އިންސާނީ ފިޠުރަތުގެ މަތިން، މަންމަގެ ބަނޑުގައި އޮވެ، އެ މަންމަ ކެތްތެރިކަމާއިއެކު އެ ފުރާނަ ދެލޮލުން ދެކިލާ، އެ ކުޑަކުޑަ ހަށިގަނޑުގައި ފިރުމާލުމުގެ އުފާވެރި އުއްމީދުގައި ވަނިކޮށް މަންހާ މިދުނިޔެ އަށް ފުރަތަމަ ނޭވާލީ އެ ޢާއިލާގެ ހަމަ ކޮންމެ މެމްބަރަކަށްވެސް އުފާވެރިކަމާއި ހިނިތުން ގެނުވައިދީފައެވެ. ނަމަވެސް ތަދުބީރުކުރިގޮތުން އެންމެ ޅަދުވަހުން ފެށިގެން މަންހާ އަށް ކުރިމަތިލާން ޖެހިފައިވަނީ ދުނިޔޭގެ ބޮޑު އިމްތިހާނަކާ އެވެ. އުފަންވުމުގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން މި ދުނިޔޭގެ ދުވަސްތައް ވޭތުކުރުމަށްޓަކައި މަންހާ އަށް އަޅުގަނޑުމެންގެ ޙާއްޞަ އެހީތެރިކާމާއި އަޅާލުން ވަނީ ބޭނުންވެފައެވެ. ހަމައެކަނި ރޮއިލުމުގެ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް މަންހާގެ ދުލުން މިއަދު ބޭރުނުވިޔަސް، އެ ތުއްތު ތުއްތު މަންހާ މިއަދު ތިބާގެ އެހީތިކަމަށްޓަކައި އާދޭސް ކުރާކަހަލައެވެ.
ޏ.ފުވައްމުލަކު، ނަވާޒުހައުސް، ޙަސަން ސައީދުގެ ދެމަފިރިންގެ އަލަތު ދަރިފުޅު ފާތިމަތު މަންހާ ސައީދު އަކީ ދުނިޔެ އަށް އުފަންވިއިރު ވެސް ބަލި ކުއްޖެކެވެ. ލިވަރ އަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މަރާއި ހަނގުރާމަކުރަމުންދާ ލޯބި ލޯބި ތުއްތު ކުއްޖެކެވެ. އުމުރުން 11 މަހުގެ މަންހާއަކީ އުފަންވީއިރު ލިވަރ އިން ކުޑަ ގޮހޮރަށް ބައިލް ދާ ހޮޅިބެދިފައި ހުރުމުގެ ސަބަބުން އެކަމުގެ ފަރުވާއަށް ބޭނުންވެފައިވާ ކުއްޖެކެވެ. އެގޮތުން އުފަންވިތާ 20 ވަނަ ދުވަހު މަންހާ އޮޕަރޭޝަނެއް ކުރިއެވެ. އަދި އޭގެ ފަހުން ލޭގައި ޖަރާސީމު އުފެދިފައި ހުރުމުން އިންޑިއާ އަށް ގެންގޮސް އެކިފަހަރު މަތިން ވަނީ މަންހާ އަށް ފަރުވާ ދެވިފައެވެ. ނަމަވެސް މަންހާގެ ލިވަރ އަށް ދިމާވެފައިވާ ސީރިއަސް މައްސަލަ އަށް އަދިވެސް ވަނީ އެކަށީގެންވާ ފަރުވާއެއް ނުކުރެވިއެވެ. އަދި ފަރުވާ ނުލިބި ދުވަސްވަމުން ދާތީ މަންހާގެ ލިވަރ ހަލާކުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ވަނީ ގޮސްފައެވެ.
މަންހާގެ ފުރާނަ ސަލާމަތްކޮށް، އެ ތުއްތު ދަރިފުޅުގެ ދިރިހުރުމަށްޓަކައި މިއަދު ބޭނުންވަނީ ބޮޑު އޮޕަރޭޝަނެކެވެ. އެގޮތުން އިންޑިއާގެ ޓްރާންސްޕްލާންޓް ހެދުމަށް ޚާއްސަ ހޮސްޕިޓަލެއްކަމުގައިވާ ގްލޯބަލް ހޮސްޕިޓަލްސް އެންޑް ހެލްތު ސިޓީގެ ޚާއްސަ ޑޮކްޓަރު ނަރޭޝް ޝަންމުގަމް ވަނީ ވީއެންމެ އަވަހަކަށް މަންހާގެ ޓްރާސްޕްލާންޓެއް ހެދުމަށް ލަފާދީފައެވެ. މިކަމަށްޓަކައި ވަރަށްވެސް ބޮޑު ހަރަދެއް ހިނގައެވެ. އޮޕަރޭޝަނަށާއި، އިންޑިއާގައި ތިބުމަށް ގާތްގަނޑަކަށް 43,800.00 ޔޫއެސް ޑޮލަރު (ސާޅީސް ތިންހާސް އަށްސަތޭކަ ޔޫއެސް ޑޮލަރު) ބޭނުންވެއެވެ. ދިވެހި ފައިސާ އިން ނަމަ ގާތްގަނޑަކަށް 675,400.00 ރ. (ހަލައްކަ ހަތްދިހަ ފަސްހާސް ހަތަރު ސަތޭކަ ރުފިޔާ) އެވެ. މިފަދަ ބޮޑު ޚަރަދެއް ހަމަ އެންމެ ޢާއިލާއަކުން ކުރާނީ ކިހިނެއް ހެއްޔެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިތިބީ އެހީ ލިބުނުހާ އަވަހަކަށް އިންޑިއާ އަށް ގޮސް އޮޕަރޭޝަން ކުރަން ތައްޔާރަށް. މިހާރު ވެސް ނުދެވިފައި މިތިބީ މާލީ ހާލަތު އެކަމަށް ތަންނުދޭތީ. ދެފަރާތުގެ ޢާއިލާގައި ވެސް އެފަދަ ބޮޑު ޚަރަދެއް ކުރާނެ ތަނަވަސްކަމެއް ނެތް" މާޔޫސްކަމާއިއެކު މަންހާގެ ބައްޕަ ބުންޏެވެ.
އޭ އެކުވެރިންނޭވެ. މިގައުމުގެ ބައްޕައިންނާއި، މަންމައިންނޭވެ. މި ތުއްތު މަންހާއަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ. މި ތުއްތު މަންހާގެ ފުރާނަ ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތެއްގައި އެދަރިފުޅު ލެހެއްޓުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ އެހީތެރިކަން މިވަނީ ފޯރުކޮށްދޭން ޖެހިފައެވެ. އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު މެނުވީ މަންހާގެ ބައްޔަށް ފަރުވާކުރެވޭނެ ހަމަ އެއްވެސް މަގެއްނެތެވެ. އެހެންކަމުން ހަމަ ކޮންމެ ބޭފުޅަކުވެސް މަންހާއަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. މަންހާގެ ފަރުވާއަށްޓަކައި ދިއްކޮށްލާ އެންމެ ފަސްރުފިޔާ އަކީވެސް މިއަދު އެ ޢާއިލާ އަށް ރަނަށްވުރެވެސް އަގުބޮޑު އެއްޗެކެވެ. އަދި ކިތަންމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއްވެސް އެ ޢާއިލާއިން ބަލައިގަންނާނީ ޝުކުރުވެރިކަމާއި އެކުގައެވެ.
އެހީތެރިކަމާއި އަޅާލުމަށް ބެނުންވެފައިވާ ކުޑަކުޑަ މަންހާއަށްޓަކައި މިއަދު ތިބާގެ އަތުން ދޫކޮށްލެވޭ އެހީތެރިކަމުގެ ފައިސާކޮޅަކީ، ހަމަޔަޤީނުންވެސް ގެއްލިގެން ދާނެ އެއްޗެއްނޫނެވެ. އެހީތެރިކަމާއި، އޯގާތެރިކަމަށް އެދި މިއަދު އެރޮނީ ކުޑަކުޑަ މައުސޫމް ތުއްތު ތުއްތު ކުއްޖެކެވެ. މާދަމާ އެފަދަ ރިހުމުގެ އަޑަކުން ރޯލާނީ ތިބާގެ ދަރިފުޅު ނޫންކަމެއްވެސް އެނގެނީ ކިހިނެއް ހެއްޔެވެ. އެދުވަހުން ހަމަ މިގޮތަށް ތިބާވެސް އެހީތެރިކަމަށް އެދޭނެއެވެ. އާދޭސްކުރާނެއެވެ. އެހެންކަމުން މިފުރުޞަތުގެ ބޭނުންހިފާ، ތިބާގެ އެހީތެރިކަން އެތުއްތު މަންހާއަށް ފޯރުކޮށްދެމާ ހިނގާށެވެ.
ފާޠިމަތު މަންހާ ސައީދު އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ މަންހާގެ ބައްޕަ ޙަސަން ސައީދު (7996755) އަށެވެ. އަދި މަންހާއަށް އެހީވުމަށްޓަކައި 7703228346001 މި އެކައުޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ. މިއީ ޙަސަން ސައީދުގެ އެކައުންޓް ނަންބަރެވެ.
"އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެންމީހުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ".
މަންހާގެ ޢާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އެދަނީ ތިބާގެ އެހީތެރިކަމަށެވެ. ވެވުނު މިންވަރަކުން މިޢާއިލާއަށް އެހީތެރިން ފޯރުކޮށްދޭށެވެ. ތުއްތު ތުއްތު މަންހާ އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

















މިލިޔުން ކިޔާފަ ހަމަ ރަނގަޅަށް ރޮވިއްޖެ.
ޙަސަން އަޅުގަނޑުގެ މިހިރީ ތިއާއިލާއާއި އެކުގައި، ވެވުނު ވަރަކުން އެހީތެރިވާނަން. ދެރަނުވޭ.، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކު. ކެތްތެރިކަމާއި ނަމާދުން ވާގިހޯދާ. އިރާދަކުރެއްވިއްޔާ ﷲ ތިބާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާށި. އާމީން.
ހުސެން ގެ މިކަހަލަ ލިޔުންތައް ވަރަށް ފުރިހަމަ. މަންހާއަށް ހެޔޮ ރަހުމަތް ލައްވާށި. އިރާދަ ކުރެއްވިއްޔާ މަންހާއަށް އެހީތެރިކަން ލިބޭނެ. ﷲއަށް ހަމްދުކޮށް އެދޭ.
ވަރަށް ވެސް ހިތާމަ އިން ފުރިގެންވާ ވާހަކަ އެއް! ﷲ އިރާދަފުޅާ އެކު އަހަންނަށް ވެވެން އޮތް އެންމެ ބޮޑު އެހީ އެއް މަންހާ އަށް ވެދޭނަން.
ﷲ އިރާދަފުޅާ އެކު އަހަންނަށް ވެވެން އޮތް އެންމެ ބޮޑު އެހީ އެއް މަންހާ އަށް ވެދޭނަން.
ހަމަ އެކަނި ތި ހޮސްފިޓަލުންތަ ތި ބެލީ އަގު؟ އަޅުގަޑައްހީވަނީ ބެންކޮކް ގަ ހުންނަ ބުމްރުމްގްރާޑޫން ވެސް ތިއަށްވުރެ އަގުހެޔޮވާނެހެން. އެއީ ވެސް އައި އެސް އޯ ސްޓޭންޑަރޑް ހޮސްޕިޓަލެއް، ރިޕޯޓް ތަށް އެތަނަށް މޭލް ކޮއްލުމުން ދައްކަންވާ ޑޮކްޓަރާ ދާނެ ހަރަދު އަދި އެޕޮއިންޓްމަޓް ހަމޖައްސައިދޭނެ. އެހީ ނުވާކަށް ނޫނެވެ، ﷲ މަންހާ އަށް އަވަސް ސިފާއެއްދެއްވާސެވެ. ބެންކޮކްގަ ހުރުމަށާ ކެއުމަށް އަދި ޓިކެޓަށް 3މީހުންނައް ހިނގާނީ ގާއްގަނޑަކަށް 2500ޔޫއެސް ޑޮލަރު ބޭހުގެ ހުރިހާކަމަކަށް ދާނެ ހަރަދު އެމީހުން ބުނެދޭނެ ،އަޅެ މި ހޮސްޕިޓަލް ޓްރައި ކޮެއްލާ
އަޅުގަނޑުމެން ވަރަށް ގިނަ ހޮސްޕިޓަލްތަކެއް ބެލުމަށްފަހު އިންޑިޔާގެ މިހޮސްޕިޓަލަށް ދާން ނިންމީ. އަގަށްވެސް ހިދުމަތުގެ ފެންވަރަށްވެސް ބަލާފައި. ތިބުނުއްވާ ހޮސްޕިޓަލުގެ އަގުވެސްބެލިން. ހުރުމާ ކެއުމަށް ތިބުނުއްވާ ވަރަށް އިތުރަށް ދާނެ. އޮޕަރޭޝަން ކުރުމުގެ ކުރިން 02 ހަފުތާ އަދި އޮޕަރޭޝަން ކޮއްގެން 03 ހަފުތާ ހޮސްޕިޓަލުގައި އަދި އިތުރަށް 03 މަސް ހޮސްޕިޓަލަށް ދެއްކޭގޮތަށް ތިބެންޖެހޭ.
މާތްﷲގެ އިރާދަފުޅުން މަންހާގެ ހުރިހާކަމެއްވެސް ރަނގަޅުވާނެ! އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ! މާތްﷲ މަންހާއަށް ރަޙްމަތްލައްވާށި! އާއިލާއަށް އުފާރެރިކަން ދެއްވާށި! އާމިން!!!
އިރާދަ ކުރެއްވިއްޔާ މަންހާއަށް އެހީތެރިކަން ލިބޭނެ. ﷲއަށް ހަމްދުކޮށް އެދޭ. އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ! މާތްﷲގެ އިރާދަފުޅުން މަންހާގެ ތި ބަލި ރަނގަނޅު ކޮށްދެއްވާނދޭ!… އާމިން!!!!!!!!!!!!!!!!