އިންޑިއާގައި ވެރިކަންކުރަމުން އަންނަ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ހިންދޫ ފިކުރުގެ ބީޖޭޕީގެ ޒުވާނުންގެ ގޮފީގެ ލީޑަރު ރޮހިންޖާ ރެފިއުޖީން ދިރިއުޅެމުންދާ ކޭމްޕްތަކުގައި އަލިފާންޖަހާއި އަންދާލިކަމަށް އެއްބަސްވެފައިވާތީ އޭނާއާއި މެދު ފިޔަޅު އެޅުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުން އެބަދެއެވެ.
މަހުގެ 15 ވަނަ ދުވަހު ދިއްލީގެ ދެކުނު އުތުރުން އޮންނާ މަދަންޕޫރުގައި ރޮހިންޖާ ރެފިއުޖީން ދިރިއުޅެމުންދިޔަ ކޭމްޕްތަކުގައި ހުޅުޖެހުމުގެ ސަބަބުން 200 އަށްވުރެ ގިނަމީހުންވަނީ ވަންނާނެ ތަނެއްނެތި މަގުމަތިވެފައެވެ. މިހައްދުފަހަނަ އެޅި ޢަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުލިބުނަސް ރޮހިންޖާ މުސްލިމުންގެ އަންނައުނާއި އެފަދަ އެހެންވެސް އެއްޗެހިވަނީ އަލިފާނުގައި އަނދައިގެން ގޮސްފައެވެ.
މިކަމާއި ގުޅިގެން ބީޖޭޕީގެ ޒުވާނުންގެ ގޮފީގެ ލީޑަރު މަނީޝް ޗަންދޭލާ ޓުވިޓަރގައި ބުނެފައިވަނީ "އާނ، އަހަރުމެން ރޮހިންޖާ ޓެރަރިސްޓުންގެ ގެތައް އަންދާލިން" އަދި މިކަަމުގައި އުޅުނު މީހުންގެ މަސައްކަތް ވަރަށް ރަނގަޅުކަމަށް ބުނެފައިވެއެވެ. މައްސަލަ ހޫނުވާންފެށުމާއެކު މިހާރު އެޓުވިޓަ އެކައުންޓްވަނީ ޑީއެކްޓިވޭޓް ކޮށްފައެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އިންސާނީ ހައްޤުތަކަށް ގޮވާލާ ފަރާތްތަކުން ބުނަމުންދަނީ ބީޖޭޕީގެ ނުފޫޒާއެކު މިޢަމަލު ހިންގި މީހުންނަށް އަދަބު ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
މޯޑީގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހުވަނީ ރޮހިންޖާ މުސްލިމުންނަކީ ޤައުމަށްހުރި ނުރައްކަލެއް ކަމުގައި ކަނޑައަޅާ އެމީހުން އިންޑިއާއިން ބޭރުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސްޕްރިމް ކޯޓުގެ ނިންމުމާއެކު އެކަން އެގޮތަށް ނުކުރެވިފައި އޮތީއެވެ.
މިޔަންމާގެ ހައްދުފަހަނަ އެޅި ބުޑިސްޓު ސަރުކާރުން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލް ޢާއްމުން ސަލާމަތްވުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 އިން ފެށިގެން 750،000 ވުރެ ގިނަ ރޮހިންޖާ މުސްލިމުންވަނީ އެޤައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކަށް އެތެރެވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

















ޚިޔާލު