ޢުމުރުން ތޭރަ އަހަރުގެ އަލްޙާފިޡާ ނަވާރް ފިރާޤް މުޙައްމަދުފުޅަކީ ވަރަށް ތުއްތު އިރުއްސުރެ ޤުރުއާން ހިތުދަސް ކުރުމުގެ މާތް މަސައްކަތް ފެށި ކުއްޖެކެވެ. ޢުމުރުން އެންމެ ތިން އަހަރުގައި ޢަންމާ ފޮތް ދަސްކޮށް ނިންމާލިއެވެ. އަދި 2013ވަނަ އަހަރު ޤުރުއާން ހިތުދަސް ކުރުމުގެ މަތިވެރި ނިޔަތާއި އެކު ޤުރުއާނާއި ބެހޭ މަރުކަޒާއި ގުޅުނެވެ.
އަލްޙާފިޡާ ނަވާރް ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް ޝައުޤުވެރިކަން އުފެދުނީ އޭނާގެ ލޮބުވެތި މައިންބަފައިން އޭނާ ކުޑައިރުއްސުރެ އެކަމަށް ބާރު އަޅައިދެމެން ދިޔުމުންނެވެ.
އަލްޙާފިޡާ ނަވާރް ކީރިތި ޤުރުއާން ހިތުދަސް ކޮށް ނިންމާލައިފައި ވަނީ އޭނާގެ ޢުމުރުން އެގާރަ އަހަރުގައެވެ. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙާފިޡުންގެ ކޮމިޓީއަށް މުޅި ޤުރުއާން ކިޔައިދީ ނިންމާލީ ޢުމުރުން ބާރަ އަހަރުގައެވެ.
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު އަލްޙާފިޡާ ނަވާރް ޤުރުއާން ހިތުދަސް ކޮށްފައިވަނީ މަދަރުސީ ދައުރުގައި ކަމަށް ވެފައި ޤުރުއާން ހިތުދަސް ކުރުމާއި، މަދަރުސާގެ ފިލާވަޅުތަށް ހެދުމާއި ދަސްކުރުމަށް ވަގުތު ދޭން ޖެހޭއިރު، ދިމާވި ދަތިތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ނަވާރް ބުނީ މަދަރުސާގެ ފިލާވަޅުތަށް ގިނަވެ ދަސްކުރަން ޖެހޭ އެއްޗެހި ގިނަވުމުން އުނދަގޫ ވާކަމަށެވެ. ނަމަވެސް ނަވާރް ކަނޑައެޅި ވަރުގަދަ ޢަޒުމާއި އެކު ނަވާރް މިވަނީ ﷲގެ ރަޙްމަތުން އެމަސައްކަތް ކަމިޔާބު ކަމާއި އެކު ނިންމާލައިފައެވެ.
ނަވާރްގެ މިމަސައްކަތުގައި ނަވާރް އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ނަވާރްގެ ލޮބުވެތި މަންމަ ބ ތުޅާދޫ އޮފްދާރް މަރިޔަމް ޝިޔާޒާ އާއި ނަވާރްގެ ލޮބިވެތި ބައްޕަ ޅ ނައިފަރު ވިންޓަރގްރީން ފިރާޤް މުޙައްމަދު ފުޅުގެ ފަރާތުން ކަމަށް ނަވާރް ބުނެއެވެ.
ކީރިތި ޤުރުއާން ހިތުދަސް ޙާފިޡާއަކަށް ވެވުމަކީ ނަވާރްގެ ޙަޔާތުގައި ނަވާރްއަށް ޙާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ނަވާރް ދެކެއެވެ. އަދި އެއީ ނަވާރް އަށް ލިބުނު އެންމެ ބޮޑު އުފާވެސްމެއެވެ.
ކުރިމަގުގައި ޤުރުއާންގެ ދާއިރާއިން ނަވާރް ޙާސިލް ކުރަން ބޭނުން ވާ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން ނަވާރް ބުނީ ޤުރުއާނުގެ ރިވާޔަތްތަށް ދަސްކޮށް އިޖާޒާ ޙާސިލް ކުރުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލު ތަކަށް ޤުރުއާނުގެ ޢިލްމު ފޯރުކޮށްދިނުމަކީ ނަވާރް ކުރާ އުންމީދެކެވެ.
