އެމެރިކާ

ހިލަރީ ކްލިންޓަން އީރާނަށް އަދަބުދިނުމަށް ތާއީދު ހޯދުމުގައި ގުނބު ހިލިފައި

ލިޔުނީ: އަހްމަދު ޚަލީލް

މިދުވަސްކޮޅު އެމެރިކާގެ ޚަރިޖީވަޒީރާ ހިލަރީ ކްލިންޓަން ހޭބޯނާރާއުޅެނީ އީރާނަށް އަދަބުދިނުމަށް އ.ދ.ގެ ސަލާމަތީ މަޖްލީހުގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތުގައެވެ. މިކަމުގައި ރަޝިޔާގެ ރުހުން ލިބޭތޯ މިވަގުތު އޭނާހުރީ ރަޝިޔާގައެވެ.

ހިލަރީގެ މިދަތުރުގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލައިގާ އީރާނަށް އަދަބު ދިނުމާބެހޭގޮތުން ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގެއި ލެވްރޯވްއާއެކު މޮސްކޯގައި ވާހަކަތައް ކުރިއަށްދަނިކޮށް، ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންވަނީ އީރާނުގައި ރަޝިޔާގެއެހީއާއެކު މިހާރު ހަދަމުންގެންދާ ނިއުކްލިއަރ ރިއެކްޓަރގެ މަސައްކަތް މިއަހަރުގެ ހޫނުމޫސުމުގައި ފަށާނެކަމުގައި އިޢްލާން ކުރައްވައިފިކަމުގައި ރޮއިޓަރސްއިން ބުނެފިއެވެ.
އީރާނުގެ އެކުވެރި ގައުމެއްކަމުގައިވާ ރަޝިޔާއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ތާއީދުކުރާ އަދި އެހީތެރިވާ ގައުމެކެވެ. އަދި ރަޝިޔާއަކީ ވީޓޯކުރުމުގެ ބާރުއޮންނަ އދ.ގެ ސަލާމަތީ މަޖްލީހުގެ ދާއިމީ މެމްބަރެކެވެ. ޕުޓިންގެ މިނިންމެވުމާމެދު ހިލަރީވަނީ މާޔޫސްވެފައެވެ. ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލައިގާ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާކަށް ރަޝިޔާތާއީދެއް ނުކުރެއެވެ. އަދި ހުކުރު ދުވަހު (މިއަދު) މިމައްސަލާގައި ރަޝިޔާގެ އެހީތެރިކަން ލިބޭނެގޮތެއް އޮތްތޯބެލުމަށް ވާހަކަދެއްކުމަށް ޕުޓިންނާ ބައްދަލުކުރުމަށް ހިލަރީވަނީ ނިންމާފައެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިލަރީވަނީ އެމެރިކާގެ ޕްރޮޕެގެންޑާއަށް ތާއީދު ހޯދުމަށް ޗައިނާއަށްވެސް ދަތުރެއްކޮށްފައެވެ. ނަމަވެސް ވީޓޯކުރުމުގެ ބާރުއޮންނަ އ.ދ.ގެ ދާއިމީ މެމްބަރު ގައުމެއްކަމަށްވާ ޗައިނާއިންވެސް ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ މައްސަލާގައި ވާހަކަދައްކައިގެން ޙައްލު ހޯދުން މާރަނގަޅުކަމުގައެވެ.
ހަމައެފަދައިން އ.ދ.ގެ ސަލާމަތީ މަޖްލީހުގެ ދައުރުވާ ގޮނޑި މިދައުރުގައި ފުރަމުންދާ ބްރެޒީލުންވެސްވަނީ އެމެރިކާގެ އެދުމާ ދެކޮޅުހަދާފައެވެ. ބްރެޒީލުން ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އަހްލީބޭނުންތަކަށް ކުރިއަށްގެންދާ ރައްކަތެރި ޕްރޮގްރާމެއްކަމަށާ އީރާނުގެ ޕްރޮގްރާމަށް ބްރެޒީލުން ތާއީދުކުރާކަމަށެވެ. ކަންމިހެން ހުރުމާއެކު، އީރާނަށް އަދަބު ދިނުމާމެދު އެމެރިކާ ގެންގުޅޭ އެދުން ޙާޞިލުވާނެކަން ނުވަތަ ނޫންކަންވަނީ ސުވާލުމާމެއްގެ ތެރޭގައެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގެރާމުގެ ބޭނުމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް އެމެރިކާއިން ގެންދަނީ ތުހުމަތުކުރަމުންނެވެ. އެމެރިކާއިން ޢިރާޤަށްއެރީވެސް ޢިރާޤުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ތުހުމަތުކޮށް ބައިނަލް އަޤްވާމީ ދުނިޔޭގެ ލޮލުގައި އަނދުންއަޅުވައިގެންނެވެ. އަދި ޢިރާޤާމެދު އެމެރިކާއިން ދެއްކި މަކަރުވެރި ވާހަކަތަކުގެ ޙަގީގަތްވަނީ މުޅިދުނިޔެއަށް ބޭޒާރުވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *