އަރަބިދުނިޔެދުނިޔެ

ޣައްޒާ އެއްކޮށް ހިފައި ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުން ތައްޔާރުވަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާ ސަރަހައްދު އެއްކޮށް ހިފައި، އޮކިއުޕައިކުރުމުގެ ޕްލޭން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ނެތަންޔާހޫގެ މި ނިންމުމާއެކު ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުން ތިބި ސަރަހައްދުތައް ހިމެނޭ ގޮތަށް މުޅި ޣައްޒާގައި އިޒްރޭލުގެ ޢަސްކަރިއްޔާގެ  އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މި ރިޕޯޓްކުރެވުނު ޕްލޭންތައް ކުށްވެރިކޮށް، އެއީ ޕްރެޝަރެއްގެ ގޮތުން ވިޔަސް، ބައިނަލްއަގުވާމީ ގޮތުން ލިބޭ ރިއެކްޝަން ބެލުމަށް ކުރާ ކަމެއްގެ ގޮތުން ވިޔަސް، ނުވަތަ ސީރިއަސް ކަމެއްގެ ގޮތުން ވިޔަސް، އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފައިވެއެވެ.

މިރިޕޯޓުތައް ފެންމަތިވެފައި މިވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ ފަލަޞްތީނުގެ ރައްޔިތުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޒްރޭލަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅުގައެވެ.

މީގެ އިތުރުން ޙަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ދެރައްޔިތުން ކަމަށްވާ ރޯމް ބްރަސްލަވްސްކީ އަދި އެވިއަތަރ ޑޭވިޑްގެ ހަށިގަނޑު އަނަރޫފުވެފައިވާތަން ދައްކާ ވީޑިއޯއެއް ފެންމަތިވުމާ ގުޅިގެން ނަތަންޔާހޫއަށް ވަނީ އިޒްރޭލުގެ ރައްޔިތުންގެ ނުރުހުން ވެސް އަމާޒުވެފައެވެ.

"އަޅުގަނޑުމެންގެ ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އެކުގައި ތެދުވެ އެކުގައި ހަނގުރާމަކުރަން ޖެހޭ. އެ ލަނޑުދަނޑިތަކަކީ: ދުޝްމިނުން ބަލިކުރުމާއި، ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން މިނިވަންކުރުމާއި، ޣައްޒާއިން އިޒްރޭލަށް އިތުރު ނުރައްކަލެއް ނުވާނެކަން ޔަގީންކުރުން،" ހޯމަ ދުވަހު އާންމު ކެބިނެޓް ބައްދަލުވުމެއްގެ ފެށުމުގައި ނެތަންޔާހޫ ބުނެފައިވެއެވެ.

އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އިޒްރޭލުގެ އަނިޔާވެރިކަމަށް ލޯ މަރައިލާފައިވާ ކަމަށް ތުހުމަތުކޮށް، ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުދިއުމާއި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޖަރީމާތަކުގެ ފުރިހަމަ ޒިންމާ ނެތަންޔާހޫގެ ސަރުކާރުން އުފުލަންޖެހޭ ކަމަށެވެ.

ޣައްޒާގެ ހެލްތު އޮތޯރިޓީތަކުން ރިޕޯޓުކުރާ ގޮތުގައި ގޮތުގައި އޮކްޓޯބަރު 2023 އިން ފެށިގެން ފަލަޞްތީނުގެ 61000 އަށްވުރެ ގިނަ ރައްޔިތުން ޙަމަލާތަކުގެ މަރުވެފައިވާއިރު މީގެ ތެރޭގައި 18،430 ކުޑަކުދިން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *