ރިޕޯޓްދިއިސްލާމް

އިސްލާމީ ހަޟާރާތުގެ ކުރިން އޮތް އެހެން ހަޟާރަތްތަކުގައި އަންހެނުންނާ މެދު މުޢާމާލާތު ކުރެވިފައިވަނީ ވަރައަށް އިހާނެތިކޮށް

ޤަދީމީ ޒަމާނުގައި އަންހެނުނަށް ކިރިޔާ ވެސް ކޮންމެވެސް ވަރެއްގެ ޙައްޤުތަކެއް ލިބިދިން ހަމަ އެކަނި ޙަޟާރަތަކީ ޤަދީމީ މިޞްރުގެ ޙަޟާރަތެވެ. އެމީހުންގެ ތެރޭގައި އަންހެނާއަށް މުދާ މިލްކުކުރެވުނެވެ. ފިރިމީހާ ގެ ޣައިރު ޙާޟިރުގައި ޢާއިލާގެ ޛިއްމާ ވެސް އުފުއްލިއެވެ. އެހެންނަމަވެސް، އެ ޙަޟާރަތުގައި ވެސް، އަންހެނާއާ މެދު ދެކެވިފައި ވަނީ އެކަނބަލުންނަކީ، ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލާތެއްކަމުގައެވެ.
ޗައިނާގެ ޙަޟާރާތުގައި އަންހެނުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އަނބިމީހާއަކީ ފިރިމީހާގެ ގެއަށް ލައިގެންފައިވާ ސުންޕާއެއް ކަމުގައި ދެކެމެވެ. ފިރިމީހާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގެއިން ބޭރުކޮށްލަނީއެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ، ހުވަފަތް އަނބިމީހާ އުޅެން ޖެހެނީ ފިރިމީހާގެ ގޭގައި ޤައިދުވެ، އެގޭގެ ނޯކަރެއްކަމުގައެވެ.
ގްރީކް ހަޟާރަތުގައިވެސް އަންހެނުންނަކީ އަގެއްހުރި ބައެއް ނޫނެވެ. އެހެންކަމުން އަނބިމީހާ އިންނާނީ ފިރިމީހާގެ ގޭގެ ނޯކަރެއްގެ ގޮތުގައި ބަންދުވެފައެވެ. އަދި އަންހެނުންނަކީ ތަސައްރަފު ފުދޭ ބައެއް ކަމަކަށް ނުދެކެއެވެ. އެހެންކަމުން އެއްވެސް ހައްގެއް އެމީހުންނަކަށް ލިބިފައެއް ނެތެވެ. އަދި އެމީހުންނަކީ ޝައިތާނާގެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެއް ކަމުގައި ދެކެއެވެ. އަދި ބޮޑެތި މުސީބާތްތައް ކުރިމަތިވާހިނދު އިލާހުންނަށް ކުރެވޭ ޤުރުބާނެއް ކަމުގައި އަންހެނުން ފިދާކުރެއެވެ.
ޤަދީމީ އިންޑިއާގައި އަންހެނުންނަކީ ނަޖިހެއްކަމުގައި ބެލެވުނެވެ. ފިރިމީހާ މަރުވެއްޖެނަމަ އޭނާގެ ގަބުރާއެކު އަނބިމީހާވެސް އަންދާލަ އެވެ. ފިރިމީހާއަކީ އަނބިމީހާގެ ސާހިބުމީހާއެވެ. ހިތްހަމަ ނުޖެހިއްޖެނަމަ ތަޅާ އަނިޔާކޮށް އެއްޗެހި ކިޔާހަދައެވެ.
ރޫމީންގެ ނަޒަރުގައި އަންހެނުންނަކީ ފިރިހެނުން މަގުފުރެއްދުމަށް ބޭނުންކުރެވޭ ހަތިޔާރެކެވެ. އަންހެނުންނަކީ ގަނެވިއްކޭ މުދަލެވެ. ފިރިމީހާއަކީ އަނބިމީހާގެ ވެރިމީހާއެވެ. އަދި ފިރިމީހާ ބޭނުން އަދަދަކަށް މީހުންނާ އިނުމުގެ އިހްތިޔާރުލިބިގެންވެއެވެ.
ފާރިސީންގެ ހަޟާރާތުގައި އަންހެނުންނަކީ ދަށްބައެކެވެ. އެއީ މުޖުތަމަޢުގައި ފަސާދަފެތުރުމުގެ މައިގަނޑު ސަބަބެވެ. އެކަނބަލުންނަށް ތަފާތު އެތައް އަނިޔާތަކަކާއި ބޭއިންސާފެއް ކުރިމަތިވިއެވެ. ފިރިމީހާއަށް އަނބިމީހާ ޤަތުލުކުރުމަށްވެސް ޙުކުމް ކުރެވެއެވެ. ބޭނުންއަދަދަކަށް ކައިވެނި ކުރުމުގެ އިހްތިޔާރު ފިރިމީހާއަށް ލިބިދެއެވެ.
ޔަހޫދީން ގާތުގައި އާދަމްގެފާނު މަގުފުރައްދައި ސުވަރުގެއިން ނެރެވުމުގެ ޒިއްމާއެޅެނީ ޙައްވާގެފަނުގެ އިސްތަށިފުޅުގައެވެ. އަދި މިފާފަ އޮންނަނީ އަންހެން ޖިންސަށް ނިސްބަތްކުރެވިއެވެ. އަންހެނުންނަކީ ޙައިޟުގެ ދުވަސްވަރު ނަޖިހެކެވެ. އަދި އެކަބަލުން ބީހިއްޖެ ކޮންމެ އެއްޗެއް އެދުވަސްވަރުގައިނަމަ ނަޖިސްވެއެވެ. އަދި އަންހެނުން ވިއްކާ އެކަނބަލުން ވާރުތަމުދަލުން ވަކިކުރުމުގެ ޙައްޤު ފިރިހެނުންނަށް ލިބިދެއެވެ.
ނަޞާރާއިންގެ ގާތުގައި އަންހެނުންނަކީ ޝައިޠާނާގެ ވަޞީލަތެކެވެ. ބުއްދިއެއްވާ ބައެއް ނޫނެވެ. އެއީ ނަޖިހެކެވެ. މިކަންތައްތަކުގެ ނަތީޖާއަކީ އެކަނބަލުންނާ ކައިވެނި ކުރުމުގައި ހަބަރުދާރުވުމެވެ.
ޖާހިލިއްޔަ ޒަމާނުގައި އަރަބީންގެ ގާތުގައި އެމީހުންނަކީ ފިރިހެނުންގެ މިލިކިއްޔާތުގައި ހިމެނޭ މުދަލެކެވެ. ބައްޕަ ދޫކުރި ހުރިހާ އަންހެނުންނެއް ދޮށީ ފިރިހެން ދަރިފުޅަށް ވާރުތަވެއެވެ. ޙައިޟުދުވަސްވަރު އެކަނބަލުން ހުރިހާއެއްޗަކާ ދުރުހެލިކުރުވައެވެ. އެއީ އެދުވަސްވަރު ނަޖިހެކެވެ. ފިރިމީހާ މަރުވެއްޖެނަމަ ގޭތެރޭގައި އެކަހެރި ތަނެއްގައި އެއްއަހަރު ދުވަހު ހިތާމަފާޅު ކުރަންޖެހެއެވެ. އެދުވަސްވަރު ޒީނަތްތެރިވުމެއް ނުވެއެވެ. ލާންޖެހެނީ ބާ ފޭރާމެވެ. އަންހެނުންނަށް އެދުވަސްވަރު ލިއްބައިދިން އެންމެ ބޮޑު އިހާނާތަކީ ކަސްބީ މަސައްކަތާއި މުޠުޢާ ކައިވެންޏާއި، މިފަދަ ފާޙިޝްބޭނުންތަކުގައި އެކަނބަލުންގެ ބޭނުން ހިފުމެވެ.
އިސްލާމްދީން އައުމުގެކުރިން އަންހެނުންނަކީ އެއްވެސް އަގެއްހުރިބައެއް ނޫނެވެ. މިކަމަށް އިޝާރާތްކޮށް     އުމަރުގެފާނު ވިދާޅުވިއެވެ. " ﷲ ގަންދީ ބުނަމެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް އެއްޗެއްކަމުގައި އަހަރެމެން ނުދެކެމެވެ." މިފަދައިން ކަންތައްވިކަމުގައިވިޔަސް އިސްލާމްދީން އައުމަށްފަހު އަންހެނުންގެ މަޤާމު މަތިވެރިވިއެވެ. އަޅާލިއެވެ. މިގޮތުގެމަތިން ތަފާތުއިނާޔަތްތަކެއް އަންހެނުންނަށް ދިނެވެ. އެކަންތައްތަކަކީ:
1.     ޖާހިލިއްޔަ ޒަމާނުގައި އޮތް ތަފާތު ކައިވެނިތައް ބާޠިލްކުރުން
2.     އެބައިމީހުންގެ ޙައްޤުމަޤާމް އެބައިމީހުންނަށް ދިނުން
3.     މުދަލުންވާރުތަވުމުގެ ޙައްޤު ލިބުން
4.     ދިރިތިއްބައި ވަޅުލުމުގެ ޢާދަ ނައްތައިލުން
5.     ޢިލްމު އުނގެނުމުގެ ޙައްޤު ހޯދައިދިނުން
6.     އާމްދަނީ ހޯދަން މަސައްކަތްކުރުމާއި، ޚަރަދުބަލަހައްޓާނޭ މީހަކު ނެތްޙާލަތެއްގއި އަމިއްލަ ނަފްސާއި ދަރިންގެ ޚަރަދުބެލެހެއްޓުމުގެ ހުއްދަދިނުން
7.     ކައިވެނި ސައްޙަވުމުގައި ، އަންހެނާގެރުހުން އެއީ ޝަރުޠެއްކަމަށް ކަނޑައެޅުން
8.     އަންހެން އަދި ފިރިހެން އެއްޖިންސް އަނެއްޖިންސުގެ މައްޗަށް މޮޅުނުކުރުން. މިއެވެ.
ބަޔާންވެދިޔަ ކަންތައްތަކުން އިސްލާމްދީނަކީ އަންހެނުންނަށް އިސްކަންދޭ ދީނެއްކަން ހާމަވެއެވެ.
މިމައުލޫމާތަކީ އަޅުގަނޑުމެންގެ ތާރީޙު އުސްތާޛު އަލްއުސްތާޛު އާދަމް ފަޔާޒުގެ މުހާޟަރާއިން ނަގާފައިވާ މަޢުލޫމާތެކެވެ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް