ދީނީ ލިޔުންދީން

ދޫރައްކާތެރިކުރުން (3)

ޣީބަ ޙަރާމް ކުރެއްވިކަމަށް ދޭހަވާ ސުންނަތުގެ ދަލީލުތައް:

1. ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إن دمائكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في شهركم هذا في بلدكم هذا). މާނައަކީ: "ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދުގެ (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިމައްސަރު(ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްރެރިވީފަދައިންނެވެ".
މިޙަދީޘްގެ ޝަރަޙާގައި އިބްނުލް މުންޛިރު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އުއްމަތަށް ބަޔާންކޮށްދެއްވައިފިއެވެ، އެކަން ޙަރާމް ކުރެއްވުން ގުޅިފައިވަނީ ލެޔާއި މުދަލާއެވެ. އެހެނީ ޙައްގަކާނުލާ މީހަކު މަރާނުލެވޭނެ ފަދައިން އަދި މީހެއްގެ މުދާ އަތުލައިނުގަނެވޭނެ ފަދައިން ޣީބަ ބުނުމަކީ ވެސް ޙަރާމް ކަމެކެވެ. އެކަން (ޣީބަބުނުން) ޙަރާމްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުން މައްކާގެ ޙުރްމަތާއ(މާތްކަން) ޛުލްޙިއްޖާމަހުގެ ޙުރްމަތާއި ގުޅުއްވައިލެއްވިއެވެ. އެހެނީ މައްކާގެ ބިމުގެ ޙުރުމަތްކެޑުމާއި ޛުލްޙިއްޖާމަހުގެ ޙުރުމަތް ކެނޑުން ޙަރާމްވީފަދައިން ޣީބަބުނުންވެސް ޙަރާމްވެއްޖެއެވެ.
އަލްއިމާމް ނަވަވީ މުސްލިމްގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. މިޙަދީޘް ގެ މުރާދަކި ބަޔާން ކުރެވުނު ކަންތަކުގެ ބޮޑުކަން ބަޔާންކޮށްދެއްވާ، އެފަދަކަމަކަށް އަރައިނުގަތުމަށް އުއްމަތަށް އިންޛާރުދެއްވުމެވެ.

2. ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (من أربي الربا الإستطالة في عرض المسلم بغير حق). وفي رواية ( إن من أكبر الكبائر استطالة المرء في عرض رجل مسلم بغير حق). މާނައަކީ: "އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "އެންމެ ބޮޑެތިފާފަ ތަކުގެ ތެރޭގައި ޙައްގަކާއި ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ".

3. ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. ޞަފިއްޔާގެ ކިބައިން ކަލޭގެފާނަށްފުދިއްޖެއެވެ، އެކަމަނާ ހާދަކުރެވެ. އެހިނދު ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ތިޔަވިދާޅުވި ކަލިމަ މޫދުގެ ލޮނުގަނޑާ އެކުވެގެން ހިނގައިދާނެއެވެ".
މިޙަދީޘް ގެ ޝަރަޙަގައި މުބާރިކްފޫރީވިދާޅުވިއެވެ. މީގެ މާނައަކީ "ޣީބަ" އަކީ ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވޭނެ އެއްޗެއްނަމަ އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ކުލަބަދަލުވެގެން ހިނގައިދާފަދަ އެއްޗެކެވެ.
މިއިން ދޭހަވަނީ "ޣީބަ" ބުނުމުގެ ނުބައިކަންބޮޑު ކަމެވެ. ކަމުގެ ޚުޠޫރަތްތެރި ކަމެވެ. ކުޑަކަމެއްގެ ގޮތުގައި ހީވިނަމަވެސް، ކަމަކީ އާދައިގެ ކަމެއް ނޫން ކަމެވެ.

4. މާޢިޒް-ރަޟިޔަﷲ ޢަންހު- ޒިނޭގެ ކުށައް އިޢުތިރާފްވި ހިނދު އެކަލޭގެފާނު ރަޖަމް ކުރެވުނެވެ. ރަޖަމް ކުރުމުގެ ޙާދިޘާ ނިމުނު ތަނުން ޞަޙާބީ ބޭކަލަކު ވިދާޅުވި އެވެ. މާތް ﷲ އޭނާ އަށް އެކަން(ޒިނޭކުރިކަން) ސިއްރުކޮށްދެއްވި ހިނދު އޭނާ އަމިއްލަ އަށް އެވާހަކަ ދެއްކުމުން މިއަދު ކުއްތާއެއް ރަޖަމް ކުރާފަދައިން ހިލައިންތަޅާ އޭނާ ރަޖަމް ކުރެވިއްޖެއެވެ. މިއަޑު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އިވިވަޑައިގެން މަރުވެފަިއވާ ޙިމާރެއްގެ މަސްގަނޑުގެނެސް އެވާހަކަގައި ބައިވެރިވި ޞަޙާބީންނަށް ދެންނެވިއެވެ. "މަރުވެފައިމިވާ ޙިމާރުގެ މަސްގަނޑު ތިޔަބައިމީހުން ކާށެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ނަބިއްޔާ އެވެ. މަރުވެފައިވާ ޙިމާރެއްގެ މަސްގަނޑު ކާނީ ކޮންބައެއް ހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާގެ އަބުރަށް އަރައިގަތުމުން ތިޔަ ކުރެވުނީ މި މުޅަމަސްގަނޑު ކެއުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ".

ޣީބަ ބުނުމާއި ބެހޭ ގޮތުން ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ބަސްތައް:

- އެއްދުވަހަކު ޢަމްރު ބިން އަލް ޢާޞް އެކަލޭގެފާނުގެ އަޞްޙާާބުންނާއި އެކު ވަޑައިގަންނަވަނި ކޮށް މަރުވެ ފުފިފައިވާ ބަޣްލެއް، ދިވެހިބަހުން ކިޔާގޮތުން ނަމަ "އޮށް" (ޙިމާރާއި އަހުގެ ދަރި) ފެނިވަޑައިގަތެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ތިޔަބައިމީހުންގެ އަޚެއްގެ މަސްކެއުމަށްވުރެ މި ޖަނަވާރުގެ މުޅަމަސްގަނޑު ކެއުންވެސް މާރަނގަޅެވެ.
- ސުފްޔާން ބިން ޢުޔައިނާވިދާޅުވިއެވެ. "ޣީބަބުނުމަކީ ދަރަންޔަކަށްވުރެ ބޮޑުކަމެކެވެ. ދަރަނި އަދާކުރެވެއެވެ. އެހެން ނަމަވެސް ޣީބަބުނުމުން އެއަދާކުރެވޭނެ ގޮތެއް ނޯވެއެވެ".
- ސުފްޔާނުއް ޘައުރީވިދާޅުވިއެވެ. "ނަމަ ނަމަ ޣީބަ ބުނުމާ ކައިރި ނުވާށެވެ. ނަމަ ނަމަ މީސްމީހުންގެ އަބުރަށް އަރައިނުގަންނާށެވެ. އޭގެ ސަބަބުން ތިބާގެ ދީން ހަލާކުވެގެން ހިނގައިދާނެއެވެ".
- އަބޫޢާޞިމުއްނަބީލް ވިދާޅުވިއެވެ. "އެމީހެއްގެ ކިބައިގައި ދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް އަޘަރެއް ހުރިމީހަކު މީސްތަކުން ނުރުހޭ ވާހަކަ އެއް ނުދައްކާނެއެވެ".
- އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީ ނެތްތަނުގައި މީހަކު އެކަލޭގެފާނަށް އެއްޗެތިކިޔެވެ. އެޚަބަރު އެކަލޭގެފާނަށް ލިބުމާއި އެކު އެންމެ އަގުބޮޑު ވައްތަރުގެ ކަދުރު ޓުކުރިއެއް އެމީހަކަށް ވެދުމަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށް މި އަގުބޮޑު ހަދިޔާ މިދީނީ ތިބާ އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައެވެ. އެމީހަކު ދެންނެވިއެވެ. އެއީ ކޮންކަމެއްތޯއެވެ. ވިދާޅުވިއެވެ. ތިމަންނާ ނެތްތަނުގައި ތިމަންނާގެ ނުބައިވާހަކަ ދެއްކުމެވެ. އޭގެ ސަބަބުން ތިިބާގެ ހެޔޮކަންތައްތަކުން ބަޔެއް އަޅުގަޑަށް ލިބޭނެއެވެ. ތިވަރުގެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެތޯއެވެ".

ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް:

1. ތަގްވާވެރިކަމާއި އީމާންކަން ބަލިކަށިވުން. މިކަމުގެ ސަބަބުން މީސްތަކުންގެ އަބުރަށް އަރައިގަނެ، ނެތިނުބައިކޔެން މެދުވެރިވެއެެވެ.
އަލްފަޟްލު ބިން ޢިޔާޟް ވިދާޅުވިއެވެ. ތަގްވާގެ އެންމެ ވަރުގަދަބައި ވަނީ ދުލުގައެވެ.
އަލްފަގީހް އައްސަމަރްގަންދީ ވިދާޅުވިއެވެ. "ޚާލިޞް ތަގްވާއަކީ ޙަރާމް ތަންތަނަށް ބެލުމުން ލޯތިރި ކުރުމާއި، ޣީބަބުނުމާއި ދޮގުހެދުމުން ދޫރައްކާތެރިކުރުމާއި، ހުރިހާ ގުނަވަންތަކެއް ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިކުރުވުމެވެ".

2. ނުބައިރަޙްމަތްތެރިންނާއެކު ބޭކާރުވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރުން. (وَكُنَّا نَخُوضُ مَعَ الْخَائِضِينَ) المدثر: ٤٥ މާނައަކީ: "ތިމަންމެން ދޮގުވެރިންނާއިއެކު، ބާޠިލް ދޮގު ވާހަކަ ދެއްކީމެވެ".
މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "ބޭކާރުވާހަކަ ދައްކާ ކޮންމެ މީހަކާއި އެކު ތިމަންމެން ބައިވެރިވެ، ބާޠިލް ވާހަކަ ދައްކައި އުޅުނީމެވެ".
އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ. (فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ. الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ) الطور: ١١ – ١٢ މާނައަކީ: "ދޮގުކުރި މީހުންނަށް އެދުވަހުން ގަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެމީހުންނަކީ ބާޠިލް ވާހަކަތަކުގެ ތެރޭގައި ދުނިޔެއާއި މަޝްޣޫލުވެ، ކުޅެކުޅެތިބި މީހުންނެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ. "އެމީހުންނަކީ ބާޠިލް ވާހަކަ ދެއްކުމުގައި ދުނިޔޭގެ ވަގުތުތައް ހޭދަކުރި މީހުންނެވެ".

3. އަނެއް މުސްލިމް އަޚާއާއި މެދުގައި ޙަސަދަވެރިވުން، ނަފްރަތު ކުރުން.
އިބްނުތައިމިއްޔާ ވިދާޅުވިއެވެ. "މީސްތަކުންގެ ތެރޭގައިބަޔަކުވެ އެވެ. އެމީހުން ބަޔަކުމީހުންނާއި މެދުގައި އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން ޣީބަ ބުނުމަށް މެދުވެރިވެއެވެ. އެފަދަ މީހުން މީހެއްގެ ވާހަކަ ދެއްކިނަމަވެސް އެމީހެއްގެ އެއްވެސް ރަގަޅުވާހަކަ އެއް ނުދައްކާނެއެވެ".

4. ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުން.
އަލް ފުޟައިލް ބިން ޢިޔާޟް ވިދާޅުވިއެވެ. "ރިޔާސަތު އެދިއްޖެމީހަކު އެހެންމީހުންނާއި މެދު ޙަސަދަވެރިވެ، ނެތިނުބައި ކިޔަންފަށާނެއެވެ. އަދި މީސްތަކުންގެ ޢައިބު ޞިފަ ހޯދަން މަސައްކަތް ފަށާނެއެވެ. އަދި އެއްވެސް މީހަކާއި މެދު ހެޔޮ ބަހެއް ނުބުނާނެއެވެ".

-ނުނިމޭ-

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *