ކޮލަމިސްޓް

އެފަދަ ދުވަހެއް ނުދައްކަވާށި!

"ހެނދުނުގެ ސައިގެ ކަންތައް ނިންމާނުލެވި އުޅެނިކޮށް އަހަރެންގެ 5 އަހަރުގެ ދަރިފުޅު ދުވެފައި އައިސް ބުނެފިއެވެ. "މަންމާ! ބައިވަރު މީހުން އެބައޮތް އެގޭ ކައިރި. ކޮންމެވެސް ދައްތައެއް މަރުވިއްޔޯ؟" އަހަރެން ދިޔައީ ސިއްސައިގެންނެވެ. "ކޮންގެއެއް؟ ކޮބާ؟" ދުވެފައި އަހަރެން ނިކުތީމެވެ. އަވައްޓެރި ގެއެއްގެ މަގުމައްޗާ އެއްކޮށް އޮތީ މީހުން ފުރިފައެވެ. ގެއަށް ވަދެ ދެކުދިން ބަސްއަހައިގެން ތިބުމަށްބުނެ މަންމަކައިރި މިއަންނަނީ ކަމަށް ބުނެފަ އަވަސްއަވަހަށް އެގެއަށް ދިޔައީމެވެ.

ތެދެކެވެ. ރޭވެސް އަހަރެންނާ ވާހަކަ ދައްކާ މަޖާކުރި އަހަރެންގެ ޅަދުވަހުގެ އެކުވެރިޔާ އެވަނީ މިފަނާވަނިވި ދުނިޔެއާ ވަކިވެފައެވެ. ކައިރީގައި އޮވެ އެންމެ 4 އަހަރުގެ ދަރިފުޅު އަޑުންއަޑުނަގާ ރޮނީއެވެ. އާއިލާގެ މެންބަރުންވެސް މިއަދު ގިސްލާ ރޮނީއެވެ. ގެބަހައިގެން ލިބުނު ތަންކޮޅުގައި ކުޑަ ހިޔާވައްސެއް ހަދާ އެތަނުގައި އޭނާ އުޅުނީ އާއިލާގެ މީހެއްގެ އެހީތެރިކަމާވެސްނުލައެވެ. އަދި ބައްޕައަކާ ނުލާ އެދަރިފުޅު އެވަރުކުރަން އެފަކީރު ކުރި ބުރަ މަސައްކަތް ކުރިމަތީ ފެންނަމުން ދާފަދައެވެ. ޖަނާޒާގެ ހުރިހާ ކަމެއްގައި އަހަރެން ބައިވެރިވީމެވެ. ދަރިފުޅު ގެންދިޔައީ އޭނަގެ ދޮންތައެވެ. ގެއަށް އައިސްވެސް ހިތުން އެމަންޒަރު ފިލާނުދެއެވެ. އެރޭގެ 9 ޖަހާލާކަށް ހާއިރު އޭނަގެ ދަރިފުޅު ކައިރިއަށް ދިޔައީމެވެ. ހަމަ ރޮނީއެވެ.

މަންމަގެ ކުއްލި ވަކިވުން އެދަރިފުޅުގެ ހިތް ކުދިކުދި ކުރުވައިފިއެވެ. މަންމަ ގެނެސްދިނުމަށް އެދި ރޮމުންދިޔަ ރުޔުމުން އަހަރެންގެ ހިތް ހަލާކުވި ފަދައެވެ. ވިސްނައިދޭން މަސައްކަތްކުރީމެވެ. އެޅަސިކުނޑިއަކަށް ދައްކާ ވާހަކައެއް ނުވިސްނެއެވެ. ކާންދޭން އުޅެ ނުއެއްކެއެވެ. ނިންދަވަން އުޅެ ނުނިދިމެއެވެ. އާދޭސްކޮށް ރޮމުންދިޔައީ މަންމައާއިއެކު ނޫނީ ނުނިދޭނެކަމަށް ބުނެއެވެ. އެކުއްޖާފުޅަށް އެރޭ ނިދުނީ ރޮއެރޮއެ ވަރުބަލިވެގެން ގޮހެވެ.

ހަފްތާއެއް ވީއިރުވެސް އެލޮލުން ކަރުނަ ނުހިކެއެވެ. ކުއްޖާ ފަކީރު ހިކިގެންގޮސް ދެގަނޑު ކައްޓަށްވެ ސިފަގެއްލި ދިޔައީ އަތުން ގުނާލެވޭހާ މަދުދުވަސް ކޮޅެއް ތެރޭގައެވެ. އެ ހިތްދަތި މަންޒަރު މިހެން ސިފައެއް ނުކޮށްދެވޭނެއެވެ. ބަސްތަކަކުން އަތުރާ މިހެން ސިފަކޮށްދިނަސް، އެކަރުނަ އާއި އެރުޔުމާއި އެވޭނީ އާހު އަހަރެން ތަރުތީބުކޮށްދޭނީ ކޮންތާކު ކިހިނެތް ހެއްޔެވެ؟ އެއީ މިހެން ކިޔާދެވޭ ވަރަށްވުރެ އަސަރުން ފުރިފައިވާ މަންޒަރުތަކެވެ."

ޤަބޫލުކުރަމެވެ. ކޮންމެ މީހަކީވެސް ވަގުތު ކަނޑައެޅި ނިމިގެން ދުނިޔެއަށް ފޮނުއްވޭނެ މީހެކެވެ. އެމީހެެއްގެ އަޖަލު ޖެހުމުން ލަހެއްފަހެއްނެތި ވަކިވެގެންދާނެއެވެ. އެކުގައި ހީމަޖާކުރި އެކުވެރިޔާވެސް ވަކިވެ އެދިޔައީ ދެލޯނޭނދި އެދުނު ލޯބިވާ ދަރިފުޅާއެކު ރޭގަނޑުގެ އަރާމު ނިދީގައި އޮއްވައެވެ. އަހަރެންގެވެސް އަޖަލެއް ނޭނގެއެވެ. ކިހިނެތް ކޮންތާކުކަމެއްވެސް ނޭނގެއެވެ. އެހެނަސް ހިތަށް އަރައެވެ. އަހަރެންނާ ނުލާ އަހަރެންގެ ދަރިން އުޅޭނީ ކިހިނެތްބާއެވެ؟ ފިރިމީހާ އެހެން އަންހެނަކު ހޯދަފާނެއެވެ. އެމީހަކު އެކުދިންނަށް ކަންތައް ކުރާނީ ކިހިނެތްބާއެވެ؟

އަހަރެންގެ މަންމައާއެކު އެކުދިން އުޅުނަސް، ކޮއްކޮއާއެކު އުޅުނަސް އެކުދިން އަހަރެން ނެތްދުވަހަކުން މޮޔަވާނެއެވެ.

ސުބްޙާނަ ﷲ! ދުޢާ އަކީ އަހަރެންނާ ވަކިން އެކުދިން އުޅެން ޖެހޭނެ ގޮތެއް މެދުވެރި ނުވުމެވެ. އެކުދިން ދުނިޔޭގައި ތިއްބާ އަހަރެން މަރުވެދިޔަޔަސް އަހަރެންނާ ނުލާ އެކުދިންނަށް އުޅޭނެ ހިތްވަރު ދެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *