ދީން

ބޭނުން ޖެހިފައިވާ މުދަލެއް އަގުބޮޑުކޮށްގެން ބާޒާރަށް ނެރެ ވިއްކާނީ ފާފަވެރިން: ޚުޠުބާ

އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ ވިޔަފާރީގައި މަކަރާއި އޮޅުވާލުމުގެ ނުބައި ކަމުގެ މައްޗަށެވެ.

ވިޔަފާރި ކުރުމުގެ ނިޔަތުގައި ގެންނަ މުދަލުގައި، ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާ ކަމުގެ ޝަކުވާ އަޅުގަނޑުމެންގެ މުޖުތަމައުގައި ފެތުރެމުންދާއިރު، ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ މުދަލުގެ ނަމުގައި މި މުޖުތަމައުގައި އެތަކެތި ވިއްކަމުން އަންނަ ވާހަކަ ޚުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން އެފަދަ ތަކެތި ގަނެ، އެތަކެތީގެ ބޭނުން ނުކުރެވި އެއަށް އެތައް ފައިސާއެއް ޚަރަދު ކޮށްގެން ލިބޭ ގެއްލުމުގެ ސަބަބުން ބައެއް މީހުންނަށް ސިއްހީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމުގައި ވެސް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ. މުދާ ހޯދުމަކީ އިސްލާމުދީނުގައި ޙަރާމް ކުރައްވާފައިވާ ކަމަކަށް ނުވާ އިރު، މުދާ ހޯދުމަށް އިސްލާމް ދީނުގައި ވަނީ ވަކި ގޮތްތަކެއް ކަނޑައަޅުއްވައިފައެވެ.

ޚުޠުބާގައި ވަނީ މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނަ ގެނެސްދީފައެވެ. އެބަސްފުޅުގެ މާނައީ "ވިޔަފާރި ކުރުން ވަނީ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ". އެހެންނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ރިބާ ވަނީ ހާމަކަން ބޮޑު ގޮތެއްގައި އާންމު ވެފައެވެ.

ޚުޠުބާގައި ވަނީ އެއް ދުވަހަކު ކީރިތި ނަބިއްޔާ صلى الله عليه وسلم މަދީނާގެ ބާޒާރު މަތީން ގޮދަން ވިއްކަން ބަހައްޓާފައިހުރި ތަނެއްގެ ކައިރިން ވަޑައިގެންނެވި ހިނދު ކަންތައް ވެގެން ދިޔަ ގޮތް ގެނެސްދެއްވާފައެވެ. އެހިނދު އެ ގޮދަންތަކުގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ލެއްވުމުން، ގޮދަންތަކުގެ އަޑީގައި ހުރި ގޮދަނުގައި ތެތްކަން ހުރިކަން އެގިވަޑައިގެންނެވިއެވެ. އެވަގުތު، އެ ގޮދަނުގެ ވެރިޔަކީ ކާކުތޯ ސުވާލު ކުރެއްވިއެވެ. އެ ވަގުތު އެތަނުން މީހަކު ތެދުވެ، އެއީ އޭނާގެ ތަކެތި ކަމުގައި ދެންނެވިއެވެ. އަދި، ގޮދަން ތަކުގައި ފެނުގެ އަސަރު ހުރީ ކީއްވެގެންތޯ ކީރިތި ރަސޫލާ ގެ ސުވާލު ކުރެއްވުމުން، ޖަވާބުގައި އެމީހާ ދެންނެވިއެވެ. ވިއްކަން ބަހައްޓާފައި ހުއްޓާ ވާރޭ ވެހުމުން ތެމުނީއެވެ. ދެން ތެމިފައި ހުރި ގޮދަނުގެ މައްޗަށް ފޮރުވީއެވެ. އެހިނދު މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "އަހަރުމެން މުސްލިމުންނަށް މަކަރު ހަދައިފި މީހާއީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

ވިޔަފާރިތަކުން ނާޖާއިޒު ގޮތުގައި ފައިދާ ނަގަމުންދާ އިރު އެކަމާ ބެހޭގޮތުން ވިސްނާލުމަށް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ނޭދެވޭ އަސަރުތައް ކުރާއިރު، ތިމާގެ ލޯބިވާ އެތައް ބަޔަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، ބޭނުން ޖެހިފައިތިބި އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައި ވެއެވެ. "ޙަރާމް އެއްޗެއް ކައިގެން މަސް ޖަހައިފައިވާ ހަށިގަނޑު ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ އަލިފާނެވެ." އެހެންކަމުން އަޅުގަނޑުމެން ހޯދާ ފައިސާއާއި މުދަލަކީ ޙަލާލު ގޮތުގައި ހޯދާ ފައިސާކަމުގައި ހެދުމަކީ އާޚިރަތް ބާއްޖަވެރި ކޮށްދޭނޭ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން