ދީނީ ލިޔުންދީން

ދޫރައްކާތެރިކުރުން - 4

ޣީބަބުނުމުން ސަލާމަތްވާނީ ކިހިނެއް؟

1. ﷲ އަށް ތަގްވާވެރިވުން. އަދި ﷲ އަށް ލަދުވެތިވުން.
މިކަން ޙާޞިލް ކުރެވޭނީ ގިނަގިނައިން ގުރްއާން ކިޔަވާ އަދި އެއަޑުއަހާ ހެދުމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ގެ ކިބައިން ޣީބަބުނުމުގެ ނުބައިކަމާއި މެދު ވާރިދެވެފައިވާ ޙަދީޘް ތައް މުދާރަސާކޮށް، އެންމެހައި ކުށްފާފަ ތަކުން ދުރުހެލިވުން. ﷲ ވަޙީ ކުރެއްވިއެވެ.
(أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ) الزخرف: ٨٠ މާނައަކީ: "ނުވަތަ އެބައިމީހުން ހީކުރަނީ އެމީހުން ކުރާ ސައްލާތަކާއި ސިއްރުން ރާވާރޭވުންތަކުގެ އަޑު ތިމަން ﷲ އައްސަވާ ވޮޑިގެން ނުވާ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެމީހުންގެ ގާތަށް ތިމަން ﷲ ލައްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވައެވެ".
ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (استحيوا من الله عز وجل حق الحياء، قلنا: يا رسول الله، إنا نستحيي والحمد لله، قال: ليس ذلك، ولكن من استحيى من الله حق الحياء فليحفظ الرأس وما حوى، وليحفظ البطن وما وعى). މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވާށެވެ. ޞަޙާބީން ދެންނެވިއެވެ. ތިމަންމެން ﷲ އަށް ލަދުވެތިވަމެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބުނާ ކަންތަކެއް ނޫނެވެ. އެހެންނަމަވެސް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވެއްޖެމީހާ އޭނާގެ ބޮލާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ. އަދި ބަނޑާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ".

2. ޣީބަބުނުމުގެ ސަބަބުން ތިމާގެ ހެޔޮކަންތަކުން އުނިވެގެންދާ މިންވަރު ހަނދުމަ ކުރާށެވެ. އަދި އޭނާ ޣީބަ ބުނީ މީހާއަށް އަމިއްލަ ހެޔޮކަންތައް ހަދިޔާ ކުރެވެނީ ކަމާއިމެދު ވިސްނާ ފިކުރުކުރާށެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ތިމަންކަލޭފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ އޭނާގެ އަތުގައި ދިރްހަމެއް ވަންނާނެ ތަނެއް ނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ގިޔާމަތްދުވަހުން ނަމާދާއި ޒަކާތާއި ރޯދަ ހިފައިގެން މާތް ﷲ ގެ ޙަޟްރަތަށް އަންނަހިނދު، މީހަކާއި ދިމާލަށް އެއްޗެތިކިޔާ، އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ. އޭނަގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާލިބުނުމީހާގެ ނުބައިކަންތަކުން ނަގައި އަނިޔާވެރިވިމީހާ އަށް ބަދަލު ކުރެވޭނެއެވެ. އެޔަށްފަހު އޭނާ ނަރަކަ އަށް އެއްލައިލެވޭނެއެވެ".

3. ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތަކާއި މެދުގައި ވިސްނާފިކުރުކޮށް، އެހެންމީހުންގެ ޢައިބު ހޯދަން މަސައްކަތް ނުކުރުން. މިފަދަކަންތަކަށް އަރައިގަނެވެނީ ނަމަ، މާތް ﷲ ތިމާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެހެންމީހުންގެ ހުންނަ ޢައިބު ޞިފަތައް ތިމާގެ ކިބައިގައި ލައްވަފާނެކަން ހަދުމަކުރުން.

4. ޞާލިޙް ރަގަޅު އެކުވެރިންނާއި އެކުގައި އުޅުން، އަދި ނުބައި އެކުވެރިންނާއި އެކުގައި އުޅުން ދޫކޮށްލުން.

5. ސަލަފުއްޞާލިޙުންގެ ސީރަތު ދިރާސާކުރުން. އެބޭކަލުން ހަވާނަފްސާ ދެކޮޅަށް ހަނގުރާމަ ކުރެއްވިގޮތް ދަސްކުރުން.
އަބޫޢާޞިމުއް ނަބީލް ވިދާޅުވިއެވެ. "ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އެނގުނު ދުވަހުން ފެށިގެން ދުވަހަކުވެސް ތިމަންކަލޭގެފާނު ޣީބައެއް ނުބުނަމެވެ".

6. ތިމާއަށް ޣީބައެއް ބުނެވިއްޖެނަމަ އަމިއްލަ ނަފްސަށް އަދަބުދިނުން.
އިބްނުވަހުބް ކަންތައް ކުރެއްވިގޮތްކަމަށްރިވާވެގެންވެއެވެ. އެކަލޭގެފާނަށް މީހެއްގެ ޣީބަ ބުނެވިއްޖެ ކޮންމެ ހިނދެއްގައި އަނެއްދުވަހު ރޯދަހިއްޕަވައެވެ. މިގޮތަށް ގޮސް އެކަލޭގެފާނަށް އުނދަގޫވާ ވަރުވުމުން ޣީބަބުނުން އެއްކޮށް ހުއްޓަވާލެއްވިއެވެ. އަދި ޣީބަބުނެވޭ ކޮންމެ ހިނދެއްގައި ދިރްހަމެއްގެ މިންވަރުން ޞަދަގާތް ކުރެއްވުމަށް އެކަލޭގެފާނު ޢަޒުމް ކަނޑައެޅުއްވިއެވެ. ދެން ދިރްހަމްދެކެވާ ލޯތްބެއްގެ ސަބަބުން ޣީބަ ބުނުމާ ދުރުހެލިވެލައްވަން ޖެހިވަޑައިގަތެވެ.

ޣީބަބުނުމުގެ ޖަޒާ:

1. ދުނިޔެމަތީގައި އޭނާ ފަޟީޙަތްކުރެއްވުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެއްދުވަހެއްގައި މިންބަރަށް އަރައިވަޑައިގެން އަޑުހަރުކޮށް ގޮވާލެއްވިއެވެ. "އެބައިމީހުންގެ ދޫތަކުން އީމާންވެ، ހިތްތަކަށް އީމާންކަން ނުވަންނަ މީހުންނޭވެ. ތިޔަބައިމީހުން މުސްލިމުންނަށް ގޯނާ ނުކުރާށެވެ. އަދި އެބައިމީހުންނަށް މަލާމާތް ނުކުރާށެވެ. އަދި އެބައިމީހުންގެ ޢައުރަތައް (ޢައިބުތައް) ހޯދަން ނޫޅޭށެވެ. މުސްލިމުންގެ ޢައިބު ހޯދަން އުޅޭ މީހެއްގެ ޢައިބު މާތް ﷲ ފާޅުކުރައްވާނެތެވެ. އެމީހަކު ގޭ ތެރޭގައި ފިލާއޮތްނަމަވެސް މާތް ﷲ އޭނާގެ ޢައިބު ފާޅުކުރައްވައި ފަޟީހަތް ކުރައްވަފާނެއެވެ.

2. ކައްވަޅުގައި ޢަޛާބު ލިބުން. އަބީބަކްރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ދެގަބުރެއްގެ ކައިރިން ހުރަސްކުރައްވާ ޙަދީޘް ކުރެއްވިއެވެ. "މިދެގަބުރަށް އެބަ ޢަޛާބު ލިބެއެވެ. އެހެންނަމަވެސް މާކަށް ބޮޑު ކަމަކު އެއް ނޫނެވެ. އޭގެތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ސާފުނުވާމީހެކެވެ. އަނެކަކީ ޣީބަބުނުމުގެ ސަބަބުން ޢަޛާބު ލިބެމުންދާ މީހެކެވެ".
އަލްޚައްޠާބީ ވިދާޅުވިއެވެ. "މިޙަދީޘް ގައި އެމީހުންނަށް ޢަޛާބުލިބެނީ މާބޮޑު ކަމަކު އެއް ނޫނޭ ޙަދީޘް ކުރެއްވުމުގެ މާނައަކީ އެމީހުންނަށް އެކަމެއްެގެ ސަބަބުން ޢަޛާބުލިބެމުން އެދާ ކަމަކީ ދުރުހެލިވާން ބޭނުންވެއްޖެނަމަ، ދުރުހެލިވާކަށް އެހާ އުނދަގޫ ކަމެއް ނޫނެވެ".

3. ނަރަކައިގައި ޢަޛާބު ލިބުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެްވިއެވެ. ތިމަންކަލޭގެފާނައިގެން މިޢުރާޖަށް އަރައިގަޑައިގެންނެވުނު ރޭގައި މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން ގެ ނިޔަފަތިތަކުން މޫނުގައި ވަކިއަޅާތަން ދެކިލިެެއްވީމެވެ. އެެއިީ ކޮންބަޔެއްތޯ ސުވާލުދެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އެބަިމީހުންނަކީ ޣީބަބުން މީސްތަކުންގެ އަބުރަށް އަރައިގަންނަމުން ދިޔަ މީހުންނެވެ.

ޣީބައިގެ ކައްފާރާ:

އެހެންވެސް ބޮޑެތިފާފަތަކެކޭވެސް އެއްފަދައިން ޣީބަބުނުން ފަދަ ކަމަކަށް އަރައިގަނެވިފައިވާ މީހާ އެކަމުން ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވާން ޖެހޭނެއެވެ. ތައުބާވެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަ ކިޮށްގެންނެވެ.
1. ތިމާއަށް ކުރެވުނު ކަންތަކާއި މެދު ހިތާމަކުރުން. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްއެއްގެ މާނާގައިވެއެވެ. "ކުރުވުނު ކުށަށް ހިތާމަ ކުރުމަކީ ތައުބާވުމެކެވެ".
2. ކުރެވުނު ކުށުން ދުރުހެލިވެ އެއްކިބައިވުން. ސަބަބަކީ ކުށަށް އަރައިގަތުން މަތީ ދެމިހުރިހާ ހިނދަކު ތައުބާނުވެވޭނެކަން.
3. އެފަދަ ކުށަކަށް ދެންދުވަހަކުވެސް އަރައިނުގަތުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑަ އެޅުން.
4. މީހެއްގެ ޙައްގަކަށް އަރައިގަނެވިފައިވަނީ ނަމަ އެމީހެއްގެ ކިބައިން މާފަށް އެދުން. ރަސޫލާ ޞައްލަﷲ އަލަިއހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އެހެންމީހެއްގެ ޙައްގަކަށް ނުވަރަ އަބުރަށް އަރައިގަނެވި އަނިޔާވެރިވެވިފައިވަނީ ނަމަ ދީނާރެއް ދިރްހަމެއް ނުވާ ދުވަހު އެމީހެއްގެ ހެޔޮކަމުން ނެގި އަނެއްމީހާ އަށް ލިބުނު އަނިޔާވެރިކަމާއި ގުޅޭވަރަށް އޭނާގެ ހެޔޮކަމުން ދެވޭ ދުވަސް އައުމުގެ ކުރިން އެކަމެއް އަވަހަށް ނިންމާށެވެ. އެމީހެއްގެ ހެޔޮކަމެއްވާނަމަ އަނިޔާލިބުނު މީހާއަށް އަނިޔާ އަށްވާވަރަށް ލިބިދެވޭނެއެވެ. ހެޔޮކަމެއް ނުވާނަމަ އަނިޔާލިބުނުމީހާގެ ނުބައިމަކުން އަނިޔާއަށްވާ ވަރަށް ކެނޑި އެބައި ބޮލު އަޅަން ޖެހިދާނެއެވެ".

ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ. "ޣީބަބުނުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ޒިނޭކުރުމާއި ބަނގުރާބުއިމަށްވުރެވެސް ނުބައިކަން ބޮޑުކަމެކެވެ. އެހެނީ އެފަދަ ކަމަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން މާތް ﷲ އެމީހެއްގެ ތައުބާ ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް، ޣީބަބުނާ މީހާ އޭނާގެ އަޚާ މާފް ކުރުމަށް ދާންދެން މާތް ﷲ އެމީހަކަށް މާފު ނުކުރައްވާނެ އެވެ".
ޙުޛައިފާވިދާޅުވިއެވެ. "ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ އެކަމުގެ ކައްފާރާއެވެ".
މުޖާހިދް ވިދާޅުވިއެވެ. "ތިބާގެ އަޚާގެ މަސްކެއުމުގެ ކައްފާރާއަކީ އޭނާ އށް ޘަނާކިޔާ އަދި ހެޔޮ ދުޢާ ކޮށްދިނުމެވެ".
އިބްނުލް މުބާރަކް ވިދާޅުވިއެވެ. "ޣީބަބުނުމުން ތައުބާވުމަށް ޣީބަބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދުޢާކޮށްދޭށެވެ".

ޣީބަ ބުނުން ހުއްދަވާ ޙާލަތް ތައް:

1. ގާޟީ އެއްގެ ކައިރީގައި އަނިޔާވެރި މީހެއްގެ އަނިޔާވެރިކަމުގެ ހެކިބަސް ދިނުން. ނުވަތަ އަނިޔާ ލިބުނުމީހާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ އެހެންމީހުން ގެ ޢިބްރަތަށް ޓަކައި ދެއްކުން.
2. މުންކަރާތެއް މަނާ ކުރުމުގެ ގޮތުން މީހެއްގެ ވާހަކަ ދެއްކުން. މީހެއްގެ ކިބައިން ނުބައިކަމެއްފެނި، އެހެންމީހެއްގެ އެހީތެރިކަންނެތި އެކަން މަނާ ނުކުރެވޭނެ ކަމަށް ވަނީ ނަމަ އެވާހަކަދެއްކުން.
3. މީހެއްގެ ނުބައިކަމުން މީހުން ރައްކާތެރި ކުރުމަށްަޓަކައި އެވާހަކަ ދެއްކުން.
4. ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުން.
5. މީހެއްގެ އަިއިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިޘާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން.

-ނިމުނީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *