ރިޕޯޓްއަރަބިދުނިޔެ

ސޫރިޔާގެ މުސްލިމު ރެފިއުޖީންގެ މެދުގައި ނަޞާރާދީން ފަތުރަނީ

30129160A

ނަޞާރާދީނުގެ ބާޠިލުމަގަށް ގޮވާލާ މީސްތަކުން އެދީނަށް ވެއްދުމުގެ މަސައްކަތް އަބަދުވެސް އެންމެ ފުޅާކޮށް ކުރަމުން އަންނަނީ ބަނޑުހައިހޫނުކަމާއި ތަދުމަޑުކަން ފެތުރިފައިވާ ފަޤީރު ޤައުމުތަކާއި އަދި ހަނގުރާމަތަކާއި ތަޅާފޮޅުން ހިނގަމުން އަންނަ ޤައުމުތަކުގައެވެ. އަދި ހަމަ މިގޮތަށް ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން އެކިޤައުމުތަކަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރޭގައި ނަޞާރާދީން ފަތުރައެވެ. އެއީ އެކިކަހަލަ އެހީދިނުމުގެ ނަމުގައެވެ. ބަނޑުފުރާނެ ކާނާ އާއި އޮނު އޮރިޔާންނިވާކުރާނެ ފޭރާން ފޯރުކޮށްދީގެންނެވެ. އަދި ފަރުވާދޭނެ ހަސްފަތާލުތައް ޤާއިމުކޮށްދީ ގެންނެވެ. މިފަދަ ގޮތަކަށް މުސްލިމު އެތައް ޤައުމެއްގައި ނަޞާރާއިން އަންނަނީ އެމީހުންގެ ދީން ފަތުރަމުންނެވެ. ޞާމާލު އާއި އަފްޣާނިސްތާނާއި އިތިއޯޕިޔާ އާއި ކެންޔާ އާއި ލީބިޔާ އާއި އިރާޤު ފަދަ ހަނގުރާމަ ހިނގަމުން އަންނަ އެތައް މުސްލިމު ޤައުމެއް ހިމެނެއެވެ. މިބޮޅަށް އިތުރުވެގެން ދިޔަ އަނެއް ޤައުމަކީ ސޫރިޔާއެވެ.

މިއަދު ނަޞާރާދީން ފެތުރުމުގެ ކަންތައް އަހުރެމެންގެ އަޚުން ކަމަށްވާ ސޫރިޔާގެ ނިކަމެތި ޙާލުގައި ޖެހިފައިވާ މުސްލިމު ރެފިއުޖީން ދިރިއުޅެމުން އަންނަ "ރެފިއުޖީ ފޭލިގެ" ތަކުގައި އަންނަނީ ކުރަމުންނެވެ. މިފަދަ ފޭލިގެ ތަކުގައި ގިނައީ މުސްލިމުންގެ ލޭ ހުއްދަކޮށް ސޫރިޔާގެ ސުންނަތްޖަމާޢަތުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގައި ވެރިކަން ކުރަމުން އަންނަ ހައްދުފަހަނައަޅާފައިވާ ޝިޔަޢީންގެ ބައެއްކަމަށްވާ ނުޞައިރީންގެ ލާއިންސާނީ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ސޫރިޔާ ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖްރަކޮށްފައިވާ ސުންނީ މުސްލިމު ރެފިއުޖީންނެވެ. މި ރެފިއުޖީންގެ ތެރޭގައި ނަޞާރާދީން ފެތުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އުރުދުންގެ ރެފިއުޖީ ފޭލިގެތަކުގައި ދިރިއުޅޭ މުސްލިމު ރެފިއުޖީ އާއިލާތަކަށް ފައިސާއާއި އިންސާނީ އެހީފޯރުކޮށްދީގެން އެމީހުން އިސްލާމު ދީން ދޫކޮށް ނަޞާރާއިންނަށް ވުމަށް އަންނަނީ ދަޢުވަތުދެމުންނެވެ. އެކަމަށް އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.

ޔޫޓިއުބުގައި އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ސޫރިޔާގެ ރެފިއުޖީންނަށް ޤާއިމުކޮށްފައިވާ އުރުދުންގެ ފޭލިގެއެއްގައި ދިރިއުޅޭ މުސްލިމު ޒުވާން އަންހެން ކުއްޖެއް އިންޖީލާއި އަދި އެހެންވެސް ނަޞާރާދީނުގެ ފޮތްތަކެއް ދައްކާލަމުން ހާމަކުރިގޮތުގައި ނަޞާރާދީން ފަތުރާމީހުން ރެފިއުޖީ އައިލާތައް ގާތަށް އައިސް އިންޖީލާއި އަދި އިތުރުފޮތްތައް ބަހައެވެ. އަދި އެފޮތްތައް ކިޔާ އެފޮތްތަކުގައިވާ ތަކެތި ހިތުދަސްކުރުމަށް އެދެއެވެ. އެގޮތަށް އެފޮތްތަކުން ބައެއް ހިތުދަސްކޮށްފިއްޔާ މާލި އެހީއާއި އަދިވެސް އިތުރު އެތައް އެހީތަކެއްދީ އަދި ދިރިއުޅޭ ފޭލިގެތައް މަރާމާތުކޮށްދީ ހަދައެވެ.

އަދި އިތުރަށް އެ ޒުވާނާ ބުނެއެވެ. "އެރެފިއުޖީންނަކީ ހުވަފެން އަންހެނުންނާއި ޔަތީމުންނެވެ. އަދި ނަޞާރާއިން އަހަރެމެންނަށް ދިރިއުޅުމުގައި ދިމާވެފައިވާ މި ދަތިހާލަތުގެ ފުރުޞަތުގެ ބޭނުން ހިފަނީއެވެ. އަދި އަހަރެމެންގެ ކިބައިން މުދަލަށް އަހަރެމެންގެ ދީން ވިއްކާލަން އެދެނީއެވެ."

އެޒުވާނާ ދިރިއުޅެމުން ދާ ހިސާބުގެ ވިއްސަކަށް ފޭލިގެއަށް ނަޞާރާއިންވަނީ އެގޮތަށް ފޮތްތައްބަހާފައެވެ. އަދި މުސްލިމު ރެފިއުޖީން އެފޮތްތަކުގައި ހިފައެވެ. އެއީ އެބައިމީހުންނަށް ދިމާވެފައިވާ މަޖްބޫރީ ޙާލަތުގެ ސަބަބުންނެވެ. ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި ނަޞާރާއިން ދޭން ވަޢުދުވާ އެހީ ލިބިގަތުމަށެވެ.

އިސްލާމް ދީނުގެ ދަޢުވަތު ފަތުރަން މަސައްކަތް ކުރާފަރާތްތަކަށާއި އަދި ދީނުގެ ދަންނަބޭކަލުންގެ ކިބައިން މިކަންތަކުން ސޫރިޔާގެ މުސްލިމުން ސަލަމާތްކޮށްދީ އަދި މިކަންތައް ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އެމުސްލިމު އުޚުތާވަނީ ގޮވާލާފައެވެ. އަދި ސޫރިޔާގެ މުސްލިމުން އިސްލާމުދީނުން ބޭރުވެ ނަޞާރާއިންނަށްވުމުން ސަލާމަތްކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނަޞާރާދީން ފަތުރާ ފަރާތްތަކުން އެކަން ކުރަނީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ ގޮތުގައި ފޮރުވި ތިބެއެވެ. އަދި މިފަދަ ޖަމާޢަތް ތައް އެންމެ ބޮޑަށް ޙަރަކާތްތެރިވަނީ އިސްލާމީ އަދި އަރަބި ޤައުމުތަކުގައެވެ. އަދި މިޖަމާޢަތްތަކަށް ދުނިޔޭގެ ބޮޑެތި ބާރުގަދަ ޤައުމުތަކަށްވުރެ އެހީފޯރުކޮށްދިނުމުގެ ޤާބިލިއްޔަތު މާ ފުރިހަމައަށް ލިބިފައިވެއެވެ. އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރާ އިންޓަނެޓް ވެބްސައިޓެއްކަމަށްވާ "މަވްޤިޢު ޠަރީޤިލްއީމާން"( އީމާންވޭ.ކޮމް) ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ހާމަކޮށްފައިވާގޮތުން ދުނިޔޭގައި ނަޞާރާދީން ފަތުރާ (24580) ޖަމާޢަތް ޙަރަކާތްތެރިވެއެވެ. އޭގެ ތެރެއިން ވިހިހާސް ޖަމާޢަތް ޙަރަކާތްތެރިވަނީ ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ނަމުގައެވެ. އަދި މި ޖަމާޢަތްތަކުގައި (273770) މީހުން ނަޞާރާއިން ދިރިނޫޅޭ އެކި ސަރަޙައްދުތަކުގައި އެދީންފެތުރުމަށް ހުސްވެގެން ތިބެ ޙަރަކާތްތެރިވަމުންދެއެވެ. އަދި ދުނިޔޭގެ (100) ޤައުމަށް ނަޞާރާދީނާއި ބެހޭ މަޢުލޫމާތު (1900) ޚަބަރުފަތުރާ ވަޞީލަތް މެދުވެރިކޮށް ދުރަށްފޮނުވަމުންދެއެވެ. އަދި ނަޞާރާދީން ފެތުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ދުނިޔޭގައި ކޮންމެ އަހަރަކު( 150) މިލަޔަން ޑޮލަރު "ފަންޑު"ގެ ގޮތުގައި އެއްކުރެވެއެވެ.
އަނެއްކޮޅުން ސޫރިޔާގައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ ނުޞައިރީންގެ ސަރުކާރުން ސުންނަތް ޖަމާޢަތުގެ ފޮތްތައް ވިއްކުމާއި އެފޮތްތައް ބެހުންފަދަ ކަންތައްތައް އަބަދުވެސް އޮންނަނީ ހިފަހައްޓާފައެވެ. އަދި އިސްލާމީ ޞައްޙަ މަގުން ސޫރިޔާގެ ރައްޔިތުން އެއްކިބާކުރުމަށް ވަނީ ތަފާތު މައްސަކަތްތަކެއް ކޮށްފައެވެ. އަދި އިސްލާމީ ދަޢުވަތުދެވޭ ކޮންމެ މަގަކަށް އެމީހުން ދިޔައީ ހުރަސް އަޅަމުންނެވެ. އުއްމަތުގެ އިސްވެގޮސްފައިވާ ސަލަފުންގެ މަގަށް ގޮވާލާ ކޮންމެ ގޮވާލުމެއް އެމީހުން ހުއްޓުވަން މަސައްކަތްކުރެއެވެ. އޭގެބަދަލުގައި ސޫރިޔާގައި ނަޞާރާދީން ފެތުރުމަށް ހުރިހާ މަގެއް ވަނީ ފަހިކޮށްދީފައެވެ. އެކަމަށް ވަނީ ޤައުމު ހުޅުވައިލާފައެވެ.

އޭ މުސްލިމުންނޭ! އޭ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނޭ! މިހުރިހާކަމެއް ހިނގަމުން ދާއިރުވެސް ހަމަ ހަނުން ތިބެއްވީތޯއެވެ؟ އަޅެ ހަނުހުރުމަކީ ޚިޔާނާތެއްކަމުގައި ނުވާނެތޯއެވެ؟ ތިބާ ނަފްސާ މިސުވާލުކޮށްބަލާށެވެ؟

ޔާ ރައްބި މުސްލިމު މުޖާހިދުންނަށް ނަޞްރު ދެއްވާންދޭވެ. އަދި ނިކަމެތި މުސްލިމުންނަށް އެހީވާ ބައެއްކަމުގައި އަޅަމެންލައްވާންދޭވެ. އަދި ނިކަމެތިވެފައިވާ މުސްލިމުންގެ ޙާލަތު ރަނގަޅުކުރައްވާދޭވެ. އާމިން.

ނޯޓް: (މިއީ "މަރުކަޒުއް ތައުސީލި ލިއްދިރާސާތި ވަލް ބަޙްޘި"އިން ޝާއިއުކޮށްފައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން ﷲގެ ވާގިފުޅާއެކު އެކުލަވައިލާފައިވާ ލިޔުމެކެވެ.)

ގުޅުންހުރި

2 ޚިޔާލު

  1. މީގަ ފާހަނގަ ކޮށްލަން ޖެހޭ ކަމަކީ މިގޮތަށް ކަންތަށް ކުރުމަށް ނަޞާރާއިންނަށް ބާރު ލިބެނީ ޙަލީޖްގެ ގައުމު ތަކުން މުސްލިމުންނާއި މެދު އިހުމާލު ވަމުން ދާތީ ކަން .. އެމީހުން މުސްލިމުންނަށް އެހީ ވަމުން ދާނަމަ އެއްވެސް ބަޔަކަށް އެއްވެސް ދީނެއް ފަތުރަން ޖާގައެއް ނުލިބޭނެ ..

  2. މިކަމުގައި އިސްލާމީ ޤައުމުތަކުގެ އިޙްމާލު ވަރަށްބޮޑެވެ. ސަބަބަކީ މުސްލިމުން ނިކަމެތި ކުރުމަށް މުސްލިމު ބިންތަށް ހިތުންރުހުމުންދެނީ ވެރިކަމާއި ދުނިޔަވީ ތަރައްޤީ ހޯދުމުގެ ނަމުގައެވެ. މާތްﷲ އަޅަމެނަށް ތެދު މަގުދައްކަވާ މުސްލިމުން ބާރުގަދަ ކުރައްވާށި. އާމީން

Your email address will not be published. Required fields are marked *

More in ރިޕޯޓް