ވާހަކަދިއިސްލާމް

ވާހަކަ: ﷲ ރުއްސުން ލެއްވި ޒައިދު ގެފާނުން

ހިޖުރައިން ދެވަނަ އަހަރު ބަދުރުގެ މައިދާނަށް ދިޔުމަށްޓަކައި މުއްދަތު ގާތްވަމުން ދެއެވެ. އެއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުސްލިމުންނަށް ޖިހާދު ފަރުޟުކުރައްވާފައެވެ. މައްކާގެ މުޝްރިކުންވަނީ މުސްލިމުންތައް ޖެހުނު އެއްޗަކުން ތަޅާމަރަމުން އެބައިމީހުންގެ ގެދޮރުން ބޭރުކޮށްލާފައެވެ. އެވަރުންވެސް އެބައިމީހުން ވަނީ މަދީނާގައިވެސް މުސްލިމުންނަށް ހަމަޖެހިގެން ތިބިޔަ ނުދޭން ފޫގަޅާފައެވެ. މުޝްރިކުންގެ ޤާފިލާ މަދީނާ ރަށް ބޭރުންލާފައި މައްކާއަށްދާން އަންނަ ޚަބަރު ކީރިތި މާތް ރަސޫލާ صلّى الله عليه وسلّم އަށް އިވިވަޑައިގަތުމުން އެކަލޭގެފާނުންގެ ވެރިކަމުގެ ދަށުގައި ކުޑަވަރެއްގެ ލަޝްކަރެއްވަނީ ނިކުންނަން ތައްޔާރުވެފައެވެ.

އުމުރުފުޅުން ތޭރަ އަހަރު ނުފުރޭ ޅަޒުވާނެއް އެބެއިފުޅެއްގެ އިސްކޮޅަށް ނުވަތަ އެއަށްވުރެވެސް ތަންކޮޅެއްދިގު ކަނޑިއެއް ހިއްޕަވައިގެން ފޯރިއާއި ހުށިޔާރުކަމާއިއެކު ރަސޫލުﷲ ގެފާނުންގެ އަރިއަހަށް އައިސް ހުއްޓި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުންގެ ނަފްސް ކަލޭގެފާނުންނައްޓަކައި ޤުރުބާންކުރަމެވެ އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުންގެ ދިދައިގެ ދަށުގައިވެ ހުރެ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވާށެވެ." (ސުބުޙާނަﷲ އެވެ! އަޅުގަނޑުމެންނަށް މީހުންނަށްވުރެ ދިގު ކަނޑި ހިފައިގެން އުޅޭތަންވެސް މިފެންނަނީ "ފައިނަލް ފެންޓަސީ" ކަހަލަ ކާޓޫނުންނެވެ. އަޅުގަނޑުމެންގެ ތެރެއިގައި އިސްލާމީ ތާރީޚަށް ހޭލުންތެރި ނުވުމުގެ ބައްޔަކީ ވާހާދަހާ ބޮޑު ބައްޔެކެވެ.)

ރަސޫލާ صلّى الله عليه وسلّم ލޯބިފުޅާއެކު އެކުއްޖާގެ ކޮނޑުގައި ހިތްވަރުދިނުމުގެ ގޮތުން އަތްޖައްސަވައިލެއްވިއެވެ. ނަމަވެސް އުމުރުގެ ޅަކަމާއިހުރެ ނުގެންދެވިއެވެ. ކުޑަކުޑަ ޒައިދުގެފާނުން ހިތާމައާއި މޮޅިވެރިކަމުގައި ރަސޫލުﷲ ގެފާނުންގެ ފުރަތަމަ ހަނގުރާމައިގައި ބައިވެރިވުމުގެ މާތް ޝަރަފު އެގެއްލުނު ކަމައްޓަކައި އެނބުރި ވަޑައިގެން ވަޑައިގެންނެވިއެވެ.

އެއިގެފަހުން ޒައިދުގެފާނުން ހަނގުރާމައަށް ވަޑައިގަންނަވާ ހިތްޕުޅުން ހުންނަވާ، ނަމަވެސް ހުއްދަނުލިބި އުޙުދުގެ ދުވަހުގައިވެސް މަދީނާގައި މަޑުކުރެއްވިއެވެ. އެކަލޭގެފާނުންނަށް ހުއްދަ ލިބިވަޑައިގެންނެވީ ޚަންދަގު ހަނގުރާމައިގައި އުމުރުފުޅުން ސޯޅަ އަހަރުގައެވެ.
މިޒައިދުގެފާނުންނަކީ މުސްލިމުންގެ ހަނގުރާމަތަކުގައި އުޅުއްވި ބޮޑެތި ހަނގުރާމަވެރިން ފަދައިން ފާހަގަ ކޮއްލެވޭ ބެއިކަލެއްނޫނެވެ. އެހެނީ ބަދުރުން އެކަލޭގެފާނުން ވަކިވެވަޑައިގަތުމާއިއެކު އެކަލޭގެފާނުން ރަސޫލުﷲ ގެފާނުން ދުލެއް ނުކުރައްވައެވެ. އެއްގޮތް ނެތިއްޔާއި އަނެއްގޮތުންވެސް އެކަލޭގެފާނުންނާއި ގާތްގުޅުމެއް ބޭއްވޭތޯ އުޅުއްވިއެވެ. އެހެންކަމުން ޒައިދުގެފާނުން ޢިލްމު އުނގެނުމައްޓަކައި މަސަތްކަތްޕުޅު ކުރެއްވިއެވެ. އަދި އެވާހަކަ މަންމާފުޅު އައް ނުވަރު ބިންތު މާލިކްގެ އަރިހުގައި ދަންނަވާ ސަތާރަ ސޫރަތް ހިތްޕުޅުން ދަސްކޮށް ރަސޫލުﷲ ގެފާނުންގެ އަރިއަހަށް ވަޑައިގަތެވެ. އިތުރު އެކަލޭގެފާނުން ޒައިދުގެފާނުން ހިތްޕުޅުން ދަސްކުރެއްވި ބައެއް ސޫރަތްތައް ކިޔަވާ އަޑު އެއްސެވިއެވެ. ޒައިދުގެފާނުންގެ ކިޔެވުމުގެ ރިވެތި ކަމާއި ހުއްޓުންތަކާއި މަޑުކޮއްލުންތަކުން ޒައިދުގެފާނުންނަށް އެސޫރަތްތައް ރަނގަޅަށް އިނގިލައްވާ ކަމަށްޓަކައި ރަސޫލުﷲ ގެފާނުން ވަރަށް ހިތްޕުޅާއިހަމަކުރެއްވިއެވެ.

މިޒައިދުގެފާނުން ވެވަޑައިގަތީ ރަސޫލުﷲ ގެފާނުންނާއި އެހެން ބަސްބަހުން ވާހަކަދައްކައި އުޅޭ ޤައުމުތަކުގެ މީހުންނާއި މެދު މުޢާމަލާތު ކޮއްދޭނޭ މަގަކަށެވެ. ﷲގެ ރަސޫލާގެ އެދިވަޑައިގަތުމަށް އެކަލޭގެފާނުން އެހެން ބަސްބަސް އުނގެނިވަޑައިގަތެވެ. އެކަލޭގެފާނުން ވެވަޑައިގަތީ ޤުރުއާން ލިޔުއްވާ ބެއިކަލުންގެ ލިސްޓުގައެވެ. ކޮންމެ ބާއްވައިލުމަކާއި އެއިގެ ޙާދިސާތަކާއި ތަފްސީލު ދެނެވަޑައިގަންނަވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ.

އިސްލާމީ އުންމަތައް ޒައިދުގެފާނުން ކޮއްދެއްވާފައިވާ ޚިދުމަތްތަކަށް އަޅުގަނޑުމެން ދަރަނިވެރިވެފައިވާވަރު އިންތިހާއަށް ބޮޑެވެ. ޔަމާމާ ހަނގުރާމައިގައި ވަރަށް ގިނަޢަދަދެއްގެ ޤުރުއާން ހިތުދަސް އަޞްޙާބު ބެއިކަލުންތަކެއް ޝަހީދުވުމާއި ގުޅިގެން ޢުމަރުގެފާނުންގެ އެދިލެއްވުމަށް ޚަލީފާ އަބޫބަކުރު އައް ޞިއްދީޤު ޒައިދުގެފާނުން އެކަމަށް އިސްކުރައްވައި ވިދާޅުވިއެވެ. "ކަލޭގެފާނުންނަކީ ވިސްނުންފުޅު ތޫނު ތިމަން ކަލޭގެފާނުމެނަށް އިތުބާރު ކުރެވޭ (ދޮގު ނުހައްދަވާނެ، އަދި ހަނދުމަނެތިވެ ނުދާނެކަމަށް) ބެއިކަލެކެވެ........."
ޒައިދުގެފާނުން އެކަމުގެ ބޮޑުކަމަށްޓަކައި ފަހުން ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުންގެ އަރިހުގައި ފަރުބަދައިގެ އެއްކޮޅުގައި ހިފަން ބުނިކަމުގައިވީނަމަވެސް މިކަމަށްވުރެން ތިމަންކަލޭގެފާނުންނަށް އެކަން ފަސޭހަފުޅުވީހެވެ." އެކަލޭގެފާނުންގެ ފަރުވާތެރިކަމާއި ކެތްތެރި ވިސްނުންތެރި މަސަތްކަތްޕުޅުން ޤުރުއާނުން އޮޅިގެން، ނޫނީ ނޭންގިގެން ނޫނީ އެނޫންވެސް އެހެން ސަބަބަކާއިހުރެ ނުކުތާއެއްގެ މިންވަރުވެސް މަދުވިޔަނުދީ އެއްކޮށް ﷲއެ ބާއްވައިލެއްވި ގޮތަށް ލިޔެދެއްވިއެވެ. އުޡްމާންގެފާނުންގެ ޚަލީފާކަމުގައި އުއްމުލް މުއުމިނީން ޙަފްސަތު ގެފާނުންގެ އަތްޕުޅުން ކުރިން ލިޔެވުން ޤުރުއާން ހޯއްދަވައި އަލުން ޒައިދުގެފާނުންގެ ބެއްލެވުމުގެ ދަށުން އިތުރު ކޮޕީތަކެއް ލިޔެވުނެވެ.

މި ދެންނެވި ޒައިދު ގެފާނުންނާއި ބެހޭގޮތުން ޢުމަރުގެފާނުން ވިދާޅުވިއެވެ. "ތިޔަބައި މީހުންކުރެ މީހަކުގެ ހިތުގައި ޤުރުއާނާއިމެދު ސުވާލެއް އޮވެއްޖެނަމަ، ޒައިދު ބިން ޡާބިތު ކުރެން އޮޅުންފިލުވާށެވެ". ޒައިދުގެފާނުން އަވަހާރަވީދުވަހު އަބޫހުރައިރާ ވިދާޅުވިއެވެ. "މިޔަދު، މިއުންމަތުގެ ޢިލްމުވެރިޔާ އަވަހާރަވެއްޖެއެވެ."

މުޅިވާހަކައިން ދޭހަވީ ކޮންއެއްޗެއްތޯއެވެ؟ ތިމާ އެއްކަމަކުން ވިދާލާފަދަ ޤާބިލިއްޔަތުކަމެއް ނެތަސް އަނެއްކަމަކުންވެސް އެފަދަ ދެވަނައެއްނުވާ ޤާބިލްކަމެއްވެސް ލިބިދާނެކަމެވެ. އޮތްހާވެސް ކަމަކީ ހިތްވަރުކޮށްލުމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހާދައިބްރަތްތެރި ވާހަކައެކޭ މިޒަމާނުގެ ކުދިންނާގުޅޭ ހާދިސާތަކެއް މުޅިވާހަކާގާވެސްވަނީ..މާޝާﷲ

Your email address will not be published. Required fields are marked *

More in ވާހަކަ