ޣައްޒާގެ އުތުރުގައި އޮންނަ ޝުހަދާ ޤަބުރުސްތާނުގެ އިރުމައްޗާއި ބައިތު ލަހިޔާ އަވަށުގެ އިރުމަތީގައި ތިބި އިޒުރޭލުގެ ސިފައިން ހުކުރު ދުވަހު ފަލަސްތީނުގެ ދަނޑުވެރިންތަކަކަށް އަމާޒުކޮށް ދިން ހަމަލާގައި 5 ދަނޑުވެރިއަކަށް އަނިޔާވެފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެއެވެ.
ޣައްޒާގެ ސިއްހަތާބެހޭ މިނިސްޓްރީގެ ސްޕޯކްސްމަން ޑ.ރ އަޝްރަފް އަލް ޤިދްރާ ވިދާޅުވެފައިވަނީ އިޒުރޭލުގެ އިސްތިއުމާރީ ސިފައިން ބަޑިޖެހުމަށްފަހު ލިބުނު އާދައިގެ ޒަހަމް ތަކަކާއިއެކު ފަލަސްތީނުގެ 5 މީހަކު ހޮސްޕިޓަލުގައި ބާއްވާފައިވާކަމަށެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުމުގައި އިޒުރޭލުން ސޮއި ކުރިފަހުން މިހާތަނަށް އިޒުރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ 2 މީހުން މަރާލާ، އެތައްބަޔަކަށް ހަމަލާދީ ޒަޙަމްކޮށްލާ، 30 ހަކަށް މަސްވެރިން ހައްޔަރުކޮށް، ޣައްޒާގެ ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެތައް މަސްބޯޓަކަށް ހަމަލާދީފައިވެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އިޒުރޭލާއި ހަމާސް ޖަމާޢަތުން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުމާއި ޚިލާފަށް އިޒުރޭލުގެ ދަޢުލަތުން އެތަކެއް ޖަރީމާތަކެއް މިހާތަނަށް އައިއިރު ހިނގައިފައިވާކަން ފާހަގަކޮށްލެވެއެވެ.

















advertisment
ޚިޔާލު