ކޮލަމިސްޓްދީނީ ލިޔުންދީން

ފަހު ދިހައެއް އިޙްޔާ ކުރުމަށް 26 ވަޞިއްޔަތް (1)

މިއީ މިޞްރުގެ ދާރުލް އިފްތާއިން ނެރުއްވާފައިވާ "ލައިލަތުލް ޤަދްރި ވިލޭރޭ އިޙްޔާ ކުރުމަށް 26 ވަޞިއްޔަތް" މިސިލްސިލާ ޕޯސްޓުތަކުގެ ތަރުޖަމާއެކެވެ. މިނުކުތާތައް އިތުރަށް ތަފްޞީލުކުރުމުގެ ގޮތުން ޝަރަޙަ ކުރެވިފައިވާނެއެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ ވާހުށީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެޔަކަށެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހުގެ ފަހު 10 އެއްގައި ޢަމަލު ކުރައްވާ ގޮތް ޞިފަކުރައްވާ އައްސައްޔިދާ ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވެފައިވެއެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ. "ރަމަޟާން މަހުގެ ފަހު 10 އަތުވެއްޖެނަމަ މާތް ނަބިއްޔާ އެކަލޭގެފާނުގެ އިޒާރުކޮޅު ބާރުކުރައްވައެވެ. (އިޒާރަކީ ފިރިހެނުން ތިރން އަންނަ ފޮތިގަނޑު ނުވަތަ ފޮށާއަށް ކިޔާ ނަމެކެވެ. މިތަނުގައި އިޝާރާތް މިކުރެވެނީ އެކަލޭގެފާނު އަނބި އަނބިކަނބަލުންނާއި ދުރުހެލިވެ ވަޑައިގެންނެވުމަށެވެ.) އަދި އެކަލޭގެފާނުގެ ރޭތައް އިޙްޔާ ކުރައްވައެވެ. (އެބަހީ ދިރުއްވައެވެ.) އަދި އެކަލޭގެފާނުގެ އަހްލުވެރިން ހޭފުޅުލެއްވުމަށް ގޮވާލައްވައެވެ." أخرجه البخاري (2024)

އަދި ހަމަ އެކަމަނާ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ يُجَاوِرُ في العَشْرِ الأوَاخِرِ مِن رَمَضَانَ ويقولُ: تَحَرَّوْا لَيْلَةَ القَدْرِ في العَشْرِ الأوَاخِرِ مِن رَمَضَانَ. މާނައީ: މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހުގެ ފަހު 10 އެއް އަތުވެއްޖެނަމަ އިޢުތިކާފު ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "ތިޔަބައިމީހުން ރަމަޟާން މަހުގެ ފަހު 10 އެއްގައި ލައިލަތުލް ޤަދްރި ވިލޭރޭ ހޯދައިގަންނާށެވެ." صحيح البخاري (2020)

މިގޮތުން މި 1441 ވަނަ އަހަރު ރަމަޟާން މަހުގެ ފަހު 10 އެއްވަނީ:
• ރަމަޟާން މަހުގެ 21 ވަނަ ވިލޭރޭ: އެއީ ރަމަޟާން މަހުގެ 20 ވާ ބުދަ ދުވަހު މަޣުރިބު ނަމާދުގެ ވަޤުތުން ފެށިގެން ބުރާސްފަތި ދުވަހުގެ ފަޖްރާއި ހަމައަށެވެ.
• ރަމަޟާން މަހުގެ 23 ވަނަ ވިލޭރޭ: އެއީ ރަމަޟާން މަހުގެ 22 ވާ ހުކުރު ދުވަހުގެ މަޣުރިބުން ފެށިގެން ހޮނިހިރު ދުވަހުގެ ފަޖްރާއި ހަމައަށެވެ.
• ރަމަޟާން މަހުގެ 25 ވަނަ ވިލޭރޭ: އެއީ ރަމަޟާން މަހުގެ 24 ވާ އާދީއްތަ ދުވަހުގެ މަޣުރިބުން ފެށިގެން ހޯމަ ދުވަހުގެ ފަޖްރާއި ހަމައަށެވެ.
• ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ: އެއީ ރަމަޟާން މަހުގެ 26 ވާ އަންގާރަ ދުވަހުގެ މަޣުރިބުން ފެށިގެން ބުދަ ދުވަހުގެ ފަޖްރާއި ހަމައަށެވެ.
ރަމަޟާން މަހުގެ 29 ވަނަ ވިލޭރޭ: އެއީ ރަމަޟާން މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ މަޣުރިބުން ފެށިގެން ހުކުރު ދުވަހުގެ ފަޖްރާއި ހަމައަށެވެ.

