ހިޖުރީ އަހަރާއި މީލާދި އަހަރުގައި އަހަރުން އަހަރަށް ތަފާތުތަކެއް އަންނާތީ ދެ ކަލަންޑަރަށް ރިއާޔަތްކުރާ އިރު 2030 ވަނަ އަހަރު ރޯދަ މަސް ދެ ފަހަރަށް މުސްލިމުންނާ ބައްދަލުކުރާނެ ކަމަށް ފަލަކީ ހިސާތަކުން ދައްކާތީ ގިނަ ބަޔަކު އެކަން މީސް މީޑިއާގައި ފާހަގަ ކުރަމުން އެބަގެންދެއެވެ.
މީލާދީ ތާރީޚަށް ބަލާއިރު ކޮންމެ އަހަރަކު ވެސް 10 ނުވަތަ 11 ދުވަސް އޭގެ ކުރީ މީލާދީ އަހަރަށްވުރެ ހިޖުރީ މަސްތައް އަވަސް ވެއެވެ. 2030 ވަނަ އަހަރަކީ މީލާދީ އެއްއަހަރުގެ ތެރޭގައި އަންނަ ފުރަތަމަ ރަމަޟާން މަހެއް ނޫނެވެ. އެންމެ ފަހުން މިފަދަ ކަމެއް ތަޖުރިބާ ކުރެވުނީ 1999 ވަނަ އަހަރު އެވެ. އެއަހަރު ވެސް ޖަނަވަރީ މަހާއި ޑިސެމްބަރ މަހު ރަމަޟާން މަސް އައެވެ.
ދުބާއީގެ އެސްޓްރޮމީ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހަސަން އަހްމަދު އަލް ހަރީރީ "ގަލްފް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއް އަހަރެއްގެ ތެރޭގައި ދެފަހަރަށް ރަމަޟާން މަސް އައުން އެއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ދުނިޔެ ހިނގަމުން އަންނަ ގޮތައް ބަލާއިރު މިއީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ.
"ސޯލާ ކަލަންޑަރަކީ އެއްވެސް ބަދަލެއް ނައިސް އިރު ދައުރު ކުރަމުންދާ ގޮތައް ހަމަޖެހިފައި އޮންނަ ކަލަންޑަރެއް. ނަމަވެސް ހަނދުގެ ދައުރުވުމަށް ބިނާވެފައި އޮންނަ ކަލަންޑަރަކީ ކޮންމެ އަހަރަކު ވެސް 11 ވަރަކަށް ދުވަސް ތަފާތު ވަމުން އަންނަ ކަލަންޑަރެއް. އެހެންކަމުން އެއް އަހަރެއްގެ ތެރޭގައި ދެރަމަޟާން މަސް އައުން އެއީ އާދައިގެ ކަމެއް." ހަސަން އަހްމަދު އަލް ހަރީރީ ވިދާޅުވިއެވެ.
2030 ވަނަ އަހަރު ފުރަތަމަ ރަމަޟާން މަސް އަންނާނީ ޖަނަވަރީ މަހުއެވެ. އަދި ދެވަނަ ރަމަޟާން މަސް އެއަހަރުގެ ޑިސެމްބަރ މަހު އަންނާނެއެވެ.
2030 ވަނަ އަހަރު ރަމަޟާން މަސް ދެފަހަރަށް އައުން އެއީ އާދައިގެ ކަމެއް ކަމަށް ވީނަމަވެސް ރަމަޟާން މަހަށް ތައްޔާރުވުމަށް މުސްލިމުން ކުރަމުން އަންނަ މަސައްކަތާއި އަދި ރަމަޟާން މަހު ދިރިއުޅުމަށް އަންނަ ބަދަލުތަކާއިއެކު ޔަގީނުން ވެސް 2030 ވަނަ އަހަރަކީ މުސްލިމުންނަށް އެހެން އަހަރުތަކާއި ތަފާތު އަހަރަކަށް ވެގެން ދާނެއެވެ.

















advertisment
ޚިޔާލު