ކީރިތި ޤުރުއާން ހިތުދަސް ޙާފިޡާއަކަށް ވެވުމަކީ ނަވާރްގެ ޙަޔާތުގައި ނަވާރްއަށް ޙާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ނަވާރް ދެކޭ
މުސްތަޤްބަލުގައި އަލްޙާފިޡާ ނަވާރް އަޅުގަނޑުމެންނަށް ފެނިގެންދާނީ ޝަރުޢީ ދާއިރާއިންނާއި ޤުރުއާންގެ ދާއިރާއިން ކަމަށް ނަވާރް ބުނެއެވެ.
ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް ނަވާރް ބުނެލަން ބޭނުން ވަނީ ކީކޭތޯ ސުވާލު ކުރުމުން ނަވާރް ބުނީ، ޤުރުއާން ހިތުދަސް ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ގިނަ ކުދިންނަށް ހީނުވިޔަސް ހިތްވަރާއި ޢަޒުމާއިއެކު ﷲއަށް ދުޢާ ދަންނަވާ އެކަމަށް އެދުމަށެވެ. އަދި ހުއްޓާ ނުލައި މަސައްކަތް ކުރުމަށާއި، ޤުރުއާން ހިތުދަސް ކުރުމުން ލިބޭނެ އުފާ ސުވަރުގެއިން ޙާސިލް ވާނެ ކަމުގެ ޔަޤީން ކަން ހަނދާން ބަހައްޓައިގެން ކުރިއަށް ދިއުމަށެވެ. ﷲގެ ވާޤިފުޅާއި އެކު އޭރުން ކާމިޔާބު ލިބޭނެއެވެ.
މި 2020ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި އަލްޙާފިޡާ ނަވާރް ވަނީ ޤުރްއާން ކިޔެވުމުގެ މުބާރާތް ތަކުން ފާހަގަ ކުރެވޭ ވަނަތަކެއް ޙާސިލް ކޮށްފައެވެ. އެގޮތުން ދޮންދޫނި ޕްރީ ސްކޫލްގެ ޤުރުއާން މުބާރާތުން 2012ވަނަ އަހަރު މުޅި މުބާރާތުން ދެވަނަ ޙާސިލް ކޮށްފައިވެއެވެ. އަދި 2013ވަނަ އަހަރު ހަމައެމުބާރާތުން އެއްވަނަ ޙާސިލް ކޮށްފައިވެއެވެ. އަދި 2014ވަނަ އަހަރު އިއުފަވި ޤުރުއާން މުބާރާތުން ހަ އަހަރުން ދަށުން ހިތުން ކިޔުމުގެ ގޮފިން ތިންވަނަ ޙާސިލް ކޮށްފައިވެއެވެ.
2017ވަނަ އަހަރު އަލްކައުން މުބާރާތުން ނުވައަހަރުން ދަށުގެ ޢުމުރު ފުރާއިން ހިތުން ކިޔުމުގެ ގޮފިން ދެވަނަ ޙާސިލް ކޮށްފައިވާއިރު، ހަމަ އެ އަހަރު ފަލާޙް މުބާރާތުން އެގާރަ އަހަރުން ދަށުގެ ހިތުން ކިޔުމުގެ ގޮފިން ހަތަރުވަނަ ޙާސިލް ކޮށްފައިވެއެވެ. އަދި 2019ވަނަ އަހަރު އިއުފަވި ޤުރުއާން މުބާރާތުން ތޭރަ އަހަރުން ދަށުން ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ޙާސިލްކޮށްފައިވެއެވެ. އަދި ހަމަ އެއަހަރު ފަލާޙް މުބާރާތުން ވެސް ތޭރަ އަހަރުން ދަށުން ހިތުން ކިޔުމުގެ ގޮފިން ދެވަނަ ޙާސިލްކޮށްފައިވެއެވެ.
ޤުރުއާން ހިތުދަސް ކުރުމުގެ މަތިވެރި ޝަރަފު ހޯދުމުމުގެ ތައުފީޤް ދެއްވީތީ ﷲތަޢާލާ ނަވާރް ޝުކުރު ވެރިވެއެވެ. އަދި މިމަސައްކަތުގައި ކެނޑި ނޭޅި އެހީ ތެރިކަން ދެއްވި ނަވާރްގެ މަންމަ އާއި ބައްޕަ އަދި ޓީޗަރުންނަށް ނަވާރު ޝުކުރުވެރިވަނީ ހިތުގެ އިޚްލާސްތެރި ކަމާއިއެކުއެވެ.
ޚިޔާލު