އަފްޤާނިސްތާނުގެ އުތުރުގެ ޚޮސްޓް އަވަށުގެ ޔައުޤޫބީ މިސްކިތުގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުންމަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީކުރުން ކުރިއަށްދާ މަރުކަޒެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އައި މިމިސްކިތުގައި ބޮމުގެ ހަމަލާދީފައިވަނީ ނަމާދަށާއި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް މީހުން އެއްވެފައި އޮތް ވަގުތެއްގައެވެ.
މިހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައިނުވާއިރު ޠާލިބާނުންގެ ތަރުޖަމާނު އަލްޖަޒީރާއަށް ބުނެފައިވަނީ މިހަމަލާއަކީ އެމީހުން ދިން ހަމަލާއެއް ނޫން ކަމަށެވެ.
އަފްޤާނިސްތާނުގެ ޤާނޫނު ހަދާ މަޖްލިސްގެ އިންތިހާބު މިއަހަރުގެ އޮކްޓޫބަރުމަހަށް ޝެޑިއުލް ކޮށްފައިވާއިރު އޭޕްރީލްގެ މެދާއި ހިސާބުން ފެށިގެން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިމަސައްކަތާއެކު އަފްޤާނިސްތާނުގައި ދެމުންދާ މިފަދަ ހަމަލާތައްވެސް އިތުރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު އެޤައުމުގެ ސަރުކާރުގެ އަމާޒަކީ ޖޫންމަހުގެ މެދާއި ހިސާބަށް 15 މިލިއަން މީހުން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިންމާލުމެވެ.
ޚިޔާލު