"ރޯމަނުންގެ އެމްޕެރަރ އިން އަމީރު މުޢާވިޔަތު ގެފާނުންނަށް: އަހަރެމެންނަށް ކަލޭގެފާނުންނާއި ޢަލީ ބިން އަބީ ޠާލިބާއި މެދުގައިވާ ކަންތައް ދަންނަމެވެ. އަދި އަހުރެމެންނަށް ކަލޭގެފާނުން ޚިލާފަތަށް އިސްވުމަށް އައުލާކަން ބޮޑުކަމުގައި ދެކެމެވެ. ވީމާ، ކަލޭގެފާނުން އެދިލައްވައިފިނަމަ އަހަރެމެންގެ ފަރާތުން ޢަލީގެ ބޯ ކަނޑާލައިގެން ގެނެސްދެވޭވަރުގެ ލަޝްކަރެއް ފޮނުވައިދީފާނަމެވެ."
މި ސިޓީ ލިބިވަޑައިގަތުމާއެކު ﷲ ރުއްސުންލެއްވި މުޢާވިޔަތުގެފާނުން ޖަވާބުގައި ލިޔުއްވިއެވެ.
"މުޢާވިޔާގެ ފަރާތުން ހިރަޤުލްއަށް: (މިއީ) ދެއަޚެއްގެ ދެމެދުގައިވާ ދެބަސްވުމެކެވެ. މިކަމުގެ ތެރެއަށް ކަލޭ ވަންނަންޖެހޭ މައްސަލައަކީ ކޮބައިހެއްޔެވެ؟ (މިކަމުގައި) ކަލޭގެ ދޫ ނުހިފެހެއްޓޭނަމަ ދަންނައެވެ. އެއިރުން (ތިމަންކަލޭގެފާނުން) ހަނގުރާމަވެރި ލަޝްކަރެއް ކަލޭގެ ބޯ ކަނޑައިގެން ގެނައުމަށް ކަލޭގެގާތަށް ފޮނުވާނަމެވެ. އެލަޝްކަރުގެ ފެށުން ކަލޭގެ ކައިރީގައިވާއިރު އެއިގެ ނިމުން އަހުރެންގެ ގާތުގައި ވާހާ ބިޔަ ލަޝްކަރެކެވެ. އެއީ އަހުރެން ޢަލީގެފާނުންނަށް ވެދުމަށް އެރުވުމަށެވެ."[1]
(މިއީ އިސްލާމްދީނުގައި ބަޔަކު ވަރަށް މަސައްކަތުން އުފެއްދި ފިތުނަގަނޑެކެވެ. މިވަރުގެ ކުރު ޞަފްޙާއެއް މިވަރުގެ ބޮޑު ވާހަކައެއް ކިޔައިދޭން ތަނެއް ނެތުމާއިއެކު ބުނެދޭން ބޭނުންވާ ވާހަކައާއި ހަމައަށް ހުއްޓާލަމެވެ. އިންޝާﷲ އެހެން ފަހަރަކުން މިފިތުނައިގެ އަސްލާއި ހާލަތު ކިޔައިދޭނަމެވެ.)
ބުނެވޭ ގޮތުގައި މުޢާވިޔަތުގެފާނުން ކޯފާ އިސްވެވަޑައިގެންފައިވާ މިންވަރަކީ އެސިޓީގެ ޖަވާބު އެކަލޭގެފާނުންގެ ކާތިބުލައްވައި ލިޔުއްވުމުގެ ބަދަލުގައި އެސިޓީގެ އަނެއް ފަރާތް ފުށުން ޖައްސަވާ ޚުދު އެކަލޭގެފާނުންގެ އަތްޕުޅުން ޖަވާބު ލިޔުއްވިއެވެ. މިހާރުގެ މިތިބަ ބޯގަމާރު 21 ވަނަ (ފަކުރުވެރި) ޤަރުނަށް ނިސްބަތްވެގެން އުޅޭ މޮޔައިންނޭވެއެވެ! އަހަރެމެން މަލާމަތްކުރަނީ އަހަރެމެންގެ އުއްމަތުގެ ކުރީގެ ބެއިކަލުންނަށެވެ. އެކަމަކު އެބެއިކަލުންނަށް އިންޓަރނޭޝަނަލް ޕޮލިޓިކްސް އަކީ ކޮބައިކަން އެނގެއެވެ. އަހަރެމެންގެ އަސްލު ޢަދުއްވުންނަކީ ކޮބައިކަން ދެނެވަޑައިގަންނަވައެވެ، އެކަމަކު އަހަރެމެން އެހެން ހެއްޔެވެ. ވެރިކަމަށްޓަކައި އެބަޔަކަށް ކަލާންގެ ލަޢުނަތް ލެއްވި ޢަދުއްވުންކުރެން އެހީއަށް އެދެނީ މާދަމާ ޖެހޭނެ ބަލާވެރިކަމަކަށް ނުވިސްނައެވެ. މިހެން ބުނާއިރުވެސް ބައެއްގެ ހިތުގައި ހިނގަމުންދާނީ އެގްރިމެންޓާއި، ޒަމާނާއި.... އޭތި މީތިން މިކަމާއި ދެބަސްވެގަތުމެވެ. ދަންނައެވެ. މިބިމުގެ އިހުގެ ތާރީޚުގައިވަނީ ބައެއްގެ އެހީގައި ވެރިކަމަށް ދެމީހަކު ބައެއްގެ އެހީއަށް އެދި އެދެމީހުންގެ ކަންތައްނިމި މިދީބު ބައެއްގެ އަތްދަށުވެފައެވެ. އަހަރެމެންނަކީ ތާރީޚެއް އެއްޗެއް ކިޔާ ބަޔަކުކަމުގައި ނުވެއެވެ. ދިވެހިންގެ ތެރެއިން ވަރަށްވެސް މަދު ބަޔަކު ފިޔަވާ ދެންތިބި މީހުންނަކީ މީހުންގެ ދޫތަކުން އިވޭ ވާހަކައިގެ މައްޗަށް ތިމާގެ ހިތް ވިއްކާލާ ބައެކެވެ. ހޭބުއްދީގައި މިތިބަ ނިކަމެތި ފަޤީރުން ހޭއަރާނީ ކޮން ދުވަހަކުންބާވައެވެ.
މިއަދުގެ ހާލަތަކީ ތިމާގެ ޓީމުގެ ޖާޒީލައިގެންހުރެ އިދިކޮޅުޓީމަށް ކުޅެވޭއިރުވެސް ނޭގެއެވެ. ނުވަތަ ބައެއް މީހުން އެގިތިބެގެން ގަސްދުގައި އެގޮތަށް ކުޅެނީއެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު މިއަށްވުރެ ރަގަޅުދުވަހެއް މާދަމާ ދެއްކެވުމަށް ދުއާކުރަމެވެ.