
ދަރިންނަކީ ކޮންމެ މަޔަކާއި ބަފައަކަށް ލިބޭނެ އަގުހުރި ހަދިޔާއެކެވެ. ދެމީހުންގެ ލޯބީގެ ނިޝާނެއްގެ ގޮތުގައި ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވުމުން ކޮންމެ މަޔަކަށްވެސް ހިތްހަމަޖެހުން ލިބިގެން ދެއެވެ. ކޮންމެ ބަފަޔަކުވެސް ހިނިތުންވެވެނީ އެކުއްޖާއަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމުންނެވެ. ދަރިފުޅު ދުނިޔެއަށް އައި ހިސާބުން ފެށިގެން އެކުއްޖާގެ ފުރަތަމަ މަދަރުސާއަކީ އެކުއްޖެއްގެ މައިންބަފައިންނެވެ. އެކުދިން އެވަގުތުން ފެށިގެން އެންމެ ގާތުގައިވާ ދެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަން ފަށައެވެ. މައިމީހާގެ ވަސް ކުޑަދަރިފުޅަށް އެނގޭނެއޭ ބުނާ ބީދައިން ހުރިހާ ކަމެއްވެސް އެތުއްތު ކުއްޖާއަށް އެނގުނު މިންވަރަކުން ހޯދާނެއެވެ.
ދަރިން ބޮޑުވަމުން އަންނައިރު އެދަރިންނަށް އެންމެ މުހިންމު ފިލާވަޅަކީ މައިންބަފައިންގެ ކިބައިން ފެންނަ ނަމޫނާއެވެ. މައިންބަފައިންގެ ކިބައިގައި ދަރިންނަށް ދައްކާނެ ފުރިހަމަ ނަމޫނާއެއް ނެތްނަމަ އެކުދިން ވެގެންދާނީ މުޖްތަމައަށް ހުރި އުނދަގުލަކަށެވެ. ކުއްޖާއަށް ކުޑައިރުން ފެށިގެން ޒުވާބުގެ އަޑު އިވޭނަމަ އާންމުންގެ ތެރޭގައިވެސް ޒުވާބު ކުރުމަށް އެކުދިން ޖެހިލުމެއް ނުވާނެއެވެ. އަދި މީގެ އިތުރުން މައިންބަފައިންނަށްވެސް ޒުވާބުކުރާކަށް އެއްވެސް ލަދެއް ނުގަންނާނެއެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި ހިނގާ ވަރަށް ނޭދެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންނާއި ބަފައިން ދަރިންނަށް ނަސޭހަތް ދެއެވެ. ދަރިން ބޮޑުވެގެން ރަނގަޅު ކުދިބަޔަކަށް ވުމުގެ އުންމީދުގައެވެ. އެހެނަސް ހިތާމައަކީ ދަރިންނަށް ދޭ ނަސޭހަތުގައި ބައެއް މައިންނާއި ބަފައިން ނުހިފާކަމެކެވެ. މިސާލެއް ދަންނަވާލާނަމެވެ. ދަރިފުޅުކައިރީ ނަމާދު ކުރުމަށް ބުނާ މައިންނާއި ބަފައިން ގިނަ ފަހަރު ތިބޭ އަމިއްލަ ކަމެއްގައި 'ބިޒީ' ވެގެންނެވެ. އެންމެ ކުޑައިރުން ފެށިގެން ދަރިފުޅަށް ސިނގިރޭޓްގެ ނުރައްކާ ކިޔައިދޭއިރު ބައްޕަގެ އަތުގައި ސިނގިރޭޓް އޮންނަ ވަގުތު ގިނައެވެ. ދުންފަތުގެ ނުރައްކާ ކިޔައިދޭ މައިމީހާ އެނަސޭހަތް ދޭއިރުގައިވެސް ކޮލުގައި ދުންފަތުގެ ބޮޑިވަރެއް އޮންނާނެއެވެ. އަވަހަށް ގެޔަށް އަންނަން ދަރިންނަށް ނަސޭހަތްދޭ މަންމައާއި ބައްޕަ ބުރުޖެހުމާއި ކެފޭތަކުގައި އުޅެފައި ގެޔަށް އާދެވެނީ ބާރައިގެ ފަހުންނެވެ. މިހެން ކަންތައް ވާނަމަ މިމުޖްތަމައު އިސްލާހު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދަރިންނަށް ދޭ ނަސޭހަތް މައިންބަފައިން އަމަލު ނުކުރާނަމަ ދަރިންނަށް އެދެވެނީ ކޮންކަހަލަ މެސެޖެއް ހެއްޔެވެ؟ ތިމާ އިސްލާހުނުވެ އަނެކާ އިސްލާހް ކުރުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ ތިމާއިން ފަށާށެވެ. އޭރުން ދަރިން ކައިރީ ބުނެ ކިޔައިގެން އާދޭސް ނުކުރިޔަސް ހެޔޮ މަގުގައި ހިނގަން އެނގޭނެއެވެ. އެހެނީ އެކުދިންނަށް ފެންނަ މަންޒަރުން އެކުދިން އުޅެންވީ ގޮތް އެނގޭނެއެވެ. މައިންބަފައިންނަކީ އެކުދިންގެ ލޯގަނޑަކަށް ވުމުން އެކުދިން ރީތި އަޚުލާގު ދަސްކުރުމުގައި އަމިއްލައަށް މަސައްކަތް ކުރާނެއެވެ.

















މާޝާﷲ ވަރަށް ފުރިހަމަ ލިޔުން ކޮޅެއް ޝަހޫ