ކޯވިޑް 19 ގެ ސަބަބުން އިނގިރޭސި ވިލާތުގެ ބައެއް މިސްކިތްތައް އެކީ ބަންދު ކުރަންޖެހިދާނެ ކަމަށް އިނގިރޭސި ވިލާތުގެ މުސްލިމް ކައިންސިލުން ވިދާޅުވެއްޖެއެވެ.
ދަ މުސްލިމް ކައުންސިލް އޮފް ބްރިޓަންގެ ސެކްރެޓަރީ ޖެނެރަލް ހާރޫން ޚާން ވިދާޅުވާ ގޮތުގައި މިސްކިތްތައް ހިންގެނީ ޞަދަޤާތްދެވޭ އޯގަނައިޒޭޝަނެއް ގޮތަށެވެ. އަދި އެތަންތަނަކީ ޒިޔާރަތް ކުރާށާއި އަޅުކަންކުރަންދާ ފަރާތްތަކުގެ ދީލަތު އެހީއަށް ބިނާވެފައިވާ ތަންތަނެވެ. އަދި ކޯވިޑް 19 ގެ ސަބަބުން މިސްކިތްތަކަށް ލިބެމުންދާ އެހީތައް ކުއްލި ގޮތަކަށް ހުއްޓުމުން (އިޤްތިޞާދީ ގޮތުން) ވަރަށް ބޮޑު އަޘަރެއް މިސްކިތްތަކަކަށް ކޮށްފައިވެއެވެ.
ކޯވިޑް 19 ގެ ސަބަބުން ޢާއްމު ގޮތެއްގައި އިނގިރޭސި ވިލާތުގެ މިސްކިތްތަކުގައި ބޭއްވޭ ޖަމާޢާތުގެ ނަމާދާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބޭއްވޭ ކިލާސްތަކާއި، އަދި އެހެނިހެން ބައްދަލުވުންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ގިނަ މިސްކިތްތަކުން މިފަދަ ޙަރަކާތްތައް މިހާރު ހިންގަމުން ގެންދަނޫ އިންޓަނެޓު މެދިވެރިކޮށެވެ. މިގޮތުން ބާރމިންހަމްގެ ގްރީން ލޭން މޮސްކުން އިސްނަގައިގެން މިހާރު ގާތްގަނޑަކަށް ހަގަޑިއިރުގެ ދަރުސްތައް އޮންލައިން ކޮށްފައިވެއެވެ. އަދި މީގެ އިތުރުން 5 ވަގުތުގެ ބަންގިއާއި، ކީރިތި ޤުރްއާން ކިޔެވުންވެސް ލައިވްކޮށް ބްރޯޑްކާސްޓު ކުރެއެވެ.
އެމްސީބީ ނުވަތަ މުސްލިމް ކައުންސިލް އޮފް ބްރިޓަނަކީ އިނގިރޭސި ވިލާތުގެ 500 އަށްވުރެ ގިނަ ސްކޫލާއި، މިސްކިތާއި، ޕްރޮފެޝަނަލް ނެޓްވާރކްތައް ގުޅިގެން ހިންގާ ކައުންސިލެކެވެ.
ޚިޔާލު