އަރަބިދުނިޔެދުނިޔެ

އުރްދުންގެ ޢަބްދު ﷲ ރަސްގެފާނު އިސްރާއީލުގެ ބޮޑު ވަޒީރުގެ ފޯނު ކޯލަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފި

Urdhunge Abdhullah Rasgefaanu israelge Bodu Vazeeruge Phone Call akah Jawab Dhehvan Dhekolhu Hahdhavaifi

އުރްދުންގެ ޢަބްދު ﷲ ރަސްގެފާނު އިސްރާއީލުގެ ބޮޑު ވަޒީރުގެ ފޯނު ކޯލަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފިއެވެ.

ފަލަސްޠީނުގެ ނޫސް އެޖޭންސީއެއް ކަމަށްވާ އަލްމަޢާން އިން ރިޕޯޓު ކުރައްވާފައިވާ ގޮތުގައި ޢަބްދު ﷲ ރަސްގެފާނު މިފޯނު ކޯލަށް ޖަވާބު ނުދެއްވީ، މިއަންނަ ޖުލައި މަހު ފަލަސްޠިނުގެ ހުޅަނގު އައްސޭރީގެ ބައިތައް އެއީ އިސްރާއީލުގެ ބިންކަން ރަސްމީކޮށް ކަނޑައެޅުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ.

ހަމަ މިފަދައިން، ފަލަސްޠީނު އިސްރާއީލުގެ މައްސަލައިގައި ޓްރަމްޕްގެ ސަރުކާރުން އެކުލަވާލި ޞުލްޙައިގެ ރޭވުމާއި މެދު ވާހަކަ ދެއްކުމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެނީ ގާންޓްޒ އެދުމުން، ޢަބްދު ﷲ ރަސްގެފާނުވަނީ އެކަމަށް ވަކި ތާރީޚެއްވެސް ހަމަޖައްސައި ނުދެއްވާފައެވެ.

މިއީ ޢަބްދު ﷲ ރަސްގެފާނު އިސްރާއީލުން މިއަންނަ ޖުލައި މަހު ފަލަސްޠީނުގެ ބިންތައް އެޤައުމުގެ ސަރަޙައްދުގެ ތެރެއަށް ރަސްމީކޮށް ވެއްދުމަށް ވަމުން އަންނަ ތައްޔާރީތަކާއި އިދިކޮޅަށް އިހްތިޖާޖު ކުރެއްވި ފުރަތަމަ ފަހަރެއްނޫނެވެ. މިދިޔަ މެއި މަހު ޢަބްދު ﷲ ރަސްގެފާނުވަނީ ޖަރުމަނުގެ މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، އިސްރާއީލުން މިގޮތަށް އަމަލުކޮށްފިނަމަ، އެދެޤައުމު ދޭތެރޭ ބޮޑު މައްސަލައެއް ފެންމަތިވާނެކަމަށެވެ. މީގެ އިތުރުން އެމަނިކުފާނާއި، އެމަނިކުފާނުގެ ވަލީ ޢަހުދު، އަލްޙުސައިން ބިން ޢަބްދު ﷲ އަމިއްލަފުޅަށްވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖްލިހުގެ މެންބަރުންނާއި ވާރޗުއަލްކޮށް ގުޅުއްވާ، ހުޅަނގު އައްސޭރީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި ވަނީ އިދިކޮޅު ހައްދަވާފައެވެ. އަދި ހަމަ މިއާއިއެކު، އުރްދުންގެ ޚާރިޖީ ވަޒީރު، އައިމަން ސަފާދީވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ އަރިހަށް ރާމަ ﷲ އަށް، ކުއްލި ޒިޔާރަތެއް ކުރައްވާފައެވެ.

އުރްދުންގެ އާބާދީގެ ބޮޑު ބަޔަކީ ހަނގުރާމައިގެ ސަބަބުން 1947 ވަނަ އަހަރު ފަލަސްޠީނުން އުރްދުނަށް ހިޖުރަ ކޮށްފައިވާ ފަރާތްތަކާއި، އެބައިމީހުންގެ ދަރީންނެވެ. މިހެންކަމުން އެޤައުމުގެ ގިނަ ބަޔަކު، ފަލަސްޠީނުގެ ބިންތައް އިސްރާއީލުން ރަސްމީކޮށް އެބައިމީހުންގެ ޤައުމުގެ ބަޔަކަށް ހެދުމުގެ ރޭވުމާއި ދެކޮޅެވެ. އަދި ހަމާއެއާއި އެކު، ޤައުމުގެ ބޮޑުބައި އުރްދުނާއި އިސްރާއީލާއި އުރްދުނާއި ދެމެދު އޮތް ޞުލްޙައިގެ މުޢާހަދާ އާއިވެސް ދެކޮޅެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *