެވެ. މާތް الله އެކަލޭގެފާނަށް އެންގެވިއެވެ. ﴿وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُم مُّغْرَقُونَ﴾ އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ."

ނޫޙުގެފާނު އެމީހުން އިޞްލާޙުވެ ދެދުނިޔޭގައި ކާމިޔާބު ބަޔަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެވަޑައިގަތުމުން، މާޔޫސްވެވަޑައިގަތެވެ. އެމީހުންގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވާކަމުގައި ދެކެވަޑައިގަތެވެ. އެކަލޭގެފާނާއި ދެކޮޅުވެރިވެ، ހުރިހާ ގޮތަކުންވެސް ނޫޙުގެފާނު ދޮގުކޮށް، އަނިޔާވެރިވުމާ ހަމަޔަށް ކަންތައް ގެންދިޔައެވެ. އެއީ އެމީހުންގެ ޢަމަލުތަކުންނާއި ބަސްތަކުންނެވެ. އެހެންކަމުން ނޫޙުގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ދުޢާފުޅަކުން އެމީހުންގެ މައްޗަށް ދުޢާ ކުރެއްވިއެވެ. މާތް الله އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވައި، އެކަލޭގެފާނުގެ އެދުން ފުރިހަމަ ކޮށްދެއްވިއެވެ. މާތް الله ވަޙީ ކުރައްވައިފައިވަނީ: ﴿ وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ﴾ ހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ! ﴿ وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ﴾ އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ."

އަދިވެސް ނޫޙުގެފާނު ވިދާޅުވިކަމަށް ވަޙީ ކުރައްވައިފައިވެއެވެ. ﴿ وَنُوحًا إِذْ نَادَىٰ مِن قَبْلُ فَاسْتَجَبْنَا لَهُ فَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ ﴾ އަދި އޭގެކުރިން، نوح ގެފާނު (ތިމަންރަސްކަލާނގެ حضرة އަށް) دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ."

އަދިވެސް ނޫޙުގެފާނު ވިދާޅުވިކަމަށް ވަޙީ ކުރައްވައިފައިވެއެވެ. ﴿ قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާގެ قوم ގެމީހުން މިއަޅާ ދޮގުކޮށްފޫއެވެ. ﴿ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ﴾ ފަހެ، މިއަޅާއާއި، އެއުރެންނާ ދެމެދުގައި إنصاف ކުރައްވައި، މިއަޅާއާއި، މިއަޅާއާ އެކުގައިވާ مؤمن ތަކުން ސަލާމަތް ކުރައްވާނދޭވެ!
އަދިވެސް ނޫޙުގެފާނު ވިދާޅުވިކަމަށް ވަޙީ ކުރައްވައިފައިވެއެވެ. ﴿ فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ﴾ ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ!"
އަދިވެސް ނޫޙުގެފާނު ވިދާޅުވިކަމަށް ވަޙީ ކުރައްވައިފައިވެއެވެ. ﴿ قَالَ رَبِّ انصُرْنِي بِمَا كَذَّبُونِ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ!

ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ޢަޛާބު ފޮނުއްވަން ޖެހުނު ސަބަބާއި ބެހޭގޮތުން ވަޙީ ކުރައްވައިފައިވަނީ ﴿ مِّمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّـهِ أَنصَارًا ﴾ އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرق ކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّه ފިޔަވައި نصر ދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ."

ނޫޙުގެފާނުގެ އެކަލޭގެފާނުގެ މިދުޢާގައިވަނީ ދުނިޔޭގައި ހުރިހާ ކާފިރުން ހަލާކު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރައްވަމުން ވިދާޅުވަނީ ﴿وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا﴾ އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ! ﴿إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا﴾ ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ."

ނާކޮޅު ބެންނެވުމަށް އެންގެވުން:
ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް އެމީހުންގެ ކުރަމުންދިޔަ ފާފަތަކާއި ކާފިރުކަމާއި ފާޖިރުކަމުގެ އިތުރުން އެމީހުންގެ ނަބިއްޔާގެ ކުރެއްވި ދުޢާވެސް އެކުވެގެން ގޮސްފައިވެއެވެ. އެހިނދު މާތް الله ނޫޙުގެފާނަށް އެންގެވީ ނާކޮޅެއް ބެންނެވުމަށެވެ. އެ ނާކޮޅަކީ ވަރަށް ބޮޑު ނާކޮޅެކެވެ. ކުރިން އަދި ފަހުންއެއާ އެއްފަދަ އެއްޗެއް ނުވެއެވެ." ކުރިން މާތް الله ވަނީ އެކަލާނގެ ޢަޒާބު އަތުވެއްޖެނަމަ ކުށްވެރިވީ މީހުން އަނބުރާ ރައްދު ނުކުރައްވާނެކަން ވަނީ ބަޔާން ކުރައްވައިފައެވެ. އެކަލޭގެފާނު އެމީހުންނާ އެއްގޮތަކަށް ވެސް ވާހަކަފުޅު ނުދެއްކެވުމަށް އަމުރު ކުރެއްވިއެވެ. އަދި ޢަޒާބު އަންނަންދެން އެމީހުން ދޫކޮށްފައި ބޭތިއްބުމަށް އަމުރު ކުރެއްވިއެވެ. އެހެންކަމުން ވަޙީ ކުރައްވައިފައިވަނީ ﴿وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُم مُّغْرَقُونَ﴾ އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ."

ނޫޙުގެފާނު ނާކޮޅު ބެންނެވުމަށް ބޭނުންފުޅުވާ ލަކުޑިއާއި ދަނގަޑާއި އެނޫން ވެސް ތަކެތި ޖަމަޢަކުރެއްވިއެވެ. އަދި ނާކޮޅު ބެންނެވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކަލޭގެފާނު ނާކޮޅު ބެންނެވުމުގެ މަސައްކަތް ފެއްޓެވުމުން ޤައުމުގެ މީހުންގެ ތެރެއިން ކާފިރުވީ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަކުރަމުން ދިޔައެވެ. އެމީހުން އެކަލޭގެފާނާ މުޚާޠަބުކޮށް ދަންނަވައެވެ. ކަލޭގެފާނު ނަބީކަން ދޫކުރައްވައި މާވަޑިއަކަށް ވެވަޑައިގަތީ ތޯއެވެ؟ މިކަން ބަޔާން ކުރައްވައި މާތް الله ވަޙީ ކުރައްވައިފައިވަނީ ﴿وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ﴾ އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *