އެއްދުވަހަކު އަބޫ ދަރްދާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުންގެ ދަރިވަރުންގެ އަރިހުގައި އިންނަވަނިކޮށް އެތަނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން ނިކުމެ ވަޑައިގެން ވިދާޅުވިއެވެ: "ކަލޭގެފާނު ކަލޭގެފާނުގެ ދަރިވަރުންގެ ގާތު ތި އިންނަވަނީ އަހަރެމެން ނަކު، ކާނޭ ކުޑަ މިންވަރެއްގެ ގޮދަން ފުށްކޮޅެއް ވެސް ގެއަކު ނެތެވެ"
އަބޫ ދަރްދާ ރަޟިޔަﷲ ޢަންހު އެކަމަނާ އަށް ވިދާޅުވިއެވެ. "ރަނގަޅު އަންހެނެކެވެ. އަހަރެމެންގެ ކުރިމަތީގައި ވަނީ ވަރަށް އަނދަގޫ ރާސްތާއެއްގެ ފަހަތުގައި ވާ ހުސްބިމެކެވެ. އެފަދަ މީހުންނަށް މެނުވީ ކާމިޔާބާއި އެކީ އެތަނަށް ވާސިލު ނުވެވޭނެއެވެ." މި ވާހަކަ އަޑުއިވުމުން އެކަމަނާ އެ ޖަވާބާއި މެދު ހިތްހަމަޖެހިގެން އެތެރެއަށް ވަޑައިގަތެވެ. އެއަށްފަހު އެކަމަނާގެ އެއްވެސް ބޭނުމަކު ވިދާޅުވެ ނޫޅުއްވާ ކަމުގައި ވިއެވެ.
އަބޫ ދަރްދާގެފާނު އެއްފަހަރަކު ވިދާޅުވިއެވެ: "ތިމަން ބޭކަލުންގެ އަތުގައިވެސް ކާނާ ވެއެވެ. އަދި އެފަދައިން މުއްސަނދީން އަތުގައިވެސް ވެއެވެ. ތިމަންމެން ހެދުން ލައި އުޅެމުއެވެ. މުއްސަނދީން ވެސް ހެދުންލައި އުޅެއެއެވެ. މުއްސަނދީން އަތުގައި މުދާވެއެވެ. ތިމަންމެން އެއަކަށް ބޭނުންވެގެންނެއް ނުވެއެވެ. އެމީހުންނަށް އެތަކެތި ފެންނަނީ ބޭނުން ކުރުމަކާވެސް ނުލައެވެ. އެފަދައިން ތިމަންމެނަށް ވެސް މުދަލަށް އޭގެ ބޭނުން ކުރުމަކާއި ނުލާ ބެލޭނެއެވެ. އެހެންކަމުން އަހަރެމެންނަކީ އެގޮތުން އެއްވަރުގެ ހަމަ ހަމަ ބައެކެވެ. އެކަމަކު މުއްސަނދީންނަކީ އެމީހުންގެ މުދަލުން ބައެއް ނުނެރެފިނަމަ ހިސާބު ބެއްލެވޭ ދުވަހުން (ޤިޔާމަތް ދުވަހުން) އެކަމާއި ޒިންމާވާން ޖެހޭ ބައެކެވެ. އެކަމުން ތިމަންމެން އަތުގައި އެއްޗެއް ނެތީތީވެ އެޒިންމާއިން ބަރީޢަ ވެގެން ވަމުއެވެ."
އެއީ ހަމަ ތެދެކެވެ. މުއްސަނދި ކަމަކީ ބަލައިލާން ރިވެތި ކަމަކަށް ވިޔަސް ބިރު ބޮޑު އުނދަގޫ ބޮޑު ޒިންމާއެކެވެ. ބޮޑު ވެގެން ވާ މުޞީބާތެއް ފަދަ އިމްތިޙާނެކެވެ. ފަޤީރު ކަމަކީ އުޅެން އުނދަގޫ އަދި މިހާރުގެ ގިނަ މީހުންނަށް ނުކުޅަދާނަ ވެސް ކަމެކެވެ. މުއްސަނދީން ސުވަރުގެ ވަނުން އުނދަގޫ މިންވަރެއް ކަމުގައި ސަމާވީ ދީންތަކުގެ ބާއްވާލެއްވި އާޔަތްތަކުގައި ވަނީ... ޖަމަލު، ތިނޯހުގެ ފަގަ އިން ވަނުން ފަދަ އުނދަގޫ ކަމެއް ކަމުގައެވެ. ނަމަވެސް އެއީ މިހާރު މިއުޅޭ ގިނަ މުއްސަނދީން އުޅޭ އުސޫލުން އުޅޭ ނަމަ އެއީ ތެދު ވާހަކައެކެވެ.
ގެއަށް މުދާތަކެއް ވަދެއްޖެ ނަމަ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަސްޙާބު ބޭކަލުންގެ މާތް ބޭބޭކަލުންނަށް ވަނީ ބޮޑު ބުރައެއް، ނުވަތަ މުޞީބާތެއް އައިސް ޖެހުން ފަދަ ކަމަކަށެވެ. އެހާވެސް އެބޭކަލުން މުއްސަނދި ކަމަށް ނަފްރަތު ކުރައްވައެވެ. އެހެނީ ފަޤީރުންނަކީ ސުވަރުގޭގައި ވަރަށް ގިނަ ބައެކެވެ. ސަވާބު ވަރަށް ބޮޑު އިމްތިޙާނެއް ވެސްމެއެވެ.

















ތެދު ވާހަކައެއް!!!:)