ބޭނުންވާނެ ތަކެތި
3 ކިބަ ކާށީގެ ކިރު
1/2 ޖޯޑު ހަނޑޫ
1/3 ޖޯޑު ފުށް
4 ޖޯޑު ހަކުރު
2 މޒ ސަމުސާގެ ފިނިފެންމާ ފެން
2 ޖޯޑު ރާނބާފަތު ފެން
ތައްޔާރުކުރާނެ ގޮތް
ހަނޑޫ ފެނަށްލާ މަޑުވުމުން ދޮވުމަށްފަހު ހިމުންކޮށް މުގުރާށެވެ. އަވަން ހޫނުކުރުމަށް ޖެއްސުމަށްފަހު ކޭކް ފިހާ ޓްރޭއެއްގައި ތެޔޮ ފޮދެއް ކާއްތާލައްވާށެވެ. ތެއްޔަކަށް ހަނޑޫ ފުށް، ހަކުރު، ކާށި ކިރު، ރާނބާފަތު ފެން އަދި ފުށް އެޅުމަށްފަހު އުނދުންމަތީ މެދު ގިނީގައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ހައްލަވަމުން ކައްކަވާށެވެ. ހައްލަވަން އުނދަގޫ ވަރަށް ފުށްގަނޑު ބޯވުމުން ފިނިފެންމާ ފެންފޮދު އަޅުއްވާ 2 މިނެޓް ވަރު ކެއްކުމަށްފަހު އުނދުން ނިއްވާލާށެވެ. އުނދުން ނިއްވާލުމާއި ހަމައަށްވެސް ދޭފަތަކުން ރަނގަޅަށް ފުށްގަނޑު ހައްލަވަންވާނެއެވެ. އެހެން ނޫންނަމަ ތެލީގެ ފުލުގައި ތަތްވުންފަދަ ކަމެއް ދިމާވެދާނެއެވެ.
ފުށްގަނޑު ޓްރޭއަށް އަޅައި ލެވެލް ކޮށްލުމަށްފަހު މަތި ކުޑަކޮށް ރަތް ވަންދެން އަވަނުގައި ފިހެލާށެވެ.
*ބައެއް ފަހަރަށް އަވަނުގެ ހޫނުމިން މަތިނަމަ ބޯކިބާ ފަޅައިގެންދާ ގޮތް މެދުވެރިވެދާނެއެވެ. އެފަދަ ހާލަތުގައި އަވަނުގެ ހޫނުމިން ދައްކޮށްލާށެވެ.
* ރާނބާފަތު ފެން ތައްޔާރު ކުރުމަށް ތެއްޔަކަށް 4 ޖޯޑު ފެނާއި ދެ ރާނބާފަތް ބުރިކޮށްލާފައި އެޅުމަށްފަހު 30 މިނެޓް ވަންދެން ފެން ބޮކި ޖަހާވަރަށް ކައްކާށެވެ. އެއަށްފަހު ރާނބާ ފަތްތައް ފެނުން ވަކިކޮށްލުމަށްފަހު ފެން ހިހޫވުމުން ބޭނުންކުރާށެވެ.

















ޚިޔާލު