ކޮލަމިސްޓްދީނީ ލިޔުންދީން

ފަހު 10 އެއް އިޙްޔާ ކުރުމަށް 26 ވަޞިއްޔަތް (2)

7. އަޅުކަމުގެ ޢަދަދަށްވުރެ ކައިފިއްޔަތަށް (ކުރެވޭ ގޮތަށް) ވިސްނާށެވެ. މުހިއްމީ އެއްވެސް ފަރުވާލެއްނެތި 100 ރަކުޢަތް އަދާ ކޮށްލުމެއްނޫނެވެ.

އިބްނު ބާޒް ވިދާޅުވެފައިވެއެވެ. “އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާއަށް ނަމާދުން ލިބޭނީ އޭނާއަށް އެނަމާދުގައި ޙާޟިރުވެ ހުރި މިންވަރަކުންނެވެ… އޭނާ ނަމާދަށް އަރާ، ހިތް ޙާޟިރުކޮށް ޙުޝޫޢަތްތެރިވެއްޖެނަމަ އޭނާގެ އަޖުރު ގިނަވެއެވެ. އަދި އޭނާގެ ނަމާދުގައި ވަސްވާސް ގިނަވެއްޖެނަމަ ލިބޭ އަޖުރު މަދުވެދެއެވެ. މުއުމިނުންނަށް ޝަރްޢުވެގެންވަނީ އޭބައިމީހުންގެ ހިތްތަކާއި އެކު (ހިތް ޙާޟިރުކުރުމާއި އެކު) ނަމާދަށް ކުރިމަތިލުމަށެވެ. އަދި ނަމާދުގައިވާ ހިނދު އެބައިމީހުންގެ ހިތްތައް އެއަޅުކަމުގެ މައްޗަށް ޖަމާކޮށް ޙާޟިރުކުރުމަށެވެ.”

އަލްއިމާމް އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމު ޙަދީޘް ކުރެއްވިއެވެ. إنَّ الرجلَ لَينصرفُ و ما كُتِبَ له إلا عُشرُ صلاتِه ، تسعُها ، ثُمنُها ، سُبعُها ، سُدسُها ، خُمسُها ، رُبعُها ، ثُلثُها ، نصفُها “ހަމަކަށަވަރުން އަޅާ ނަމާދު ނިމިގެން ފުރަގަސްދީ ދާހިނދު، އެނާއަށް އެނަމާދުން ދިހަ ބައިކުޅަ އެއްބައި، ނުވަތަ ނުވަ ބައިކުޅަ އެއްބައި، ނުވަތަ އަށްބައިކުޅަ އެއްބައި، ނުވަތަ ހަތް ބައިކުޅަ އެއްބައި، ނުވަތަ ހަބައިކުޅަ އެއްބައި، ނުވަތަ ފަސްބައިކުޅަ އެއްބައި، ނުވަތަ ހަތަރުބައި ކުޅަ އެއްބައި، ނުވަތަ ތިންބައި ކުޅަ އެއްބައި، ނުވަތަ ދެބައިކުޅަ އެއްބައި ނޫން މިންވަރެއް ނުލިބެއެވެ.”

އައްޝައިޚު ސުލައިމާން ބިން މުޙައްމަދު ވިދާޅުވެފައިވެއެވެ. އެބައިމީހުންގެ ނަމާދުން އުނިވަނީ ނަމާދުގައި ޚުޝޫޢަތްތެރިކަން އެކީގައި ނުވަތަ އެއްބައިނަމަވެސް އުނިވުމުންނެވެ.

8. ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތްތަކަށް މަޝްޣޫލުވެގެންވާ ޙާލު ރަކްޢަތްތައް ގިނަކުރުމަށް ވުރެ މުހިއްމީ ޤިޔާމުގައި އަދި ދުޢާކުރުމުގައި އިޚްލާޞްތެރިވުމެވެ.

އިބްނު މާޖާގައި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ތިމަންބޭކަލުން ދައްޖާލުގެ ވާހަކަ ދައްކަވަން ތިއްބާ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތިމަންބޭކަލުންގެ ތެރެއަށް ނިކުމެވަޑައިގަތެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް މަސީޙުއް ދައްޖާލަށްވުރެ ބިރުފުޅުގަންނަނީ ކޮން ކަމަކަށްކަން ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންބޭކަލުން ދެންނެވީމެވެ. ނޫނެކެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ފޮރުވިފައިވާ ޝިރުކެވެ. އެއީ މީހަކު ތެދުވެ ނަމާދުކޮށް އޭނާގެ ނަމާދު ގިނަކުރެއެވެ. (އެހެން ރިވާޔަތްތަކުގައި އޭނާގެ ނަމާދު ޒީނަތްތެރިކުރެއެވެ.) (އެހެނަސް) އެއީ އެހެންމީހުންނަށް ދެއްކުމަށްޓަކައެވެ.

ޢަބްދުލްޢަޒީޒް އައްޠަރީފީ ވިދާޅުވެފައިވެއެވެ. “ދުޢާކުރާ ހިނދު ހިތް ޙާޟިރުކޮށްގެން (އެބަހީ އެހެން ކަންކަމާއި މަޝްޣޫލުނުވެ) ދުޢާކުރުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠެކެވެ. މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު (اهدنا الصراط المستقيم) (މާނައީ: އަޅަމެންނަށް ސީދާވެގެންވާ ތެދުމަދު ދައްކަވައިފާންދެއެވެ.) މިފަދައިން ކިޔައެވެ. އެހެނަސް އެބައިމީހުން ތެދުމަގުން އެއްކިބާވެގެންދެއެވެ. އެހެނީ ގުނަވަންތައް ޙާޟިރުކުރުމަކާއި ނުލާ ހަމައެކަނި ދުލުން ކިޔާ ދުޢާއަކީ ފައިދާއެއް ނުކުރާ ވާހަކަތަކެއް ދެއްކުންފަދަ ކަމެކެވެ.

9. ތިބާއަށް ފަސޭހަވެ ކުޅަދާނަވީ މިންވަރަކުން މުޅި ރޭގަނޑު ޠަހާރަތުގެ މަތީގައި ހުރެވޭތޯ ބަލާށެވެ.

މިއުއްމަތުގެ ސަލަފުން ރަމަޟާން މަހުގެ ފަހު 10 އެއްގައި ޠަހާރަތުގައި ހިއްޕެވުމަށް އިތުރު ސަމާލުކަމެއް ދެއްވިއެވެ. މިގޮތުން އައްނަޚްޢީ ފަހު ދިހައެއްގެ ކޮންމެ ރެޔެއްގައި ހިނައިގަންނަވައެވެ. އަދި އައްޔޫބު އައްސަޚްތިޔާނީ 23 ވަނަ ރެޔާއި، 24 ވަނަ ރޭގައި ހިނައިގަންނަވާ، އާހެދުން ތުރުކުރައްވާ ޢަޠަރު ތުރުކުރައްވައެވެ.
އަދި މާތް ޞަޙާބީ އަނަސް ބިން މާލިކުވެސް މިފަދައިން ޢަމަލުކުރައްވާ ކަމުގައި ރިވާވެގެންވެއެވެ.

10. ތިބާގެ ދުޢާ އިޖާބަ ވާނޭކަން ޔަޤީންވެގެންވާ ޙާލު ދުޢާކުރާށެވެ. އެހެނީ ތިބާއާއި، ތިބާގެ ދުޢާ އިޖާބަވުމާއި ދެމެދުވާ ހުރަހަކީ ޔަޤީންކަން ނެތުން ކަމުގައި ވެދާނެއެވެ.

މާތް ﷲ އާއިމެދު ހެޔޮކޮށް ހީކުރުމާއި، ޔަޤީންކަމާއިއެކު ދުޢާކުރުމަކީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ. އިމާމް ތިރުމިޛީ ޙަސަން ސަނަދަކުން ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ادعُوا اللهَ وأنتم مُوقِنُون بالإجابةِ واعلَموا أنَّ اللهَ لا يَستَجيبُ دُعاءً مِن قلبٍ غافِلٍ لاهٍ. މާނައީ: ތިޔަބައިމީހުން އިޖާބަ ކުރައްވާނޭ ކަމުގެ ޔަޤީންކަމާއިއެކު ދުޢާކުރާށެވެ. އަދި ﷲ ތަޢާލާ، ޣާފިލުވެ މަޝްޣޫލުވެފައިވާ ހިތެއްގެ ދުޢާ އިޖާބަ ނުކުރައްވާކަން ދެނެގަންނާށެވެ.

11. ﷲ ތަޢާލާ ތިބާގެ ދުޢާތައް އިޖާބަކުރައްވާ، ތިބާގެ ކިބައިން ޤަބޫލު ކުރައްވާނޭކަމުގެ ހިތްހަމަޖެހުމާއި ޔަޤީންކަމުގައި ދެމިހުންނާށެވެ.

މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾ މާނައީ: އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ : يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي. މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު އަވަސްވެނުގަންނަހާ ހިނދަކު އޭނާގެ ދުޢާ އިޖާބަކުރެއްވޭނެއެވެ. (އެފަދަ މީހުން ބުނެ އުޅެއެވެ.) ތިމަންނާ ދުޢާ ކުރަމެވެ. އެހެނަސް ތިމަންނާގެ ދުޢާއެއް އިޖާބައެއް ނުކުރައްވައެވެ.

މިޙަދީޘް ޝަރަޙަކުރައްވަމުން އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. މިޙަދީޘްގައި ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން އަދަބެއްވެއެވެ. އެއީ އެކަލާނގެއަށް ދެންނެވުމުގައި ދެމިހުރުމެވެ. އަދި އިޖާބަދެއްވާނޭކަމާއި މެދު މާޔޫސްނުވުމެވެ. އެހެނީ އެކަމުގައި މާތް ﷲ އަށް ބޯލެނބުންވެއެވެ. އަދި އެކަލާނގެއަށް ތިމާގެ ހުރިހާކަމެއް ހަވާލުކުރުމާއި އެކަލާނގެ ޙަޟްރަތުގައި ނިކަމެތިވެގަތުން ހިމެނެއެވެ.

12. ދުޢާކުރުމުގައި ދެމިހުރެ ޘާބިތުވާށެވެ. ﷲ ތަޢާލާ ދުޢާކުރުމުގައި ދެމިހުންނަ އަޅުންދެކެ ލޯބިވެވޮޑިގެންވެއެވެ.

ޢަބްދު ﷲ ބިން ބުސްރުގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އިސްލާމްދީނުގެ ޝަރާއިޢުތައް ތިމަންނާގެ މައްޗަށް ގިނަވެއްޖެއެވެ. ތިމަންކަލޭގެފާނަށް އެކަމުގައި ހިފަހައްޓާނޭ ކަމެއްގެ ޚަބަރު ދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ޛިކުރުކުރުމުން ތިބާގެ ދޫ ތެތްކަން ފިލައިގެންދިޔަ ނުދޭށެވެ.”

އިބްނިލް ޤައްޔިމް ވިދާޅުވެފައިވެއެވެ. އެއްމެ ފައިދާކުރަނިވި ބޭހަކީ ދުޢާކުރުން މަތީ ދެމިހުރުމެވެ.

އަދި ހަމަ މިފަދައިން ސަލަފުންގެ ބޭކަލުން ވިދާޅުވާކަމުގައިވިއެވެ. ތިމަންކަލޭގެފާނު ބިރުފުޅު ގަންނަނީ ދުޢާ އިޖާބަ ނުކުރައްވާފާނެތީއެއް ނޫނެވެ. އެހެނަސް ދުޢާ ކުރުމުން މަޙްރޫމުވެދާނެތީއެވެ.

13. ތިބާއަށް އަރައިގަނެވިފައިވާ ހުރިހާ ފާފަ ފުއްސަވާ ދެއްވާތޯ އިސްތިޣުފާރު ކުރާށެވެ. އަދި ﷲ ތަޢާލާގެ ހަޟްރަތުން ޢަފޫއަށް އެދޭށެވެ.

މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އިސްވެ ގޮސްފައިވާ ފާފަތަކާއި، ކުރިއަށް އޮތްހާ ފާފަތަކެއް ފުއްސަވާ ދެއްވާފައިވާ ހިނދުވެސް، މާތް ﷲ ގެ ޙަޟްރަތުގައި ދުވާލަކު 100 ފަހަރު އިސްތިޣްފާރު ކުރައްވާ ކަމުގައިވެއެވެ.

14. މާތް ﷲ ތަޢާލާ އިސްތިޣްފާރު ކުރުމާއި އެކު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔަވާށެވެ.

މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު އެމީހެއްގެ ގާތުގައި ނަންގަނެވި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހެއްގެ ނޭފަތް ވެއްޔާއި މޮޑެވިދާށިއެވެ. އަދި ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، ނިމިގެންދާއިރުވެސް އެމީހަކަށް ފާފަނުފުއްސެވޭ މީހެއްގެ ނޭފަތް ވެއްޔާއި މޮޑެވިދާށިއެވެ. އަދި އެމީހެއްގެ މައިންބަފައިން އެމީހެއްގެ ގާތުގައި މުސްކުޅިވެ، އެދެމީހުންގެ ސަބަބުން (އެދެމީހުންނަށް ޚިދުމަތް ކުރުމުގެ ސަބަބުން) ސުވަރުގެއަށް ނުވަދެވޭ މީހާގެ ނޭފަތް ވެއްޔާއި މޮޑެވިދާށިއެވެ.”

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާގެ މައްޗަށް ﷲ ތަޢާލާ 10 ފަހަރު ޞަލަވާތް ލައްވާނެއެވެ. އަދި އޭނާގެ ކިބައިން 10 ފާފަ ފޮހެވޭނެއެވެ. އަދި 10 ދަރަޖައަށް އޭނާގެ ދަރަޖަ މަތިވެރި ކުރެވޭނެއެވެ.

15. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ދުޢާތައް ކުރުން ގިނަ ކުރާށެވެ. އަދި اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنَّا މިދުޢާ ތަކުރާރު ކުރައްވާށެވެ.

ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން ވާރިދުވެގެންވާ ޙަދީޘެއްގައިވެއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަމަނާއަށް ލައިލަތުލް ޤަދްރިވިލޭރެއަކީ ކޮން ރެއެއްކަން އެނގިލައްވައިފިނަމަ ކިޔުއްވަންވީ ކީކޭތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنّي މިހެން ވިދާޅުވާށެވެ.

16. ނަރަކައިން މުއްތި ކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރާށެވެ.

އަނަސް ބިން މާލިކް ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. މާތް ﷲ ގެ ޙަޟްރަތުގައި ސުވަރުގެއަށް އެދި މީހަކު 3 ފަހަރު ދުޢާކޮށްފިނަމަ، ސުވަރުގެ ދަންނަވާނެއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. އޭނާ ސުވަރުގެ ވައްދަވާފާންދެއެވެ. އަދި މީހަކު ނަރަކައިން ސަލާމަތްވުމަށް 3 ފަހަރު އެދެފިނަމަ، ނަރަކަ ދަންނަވާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. އޭނާ ނަރަކައިން ސަލާމަތް ކުރައްވާފާންދެއެވެ.

ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *