ދީންސުވާލާއި ޖަވާބު

ޤުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ގުނޫތު ނުކިޔާ، އަތްވެސް ނުނަގާ ހުރެވިދާނެތޯއެވެ؟

ފަތިސްނަމާދުގައި ދާއިމުވެ ގުނޫތު ކިޔުމަކީ މުސްތަޙައްބު ނުވަތަ ސުންނަތެއް ކަމުގައި ބައެއް ޢިލްމުވެރި އިމާމުން ވިދާޅުވެފައި ވެއެވެ. އަދި އަނެއްބައި ގިނަ ބޭފުޅުން އެއީ ސާބިތު ކަމެއް ނޫން ކަމުގައި އަދި ބައެއް ބޭފުޅުން އެއީ ބިދުޢަތެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ހައްގު ގޮތެއްކަމުގައި ބުރަވެވޭ ގޮތަކީވެސް އެއީއެވެ. ނަމަވެސް އެއީ ޝައްކެއްނެތް ގޮތުގައި އިޖުތިހާދީ މައްސަލައެކެވެ. ވީމައި ފަތިސްނަމާދުގައި ދާއިމުވެ ގުނޫތު ކިޔާ އިމާމުންގެ ފަހަތުގައި ގުނޫތު ނުކިޔުމަށް ދެކޭ މީހުން ނުވަތަ ގުނޫތު ނުކިޔާ އިމާމެއްގެ ފަހަތުގައި އެއީ ސުންނަތެއް ކަމުގައި ދެކޭ މީހުން ކުރާ ނަމާދު ޞައްހަ ކަމާއިމެދުގައި އުންމަތުގެ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.

އިމާމާއި މައުމޫމުން ނަމާދުގެ މައްސަލަތަކުގައި އެއްގޮތަކަށް ގަބޫލު ކުރުމާއި އެއްގޮތަކަށް ދެކުމަކީ ވާނޭކަމެއް ނޫނެވެ. ޢިލްމުވެރިން ދެބަސްވެވަޑައިގަންނަވާފައިވާ ކަންތައްތަކުގައި އެބޭފުޅުންނަށް ތަބާވާ މީހުންވެސް ވާނީ ޚިލާފުވެފައިކަން ކަށަވަރެވެ. ވީމައި ޖަމާޢަތުގައި ކުރެވޭ ކަންތަކުގައި ކޮންމެ މީހަކު އޭނާ ގަބޫލު ކުރާ ގޮތަކަށް ކަން ކުރުމަކީ އެކަށިގެންވާ ގޮތެއް ނޫނެވެ. އެހެން ވުމަކީ އެއްމެ ރަނގަޅު ގޮތެއް ނަމަ އިމާމުގެ ބޭނުމަކީ ކޮބައި ބާއެވެ!؟ އިތުރު އެކަލޭގެފާނުންގެ އަރިހުން ޞައްހަވެފައިވެއެވެ. އެކަލޭގެފާނުން ހަދީޘް ކުރެއްވިއެވެ. ((إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ فَلَا تَخْتَلِفُوا عَلَيْهِ فَإِذَا رَكَعَ فَارْكَعُوا وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا لَكَ الْحَمْدُ وَإِذَا سَجَدَ فَاسْجُدُوا وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ)) متفق عليه (البخاري ومسلم) މާނައަކީ: “އިމާމާ ކަނޑައެޅިފައިވަނީ އޭނާއަށް ތަބާވެ، އޭނާގެ ނަމާދާއި އެކުގައި މައުމޫމުން ނަމާދު ފުރިހަމަ ކުރުމަށްޓަކައެވެ. އިމާމާއާއި ޚިލާފުވެ ނުގަންނާށެވެ! އިމާމާ ރުކޫޢު ކުރީމައި ތިޔަބައިމީހުން ރުކޫޢު ކުރާށެވެ! އަދި އޭނާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމުން ތިޔަބައިމީހުން رَبَّنَا لَكَ الْحَمْدُ ކިޔާށެވެ! އަދި އިމާމާ ސަޖިދަ ކުރުމުން ތިޔަބައިމީހުން ސަޖިދައަށް ދާށެވެ! އަދި އިމާމާ (ކޮޅަށް ނުހުރެވުމުގެ ސަބަބުން) އިށީނދެ އިނދެ ނަމާދު ކުރާނަމަ ތިޔަބައިމީހުން އެއްމެންވެސް އިށީނދެ ތިބެ ނަމާދު ކުރާށެވެ!”

މިމާނާގައިވާ ރިވާޔަތްތަކުގެ މައްޗަށް ބިނާކޮށް އުންމަތުގެ ގޮޑެތި އިމާމުންނާއި އިލްމުވެރިން ނަމާދުގައާއި އެއްމެހައި އިޖުތިމާޢީ އަޅުކަމެއްގައި އިޖްތިހާދީ މައްސަލަތަކުގައި އިމާމަށް ތަބާވުމަށް އަމުރުކުރައްވާފައި ވެއެވެ. އެއީ މައުމޫމުގެ ވިސްނުމުގައި ސުންނަތެއް ނޫންކަމުގައި ވިޔަސް އިމާމާގެ ގާތުގައި ސުންނަތް ކަމެއް ކަމުގައި ވާނަމަ މައުމޫމާގެ މައްޗަށް ވަނީ ތަބާވުމެވެ. އެކަމުގެ ސަބަބުން މައުމޫމުގެ ނަމާދަކަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ހަމަ އެފަދައިން އެކަމެއްގެ ސަބަބުން ހަމަ ނުޖެހުން ހިނގައި ނަފުރަތާއި ބައިބައިވުން އުފެދި ދާނެ ކަމުގެ ބިރު އޮތް ހާލަތެއްގައި މައުމޫމުން ދެކޭ ގޮތަށް އިމާމާގެ ވިސްނުމާއި ޚިލާފަށް ކަމެއް ކުރުމަކީވެސް އިމާމަށްޓަކައި ޖާއިޒް ކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ވީމައި މައުމޫމުންގެ ހައްގުގައި އެގޮތް މާ އައުލާވެގެން ވެއެވެ.

މިފަދައިން އުންމަތުގެ ބޮޑެތި އިމާމުން ކުރެ شيخ الإسلام ابن تيمية رحمه الله ފަތުވާ ދެއްވާފައި ވެއެވެ. އެފަތުވާގެ ފައިދާއަށްޓަކައި މިތަނުގައި އޭގެ ތަރުޖަމާ ބަޔާން ކޮށްލާނަމެވެ. އެބޭފުޅާ ވިދާޅުވެފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. “މައުމޫމުންގެ ގާތުގައި ރުކުނެއް ކަމުގައި ވާ ކަމެއް އިމާމާގެ ގާތުގައި ރުކުނެއް ކަމުގައި ނުވާނަމަ އިމާމާ އެކަން ދޫކޮށްލި ނަމަވެސް އެއިމާމުގެ ފަހަތުގައި ނަމާދު ޞައްހަ ވާނެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “މައުމޫމުންގެ ގާތުގައި ހަރާން ކަމެއް ނަމަވެސް އިމާމުގެ ގާތުގައި އެފަދަ ކަމަކަށް ނުވާ ކަމެއް އިޖްތިހާދުގެ މިންގަނޑުގައި ވާ ކަމެއްކަމުގައި ވާނަމަ އޭނާގެ ފަހަތުގައިވެސް ނަމާދު ޞައްހަ ވާނެއެވެ… ވީމައި، އިޖްތިހާދީ ދެބަސްވުންތަކާއި ޚިލާފު ތަކުގައި މައުމޫމުން އިމާމަށް ތަބާވާން ޖެހޭނެއެވެ. އިމާމާ ގުނޫތު ކިޔާނަމަ ގުނޫތު ކިޔާނީއެވެ. އަދި އޭނާ ގުނޫތު ނުކުޔައިފި ނަމަ ގުނޫތު ނުކިޔާނީއެވެ. އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. ((إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِه)) (ހަމަކަށަވަރުން އިމާމު ކަނޑައެޅިފައިވަނީ އޭނާއަށް ތަބާވުމަށްޓަކައެވެ.) އަދިވެސް ހަދީޘްކުރައްވާފައިވެއެވެ. ((لا تختلفوا على أئمتكم)) (ތިޔަބައިމީހުންގެ އިމާމުންގެ މައްޗަށް ޚިލާފުވެ ނުގަންނާށެވެ!) އަދި ޞަޙީޙްގައި ވެއެވެ. ((يصلون لكم فإن أصابوا فلكم ولهم وإن أخطأوا فلكم وعليهم)) މާނަކީ: “އިމާމުން ތިޔަބައިމީހުނަށް ނަމާދު ކޮށްދޭއިރުގައި ރަނގަޅަށް ކޮށްފި ނަމަ އެމީހުނަށާއި ތިޔަބައިމީހުނަށް އަޖުރު ހުއްޓެވެ. އަދި އެމީހުން ނުބައިކޮށް ކޮށްފި ނަމަ ތިޔަބައިމީހުނަށް އަޖުރު ހުއްޓެވެ. އެބައިމީހުނަށް ގެއްލުން ހުއްޓެވެ.” ” مجموع الفتاوى ” ( 23 / 115، 116 ).

އަދިވެސް މިފަދަ ބައިވަރު ބަސްފުޅުތައް އިބްނު ތައިމިއްޔާ އާއި އިމާމް އައްނަވަވީ ފަދަ ބޭފުޅުންގެ އަރިހުން އައިސްފައިވެއެވެ. އަދި މިއީ ޞަޙާބީންނާއި ތާބިޢީންނާއި މަޝްހޫރު ހަތަރު މަޛުހަބުގައިވެސް ދެބަސްވުމެއް ނެތް، އިތްތިފާގު ކަމެއް ކަމުގައި އެބޭފުޅާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މި ސައިޓްގަ ސުވާލުކުރުމަށް ހަދަންޖެހެނީ ކިހިނެއްތޯ؟ ވަރަށް ބަލައިފިން އެކަމަކު ސުވާލުކުރަންހަދާނެ ގޮތެއް ނޭންގުނު ވިދާޅުވެ ދެއްވަފާނުތޯ؟

Your email address will not be published. Required fields are marked *

More in ދީން