ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (1 ވަނަ ބައި)

ނޫޙު ޢަލައިހިއްސަލާމް ގެ ނަންފުޅަކީ، ނޫޙު ބުނު ލާމިކު ބުނު މައްތުޝަލަޚް އެވެ. އުފަންވެވަޑައިގަތީ އާދަމުގެފާނު އަވަހާރަވީތާ ސަތޭކަ ވިހި އަހަރު ފަހުންނެވެ. މިއީ އިބުނު ޖަރީރާއި އެނޫންވެސް ބޭކަލުން ރިވާ ކުރައްވައިފައިވާ ގޮތެވެ. ކީރިތި ޤުރްއާނުގައި ނޫޙޫގެފާނުގެ ނަންފުޅު 43 ފަހަރު ބަޔާން ކުރައްވާފައިވެއެވެ.

އަހުލުކިތާބީންގެ ކުރީގެ ފޮތްތަކުގައި ބަޔާން ކޮށްފައިވަނީ ނޫޙޫގެފާނު އުފަންވެވަޑައިގަތުމާއި އާދަމުގެފާނު އަވަހާރަވުމާއި ދެމެދު ހޭދަވެގެންދިޔައީ ސަތޭކަ ސާޅީސްހަ އަހަރުކަމަށެވެ. އެ ދެބޭކަލުންގެ ދެމެދުގައި ހޭދަވެގެންދިޔައީ ވިހި ޤަރުނެވެ. الحافظ أبو حاتم بن حبان އެކަލޭގެފާނުގެ ޞަޙީޙުގައި އަބާ އުމާމާ ވިދާޅުވިކަމަށް ބަޔާން ކުރައްވައިފައިވެއެވެ. “މީހަކު ބުންޏެވެ. އެ މާތް اللهُ ގެ ރަސޫލާ އެވެ. އާދަމުގެފާނަކީ ނަބީބޭކަލެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. އެމީހާ ދެންނެވިއެވެ. އާދަމުގެފާނާއި ނޫޙުގެފާނާއި ދެމެދުގައި ހޭދަވެގެން ދިޔައީ ކިޔާ މުއްދަތެއް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ވިހި ޤަރުނެވެ.” އިބުނު ޢައްބާސް ވިދާޅުވެފައިވަނީ އެދެމެދުގައި އުޅުނު ހުރިހާ އެންމެންވެސް ތިބި އިސްލާމްދީން މަތީގައެވެ.

މިތަނުގައި ޤަރުނެއްގެ މާނައަކީ ޖީލެކެވެ. އެއީ އަންނަނިވި އާޔަތްތަކުގައި މާތް اللهُ އިޝާރަތް ކުރައްވައިފައިވާ ފަދައިންނެވެ. ﴿ وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ ﴾ މާނައީ: “نوح ގެފާނަށްފަހު، ކިތައްކިތައް ޖީލުގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިން ހެއްޔެވެ؟” އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿ ثُمَّ أَنشَأْنَا مِن بَعْدِهِمْ قَرْنًا آخَرِينَ ﴾ މާނައީ: “ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل އެއްގެބަޔަކު އުފެއްދެވީމެވެ.” ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވާ ފަދައިންނެވެ. ( خَيْرُ الْقُرُوْنِ قَرُنِي ) މާނައީ: “އެންމެ ހެޔޮ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ.” ނޫޙޫގެފާނުގެ ކުރީގެ ޖީލުގެ މީހުންނަކީ ވަރަށް ޢުމުރު ދިގުބައެކެވެ. އެހެންކަމުން އާދަމުގެފާނާއި ނޫޙުގެފާނާއި ދެމެދުގައި އެތައް ސަތޭކަ އަހަރެއް ވޭތުވެގެން ހިނގައިދާނެއެވެ.

މާތް الله ނޫޙުގެފާނު ފޮނުއްވީ މީސްތަކުން ބުދަށް އަޅުކަން ކުރަން ފެށުމުންނެވެ. މީސްތަކުން ކުފުރާއި މަގުފުރެދުން ޝަރުޢު ކުރުމުންނެވެ. މާތް الله ނޫޙުގެފާނު ފޮނުއްވީ އަޅުތަކުންނަށް ރަޙުމަތެއް ކަމުގައެވެ. ބިމުގެ އަހުލުވެރިންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވުނީ ނޫޙުގެފާނެވެ. އެއީ ޤިޔާމަތް ދުވަހު މަޙްޝަރުގެ އަހުލުވެރިން ބުނާ ފަދައިންނެވެ.

ނޫޙުގެފާނުގެ ޤައުމުގެ މީހުންނަކީ ބަނޫ ރާސިބު އެވެ. މިއީ ކަމާއި ބެހޭގޮތުން އިބުނު ޖުބައިރާއި އެނޫންވެސް ބޭކަލުން ރިވާކުރައްވައިފައިވާ ގޮތެވެ. ނޫޙޫގެފާނަށް ރިސާލަތު ލިބިވަޑައިގަތް ޢުމުރުފުޅަކާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ޢުމުރުފުޅުން ފަންސާސް އަހަރުގައި ކަމަށެވެ. އަދި އެހެން ރިވާޔަތެއްގައި ތިންސަތޭކަ ފަންސާސް އަހަރުގައި ކަމަށެވެ. އަދި އެހެން ރިވާޔަތެއްގައި ހަތަރުސަތޭކަ އަށްޑިހަ އަހަރު ކަމަށް ބަޔާންކޮށްފައިވެއެވެ.

މާތް الله ނޫޙުގެފާނުގެ ވާހަކައާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވައިފައެވެ. އެ ޤައުމުގެ މީހުންގެ ތެރެއިން ކާފިރުވީ މީހުންނަށް ފޮނުއްވި ޢަޛާބާއި ޠޫފާނުގެ ވާހަކަ އާއި، ނޫޙުގެފާނުގެ އަރިހުގައި އެކަލޭގެފާނަށް އީމާންވެ ނަވަށް އެރި މީހުން ސަލާމަތް ކުރެއްވި ގޮތުގެ ވާހަކަވެސް ބަޔާން ކުރައްވައިފައިވެއެވެ. އެއީ ކީރިތި ޤުރްއާނުގެ ތަފާތު ސޫރަތްތަކުގައި ތަފާތު ޢިބާރާތުންނެވެ. ނޫޙުގެފާނުގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ الأعراف، يونس، هود، الأنبياء، المؤمنون، الشعراء، العنكبوت، الصافات، اقترب އަދި މީގެ އިތުރުން އެކަމާ ބެހޭގޮތުން ސޫރަތެއް އެއްކޮށްވަނީ ބާވައިލައްވައިފައެވެ. އެއީ سورة نوح އެވެ.

سورة الأعراف ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿ لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾ މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޒާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ. ﴿ قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ ﴾ އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ. ﴿ قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، ޢަމަލުތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ.

﴿ أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ ﴾ “އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ. ﴿ أَوَعَجِبْتُمْ أَن جَاءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا وَلَعَلَّكُمْ تُرْحَمُونَ ﴾ “ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށާއި، ތިޔަބައިމީހުން تقوى ވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمة ލައްވާތޯ، ތިޔަބައިމީހުންގެ ތެެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ ﴿ فَكَذَّبُوهُ فَأَنجَيْنَاهُ وَالَّذِينَ مَعَهُ فِي الْفُلْكِ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا إِنَّهُمْ كَانُوا قَوْمًا عَمِينَ ﴾ ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްްކަލާނގެ آية ތައް ދޮގުކުރި މީހުން غرق ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حق ގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ.” – ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *