ކޮލަމިސްޓްވާހަކަ

40 އަހަރު ވަންދެން ﷲއަށް އުރެދުނު މީހާގެ ތައުބާ

އިބްނު ޤުދާމާ، ކިތާބުއް ތައްވާބީންގައި ލިޔުއްވާފައިވާ ވާހަކައެކެވެ. މޫސާ ޢަލައިހިއްސަލާމްގެ ނަބީ ކަމުގެ ދުވަސްވަރު އުޅުނު ﷲގެ ނިކަމެތި އަޅެއްގެ ވާހަކައެވެ. ފާފަކުރުންމަތީ އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރި ވުމުގައި އެތައް އަހަރެއް ވެއަތުކުރިމީހެއްގެ އިޚްލާސްތެރި ތަޥްބާގެ ވާހަކައެވެ. އަދި އެތަޥްބާގެ ސަބަބުން ޤައުމެއް ހަލާކުން ސަލާމަތް ވީ ގޮތުގެ ވާހަކައެވެ. ވާހަކައާއިގެން ކުރިއަށްދަމާތޯއެވެ.

މޫސާ ޢަލައިހިއްސަލާމުގެ ދުވަސްވަރު ބަނީ އިސްރާއީލްގެ މީހުންގެމައްޗަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވިއެވެ. އަދި ތަދުމަޑުކަން ބޮޑުވެ ދިރިނޫޅެވޭ ހިސާބަށް ދިއުމުން މީސްތަކުން މޫސާގެފާނުގެ އަރިހުން ﷲ ގެ ޙަޟްރަތުގައި މިކަމުން ސަލާމަތްކުރަށްވައި، ފެނާއި ރިޒްޤު އެމީހުންގެ މައްޗަށް ބާވައިލެއްވުމަށް އެދި ދުޢާ ކޮށްދެއްވުމަށް ދެންނެވިއެވެ. އެހިނދު ޤައުމުގެ މީސްތަކުންގެ ޙާލަތު ފެނި މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ ހަތްދިހަ ހާހަށްވުރެ ގިނަ މީސްތަކުންނާއިގެން ޞަޙަރާ އަށް ނިކުމެވަޑައިގަތެވެ. އަދި މިހަނަފަސްކަމާއި ތަދުމަޑުކަމުން ސަލާމަތްކޮށްދެއްވައި އެކި ގޮތްގޮތުން އެ އިލާހުގެ ނިޢުމަތާއި ރިޒްޤު އެބައިމީހުންގެ މައްޗަށް ބާވައިލެއްވުމަށް އެދި ދުޢާކުރެއްވިއެވެ. ނަމަވެސް ކަލީމުﷲ ގެ ލަޤަބު ލިބިފައިވާ، އަދި އުލުލް ޢަޒްމުގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ އެއިލާހުގެ މިލޮބުވެތި ރަސޫލާގެ ދުޢާއަށްފަހުވެސް އުޑުމަތިން ފެންނަން ހުރި ވިލާތައް ފުހެވިގެން ދިއުމާއި ހޫނުކަން އިތުރުވުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ.

އަދި އެބައިމީހުން (ބަނީ އިސްރާއީލުންގެ) ތެރޭގައި ﷲއަށް ސާޅީސް އަހަރު ވަންދެން އުރެދުނު މީހެއްވާކަމާއި، އޭނާ އެޖަމާޢަތުން ވަކިވުމަށާއި، އެއިލާހުގެ ނިޢުމަތްތަށް އެބައިމީހުންގެ މައްޗަށްބާވައިލައްވާނީ އޭރުން ކަމަށް ﷲ ގެ ޙަޟްރަތުން ވަޙީއެއްވެވުނެވެ.އެހިނދު މޫސާ ޢަލައިހިއްސަލާމް ﷲއަށް ގޮވާލައްވާ ދެންނެވިއެވެ. "މިއަޅާގެ ވެރި އިލާހެވެ. މިއަޅާއަކީ އިބަ އިލާހުގެ އަޅުތަކުންކުރެ ނިކަމެތި އަޅަކީމެވެ. އަދި މިއަޅާގެ އަޑަކީ ބަލިކަށި އަޑެކެވެ. ފަހެ މިތާނގައި މިވާ ހަތްދިހަ ހާސް ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް މިއަޅާ ގޮވާލައްވާނީ ކިހިނަކުންތޯއެވެ؟" އެހިނދު މުސާ ޢަލައިހިއްސަލާމް އަށް ވަޙީ އިއްވެވުނެވެ. "ކަލޭގެފާނަށް އޮތީ ގޮވާލުމެވެ. މީސްތަކުންނާ ހަމައަށް އެގޮވާލުން ފޯރުކޮށްދޭހުށީ ތިމައް އިލާހެވެ."

އެހިނދު މޫސާ ޢަލައިހިއްސަލާމް އެތަނަށް އެއްވެފައި ތިބި މީހުންނަށް ގޮވާލައްވައި ވިދާޅުވިއެވެ. "ފަހެ ތިޔަބައިމީހުންގެތެރޭގައި ﷲ އަށް އުރެދުމާއި ފާފަތަކަށް އަރައިގަތުމުގައި ސާޅީސް އަހަރު ހޭދަކުރި މީހަކުވެއެވެ. ފަހެ އޭނާ މީސްތަކުންގެ ތެރެއިން ނުކުމެ، މިޖަމާޢަތާއި ވަކިވާށެވެ. އަހަރެމެންނާއެކު ތިބާ ވުމުގެ ސަބަބުން އަހަރެމެންގެ މައްޗަށްވަނީ ވާރޭވެހުން މަނާވެގެންނެވެ."

މޫސާގެފާނުގެ މިގޮވާލުމުގެ އަޑު އިވުމާއެކު، މީސްތަކުން މީހަކު ތެދުވެގެން ޖަމާޢަތުން ނުކުމެގެން ދޭތޯ އެކިފަރާތްފަރާތަށް ބަލަންފަށައިފިއެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ މުރާދުގައިވާ ފާފަވެރިޔާވެސް މީހަކު ތެދުވާނެކަމުގެ އުންމީދުގައި ކަނާތްފަރާތަށާއި ވާތްފަރާތަށް ބަލަބަލައިވެސް މީހަކު ތެދުވާތަން ނުފެނުމުން، އެފާފަވެރިޔަކީ ތިމަންނާކަން އޭނާއަށް އެނގި ކަޝަވަރުވެގެންދިޔައެވެ.

އެހިނދު އޭނާ އަމިއްލަނަފްސަށް ވިސްނާލިއެވެ. "މިބައިމީހުންގެތެރެއިން އަހަރެން ތެދުވެއްޖެނަމަ، އަދި ނުކުންނަން ހިނގައިގެންފިނަމަ، އެންމެންގެތެރޭގައި އަހަރެން ފަޟީޙަތްވެގެންދާނެއެވެ. މުޅިޤައުމުގެ މައްޗަށް ޖެހިފައި މިވާ ބަލާ ޖެހިފައިވަނީ އަހަރެންގެ ސަބަބުންކަން އެންމެންނަށް އެނގޭނެއެވެ. އަދި އަހަރެން ނުތެދުވެ، އެބައިމީހުންނާއެކު މިތާ އިށިނދެގެން އިނދެފިނަމަ، އަހަރެންގެ ސަބަބުން މިއެންމެންގެމައްޗަށް ﷲގެ ނިޢުމަތް ބަންދުވީއެވެ. އެހިނދު ހަދާނެގޮތްހުސްވެ، އޭނާގެ ހެދުމުގެ ތެރެއަށް ބޯކޮށްޕައި ﷲގެ ޙަޟްރަތުގައި ވަރުގަދަ، އިޚްލާޞްތެރި ތަޥްބާއަކުން ތަޥްބާވެ، އޭނާގެ ފާފަތަށް ފުއްސަވައި ދެއްވުމަށް އެދި ދުޢާކުރިއެވެ. އަދި އޭނާ ދުޢާކުރިއެވެ: "އޭމިއަޅާގެ ވެރި އިހާލާހެވެ! މިއަޅާ މިވަނީ އިބައިލާހަށް އުރެދުމާއި ފާފަތަކަށް އަރައިގަތުމުގައި، ސާޅީސް އަހަރު ހޭދަކޮށްފައެވެ. މިއަދާހަމައަސް ވެސް އިބައިލާހުވަނީ މިއަޅާގެ ފާފަތަކުގެ ސަބަބުން މިއަޅާ ހަލާކުނުކުރަށްވައި ފަސްކޮށްދެއްވާފައެވެ. އިޞްލާޙުވުމުގެ ފުރުސަތު މިއަޅާއަށް ދެއްވާފައެވެ. ފަހެ އިބައިލާހުގެ ޙަޟްރަތަށް މިއަޅާ ޙާޟިރުވެ ފާފަފުއްސެވުމަށް އެދި ދުޢާކޮށް، ޠަޢުބާ މިވަނީ އިބަ އިލާހަށް ފުރިހަމައަށް ކިޔަމަންވާ ޙާލުއެވެ. ފަގެ މިއަޅާގެ ތަޥްބާ ޤަބޫލުކޮށްދެއްވާންދޭވެ." އޭނާއަށް ރަނގަޅަށް ދުޢާކޮށް ނުނިމެނީސް، އުޑުމަތީގައި ވިލާބޯވެ ބޯކޮށް ވާރޭވެހެންފަށައިފިއެވެ.

އެހިނދު ޙައިރާންވެފައިވާ ޙާލު މޫސާ ޢަލައިހިއްސަލާމް ﷲއަށް ދެންނެވިއެވެ. "މިއަޅާގެ ވެރި އިލާހެވެ. ވާރޭވެހެން ފަށައިފިއެވެ. ފެން ލިބެންފަށައިފިއެވެ. އިބައިލާހު އަހަރެމެންގެ މައްޗަށް ވާރޭ އޮއްސައިދެއްވައިފީމުއެވެ. ނަމަވެސް މިޖަމާޢަތުން އަދި މިހާތަނަށް އެކަކުވެސް ނުނުކިމެއެވެ. "އެހިނދު ﷲ ވަޙީކުރެއްވިއެވެ. ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ވާރޭ އޮއްސައި މިދެއްވީ އެމީހެއްގެ ސަބަބުން ވާރޭވެހުން މަނާވި މީހާގެ ސަބަބުންނެވެ." އެބަހީ އޭނާ ﷲ އަށް ވީ ފުރިހަމަ ޠަޥްބާގެ ސަބަބުންނެވެ. އެހިނދު އުފަލުން ފުރިގެންވާ ޙާލު މޫސާ ޢަލައިހިއްސަލާމް ﷲ އަށް ދެންނެވިއެވެ. "މިއަޅާގެ ވެރިއިލާހެވެ. އިބައިލާހުގެ މިކިޔަމަންތެރި އަޅާ މިއަޅާއަށް ދައްކަވައިދެއްވާންދޭވެ!" އެހިނދު ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. "އޭ މޫސާ (ޢަލައިހިއްސަލާމްއެވެ.) އޭނާ (ސާޅީސް އަހަރުވަންދެން) ތިމަންއިލާހަށް އުރެދުނު ހިނދުވެސް ތިމަންއިލާހުވަނީ އޭނާ ފަޟީޙަތް ނުކޮށްދެއްވައި އޭނާގެ ފާފަތަށް ސިއްރުކޮށްދެއްވާފައެވެ. މިއަދު ކިޔަމަންތެރިކަމާއެކު އޭނާ ތިމަންއިލާހަށް ތަޥްބާވީ ހިނދު ތިމަންއިލާހުވީ އޭނާ ފަޟީޙަތް ކުރަން ހެއްޔެވެ؟"

އެންމެހާ އަޚުންނާއި އުޚްތުންނޭ! މާޟީ އައް ނަޡަރެއް ހިންގާލައްވާ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ފުރިހަމަކޮށްދެއްވައިފައިވާ ގުނާޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކާއެކުވެސް އަހަރެމެންނަށް އެއިލާހަށް ފުރިހަމަ ގޮތުގައި އަޅުކަންކުރެވޭތޯ؟ ނުވަތަ ރަނގަޅަށް އަޅުކަންނުކުރެވޭތާނގައި، އެއިލާހަށް އުރެދުމުގައި ޢުމުރުން ބޭކާރުވެ ފާއިތުވެފައިވަނީ ކިތައް އަހަރުތޯ؟ އަހަރެމެންގެ ފާފަތަށް މީސްތަކުންގެ ތެރޭގައި ފަޟީޙަތްކުރެވިއްޖެނަމަ، އަހަރެން އަޅެފަހެ ވަންނާނީ ކޮންތާކަށްތޯ؟ ﷲ އީ ތަޥްބާ ޤަބޫލުކުރައްވާ ރަޙްމާން ވަންތަ ރަޙީމްވަންތަ އިލާހު. އެ އިލާހަކީ ފާފަ ފުއްސަވައި ދެއްވައި، ފާފަ ފުއްސެވުމަށް ލޯބިކުރަށްވާ އިލާހު. މާދަމާ އިޞްލާޙުވާން ހުއްޓައި މަރުއައިސް ޖެހުމުން ތަޥްބާވިޔަސް އެއަކުން އަހަރެމެންނަށް ވާނެ އެއްވެސް ފައިދާއެއްނެތް. ފުރުސަތުގެ ބޭނުން ކުރަށްވާ. އިޚްލާޞްތެރިކަމާއެކު ﷲ އަށް ފުރިހަމަ ތަޥްބާއަކުން ތަޥްބާވެލައްވާ. ﷲ އަޅަމެންގެ ތަޥްބާ ޤަބޫލުކުރައްވާށި. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *