ސުވާލު:
ނަމާދަށް ހުންނަ މީހެއްގެ ކުރި ކެނޑޭނީ ކިހާ ހިސާބަކުން ހިނގާފައި ދިއާމަތަ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.
(لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ قَالَ أَبُو النَّضْرِ لَا أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً) (ބުޚާރީ ޙަދީޘް ނަމްބަރު : 480)
މާނައީ : ނަމާދުކުރާ މީހާގެ ކުރިމަތިން ހިނގުމުގައިހުރި ( ފާފައިގެ ބޮޑުކަން ) އެނގޭނަމަ ސާޅީސްވަންދެން ކޮޅަށް ހުރުންވެސް އޭނާއަށް ހެޔޮކަން ބޮޑުވީހެވެ.''
އަބޫނަޟްރު ވިދާޅުވިއެވެ. ޙަދީޘްކުރެއްވީ ސާޅީސް ދުވަސް ކަމެއް ސާޅީސްމަސްކަމެއް، ސާޅީސް އަހަރުކަމެއް އަހަރެންނަކަށް ނޭނގެއެވެ.''
އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ ސުންނަތެކެވެ. ބައެއް ދަންނަބޭކަލުން ވާޖިބުކަމުގައި ވިދާޅުވެއެވެ.( ތަނބެއް، ފާރެއް އަދި މިނޫންވެސް ކުރިމަތީގައި ހުރަހެއްގެ ގޮތުގައި ބެހެއްޓޭ ކޮންމެ އެއްޗެއް ސުތުރާއެއްކަމުގައި ބެލެވޭނެއެވެ.)
އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާ އެއް ބަހައްޓާފައި ހުރިނަމަ އެސުތުރާ އާއި ނަމާދުކުރާ މީހާއާއި ދެމެދު ހިނގުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެ ސުތުރާގެ ފަހަތުންހިގުމަކީ ހުއްދަކަމެކެވެ. ސުތުރާ ހުންނަން ޖެހޭނީ ގާތްގަނޑަކަށް ނަމާދުކުރާ މީހާ އާ ތިން މުށް ވަރު ކައިރީގައެވެ. އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބަހައްޓާފައި ނެތްކަމުގައި ވިޔަސް އެމީހާއާއި ގާތް ގަނޑަކަށް ތިން މުށަށްވުރެ ކައިރިން ނުވަތަ ސަޖިދަ ޖަހާ ހިސާބުން ހުރަސް ކުރުން ޙަރާމްވެގެންވެއެވެ. ތިން މުށަށްވުރެ ދުރުން ނުވަތަ ސަޖިދަ ޖަހާ ހިސާބަށް ވުރެ ދުރުން ހުރަސްކުރުން ހުއްދަކަމުގައި ތަޙްޤީޤު ކުރެއްވި ބައެއް ދަންނަ ބޭކަލުން ވިދާޅުވެއެވެ.
ނަމަވެސް ނަމާދުކުރާމީހާގެ ކުރިމަތިން ނުހިނގުން އައުލާކަން ބޮޑެވެ. އިމާމެއްގެ ފަހަތުގައި ނަމާދު ކުރާމީހުންގެ ކުރިމަތިން ހިނގުން ޙަރާމްވެގެން ނުވެއެވެ. އެހެނީ މައުމޫމުންގެ ސުތުރާއަކީ އިމާމު މިހާ ނުވަތަ އިމާމު މީހާގެ ސުތުރާއެވެ. ނަމަވެސް އައުލާކަން ބޮޑީ ބޭނުމަކަށްޓަކައިމެނުވީ މައުމޫމުންގެ ކުރިމަތިންވެސް ނުހިނގުމެވެ.
والله أعلم

















ސުވާލަކީ އިންސާނުނަށް ދީނެއް މިއްލަތެއް ބޭނުންވޭތޯ އެއީ މުހިއްމު ކަމެއްތޯ؟ އެންމެ ރަގަޅު ދީނަކީ ކޮބައިތޯ؟ އެދީނުގެ މަސްދަރަކީ ކޮބައިތޯ.؟ މަސްދަރުގެ އަލީގައި މި އިންސާނާގެ އަސްލާއި އިންސާނާގެ ހަޤީގަތަކީ ކޮބައިތޯ؟ އިންސާނާ ދިރިއުޅޭ މި ކައުނު، ދިރިއުޅޭ ތިމާވެށީގެ އަސްލާއި ޙަޤީ ގަތަކީ ކޮބައިތޯ؟ މަސްދަރުގެ އަލީގައި އިލްމަކީ ކޮބައިތޯ އެންމެ ރަގަޅު އިލްމީ ހަޤީގަތަކީ ކޮބައިތޯ؟
1. ދީނަކީ ދިރިއުޅުމުގެ ނިޒާމެވެ. ޙަޔާތް ވޭތުކުރަންވީ ގޮތް ކަނޑައަޅައިދޭ އުސޫލެވެ. އެއްވެސް ހަމައެއް ލަމައެއް، އުސޫލެއްނެތި ޙަޔާތް ވޭތުކުރަން ވެއްޖެނަމަ ކޮންމެ މީހަކުމެ އުޅެންޖެހޭނީ އެމީހެއްގެ އަމިއްލަ ދުނިޔޭއްގައެވެ. އެހެނީ އެފަދަ މީހަކަށް ތިމާގެ އިން ވަކިވާ ހިސާބާއި އަނެކާގެ އިން ފެށޭ ހިސާބު، އަނެކުންގެ ޙައްޤުތައް ދެނެގަތުމަކީ ވާނޭކަމެއް ނޫނެވެ. ހަމަ އެހެންމެ ތިމާގެ ޚާލިޤަށް އަޅުކަން ކުރެވޭނީވެސް ދީނެއް ޤަބޫލުކޮށްގެންނެވެ. ވުމާއެކު ދީނަކީ ބޭނުން، އެހާމެ މުޙިއްމު އެއްޗެކެވެ.
2، 3. އެންމެ ރަނގަޅު ދީނެއް ދެނެގަންނާނީ ކޮންމެ ދިނެއްގެވެސް މަސްދަރުންނެވެ. މިސާލެއްގެ ގޮތުން ނަޞާރާދީން ދަނެގަންނާނީ ބައިބަލްގެ އޯލްޑް އަދި ނިއު ޓެސްޓަމެންޓް ގެ އެހީގައެވެ. އިސްލާމް ދީން ދަނެގަންނާނީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. ކޮންމެ ދިނެއްގެ މަސްދަރު ދިރާސާކޮށް އެކަތި އަނެކަތި އަޅުވާ ކިޔުމުން އެންމެ ރަނގަޅު ދީނަކީ ކޮބައިކަން ފިލާ ސާފުވާނެއެވެ.
ދެންހުރި ސުވާލުތަކުގެ ޖަވާބު ބިނާވެގެންވަނީ ތިބާ ކުޅަ ދިރާސާ މަތީގައެވެ. އަޅުގަނޑު ގާތުގައި އެންމެ ރަނގަޅު ދީނަކީ އިސްލާމް ދީން ކަމުގައި ވުމާއެކު އެދީނުގެ މަސްދަރުގެ އަލީގައި އިންސާނާ އުފެއްދެވުނީ މަށިންނެވެ. ފެށުމަކީ އާދަމެވެ. ޙަޤީޤަތަކީ އިންސާނާއަކީ ދަޖަލުކުރުން ބޮޑު މަޚްލޫޤެކެވެ. މިކައުނާ ތިމާވެއްޓަކީ ކަލާންގެ ކުޅަދުންވަންތަކަމުގެ ހެއްކިތަކެވެ. ޢިލްމަކީ ނޫރެކެވެ. ރަނގަޅު ޢިލްމީ ޙަޤީޤަތަކީ މަންތިގު އެއްމައްޗަށް ސާބިތުކަން ހޯދައިދޭ، އިންސާނިއްޔަތަށް ފައިދާހުރި، ކަލާންގެ ރަސްކަންފުޅު ރަނގަޅަށް މަޢުރިފާ ކުރެވޭ ތަޢުލީމެވެ.