26 ވަޞިއްޔަތް:

1. މެންދުރު ފަހުން އަރާމު ކޮށްލުމަށް ވަޤުތު ކޮޅެއް ހޭދަކުރާށެވެ. އޭރުން ރޭގަނޑުގެ ރޭ އަޅުކަމުގައި ހީވާގިވެވޭނެއެވެ.

ޞަޙީހުލް ޖާމިޢުގައި އަލްއިމާމް އަލްބާނީ ޙަސަން ކަމަށް ރިވާ ކުރައްވާފައިވާ ޙަދިޘެއްގައިވެއެވެ. "ތިޔަބައިމީހުން ޤައިލޫލާގައި ހިފާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ޤައިލޫލާގައެއް ނުހިފައެވެ." ޤައިލޫލާއަކީ އިރު މެދުޖެހި، މެންދުރުގެ އެއްމެ ހޫނުވާ ވަޤުތު އިރުކޮޅަކަށް ނިދާލުމެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި ޤައިލޫލާގެ ގަޑިއަކީ މެންދުރު ނަމާދަށްފަހުއެވެ. އަލްއިމާމް އަޙްމަދު ބިން ޙަންބަލްގެ ދަރިކަލުން ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ބައްޕާފުޅު ހޫނު މޫސުމުގައިވެސް، ފިނި މޫސުމުގައިވެސް ޤައިލޫލާ ދޫކޮށެއް ނުލައްވައެވެ. އަދި ތިމަންމެނަށް އެކަމަށް އަމުރުކުރައްވައެވެ."

2. އެހާ ގިނައިން (ފުދޭ ވަރަށްވުރެ އިތުރަށް) ނުކާށެވެ. ފަސޭހަ ކަމާއިއެކު އަޅުކަމާއި ޤިޔާމުއް ލައިލުގައި ވަޤުތު ހޭދަކުރެވޭނީ އޭރުންނެވެ.

އަލްއިމާމް ތިރްމިޛީ ޙަސަން ޞަޙީޙް ދަރަޖައިގައި ރިވާ ކުރައްވާފައިވާ ޙަދިޘެއްގައިވެއެވެ. ما ملأَ آدميٌّ وعاءً شرًّا مِن بطنٍ ، بحسبِ ابنِ آدمَ أُكُلاتٌ يُقمنَ صُلبَهُ ، فإن كانَ لا محالةَ فثُلثٌ لطعامِهِ وثُلثٌ لشرابِهِ وثُلثٌ لنفَسِهِ. މާނައީ: އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އޭނާއަށް އޭނާގެ މައިކަށި ތެދުކޮށްލާވަރަށް ކެއުމުން ފުދެއެވެ. ފަހެ އެވަރުން އޭނާއަށް ނުފުދޭނަމަ (ބަނޑުގެ) 3 ބައި ކުޅަ އެއްބައި އެއީ ކެއުމަށެވެ. އަދި 3 ބައިކުޅަ އެއްބައި އެއީ ބުއިމަށެވެ. އަދި 3 ބައިކުޅަ އެއްބައި އެއީ ނޭވާލުމަށެވެ. أخرجه الترمذي (2380)

3. މިރޭތައް އިޙްޔާ ކުރާއިރު ހެޔޮ ތައުބާ އަކުން ތައުބާވުމަށް ޢަޒުމް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. ﴿ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾ [الزمر: 53]
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

4. މުއުމިނުންނަށްޓަކައި ދުޢާކޮށް އިސްތިޣުފާޜުކުރުން ގިނަ ކުރާށެވެ.

މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. (فَاعْلَمْ أَنَّهُ لا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ) محمد/ 19 މާނައީ: ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!
އަލްޤުރުޠުބީ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި މުޚާޠަބު ކުރެވިފައިވަނީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށެވެ. އެހެނަސް އާޔަތުގެ މުރާދުގައި މުޅި އުއްމަތް ހިމެނެއެވެ. މި ޤައުލުގެ މަތިން އިންސާނާ އެންމެހާ މުސްލިމުންނަށް އިސްތިޣުފާރުކުރުން ވާޖިބުވެގެންވެއެވެ.

5. ތިބާގެ ހުރިހާ ގުނަވަނަކައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޟިރުވާށެވެ. ތިބާގެ ސިކުނޑިއާއި ހިތާއި ﷲ ތަޢާލާ ފިޔަވާ އެހެން ހުރިހާ ފަރާތެއްގެ ވިސްނުމުން ސާފުވަންދެނެވެ.

މިއީ ދުޢާގެ އަދަބުތަކުގެ ތެރެއިން އަދަބެކެވެ. ތިބާ ދުޢާ ތިޔަ ދަންނަވަނީ ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުންނެވެ. އެކަލާނގެއީ ތިބާ ޚަލްޤު ކުރައްވާ ތިބާއަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވި ރަސްކަލާނގެ ޙަޟްރަތުންނެވެ. ދިރިހުރުމާއި މަރުވެ ވެރި ރަސްކަލާނގެ ޙަޟްރަތުންނެވެ. ދީލަތިވަންތަ ﷲ ގެ ޙަޟްރަތުންނެވެ. ދުޢާ ކުރައްވަމުން ކުރިމަތިލައްވާ އިރު މާތް ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ހިތަށް ގެންނާށެވެ. އަދި ތިބާ ތިޔަ ކުރައްވާ ދުޢާއާއި ޛިކުރުތަކަށް މާތް ﷲ ދެއްވަން ވަޢުދު ކުރައްވާފައިވާ ހެޔޮކަމާއި ޘަވާބާއި ހިތަށް ގެންނަވާށެވެ. މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ. إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾ الأنفال 2. މާނައީ: "مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ."

6. ރުޅިވެރިކަމާއި، ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަން ދޫކޮށްލާށެވެ. އަދި ތިބާގެ ޙައްޤަކަށް އަރައިގެންފައިވާ ބަޔަކަށް މަޢާފުކުރާށެވެ.

ގިނަފަހަރަށް ޙަސަދަވެރިކަމާއި، ރުޅިވެރިކަމުގެ ފެށުމަކަށްވަނީ އަނެކާގެ އަތުގައިވާ ނިޢުމަތަކަށް ދަހިވެތިވުމުގެ ތެރެއިންނެވެ. ދުނިޔޭގެ ވަޤުތީ އަރާމަކަށް ނުވަތަ އުފަލަކަށްޓަކައެވެ. މާތް ﷲ ތަޢާލާ ސުވަރުގޭގައިވަނީ މުއުމިނުންނަށް ލައްވާފައިވާ ނިޢުމަތްތައް ހަންދުމަ ކޮށްލައްވާށެވެ. އެއީ މީގެ ކުރިން ލޮލަށް ފެނިފައިވެސް ނުވާ، އަޑުއިވިފައިވެސް ނުވާފަދަ ބޮޑެތި ހެޔޮކަންތައްތަކެއްވާ ތަނެކެވެ. އިންސާނާގެ ހިތަށްވެސް ތަޞައްވުރުވެސް ނުކުރެވޭ ފަދަ ނިޢުމަތްތަކެއްވާ ތަނެކެވެ. ނިމުމެއްނުވާ ޙަޔާތެކެވެ. ހިތްނުތަނަވަސްކަމެއް އިޙްސާސްކުރާކަށް ނުޖެހޭނެއެވެ. ކިރާއި، ރަލާއި، މާމުޔާއި، ތާޒާ ފެނުގެ އާރުތައް، ވަށައިގެން ހިނގަ ހިނގާ ހުންނާނެއެވެ. އަޅުގަނޑުމެން ދަހިވެތިވާންވީ މިނިޢުމަތްތަކަކަށް ނޫންތޯއެވެ.

ހިތްޕުޅުގައިވާ ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަމާއި، ރުޅިވެރިކަން ފޮހެލައްވާށެވެ. ދާއިމީ ގޮވެތި ޤުރުބާންކޮށްލުމަށްފަހު، ދުނިޔޭގައިވެސް ދެކޮޅުވެރިކަމުގެ ނުތަނަވަސްކަމުގެ ތެރޭގައި އުޅުއްވުމުގެ ބޭނުމެއް ނެތެއްނުންތޯއެވެ؟

ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *