ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާކިޔާ ރަށަށް ހޮނިހިރުދުވަހު ދިން ކެމިކަލް ހަމަލާގައި މަރުވެފައިވާ މީހުންގެ ފޮޓޯތަކާއި ނޭވާ ހާސްވެގެން ފަރުވާ ދެމުންދާ ކުޑަކުދިންގެ ވީޑިއޯތައްފެނި ފައިދަށުން ބިންގަނޑު ދަމައިގެންދިޔަ ކަހަލައެވެ. ކެތްތެރިކަމެއް ނުވާ ހިތް ފަޅައިގެންދިޔައެވެ. ކޮންޓްރޯލެއް ނެތި ލޮލުން ކަރުނަ އޮހެރެންފެށިއެވެ. ނޭވާ ނައިސް، ގުނަވަންތަކުން ޙަރަކާތް ގެއްލި، މަރަށް ތެޅެމުންދިޔަ އެ ޅަދަރީންގެ ކެތްތެރިކަމާއި ސާބިތުކަން އަޅުގަނޑުގެ ހިތާވެސް ކުޅެލިއެވެ.
ހޮނިހިރުދުވަހުގެ ހަމަލާގައި ބޭނުންކޮށްފައިވަނީ ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމަށްވާ ސެރިން ގޭހެވެ. މިހަމަލާގައި މިހާތަނަށް 150 އަށްވުރެ ގިނަ މީހުންމަރުވެ 1000 އަށްވުރެ ގިނަ މީހުންނަށް ވިހަ ގޭހުގެ އަސަރުކޮށްފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.
ހަނގުރާމައިގައި ޒަހަަމްވާ މީހުންް ހޯދައި ފަރުވާ ދިނުމާއި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރާ "ވައިޓް ހެލްމެޓްސް" ޖަމާއަތުން ބުނެފައިވާ ގޮތުގައި ކެނޑިނޭޅި ހަމަލާދެމުންްދާތި މަރުވި އެންމެންގެ ހަށިތައް އަދި އެއް ނުކުރެވޭ ކަމަށާއި ގޭހުގެ ހަމަލާގައި މަރުވިމީހުންގެ އަދަދު 150 އަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.
އެޖަމާއަތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ވިހަގޭހުން ނޭވާ ހާސްވުމުގެ ސަބަބުން އާއިލާއެއްގެ ހުރިހާ މެމްބަރުންވަނީ މަރުވެފައެވެ.
https://web.facebook.com/ana.homsy.50/posts/2075495116040498
ހަނގުރާމައިގެ ޖަރީމާއެއް
ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ކުށެކެވެ. އަދި އެކަންކުރުން މަނާކުރާއި އެތަކެއް ޤަރާރަކާއި މުއާހަދާއެއްވެސްވަނި އެކުލަވާލާފައެވެ. އެގޮތުން ކެމިކަލް ހަތިޔާރާއިބެހޭ މުއާހަދާއާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޤާނޫނާއި ސޫރިޔާވެސް ބައިވެރިވެފައިވާ މުއާހަދާއެއް ކަމުގައިވާ ޖެނިވާ ގޭސް ޕްރޮޓޮކޯލްފަދަ އެތަކެއް އެއްބަސްވުންތަކާއި މުއާހަދާތަކަކުންވަނީ ކެމިކަލް ގޭސް ބޭނުންކުރުމަކީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމުގައި ކަނޑައަޅާފައެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޤާނޫނުން އެއްވެސް ހަނގުރާމައެއްގައި އެއީ ދާޚިލީ ހަނގުރާމައެއް ކަމުގައިވިޔަސް ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ހަނގުރާމައިގެ ކުށެއްކަމުގައި ކަނޑައަޅާފަވެއެވެ. އަދި ޤައުމެއް ނުވަތަ ޤައުމުން ބައެއް ނުވަތަ ވަކި ނަސްލެއްގެ ބަޔަކު ނައްތާލުމަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށާއި އެއީ ޤަތުލް އާއްމެއް ކަމުގައި ކަނޑައަޅާފައިވެއެވެ. މިފަދަ ޖަރީމާތައް ހިންގާ އަނިޔާވެރިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ބައިނަލްއަޤްވާމީ ޤާނުންވަނީ ހުރިހާ ދައުލަތްތަކަށް ދީފައެވެ.
މިހުރިހާ އެއްޗެއް މިހާ ސާފުކޮށްހުރި އިރުވެސް މުޅި ދުނިޔޭގެ ކުރިމަތީގައި މިހާ ފާޅުކަންބޮޑު ގޮތެއްގައި މިފަދަ ޖަރީމާތައް ހިންގަމުން ދާއިރުވެސް “ހިޔުމެނިޓޭރިއަނުން” އާއި “ހިޔުމަން ރައިޓްސް އެކްޓިވިސްޓުން" ތިބީ ހަނެވެ. އެހެން ކަންކަމުގައި ފަޔަށް ހިނިއަރައިގެން އުޅޭ އުޅުން މިފަދަ ހާދިސާތަކުގައި ނުފެންނަނީ އަނިޔާލިބުނީ މުސްލިމުންނަށް ވީމާ ހެއްޔެވެ؟
އިސްލާމީ ޤައުމުތަކުގެ ވެރިން ކޮބާ؟
އައްބާސީ ދައުލަތުގެ ޚަލީފާ މުއުތަސިމް އެންމެ އަންހެން ކަނބަލެއްގެ ގޮވާލެއްވުމަށް އިސްލާމީ ލަޝްކަރާއެކު ވަޑައިގެން ރޯމަނުންނާއި ހަނގުރާމަ ކުރެއްވެވިއެވެ. މުސްލިމް އެންމެ އުޚްތެއްގެ އާދޭހަށް އިސްލާމީ ލަޝްކަރާއެކު ޅަޒުވާން ޖެނެރަލް މުޙައްމަދު ބިން ޤާސިމް މުޅި ހިންދުކަރަ ފަތަޙަކުރެއްވި ދުވަސްވެސް އިސްލާމީ ތާރީޚްވަނީ ދެކެފައެވެ.
މިއަދުގެ ހާލަކީ ކޮބާތޯއެވެ. މުސްލިމް އެތައް އުޚްތުންނަކާއި ކުޑަކުދިންނެއް އާދޭހާއެކު ކަރުނައަޅަމުންދާއިރު، މުސްލިމުންގެ ބައްޕަކަމުގައި ދެކެމުންއަންނަ ސައުދީ އަރަބިޔާއޮތީ ޤައުމު މޮޑަނައިޒް ކުރުމުގެ މަސައްކަތުގައި ފޫގަޅާފައެވެ. ޤައުމުގައި ނުހުޅުވިގެން އުޅެނީ ފިލްމް ބަލާނެ ސިނަމާތަކާއި އަންހެނުން ބިކިނީގައި ގޮސް މޫދަށް އެރޭނެ ބީޗުތަކެވެ. މިހާރުވެސް ސައުދީ ވަލީއަހްދު ހުންނެވީ މިދެންނެވި މަސައްކަތުގައި ގޮސް ޔޫރަޕުގައެވެ.
އަނިޔާ ލިބެމުންދާ މުސްލިމުންނާއެކު ތެދުވާނެ އިސްލާމީ ޤައުމެއްގެ ވެރިއެއް މިއަދު ނެތްފަދައެވެ. އިސްލާމީ ޤައުމުތަކުގައިވަނީ ޔޫރަޕާއި އެމެރިކާ ރުހޭ އެމީހުން ބުނިހާ ގޮތެއްހަދާނެ ގޮނޑިކޮއްކޮ ސަރުކާރުތަކެއް ޤާއިމްކޮށްފައެވެ. އެންމެ ބޮޑުވަރަކަށްވެސް ކޮށްލެވޭ ކަމަކީ ހަރުކަށިކޮށް ކުށްވެރިކޮށްލުމެވެ. އެހިސާބުން ވާޖިބު އަދާވީއެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނެވެ. އިސްލާމީ އުއްމަތުގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުގެ ތަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑު އެވޭން ތަހައްމަލް ކުރާނެވެ. މިއަދު އިސްލާމީ އުއްމަތުގެ އެކިކަންކޮޅުތަކުގައި މުސްލިމުންވަނީ ނިކަމެތި ކޮށްލެވިފައެވެ. އަނބިން ހުވަފަތްވެ ދަރިން ޔަތީމްވެފައެވެ. އަމިއްލަ ގެދޮރާއި ވަޒަނުންވަނީ ނެރެލެވިފައެވެ. އެއަޚުންނާއި އުޚްތުންނަށްޓަކައި އެހީތެރިވެ ދެއްވާށެވެ. އެއަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވާށެވެ.

















ޚިޔާލު