ތާލިބާން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދެވުނު ހަމަލާގެ މާކުރިން އުސާމާ ބިންލާދިންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ޝަރީއަތް ހިންގުމަށް ބޭނުންވާކަން އަފްޢާނިސްތާނުގައި އޭރުއޮތް ތާލިބާން ސަރުކާރުން އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެމެރިކާއިން މިކަމަށް އެއްވެސް ޝައުގުވެރިކަމެއް ވަނީ ނުދީފައެވެ.
ތާލިބާން ސަރުކާރުގެ ހާރިޖީ ވަޒީރު ވަކީލު އަޙުމަދު މުތަވައްކިލް އަލް-ޖަޒީރާ އަށް ހާއްޞަކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، 1990 ވަނަ އަހަރު އެމެރިކާގެ ތަފާތު ތަންތަނަށް އަމާޒުކޮށްގެން ރާވާ ފައިވާ ހަމަލާތަކުގައި އުސާމާ ބިން ލާދީންގެ ބައިވެރިވުން އޮތްކަމަށް ބުނަމުން ދިޔަ ބުނުން ތަހްޤީގު ކޮށްދިނުމަށް ތާލިބާން ސަރުކާރުން ވާނީ އެތައް ފަހަރެއްގެ މަތިން އެމެރިކާއަށް ހުށަހަޅާފައެވެ.
މިގޮތުން އޭނާ ވިދާޅުވެފައިވަނީ "ސެޕްޓެމްބަރ 11 ގެ މާކުރިން އުސާމާ ގެ މައްޗަށް ކުރެވޭ މައްސަލަ ހައްލުކުރުމަށް ވާނީ އަހަރުމެން އިސްލާމީ ސަރުކާރުން ވާނީ މަސައްކަތް ކޮށްފަ. މީގެ ތެރެއިން އެއް ހުށަހެޅުމަކަށް ތިން ޤައުމު އެކުލެވޭ ކޯޓެއް ނުވަތަ އެފަދަ އިންތިޒާމެއް އޯ.އައި.ސީ ގެ ބެލުމުގެ ދަށުން އެކުލަވާލުމަށްވެސް އެދިފައިވާނެ. ނަމަވެސް އެމެރިކާއިން މިކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނުދިން. އެމީހުން ބުނަމުން ގެންދިޔައީ އުސާމާ އެމީހުނާ ހަވާލުކުރުމަށް. ނަމަވެސް އެހެން އެކަމެއް ނުކުރެވޭނެ. އެއީ އަހަރުމެން ދެ ސަރުކާރުގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް. އެކަމަށް ބާރުދޭ އެއްވެސް އެއްބަސްވުމެއްވެސް ނެތް. އަނެއްކާ އެމެރިކާ ސަރުކާރުން އަހަރުމެންގެ ސަރުކާރު ޤަބޫލެއްއްވެސް ނުކުރޭ."
އެހެންވީމާ ސަރުކާރު ފެންވަރުގައި ދެ ސަރުކާރު ދެމެދުގައި ވާހަކަ ދެކެވޭނެ މާހައުލެއް ނެތްކަމަށާއި މި ހުށަހެޅުންތައް އެމެރިކާއަށް ހުށަހަޅާފައިވަނީ ނުސީދާކޮށް ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށާއި އަދި ނުރަސްމީކޮށް އ.ދ. އަށް ކަނޑައަޅާފައިހުރި ތާލިބާން ސަރުކާރުގެ ސަފީރު މެދުވެރިކޮށްކަމަށް އަޙުމަދު ވިދާޅުވެފައިވެއެވެ.
އަޙުމަދު މިވާހަކަ އާއި ގުޅާގޮތުން، ތާލިބާން ސަރުކާރުން އެމެރިކާ ސަރުކާރަށް މިފަދަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް، ސެޕްޓެމްބަރ 11 ގެ ހާދިސާ ހިނގި އިރު ޕާކިސްތާނަށް އެމެރިކާއިން ފޮނުވާފައިހުރި ސީ.އައި.އޭ ގެ ސްޓެޝަން ޗީފް ރޮބަރޓް ގްރެއިނަރ ވެސް ޔަގީންކޮށް ދެއްވާފައެވެ.
އުސާމާ ބިންލާދިން ގެ މައްޗަށް ކުރެވޭ ތުހުމަތުގެ ޝަރީއަތް އަފްޢާނިސްތާނުގެ ޢުލަމާއިންގެ މަޖްލިސް އަކުން ބެލުމަށްވެސް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން ތަކުގައި ހިމެނޭ ކަމަށާއި ނަމަވެސް އެމެރިކާގެ އޮފިޝަލުން މި ހުރިހާ ހުށަހެޅުމަކަށްވެސް ދީފައިވަނީ ބީރުކަންފަތެއްކަމުގައި އަޙުމަދު ވިދާޅުވެފައި ވެއެވެ.
ވަކީލު އަޙުމަދު މުތަވައްކިލް މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ކާބުލް ގައެވެ. ކާބުލްގެ އިސްލާމިކް ތައުލީމީ ފައުންޑޭޝަނެއްގެ މުސްތަޝާރެއްގެ ގޮތުގައެވެ. 2002 ވަނަ އަހަރުގެ ކުރީކޮޅު އަނިޔާވެރި ބަޢްރަމް ޖަލުގައި މަސްތަކެއް ހޭދަކުރެއްވުމަށްފަހު ފަހުން ކަންދަހާރުގައި ގޭބަންދުގައިވެސް ހުންނެވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...