މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އދ. ގައި ފަލަސްޠީނުގެ މިނިވަން ދައުލަތަކާ މެދު ނަގާ ވޯޓު ފަސްކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުން އެބަދެއެވެ. ފަލަސްޠީނުގެ އިސް އޮފިޝަލުންގެ ގާތު އެމެރިކާ އިން ބުނަމުންދަނީ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށްޓަކާ ވޯޓުނެގުން ފަސްކުރުމަށެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ވޯޓުގައިވެސް ވީޓޯ ކުރުމުގެ ބާރު އެމެރިކާ އަށް ލިބިފައިވާއިރު، މި ފަދަ ގޮތަކަށް މި ވޯޓު ހުއްޓުވަން އެމެރިކާ މަސައްކަތްކުރާތީ ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފަ އެވެ. މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، 23 ވަނަ ދުވަހުގެ ވޯޓުގައި އެމެރިކާ އިން ވީޓޯ ކޮށްފިނަމަ، މެދުއިރުމަތީގައާއި އެހެނިހެން އިސްލާމީ ޤައުމުތަކުގައި އެމެރިކާއާ ދެކޮޅަށް ހިންގޭ ޙަރަކާތްތައް އިތުރުވާނެތީ އެމެރިކާ ބިރުގަންނަނީ އެވެ.
އެމެރިކާއަށް ވީޓޯ ކުރެވުނަސް، ފަލަސްތީން "ނޮން-ވޯޓިންގ އޮބްޒާރވަރ އެންޓިޓީ" އެއްގެ ދަރަޖައިން "ނޮން-ވޯޓިންގ އޮބްޒާރވަރ ސްޓޭޓް" އެއްގެ ދަރަޖައަށް ޕްރޮމޯޓް ވެވިދާނެއެވެ. އެހެން ވެއްޖެނަމަ، އިޒްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިލަން (ޖިނާއީ) ކޯޓުގައި ދަޢުވާ ކުރުމުގެ އިތުރު ބާރުތަކެއް ލިބިދޭނެ އެވެ.
ދިރާސާކުރާ ފަރާތްތަކުން އިތުރަށް ހާމަކުރާ ގޮތުގައި އެމެރިކާގެ މިމަސައްކަތުން ބޭނުންވަނީ ހަމައެކަނި ވީޓޯއެއް ނުކޮށް މައްސަލަ ހުއްޓާލާކަށް ނޫނެވެ. ނަމަވެސް އެމެރިކާއާ އެކު ފަލަސްޠީނުގެ މިނިވަން ދައުލަތާ ދެކޮޅަށް ވޯޓުދޭނެ މަދު ޤައުމުތައް ބޮޑު ތަފާތަކުން މި ވޯޓުގައި ނާކާމިޔާބު ވެދާނެތީ އެ ލަދުންވެސް ސަލާމަތްވާށެވެ. މީގެ ކުރިން އެމެރިކާއިން ފަލަޞްޠީނާ އެއްކޮޅަށް ވޯޓު ނުދޭނެކަން ވަނީ ސަރީޙަ ޢިބާރާތުން މަޙްމޫދު އައްބާސްއަށް އަންގާފަ އެވެ.
ނިމިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާ އިން ވަނީ 70 ޤައުމަކަށް ޑިޕްލޮމެޓިކް މެސެޖެއް ފޮނުވާ، ފަލަޞްޠީނުގެ މިނިވަން ދައުލަތާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ. މި 70 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތޯ ބެލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ. އެމެރިކާގެ އެމްބެސަޑަރުންގެ ފަރާތުން އެ ޤައުމުތަކުގެ އެމަޤާމްތަކުގައި ތިއްބެވި ބޭފުޅުންނަށް އަންގާފައިވަނީ އެ ވޯޓުގެ ސަބަބުން ސުލްޙައިގެ ވާހަކަތަކަށް ހުރަސްއެޅޭނެކަމަށެވެ. ނަމަވެސް، "ސުލްޙައިގެ ވާހަކަތައް" މިއީ މިފަދަ ކޮންމެ ހަރަކާތެއް ހުއްޓުވުމަށް އެމެރިކާއާއި އިޒްރާއީލުން ގެންގުޅެމުންދާ ބަހަނާއެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
އެމެރިކާއިން މިމަސައްކަތްކުރަމުން ދާއިރު ފަލަސްޠީނުގެ އިސް އޮފިޝަލަކު ހާމަކޮށްފައިވަނީ މި މަސައްކަތް ހުއްޓާލާ އޭގެ ބަދަލުގައި ސުލްޙައިގެ ވާހަކަތައް ފެށުމަށް އެމެރިކާ އެދުނަސް ނުވަތަ "ކޮންމެ އެއްޗެއް ދޭން އެއްބަސްވިޔަސް، މިހާރު މާ ލަސްވެއްޖެ" ކަމަށެވެ.
ކޮންމެ ގޮތަކަށް މައްސަލަ ނިމިގެން ދިޔަސް އިޒްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަށް އެހީތެރިވާ އެމެރިކާއާ މެދު އިސްލާމީ ޤައުމުތަކުގައި ރުޅިވެރިކަން އިތުރުވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރައްވަ އެވެ.
ސެޕްޓެމްބަރު 23 ވަނަ ވިލޭރޭ ފަލަސްޠީނުގައި "ޕަލަސްޓައިން 194" ގެ ނަމުގައި ބޮޑު މުޒާހަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ފަލަސްޠީނުގެ އެހެން އިސް އޮފިޝަލަކު ހާމަކޮށްފައިވެ އެވެ. އެއީ އދ. ގެ 194 ވަނަ ޤައުމަށް ވުމަށް ފަލަސްޠީން ކުރަމުންދާ މަސައްކަތްތަކަށް ތާޢީދުކުރުމުގެ ގޮތުން ކުރިއަށްދާނެ މުޒާހަރާތަކެއް ކަމަށް އެބޭފުޅާ ހާމަކުރައްވަ އެވެ. މި މުޒާހަރާތަކުގައި އެތައް މިލިޔަން ބަޔަކު ބައިވެރިވާނެކަމަށް އުއްމީދު ކުރާކަމަށް އެނާ ވިދާޅުވެ އެވެ.
މަސްޖިދުލް އަޤްސާ އެބިމެއްގައި ހިމެނޭ، އަދި އެ ދައުލަތެއްގެ ވެރިރަށް ކަމުގައި ޣައްޒާއާއި އިރުމަތީ ޤުދުސް ހަމަޖައްސަން މަސައްކަތްކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަމަށް މުސްލިމް ހުރިހާ ޤައުމަކުން ތާއީދުކުރަން ޖެހެއެވެ. ފަލަސްޠީނާ ގުޅޭ މި ވޯޓުލުމުގައި ޤައުމުތަކުން ވޯޓުދޭނެ ގޮތުގެ މައްޗަށް ބިނާކޮށް އެސަރުކާރުތަކަށް ރައްޔިތުންގެ ޕްރެޝަރ ކުރިމަތިވުމަކީ ވެދާނެކަމެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

















ދިވެހިރާއްޖެއިން މިވޯޓްގައި ބައިވެރިވެ ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށް ގޮވާލަން، އަދި ޔަހޫދީންނާ ނަޞާރާއިން ޖަހަމުންދާ ބެރައް ފައިހަމަކުރުން ހުއްޓާލުމަށްވެސް ދިވެހިސަރުކާރަށް ގޮވާލަން.
ހާތިމަށް އަދި މިސައިޓުގެ ލިޔުންތެރިންނަށް
ވެދުންސަލާމް……
ތިޔަބޭފުޅުން ކުރައްވާ މިފަދަ މަސައްކަތްތަކަށް ހިއްވަރު ދީ ސާބަސްދެމެވެ.
ލިޔުންތަކުގައި ތިކިޖެހިތާނަ ބޭނުންކުރާއިރު ރޯނުބައިކޮށް ތިކިޖަހާފައި ހުންނާތީ އަޅުގަނޑަށް ވަރަށް ހިތަށް އުނދަގޫވޭ.. ދިވެއްސަކަށްވާތީ….
މިސާލަކަށް “މިނިވަން ދަޢުލަތް” ދައުލަތް އެއީ އަސްލު ޢަރަބި ލަފުޒެއް އެލަފުޒުގައި ތިކިޖަހާފައިވާ އަލިފުގެ ބަދަލުގައި ޢަރަބިބަހުން އޮންނާނީ ވާވެއް. އެހެންވީއިރު އެއަކުރު ތިކިޖެހިތާނައިގެ ހަމައަށް ބަލާއިރު އ ގެ ތިރީގައި ތިކިޖަހަނީ ޢަރަބި ބަހުގެ “ޢައިނުގެ” ބަދަލުގައި ވީއިރު ” ދަޢުލަތް” މިގޮތަށް ލިޔެވޭނެ ހަމައެއް ދިވެހި ބަހުގައި ނޯވޭ. އެބަސް ތާނައިން ލިޔާއިރު ތިކިޖަހާނަމަ ލިޔަންވާނީ ” ދަޥްލަތް” މިގޮތަށް ތިކިނުޖަހާނަމަ ” ދައުލަތް” މިގޮތަށް. މިކަހަލަ ކުށްތައް މިސައިޓުގެ ލިޔުންތަކުން ވަރަށް ގިނައިން ފެނޭ .
ވީމާ، ދެންނެވީމެވެ.
ޝުކުރިއްޔާ !
ފަލަސްޠީނުގައި މުޒާހަރާއާ ގުޅުވައިގެން ރާއްޖޭގައިވެސް އެދުވަހު އެކަން ފާހަގަ ކުރުމަށް މުޒާަހަރާއެއް ކުރުމަށް ފެނޭ، އެހެން ކަމުން ފަލަސްޠީނުގެ މައްސަރު ދިވެހިންނަށް ގެނެސްދިނުމުގައި ދިއިސްލާމް ޓީމް އިން ތިޔަ ކުރައްވާ މަސައްކަތުގައި މިކަންވެސް ހިމަނާލާނެ ކަމުގެ އުއްމީދުގައި މިޚިޔާލު ފާޅުކޮށްލީމު. ތިޔަ ކުރައްވާ މަސައްކަތްތަކަށް ޝުކުރިއްޔާ!