ރިޕޯޓްކޮލަމިސްޓްދިއިސްލާމް

ޞާލިހް އަނތްބެއްގައި ހުންނާނެ ސިފަތައް (ދެވަނަ ބައި)

 

5-ފިރިމީހާގެ ސިއްރުތަށް ވަންހަނާކުރުން: އެއީ ޚާއްސަ ގޮތެއްގައި ދެމަފިރިންގެ ދެމެދުގައި އެކަނި ހިނގާ ކަންތައްތަށް ސިއްރު ކުރުމެވެ. އޭގެތެރޭގައި ދެމީހުންގެ ޖިންސީ ގުޅުމުގެ ތަފާތު ކަންތައްތަކާއި ޒަވާޖީ ޙަޔާތުގެ ދެމީހުންގެ އަމިއްލަ ވާހަކަތަށް ހިމެނޭ ގޮތުންނެވެ. ފިރިމީހާގެ ސިއްރުތަށް ހާމަކުރުމަކީ ފިރިމީހާއަށް އުނދަގުލާއި ނުތަނަވަސްކަން އިހުސާސްކުރުވާ ކަމަކަށް ވާހިނދު އެއީ އަނބިމީހާދެކެ ފިރިމީހާ ރުޅި އަންނާނޭ ކަމެކެވެ. އެހެން  ކަމަށްވާނަމަ މިއީ ފިރިމީހާގެ ލޯތްބާއި އޭނާގެ ރުހުން ހޯދުމާއި ، އޭނާއަށް ކިޔަމަން ވުމާއި ފުށުއަރާ އަދި އެކަމާއި ދިމާ އިދިކޮޅު ކަމެކެވެ.

ﷲ ތަޢާލާގެ މި ބަސްފުޅުގައި ވާގޮތުން ފިރިމީހާގެ ސިއްރުތަށް ވަންހަނާކޮށް ރައްކާތެރި ކުރުމަކީ ކިޔަމަންތެރި އަދި ޞާލިހް އަތްބެއްގެ މަސްއޫލިއްޔަތެކެވެ.  "حَافِظَاتٌ لِّلْغَيْبِ" (ސޫތަރުއް ނިސާ 34) މާނައީ: "އެބައިމީހުންނަށް ރައްކާތެރި ކުރުމަށް ﷲ އަމުރުކުރައްވާފައިވާ ކަންތައްތަށް އެބައިމީހުންގެ ފިރިންގެ ޣައިރު ޙާޟިރުގައި ރައްކާތެރި ކުރެއެވެ."

އެބައިމީހުންގެ ފިރިން އެބައިމީހުންގެ ގާތުގައިނެތް ވަގުތުތަކުގައި ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ މުހިންމު އަނެއްބަޔަކީ ފިރިންގެ ސިއްރުތަކެވެ. އެހެންކަމުން އަނބިން އެބައިމީހުންގެ ފިރިންގެ ސިއްރުތަށް އެހެންމީހުންގެ ގާތުގައި ހާމަކޮށް ފަތުރައިގެން ނުވާނެއެވެ.

އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "އެއްދުވަހަކު ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުގައި އަންހެނުންނާއި ފިރިހެނުން އިށީންދެގެން ތިބިތަނެއްގައި ތިމަން ކަމަނާވެސް އިނީމެވެ. އެތަނުގައި އިންނަވާފައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. 'ފަހަރުގައި ފިރިހެނަކު މީހެއްގެ ގާތުގާ ތިމަންނާ މިވެނިކަމެއް އަނބިމީހާއާއެކު ކުރީމޭ ބުނެފާނެއެވެ. އަދި ފަހަރުގައި އަންހެނަކު މީހެއްގެ ގާތުގާ ތިމަންނާ މިވެނިކަމެއް ފިރިމީހާއާއިއެކު ކުރީމޭ ބުނެފާނެއެވެ.!' އެހިނދު މީސްތަކުން މަޑުމައިތިރި ވިއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. ﷲ ގަންދީ ދަންނަވަމެވެ. އާއެކެވެ. އޭ ﷲގެ ރަސޫލާ صلى الله عليه وسلم އެވެ.ތިޔަކަންތަށް ޔަގީނުންވެސް އަންހެނުން ކުރެއެވެ. އަދި ތިޔަކަންތަށް ޔަގީނުންވެސް ފިރިހެނުން ކުރެއެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.' އެހެންވިއްޔާ ދެން އެކަނަތައްތަށް ނުކުރާށެވެ. ފަހެ، އެކަމަކީ ފިރިހެން ޝައިތާނަކާއި އަންހެން ޝައިތާނަކު މަގުމަތިން ބައްދަލުވެ، މީސްތަކުން ބަލަން ތިއްބާ އެދެމީހުންގެ ޖިންސީ އެދުން ފުއްދުން ފަދަ ކަމެކެވެ.'" (ރިވާކުރެއްވީ އަޙްމަދު 6/456)

6-ފިރިމީހާގެ ކުރިމައްޗަށް ނިކުންނަން ވާނީ ވީ އެންމެ ބޮޑަކަށް ޒީނަތްރެރި ވެގެންނެވެ: އެއީ ފިރިމީހާ އޭނާއަށް ބަލައިފި ނަމަ ފިރިމީހާގެ ހިތުގައި އުފާވެރިކަން އުފެދޭ މިންވަރަށެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲގެ ރަސޫލު صلى الله عليه وسلم އާ ސުވާލު ދެންނެވުނެވެ. "އަންހެނުންގެ ތެރެއިން އެންމެ ރަނގަޅު ބަޔަކީ ކޮބައިތޯއެވެ.؟" އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އޭނާގެ ފިރިމީހާ، އޭނާއަށް ބަލާލުމުން ފިރިމީހާއަށް އުފާވެރިކަން ( އޭނާގެ ރީތިކަމުން، ނުވަތަ ހިތްހެޔޮކަމުން ނުވަތަ ތަޤުވާވެރިކަމުން) ގެނެސް ދޭމީހާއެވެ. އަދި އޭނާ އަމުރެއްކޮށްފިނަމަ ކިޔަމަންތެރިވާމީހާއެވެ. އޭނާއަކީ އޭނާގެ އަމިއްލަ ނަފްސުން ނުވަތަ އޭނާގެ މުދަލުން އެއްވެސް ޙާލެއްގައި އޭނާގެ ފިރިމީހާ ނުރުހޭ އަދި ނުގަބޫލު ކަމެއްނުކުރާ މީހާއެވެ." (ރިވާ ކުރެއްވީ އައްނަސާއީ 6/68، އަލް ޙާކިމް 2/61،އަޙްމަދު 2/251)

7- ފިރިމީހާގެ މުދަލުން ވިޔަސް އަނބިމީހާގެ މުދަލުންވިޔަސް ފިރިމީހާގެ ނުގަބޫލުގައި އެއްވެސް ކަމަކަށް ހޭދަކޮށްގެން ނުވާނެއެވެ.
ޢަބްދުﷲ ބުނުޢަމްރުބުނުލްޢާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އަންހެނަކަށް އޭނާގެ ފިރިމީހާގެ ހުއްދައާނުލާ މީހުންނަށް ހަދިޔާ ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ.” (މީގެތެރޭގައި ފާޑުފާޑުގެ ވިޝްކުރުމާއި އެކިއެކި މުނާސަބަތު ތަކުގައި މީސްމީހުންނަށްދީ ނުވަތަ ފޮނުވާ ހަދިޔާ ހިމެނެއެވެ.)

އަލްބާނީ ވިދާޅުވެފައިވެއެވެ. “އެހެންވުމުން އެމުދާ (އަނބިމީހާގެ މުދާ) ފިރިމީހާއަށް ލިބެނީ އެއް ނޫނެވެ. އެހެނެއްކަމަކު އެއީ އަނބިމީހާގެ މުދާ ބޭކާރުގޮތުގައި ހޭދަވެގެންދިޔުމުން ސަލާމަތް ކުރުމަށްޓަކައި އަދި ދެމަފިރިންގެ މަންފާއަށްޓަކައި،ފިރިމީހާއަށް ލިބިފައިވާ ބާރެކެވެ. ޙަގީގަތުގައި ފިރިމީހާއަށް ލިބިފައިވާ މިބާރަކީ އަންހެންކުދިންގެ ބަލަދު ވެރިންނަށް ވަލީދިނުމުގެ ބާރު ލިބިފައިވާފަދަ ބާރާއި އެއްފަދަ ބާރެކެވެ. އެހެނީ އަންހެން ކުއްޖާއަށް ކައިވެނި ކުރެވެނީ އޭނާގެ ބަލަދުވެރިޔާ ވަލީދިނުމުންނެވެ. ޙައްގަކާނުލާ އަންހެންކުއްޖާއަށް ވަލީދިނުމާއި އޭނާ ދެކޮޅުވެރި ވެއްޖެނަމަ އަންހެންކުއްޖާއަށް ޙާކިމާ ނުވަތަ ގާޒީގެފަރާތުން އެ ކައިވެނި ކުރުމަށްވަލީދެވޭނެއެވެ. ހަމައެފަދައިން އަނބިމީހާގެ މުދަލުން ހުއްދަ ގޮތުގައި އޭނާއަށްވާޖިބުވެފައިވާ ކަމަކަށް ޚަރަދު ކުރުމާ ފިރިމީހާ ދެކޮޅު ހަދައިފިނަމަ އިންސާފުން އެޙައްޤު އަނބިމީހާއަށް ހޯދައިދެވޭނެއެވެ. އެހެން ކަމުން މިކަމުގެ ޙުކުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އަނބިމީހާގެ މުދާ ހޭދަކުރެވޭ ގޮތެވެ. އެހޭދަކުރަނީ ހުއްދަ ގޮތެއްގައި ތޯ ނުވަތަ ނޫންތޯއެވެ.”

8- ފިރިމީހާގެ ހުއްދަނެތި ފިރިމީހާގެ (ދެމަފިރިންގެ) ގެއަށް އެއްވެސް މީހަކު އަނބިމީހާ ވައްދައިގެން ނުވާނެއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ފިރިމީހާ ރަށުގައި އުޅޭއިރު އޭނާގެ ހުއްދައަކައިނުލާ އަނބިމީހާ ރޯދަހިފުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމައެފަދައިން އޭނަގެ ހުއްދައަކާނުލައި އެއްވެސް މީހަކު ގެއަށް ވެއްދުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ފިރިމީހާގެ އަމުރާއިނުލާ އަނބިމީހާ ޞަދަޤާތުގެ ގޮތުގައި ހޭދަކުރާތަކެތީގެ ސަވާބުގެ ދެބައިކުޅަ އެއްބައި ލިބޭހުށީ އޭނަގެ ފިރިމީހާ އަށެވެ.”

9 – ފިރިމީހާގެކިބައިން އެކަމަށް ލާޒިމުކުރާ ސަބަބެއްނެތި އަނބިމީހާ ވަރިއަށް އެދިގެން ނުވާނެއެވެ.
ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” އެކަމަށް ލާޒިމުކުރާ ސަބަބެއްނެތި އޭނާގެ ފިރިމީހާގެ ކައިރީން ވަރިއަށް އެދޭ އަންހެނުންނަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.”

10- ލަޢުނަތް ދިނުމުން ދުރުހެލިވުން.

އަބޫސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.” ﷲ ގެ ރަސޫލު صلى الله عليه وسلم ފިތުރު ޢީދު ނުވަތަ އަޟުހާޢީދު ނަމާދަށް ވަޑައިގަތުމަށްފަހު އެންމެހައި ކަނބަލުންނާއި މުޚާތަބު ކުރަށްވާ ޙަދީޘް ކުރެއްވިއެވެ. އޭ އަންހެނުންނޭވެ! ޞަދަޤާތްދޭށެވެ. ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންކަމުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން އެބައި މީހުން ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކީއްވެތޯއެވެ؟ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ތިޔަބައިމީހުންނަކީ (އަންހެނުންނަކީ) ގިނަގިނައިން މީހުންނަށް ލަޢުނަތްދޭ ބައެކެވެ. އަދި ފިރިންނަށް ޝުކުރުވެރިނުވާ ބައެކެވެ.”

މައުލޫމާތު ނަގާފައިވާ ފޮތް: "ޞާލިޙް އަނބިމީހާ"

ނުނިމޭ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް