ރިޕޯޓްދިއިސްލާމް

ދީނާއި ސިޔާސަތަކީ ދޭއްޗެއް ހެއްޔެވެ؟

މިއަދުގެ ޒަމާނީ ޑިމޮކްރަސީ ބުނާގޮތުގައި ދީނާ ސިޔާސަތަކީ ދޭއްޗެކެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ކަމެއްތޯ އަޅުގަނޑުމެންގެތެރެއިން ބަލާލީ ކިތައްބޭފުޅުންތޯއެވެ.!

ދީނަކީ ކޮބައިތޯއެވެ؟ ދީން މިބަހުގެ މާނައަކަށް ދިވެހިބަހުގެ ރަދީފުގައި ދީފައިވަނީ "އިންސާނުން އުޅުމަށް ކަލާންގެ އަންގަވާފައިވާގޮތް" މިއެވެ. މިހެންވީއިރު "ދީނު"ގެ ތެރޭގައި ހުރިހާކަމެއް ޝާމިލުވާންޖެހޭނެއެވެ. ޝާމިލުނުވާނަމަ އެއީ ފުރިހަމަ އެއްޗަކަށް ނުވާނެއެވެ. އަދި އިންސާނުން އެ ބަލައިގަންނަން ކަމުދާއެއްޗަކަށްވެސް ނުވާނެއެވެ. ނަމަވެސް، 800 އެތަށްއަހަރެއްވަންދެން އަޅުގަނޑުމެން ދިވެހިން، ﷲ އަށް އީމާންވެގެންތިއްބާ، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުޅުމަށް ރުހިވޮޑިގެންވާ ހަމައެކަނި ދީންކަމުގައިވާ އިސްލާމްދީނަށް ތަބަޢަވެގެންތިއްބާ، ޑިމޮކްރަސީގެ "މާތް" އެކަމަކު ކޮރު އެއްޗެއްގެނައީ ކީއްވެގެންބާއޭ މިއަދު ސުވާލު ނުކުރާ، ހަމަބުއްދީގައި ހުރި އެކަކުވެސް މިޤައުމުގައި ހުންނާނެހެނެއް ހިޔެއްނުވެއެވެ.

"ކޮރު ޑިމޮކްރެސީ" އަށް އަޅުވެތިވެފައިވާ "މުޖާހިދުން" އެންމެ ނަފްރަތުކުރާ އެއްޗަކީ އިސްލާމްދީނެވެ. އަދި އެދީނުގައި ކަނޑައަޅުއްވާފައިވާ ޝަރީޢަތެވެ. އިސްލާމްދީނާއި ބެހޭގޮތުން އެކިފާޑުފާޑުގެ ބުހުތާނު ދޮގުތައްހަދަމުންނެވެ. ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ 800 އެތަށް އަހަރެއްވަންދެން މިޤައުމުގައި އިސްލާމްދީން އޮވެ، މުސްލިމުންގެ ގޮތުގައި މިރާއްޖޭގެ ރައްޔިތުން ތިބިކަމުގައިވިޔަސް ޞައްޙަ އިސްލާމީ ތަޢުލީމުން މިރާއްޖޭގެ ރައްޔިތުން މަޙްރޫމު ކުރެވިފައިވާކަމެވެ. މިހެން މިކަންއޮށްވާ ޑިމޮކްރަސީގެ "މާތް ޢިލްމުވެރިން" އައިސް އޭތި ޕްރޮމޯޓުކުރަންފެށުމުން ރައްޔިތުންނަށް ހީވީ މިދެން ދުނިޔޭގެ ހުރިހާއެއްޗެއް ލިބި ތަރައްޤީވެވި މިނިވަން ވެވުނީކަމުގައެވެ.

އިސްލާމްދީނަކީ އިންސާނާ ދިރިއުޅުމުގެ ޢާއްމު އަދި ޚާއްޞަ ހުރިހާކަމެއް އޭގައި ޝާމިލުދީނެއްކަން ނުދަންނަ އިސްލާމަކު ހުންނާނެހެނެއް ހިޔެއްނުވެއެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ވަނީ މިނުބައި ވަބާގައިޖެހި ވަރަށްބޮޑަށް މަގުގެއްލި ފައެވެ. ޑިމޮކްރަސީގެ "މާތްދީނުގައި" ޖެހި އެބައިމީހުންގެ ކަލާންގެ ކަމުގައިދެކި އެއެއްޗަކަށް އެބައިމީހުން އަޅުކަންކުރާ އެއްޗަކަށްވެފައިވަނީވެސް މި "މާތް ޑިމޮކްރަސީ" އެވެ. އިސްލާމްދީން ބާވާލެއްވުނީ އިންސާނުންނަށް އޭގައި ފައިދާވާނޭ ހުރިހާކަމެއް ޙަލާލު ކުރެވި އަދި ގެއްލުންވަނިވި ހުރިހާކަމެއް ޙަރާމް ކުރެވިގެންނެވެ. އިންސާނުންނަށް ފައިދާކުރަނިވި އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވެއެވެ. އެއީ މުޅި އިންސާނިއްޔަތަށް ނުވަތަ މުޖުތަމަޢަށް ނުވަތަ ވަކިވަކި ފަރުދުންނަށް ހުރި ރަޙްމަތެކެވެ.

ނަމަވެސް މިބުނެވުނު "މާތް ޑިމޮކްރަސީ ކަލާންގެ" އައިސް (ނުވަތަ "ޖިހާދުކޮށްގެން" ގެނައިބަޔަކު ގެނެސް) އިންސާނިއްޔަތަށް، ނުވަތަ މުޖުތަމަޢަށް ނުވަތަ ވަކިވަކި ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އިސްލާމްދީން ޙަރާމްކުރައްވާފައިވާ ހުރިހާކަމެއް "ރީތި" ނަންނަމުގައި "ޙަލާލް" ކޮށްފިއެވެ. އޭގެސަބަބުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ އެތައްބަލިތަކެއް ވަނީ ފެތުރިފައެވެ. މިސާލު ތިޔަބޭފުޅުން އަމިއްލައަށް އަޅުގަނޑުމެންގެ މުޖުތަމަޢުތެރެއަށް ބައްލަވާލެއްވި ކޮންމެ ދިމާލަކުން އެހުރީފެންނާށެވެ. މިހެންމިކަންވާނަމަ ދީނާއި ސިޔާސަތަކީ އެއީ ދޭއްޗެކޭބުނާ ބުނުމުގައި ކިހާވަރެއްގެ ޙަޤީޤަތެއްވޭބާވައެވެ.

އިންސާނުންދުނިޔެއަށް ފޮނުވުނީއްސުރެ އެއިންސާނުންތައް މަގުގެއްލިގެންދާ ކޮންމެ ހިނދެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ހެޔޮރަޙްމަތުން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވިއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހޮއްވެވުމެވެ. އެއިރެއްގައި އެމުޖުތަމަޢެއްގައި އުޅުއްވައި އެންމެ ހެޔޮ އެންމެ ޞާލިޙު އަޅަކު އެއިލާހުގެ މަތިވެރި ރިސާލަތާއިގެން އެބައެއްގެ ގާތަށް ފޮނުއްވައެވެ. ދީނާއި ދުނިޔެވީކަންކަމުގައި ﷲ ސުބުޙާނަހޫވަތަޢާލާ ރުހިވޮޑިގެންވާގޮތަށް އެބޭކަލުން މަގުދެއްކެވިއެވެ. ޢަދުލު އިންސާފު ޤާއިމު ކުރެއްވިއެވެ. ވަކިވަކި ފަރުދުންނާއި، މުޖުތަމަޢުގެ ޙައްޤުތައް އުގަންނަވައިދެއްވައި، ޢަމަލީގޮތުން އެކަންތައްތައް ތަންފީޒުކޮށްދެއްވިއެވެ.

ނަމަވެސް އޭރުވެސް އެބައެއްގެ ތެރޭގައި ތިބޭ ފައިސާވެރިންނާއި، ނަގާކިޔާ ބޮޑާ، ފަސާދަވެރިންއެ ރަސޫލުބޭކަލުންގެ ބަހެއްނާހައެވެ. އަދިކިއެއް، އެބައިމީހުން ކުރީ ފުރައްސާރައެވެ. މަލާމާތެވެ. އެކިއެކި ދުއްތުރާތަކެވެ. ދުނިޔޭގެ ވެރިކަމާއި އާރާއި ބާރާއި ހެދި ފެންބޮވައިގެންފައިތިބި ޖާހިލު ވެރިން، ރަސޫލުބޭކަލުންގެންނެވިގޮތް ކަމުނުދިޔަ އެންމެ ބޮޑު އެއްސަބަބަކީ "ހަމަހަމަ" ކަމެވެ. ޢަދުލު އިންސާފެވެ. އެބައިމީހުންގެ އެންމެ މުއްސަނދިމީހާވެސް އެންމެ ނިކަމެތި މީހާޔާއި އެއްހަމައަކަށް އައުމެވެ. ކުށެއްކޮށްފިނަމަ މޫނެއް ކަނދުރާއެއްބެލުމެއްނެތި ޝަރީޢަތުން ޢަދުލު އިންސާފު ހޯއްދަވައިދެއްވުމެވެ.

އޭރުވެސް އުޅުނީ އިންސާނުންނެވެ. މިއަދުވެސް މިއުޅެނީ ހަމަ އިންސާނުންނެވެ. ކިތައްމެ ތަރައްޤީވެގެން އެކަމުގެ ދަޢުވާކުރަމުން ދިޔަޔަސް އަސްލަކަށް ބަދަލެއްނާދެއެވެ. އޭރުވެސް ޙައްޤުދެކެ ރުޅިއަންނަމީހުން ތިބިފަދައިން މިއަދުވެސް ޙައްޤުދެކެ ރުޅިއަންނަމީހުން އުޅެއެވެ. ދުނިޔޭގެ ޖާހާ، ވެރިކަމަށް ފެންބޮވައިގެންފާތިބޭ ޖާހިލުން އޭރުވެސް ވީފަދައިން މިއަދުވެސް މިއިންސާނުންގެތެރޭގައި އެކަންތައްތަކަށް ދަހިވެތިވެ، ފެންބޮވައިގެންފައިވާ މީހުން އުޅެތެވެ. މިއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެވެ. އޭރުގެ އިންސާނުން ރަސޫލުބޭކަލުން ގެންނެވި ގޮތް ކަމުނުގޮސްގެން އެބޭކަލުންނާއި ސީދާ ކުރިމަތިލައްވައި، އެބޭކަލުންނާއި ތަބަޢަވާ ބޭކަލުންނަށްވެސް އުނދަގޫ ކުރަމުން، ދިޔައީ ސީދާ ފާޅުގައެވެ. ނަމަވެސް ޙައްޤާއި ބާޠިލް ކުރަމުންދިޔަ މިހަނގުރާމައިގައި މިބައިމީހުންނަށް ޙައްޤުގެ މައްޗަށް ކާމިޔާބު ނުލިބޭނޭކަމުގެ އިޙްސާސް ވުމުން ސީދާ ކުރިމަތިލުމުގެ ބަދަލުގައި ދެންފެށުނީ ފިކުރީގޮތުން ހަނގުރާމަކުރުމަށެވެ. ދުނިޔޭގެ މިވަޤުތީ ފައިސާއާއި ޒީނަތްތެރިކަން ދައްކައިގެން އިންސާނުން މަގުފުރެއްދުމުގެ މަސައްކަތެވެ.

ޑިމޮކްރަސީއަކީ، ކާފަރުންގެ ތެރެއިންފައުޅުވެފައިވާ އެއްޗެކެވެ. ބާޠިލު ނަޞާރާދީނުގެ އަހުލުވެރިން "ދީން" ހަމައެކަނި ފައްޅިތެރެއަށް ވެއްދުމަށްފަހު "ދުނިޔެ ހިންގަން" އުފެއްދި އެއްޗެކެވެ. އެބައިމީހުންގެ ފޮތުގައިވާ ކަންތައްތަކަށް ޢަމަލު ނުކުރެވި، އެކަތި އަނެކެއްޗާއި ފުށުއަރާ އެތައްކަމެއް އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި ހުރުމުގެ ސަބަބުން އެބައިމީހުންނަށް އެބައިމީހުންގެ "ދީން" ކަމުނުދިޔުމުގެ ސަބަބުންނެވެ. އަޅުގަނޑުމެން މުސްލިމުން އެޔަށް ތަބަޢަވެ ދީލާލަމުންދަނީ ކީއްވެކަން މިއީ އުފެދޭ ސުވާލެކެވެ.

ޤައުމުގެ ވެރިކަން ކުރުމަކީ ދީނީ ކަމެކެވެ. މިއީ މިކަން އޮތްގޮތެވެ. ކޮންމެމީހަކު ކޮންމެ އެއްޗެއް ކިޔަސް މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ވެރިޔަކަށް ހުންނަމީހާގެ ޢަމަލުތައް ރައްޔިތުންނާއި މެދު ހުންނަންޖެހޭގޮތް ބަޔާން ކުރައްވާ އައިސްފައިވާ ޙަދީޘްތައް ބައްލަވާށެވެ. އަދި ޢަދުލުއިންސާފުން އެއްކިބާވާ ވެރިންނަށް ހުރި ވަޢީދުގެ ޙަދީޘްތައްވެސް ބައްލަވާށެވެ. އެއީކީ މިއަދު އަލަށް ބަޔަކު ކިޔާ އެއްޗެއްނޫނެވެ. އެކަމަކު އެއީ މީގެ 1400 އަހަރު ކުރިން ފޮނުވުނު މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސައްޙަ ބަސްފުޅުތަކެވެ. ތެދެކެވެ. އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޞަޙާބީންނަށް ޤަޟާޙާޖާ ކުރާގޮތުގެ ޢަދަބުތައް ދަސްކޮށްދޭންފެށުމުން އޭރުގެ ޔަހޫދީ ޞަޙާބީންނަށް މަލާމާތްކޮށް ފުރައްސާރަ ކުރިއެވެ.

މިފަދަ އެއްމިސާލެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. ޔަހޫދީއަކު އައިސް ސަޙާބީކައިރީގައި މަލާމާތްކުރުމުގެ ގޮތުން ސުވާލު ކުރިއެވެ. "ތިޔަބައިމީހުންގެ ނަބިއްޔާ ތިޔަބައިމީހުންނަށް ހުރިހާ ކަމެއް ދަސްކޮށްދެއްވާފައިވާނަމަ ފާޚާނާ ކުރަންވެސް ދަސްކޮށްދެއްވިހެއްޔެވެ؟ އެސަޙާބީ ވިދާޅުވިއެވެ. އާއެކެވެ! ބޮޑުކަމު ނުވަތަ ކުޑަކަމުދާއިރު ޤިބުލައަށް ކުރިމަތިލުމާއި، ކަނާތުން އިސްތިންޖާކުރުމާއި، ތިންހިލައަށްވުރެ މަދުން ބޭނުންކޮށްގެން އިސްތިންޖާކުރުމާއި، ތިންހިލައަށްވުރެ މަދުން އިސްތިންޖާކުރުމާއި، ޖަނަވާރު ނަޖިހާއި ކަށިން އިސްތިންޖާކުރުންވެސް އެކަލޭގެފާނުވަނީ އަހަރުމެންނަށް ނަހީކުރައްވާފައެވެ." – ރަވާހު މުސްލިމް –

ޑިމޮކްރަސީގެ އަޅުންނޭވެ! އަޑުއައްސަވާށެވެ! އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. މަތީގައިއެވަނީ އެކަމުގެ ދަލީލެވެ. މިދީން ހަމަކޮންމެ ތާކަށްވެސް ވަންނާނެއެވެ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ހަތިޔާރެވެ. ދަންނާށެވެ! މިފަދަ ކުޑަކުޑަ ކަމަކަށް އިރުޝާދު ދެއްވާފައިވާއިރު ބޮޑު ޤައުމެއް ހިންގާނެ ގޮތް އަންގަވާފައި ނުވާނެ ކަމަށް ބުނުމަކީ ވަރަށް ހޭނުޖެހޭ ބަޔަކު ނޫނީ ނުދައްކާނެ ވާހަކައެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އަޅުގަނޑު ގަބޫލުކުރާގޮތުގައި އިސްލާމީގައުމެއް ގައި ވެރިކަންހިންގުމަށް ތިބެންޖެހޭނީ ކީރިތި މާތްﷲ އާއި މާތްނަބިއްޔާ އަދި އިސްލާމްދީންދެކެ ލޯބިވާ، އަދި އިސްލާމްދީންދަންނަ މީހުން ،އެހެން ނުވުމުގެ ސަބަބުން މިއަދު މިގައުމް ސުންނާފަތިވެގެން މިދަނީ، ކަރަޕްޝަނާއި ފިތުނަފަސާދަ އާއި އެނޫންވެސް ނުބައިކަންތައް އާންމުވަނީ ހަވާނަފްސަށް ތަބާވެވޭތީ، ދީނާއި ސިޔާސަތެއް ވަތްކެއް ނުކުރެވޭނެ ،އެއީ ކާފަރު ޤައުމްތަކުގައި ކޮށްގެން އުޅޭ ކަމެއް

Your email address will not be published. Required fields are marked *

More in ރިޕޯޓް