އެމެރިކާދިއިސްލާމް

ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދެވުނު ހަމަލާގެ ކުރިން އުސާމާ ބިންލާދީންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ޝަރީއަތް ބޭއްވުމަށް ތާލިބާން ސަރުކާރުން އެމެރިކާއަށް ހުށަހަޅާފައިވޭ

ތާލިބާން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދެވުނު ހަމަލާގެ މާކުރިން އުސާމާ ބިންލާދިންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ޝަރީއަތް ހިންގުމަށް ބޭނުންވާކަން އަފްޢާނިސްތާނުގައި އޭރުއޮތް ތާލިބާން ސަރުކާރުން އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެމެރިކާއިން މިކަމަށް އެއްވެސް ޝައުގުވެރިކަމެއް ވަނީ ނުދީފައެވެ.

ތާލިބާން ސަރުކާރުގެ ހާރިޖީ ވަޒީރު ވަކީލު އަޙުމަދު މުތަވައްކިލް އަލް-ޖަޒީރާ އަށް ހާއްޞަކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، 1990 ވަނަ އަހަރު އެމެރިކާގެ ތަފާތު ތަންތަނަށް އަމާޒުކޮށްގެން ރާވާ ފައިވާ ހަމަލާތަކުގައި އުސާމާ ބިން ލާދީންގެ ބައިވެރިވުން އޮތްކަމަށް ބުނަމުން ދިޔަ ބުނުން ތަހްޤީގު ކޮށްދިނުމަށް ތާލިބާން ސަރުކާރުން ވާނީ އެތައް ފަހަރެއްގެ މަތިން އެމެރިކާއަށް ހުށަހަޅާފައެވެ.

މިގޮތުން އޭނާ ވިދާޅުވެފައިވަނީ "ސެޕްޓެމްބަރ 11 ގެ މާކުރިން އުސާމާ ގެ މައްޗަށް ކުރެވޭ މައްސަލަ ހައްލުކުރުމަށް ވާނީ އަހަރުމެން އިސްލާމީ ސަރުކާރުން ވާނީ މަސައްކަތް ކޮށްފަ. މީގެ ތެރެއިން އެއް ހުށަހެޅުމަކަށް ތިން ޤައުމު އެކުލެވޭ ކޯޓެއް ނުވަތަ އެފަދަ އިންތިޒާމެއް އޯ.އައި.ސީ ގެ ބެލުމުގެ ދަށުން އެކުލަވާލުމަށްވެސް އެދިފައިވާނެ. ނަމަވެސް އެމެރިކާއިން މިކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނުދިން. އެމީހުން ބުނަމުން ގެންދިޔައީ އުސާމާ އެމީހުނާ ހަވާލުކުރުމަށް. ނަމަވެސް އެހެން އެކަމެއް ނުކުރެވޭނެ. އެއީ އަހަރުމެން ދެ ސަރުކާރުގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް. އެކަމަށް ބާރުދޭ އެއްވެސް އެއްބަސްވުމެއްވެސް ނެތް. އަނެއްކާ އެމެރިކާ ސަރުކާރުން އަހަރުމެންގެ ސަރުކާރު ޤަބޫލެއްއްވެސް ނުކުރޭ."

އެހެންވީމާ ސަރުކާރު ފެންވަރުގައި ދެ ސަރުކާރު ދެމެދުގައި ވާހަކަ ދެކެވޭނެ މާހައުލެއް ނެތްކަމަށާއި މި ހުށަހެޅުންތައް އެމެރިކާއަށް ހުށަހަޅާފައިވަނީ ނުސީދާކޮށް ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށާއި އަދި ނުރަސްމީކޮށް އ.ދ. އަށް ކަނޑައަޅާފައިހުރި ތާލިބާން ސަރުކާރުގެ ސަފީރު މެދުވެރިކޮށްކަމަށް އަޙުމަދު ވިދާޅުވެފައިވެއެވެ.

އަޙުމަދު މިވާހަކަ އާއި ގުޅާގޮތުން، ތާލިބާން ސަރުކާރުން އެމެރިކާ ސަރުކާރަށް މިފަދަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް، ސެޕްޓެމްބަރ 11 ގެ ހާދިސާ ހިނގި އިރު ޕާކިސްތާނަށް އެމެރިކާއިން ފޮނުވާފައިހުރި ސީ.އައި.އޭ ގެ ސްޓެޝަން ޗީފް ރޮބަރޓް ގްރެއިނަރ ވެސް ޔަގީންކޮށް ދެއްވާފައެވެ.

އުސާމާ ބިންލާދިން ގެ މައްޗަށް ކުރެވޭ ތުހުމަތުގެ ޝަރީއަތް އަފްޢާނިސްތާނުގެ ޢުލަމާއިންގެ މަޖްލިސް އަކުން ބެލުމަށްވެސް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން ތަކުގައި ހިމެނޭ ކަމަށާއި ނަމަވެސް އެމެރިކާގެ އޮފިޝަލުން މި ހުރިހާ ހުށަހެޅުމަކަށްވެސް ދީފައިވަނީ ބީރުކަންފަތެއްކަމުގައި އަޙުމަދު ވިދާޅުވެފައި ވެއެވެ.

ވަކީލު އަޙުމަދު މުތަވައްކިލް މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ކާބުލް ގައެވެ. ކާބުލްގެ އިސްލާމިކް ތައުލީމީ ފައުންޑޭޝަނެއްގެ މުސްތަޝާރެއްގެ ގޮތުގައެވެ. 2002 ވަނަ އަހަރުގެ ކުރީކޮޅު އަނިޔާވެރި ބަޢްރަމް ޖަލުގައި މަސްތަކެއް ހޭދަކުރެއްވުމަށްފަހު ފަހުން ކަންދަހާރުގައި ގޭބަންދުގައިވެސް ހުންނެވިއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ތިޚަބަރަކީ އެއްގޮތަކަށްވެސް ހަމަ ޖެހޭ ޚަބަރެއްނޫން.. އެހެނީ 2001 ގައި އަލްޤައިދާއިން ނެރުނު ވީޑިއޯއެއްގައި އަލްޤައިދާ އިން މުއްލާއުމަރަށް ބައިއަތު ހިފާފައިވާކަމަށް ބުނެފައިވޭ.. ދެން އަނެއްކަމަކީ އެއިރު އަލްޤައިދާ އޮތީ ވަރަށް މަދުން ތާލިބާނުން އެމީހުން ފޮހެލަން ބޭނުންނަމަ ކޮންމެހެނެއް އެމެރިކާގެ އެހީއަކަށް ނޭނދޭނެ. ތާލިބާނުންނަށް އެމީހުން ހުއްޓުވޭނެ.. ހަމަ އެއިރު ނޮދާރން އެލައިންސް އާއިވެސް އިދިކޮޅަށް ތާލިބާނުން ދިޔައީ ހަނގުރާމަ ކުރަމުން. އެކަމަކު އެމެރިކާގެ އެހީއަކަށް ނޭދޭ.. ސައިޓުގަ ޚަބަރު ޖަހާއިރު މަސްދަރު ގެނެސް ދިނުމަކީ ކިޔުންތެރިންގެ އިތުބާރު ލިބޭނެކަމެއް… ޖަޒާކﷲ ޚައިރަން

  2. އައްމަޑޭގެ ކޮމެންޓަށް ބުނެލަންއޮތީ ކޮމެންޓް ވަރަށް ރަގަޅެވެ. ނަމަވެސް ކޮމެންޓް ކުރައްވާފައިވަނީ ލިޔެފައިވާ ޚަބަރަށް ނޫންކަމުގައި ހިތާމަޔާއެކު ދަންނަވަމެވެ. ޚަބަރުގައި ތާލިބާނުން އަލްޤައިދާ ފޮހެލަން މަސައްކަތްކުރި ވާހަކައެއް ނުވަތަ ދެބައިމީހުން ދެމެދުގައި މައްސަލަ ޖެހުނުވާހަކައެއް ނާދެއެވެ. މިނިވަން ސިކުޑިއަކާއިއެކު ޚަބަރު އަދި އެއްފަހަރު ކިޔާލުން ރަނގަޅުވާނެކަމަށް ފެނޭ. ޚަބަރުގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް ތާލިބާނުން ޝަރީއަތް ބާއްވަން ބޭުންވީ އުސާމާ އެމީހުނާ ހަވާލުކުރަން ބުނުމުން ކަމަށްވެސް. މީގެންވެސް އިނގޭ ތާލިބާނުންނާ އުސާމާ އާއި ގުޅުން އޮތްކަން.

  3. ސަލާމް، މިއީ އާ ޚަބަރެއް ނޫން، މުއްލާ ޒައީފް ލިޔުއްވި ފޮތުގައި މިކަންކަން މާ ކުރިން ވަނީ ގެންނަވާފަ. އަދި އިތުރު ވާހަކަ އެއް، ތާލިބާން ޝަރީއަތް ބާއްވަން އެއްބަސް ވުމަކުން އޭގެން މާނަ އެއް ނުކުރޭ ޝޭޚް އުސާމާ އާއި ގުޅުން ނެތް ކަމަކަށް އަޚާ، ކޮންމެ މަތީ ބޭފުޅަކަށްވެސް ޝަރީއަތް ކުރެވިދާނެ، ދީނަކީ އަދުލު ވެރި ދީނެއް. އެހެނެއްކަމަކު މުއްލާ ޒައީފް ގެ ފޮތުގައި ވާ ފަދައިން،އެމެރިކާ ބޮޑާ ކަމާއިއެކު، ޝަރުއީ ކޯޓެއް ޤަބޫލެއް ނުކުރި، އެމީހުން ހީކުރީ ތާލިބާން އަތުން ހަނގުރާމަ ކޮށްގެން ޝޭޚް އަތުލެވޭނެ، އެކަމަކު އެހެނެއްނުވި، ދިހަ އަހަރަށް ފަހު ނޫނީ، އެހެންވެ އެތިބީ އޭގެން ފިލާވަޅު ލިބިގެން، ލިބްޔާ ގެ ސަރުކާރާ ދެކޮޅާ ހަނގުރާމަ ކުރާމީހުންނާއި ގުޅެން މަސައްކަތް ކުރަނީ، އެމީހުންނަށް އެނގޭ މިހާރު، ހަތިޔާރު ނެތަސް މުސްލިމުންނަކީ އާދައިގެ ބަޔެއް ނޫންކަން.

Your email address will not be published. Required fields are marked *