ކޮލަމިސްޓްދީނީ ލިޔުންދީން

ރަމަޟާން މަހުގެ ދަރުސްތައް؛ ރޯދައިގެ ޙަޤީޤީ މާނަ (1)

މިއީ ޖާމިޢަތުލް ޤަޞީމްގައިވާ ފެކަލްޓީ އޮފް ޝަރީޢާ ވައް ދިރާސާތިލް އިސްލާމިއްޔާގެ ޢަޤީދާ ޤިސްމުގައި ކިޔަވަދެއްވާ އުސްތާޛު، އައްދުކްތޫރު މުޙައްމަދު ބިން އިބްރާހީމް އަލްޙަމަދު ލިޔުއްވާފައިވާ رمضان: دروس و عبر، تربية و أسرار މިފޮތުގައި އެކުލެވޭ ފިލާވަޅު ތަކެއްގެ ތަރުޖަމާއެކެވެ.

ދުކްތޫރު މުޙައްމަދު ބިން އިބްރާހީމް ފުރަތަމަ ޑިގްރީގެ ތަޢުލީމް ޙާޞިލު ކުރައްވާފައިވަނީ ޖާމިޢަތުލް އިމާމުންނެވެ. އަދި އެއަށްފަހު ޢަޤީދާގެ ދާއިރާއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވާފައިވަނީ ސޫދާންގެ جامعة أم درمان الإسلامية އިންނެވެ. ދުކްތޫރު މުޙައްމަދު އަކީ ދީނީ އެކިއެކި މައުޟޫޢުތަކަށް އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ.

رمضان: دروس و عبر تربية و أسرار މިފޮތް ތައްޔާރު ކުރައްވާފައިވަނީ، ކިޔުންތެރިޔާ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށް ފަހު 1 ފިލާވަޅު އަދި ޢިޝާ ނަމާދުގެ ކުރިން 1 ފިލާވަޅު މުދާރަސާ ކުރާ ގޮތަށެވެ. އަދި މި 2 ބައިގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ދުވަހަށް އިތުރު 10 ފިލާވަޅު އަދި އިތުރު ފައިދާގެ ގޮތުގައި 10 މައުޟޫޢު ގެންނަވާފައިވެއެވެ. މިގޮތުން ކޮންމެ ފިލާވަޅެއްގައި ރަމަޟާން މަހާއި ގުޅޭ މައުޟޫޢެއް ނެންނެވުމަށްފަހު އެމައުޟޫއަށް ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ޚުލާޞާކޮށް ލިޔުއްވާފައިވެއެވެ. މައުޟޫޢު ނެންގެވުމުގައި ދުކްތޫރު ގިނަ ފަހަރަށް ބުރަވެވަޑައިގެންފައިވަނީ ފިޤްހީ ޙުކުމްފުޅުތައް ބަޔާން ކުރެއްވުމަށްވުރެ ރަމަޟާން މަހުން ލިބިދޭ ޢިބްރަތްތަކާއި، ދަރުސްތަކާއި ރޯދައިގެ އަޅުކަމުން ނަފްސަށް ކުރާ އަޘަރުތަކަށް އަލިއަޅުވާ ލެއްވުމަށެވެ.

މި ސިލްސިލާ ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވާނީ ޢަޞްރު ނަމާދުގެ ފަހުގެ ދަރުސްތަކަށެވެ.

ފުރަތަމަ ދުވަސް: ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން

އަޅަމެން ރަމަޟާން މަހާއި ހަމައަށް ވާޞިލްކޮށްދެއްވި ﷲ އަށް ޙަމްދުކުރަމެވެ. އަދި ދުވާލާއި ރޭގަނޑު ދައުރުވާހާ ހިނދަކު ޢަދުނާންގެ ދަރިކޮޅުން ވަޑައިގެން މާތް ސާހިބާއަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލާވާތާއި ސަލާމް ލައްވާށިއެވެ. އެއަށްފަހު ދަންނައެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެފާނު ވިދާޅުވިއެވެ. ކީރިތި މާތް ރަސޫލު ﷲ g ޙަދީޘް ކުރެއްވިއެވެ. من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه. މާނައީ: ރަމަޟާން މަހުގެ ރޯދަ އީމާންކަމާއި އިޙްތިސާބާއި އެކު ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހާ ފާފައެއް މާތް ﷲ ފުއްސަވާ ދެއްވަތެވެ. أخرجه البخاري (2014)، ومسلم (760)

އިބްނު ޙަޖަރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “އީމާންކަމުގެ މުރާދަކީ: ރޯދައިގެ ފަރުޟުކަން ޙައްޤުކޮށް ތެދުކުރުމެވެ. އަދި އިޙްތިސާބު ކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދުމެވެ.”

ހަމަ މިފަދައިން އަލްޚައްޠާބީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “އިޙްތިސާބުގެ މާނައަކީ އަލްޢަޒީމާއެވެ. (އަލްޢަޒީމާއަކީ ކަމެއް ކުރުމުގައި ދިމާވެދާނެ ދަތިތަކަށް ކެތްތެރިވެ، އެކަމަކަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފަސްޖެހުމެއްނެތި އެކަންތައްތައް އަދާ ކުރުމެވެ. މިހެންކަމުން ފަރްޟުތަކަށްވެސް އަލްޢަޒީމާގެ ނަން ދެވިފައިވެއެވެ.) އެއީ ތިމާގެ ނަފްސު އެކަމަށް ރުހިގެންވާ ޙާލު ޘަވާބު ހޯދުމުގެ އެދުމުގައި ރޯދަ ހިފުމެވެ. އެއީ ރޯދައަށް ހުންނަން ޖެހޭތީވެ ބުރަވެގެން ނޫޅުމެވެ. އަދި ދުވަސް ދިގުލައިގެން ދާތީ ނޫޅުމެވެ.”

އޭ ﷲ ތަޢާލާގެ އަމުރުފުޅަށް ރޯދަ ހިފާ ރޯދަވެރީންނޭވެ! މި މަތިވެރި މައްސަރަށް އުފަލާއި ޝައުޤުވެރިކަމާއިއެކު އިސްތިޤްބާލުކުރަން މަސައްކަތް ކުރާށެވެ! ރޯދަ ހިފުމާއި، އަޅުކަމުގައި ތިބާގެ ރޭތައް އިޙްޔާ ކުރުމަށާއި، ހެޔޮ ޢަމަލުން ތިބާގެ ވަޤުތުތައް ފުރާލުމަށް ޢަޒުމު އާކުރާށެވެ.

މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ. قُلْ بِفَضْلِ اللَّـهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴿٥٨﴾ (سورة يونس 58) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.

މާތް ﷲ ތަޢާލާ އަޅަގަނޑުމެންނަށް ރަމަޟާން މަހާއި ބައްދަލުވުމަށް ތައުފީޤް ދެއްވައިފިނަމަ، އަޅަމެން ކުރުމަށް ޢަޒުމު ކަނޑައަޅާފައިވާ ޢަމަލުތައް ކުރުމަށް ވާގި ދެއްވާފާންދޭއެވެ! އަދި އެކަމުން އަޅަމެންނަށް ލިބޭ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރު ކުރައްވާފާންދޭއެވެ! އަދި މިމާތް މައްސަރާއި ބައްދަލުވުމުގެ ކުރިން އަޅަމެންގެ އަޖަލު ހަމަވުމަށް މިންވަރު ކުރައްވައިފިނަމަ، އެކަމަށް ނިޔަތް ގެންފައިވާތީ، އެކަމުގެ އަޖުރު ދެއްވާންދޭއެވެ!

މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. وَمَن يُهَاجِرْ فِي سَبِيلِ اللَّـهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّـهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّـهِ ۗ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴿١٠٠﴾ (سورة النساء 100) މާނައީ: اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންނަށް ރޯދަ ހިފުމާއި، ރޭ އަޅުކަމުގައި ޤާއިމުވުމަށް ވާގިދެވާފާންދެއެވެ! އަދި އިބަރަސްކަލާނގެ މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލައްވާފާންދޭއެވެ!

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *